މިއަދު ދިވެހިންގެ ތެރޭގައި މިވަނީ މީސްމީޑިޔާ ލައްކަ އާއްމުވެފައެވެ. މާމައާއި ކާފައިން ފެށިގެން، ފޭސްބުކް ނުވަތަ ވައިބަރ ބޭނުން ނުކޮށް އުޅޭ މީހަކު މަދެވެ. ނަމަވެސް މިއަދު މީސްމީޑިޔާ ބޭނުން މި ކުރަނީ އޭގެ އެންމެ ރަނގަޅު ގޮތުގައި ހެއްޔެވެ؟

މިއަދު މީސްމީޑިޔާގައި ދައުރުވި ޕޯސްޓެކެވެ. ޕޯސްޓުގައި އޮތީ ރަނގަޅު ވާހަކައެކެވެ. ފޮނަދޫގައި ހުންނަ ކުނި ކޮށީގެ ވާހަކައެވެ. އެތަން ގޮނޑުވެ، މުޅި ސަރަހައްދު ގޮޑުވުމުން ލިބޭ އުނދުގުލުގެ ވާހަކައެވެ. އެވާހަކަތައް އެހެން ޚަބަރަކަށް ދޫކޮށްލަމާ ހިނގާށެވެ. ﷲ އިރާދަ ކުރެއްވިއްޔާ އަތުގައި ވަރު ހުރިއްޔާ އެވާހަކަތައް ވެސް ގެނެސްދޭނަމެވެ. މިފަހަރު ދައްކަން މިއުޅެނީ އެ ޕޯސްޓްގައި ކޮށްފައިހުރި ކޮމެންޓްތަކުގެ ވާހަކައެެވެ.

މިއަދު ފޮނަދޫގައި ކައުންސިލާއި ހެލްތް ސެންޓަރާއި ފޮނަދޫ ޒުވާނުންތަކެއް އިސް ނަގައިގެން، ފޮނަދޫގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ޑެންގީ، ކޮންޓްރޯލް ކުރުމަށް ރަށުތެރެ ސާފު ކުރުމަށް ހަރަކާތެއްވަނީ ކުރިޔަށް ގެންގޮސްފައެވެ. މިހަރަކާތުގައި ވުޒާރާތަކުން، ބަޔަކު ބައިވެރި ނަމަވެސް، ރަށުން މިކަމަށް ނިކުތީ މަދު ބައެކެވެ. ނިކުތް މީހުން ލައްކަ މަސައްކަތް ކުރިއެވެ. އެ މަސައްކަތުގައި އިސްކޮށް އަޅުގަނޑުވެސް ހަރަކާތްތެރިވެފައިވާތީ އެކަން ހަމަ ރަނގަޅަށް އެނގެއެވެ. ގޭގެއަށް ވަކިވަކިން ގޮސް ފެން ހެދިފައި ހުންނަ ތަކެތި ނައްތާލުމަށް އިރުޝާދުދީ ހެދިއެވެ. އަދި ފަޅު ގޯތިތަކުގައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ބަލާ، އެތަންތަންވެސް ނައްތާލިއެވެ. މިހަރަކާތުގެ ތެރެއިން ޖުމްލަ 150 ގެއަކަށް މިއަދު ވަނެވެ. މަދިރި ފަނި އަޅާފައިވާ 20 ވަޅަކަށް މަސް އެޅުނެވެ. އިވެންޓްގެ ވާހަކަ ބާއްވާފައި މިބުނި ކޮމެންޓަށް ޖެހި ލަމާ ހިނގާށެވެ.

އެމީހަކު ކިޔާ ދީފައި ހުރީ މަދިރި އުފެދޭ ތަންތަނުގެ ވާހަކައެވެ. ރަނގަޅެވެ! އެބުނި ތަންތަނުގައި ވެސް މަދިރި އުފެދިދާނެއެވެ. އެކަމަކު އިވެންޓްގެ ތެރެއިން ސާފު ކުރީ، ސިއްޙީ މަރުކަޒުގެ ލަފައާއެކު ބޮޑަށް ޑެންގީ ހުން ފެތުރިފައިވާ ސަރަހައްދެވެ. ހަމަގައިމުވެސް މަދިރި އާލާވާތަންތަން މިދެންނެވި ބޭފުޅާއަށްވުރެ، ކަމުގެ މަޢުލޫމާތު އެނގޭ އެކަންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެނގޭނެކަން ޔަޤީނެވެ. އިވެންޓް ކުރިޔަށް ދިޔައީ އެކަމުގެ މަޢުލޫމާތު ދަންނަ ފަރާތްތަކުގެ ލަފައާއި އިރުޝާދާއި އެކީގައެވެ. އެ ކޮމެންޓްތަަކަށް ރިޕްލައިކުރި މީހުންވެސް ދެން ފެށީ، މިމަސައްކަތް މިއަދު ކުރި މީހުނަށް ހަޖޫ ޖަހާ މަލާމާތް ކުރާށެވެ. ފަތިހާ ތެދުވެ، ފަތިހުގެ ނިދި ނަގާލާ، ކުރި މަސައްކަތަށް ފާޑު މިކިޔަނީ އަރާމު ނިދީގައި އޭސީ ކޮޓަރީގައި ތިބި މީހުނެވެ. މިކަންތައް ކުރި މީހުންނަކީ، "ކަން ދެއްކުމަށް" ކަމެއް ކުރި ކަމަށް ބުނާއިރު، އެއްކަމެއް ނުކޮށް ތިބެ، ކޮމެންޓްކޮށް، ތި ދެއްކެނީ ކޯއްޗެއްތޯ ސުވާލު އުފެއެވެ.

ފޯނަކާއި ވައިފައި އޮތިއްޔާ ބޭނުން އެއްޗެއް ކީދާނެ ތާއެވެ. އެކަމަކު، ބުރަ މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތުގެ ޖޯޝު ގެއްލުވާލަން ތިކުރާ ފިޑި އަމަލަކީ ވަރަށްވެސް ނާތަހުޒީބު ކަމެކެވެ. ކަމެއް ނުބައިކޮށް ދާނަމަ އެކަމާ އަޑު އުފުލަން ޖެހެއެވެ. ނަމަވެސް މީސްމީޑިޔާއަކީ މިކަން ކުރާ ހަމައެކަނި ވަސީލަތަކަށްވުމުން، މިކަން "ކަޑަ" އެވެ. އަދި އަމަލީ ގޮތުން ކަންތައް ކުރާ މީހުންގެ މަސައްކަތުގެ ކުރި މަރާލަން ތިކުރާ މަސައްކަތް އަދި މާ "ކަޑަ"އެވެ.

ދިވެހިންގެ ތެރޭގައި ފޭސްބުކް އިން ކަންކުރުން މިވަނީ ވަރަށް އާއްމުވެފައެވެ. ނަމަވެސް ކަންކަން ކުރަން އޮންނަ މަގުން ކަންނުކޮށް، ތިމާގެ ފަރުދީ ޒިންމާ އަދާ ނުކޮށް، ފޭސްބުކްގައި އަދި ކިތަންމެ "ހަޅޭކެއް" ލެވިޔަސް ފައިދާއެއް ވާނެ ހެނެއް ހިއެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސް

    ހާދަ އަސަރެއް ކުރީ..

    2
    18
  2. ފޮނަދޫ ކުއްދާ

    ގައިމު މިގޭ ދޮރަމައްތުން ތިން ފަހަރުފޮގު ކެރަމުންދިޔަ އެކަމު ސާފު ކެރާކަށް މިސަރަހައްދާ ކައިރިޔަށްވެސް ނާރާ.

  3. އަބުދުއްރަހީމް (ކުރީގެ އެމް.ޕީ)

    ތިޔަ ބުނާ ކޮމެންޓް ހުރި ޕޯސްޓްގައި ވަނީ ކުނި ގޮނޑުގެ ވާހަކައެއް ނޫން އިނގޭތޯ؟ ފޮނަދޫގެ ނަރުދަމާ ނިޒާމުގެ ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓްގެ އަދި އެތަނުގެ ހާލަތުގެ ވާހަކަ.