ރާއްޖޭގައި އުފެދުނު އެންމެ ހުނަރިވެރި އެއް މިޑްފީލްޑަރު، ޝަމްވީލް ގާސިމް ބޮންޑާއެވެ. ގައުމީ ފުޓުބޯޅަ ދަނޑުން ނުކުމެ، އޭނާގެ މުޅި ކެރިއަރު ބަދަލު ކޮށްލި ވާހަކަ މީގެ ކުރިންވެސް ވާނީ ކިޔައިދީފައެވެ. ފުޓުބޯޅައިގެ ހުނަރުވެރި މިޑްފީލްޑަރު، ދިވެހީންގެ ލޭ ނާރު ކަމަށްވާ މަސްވެރިކަމަށް، ތަފާތު ގޮތަކަށް ނުކުތުންވީ އެތައް ބަޔަކަށް މުހިއްމު ވާހަކައަކަށެވެ. ސްޕޯޓްސް ފިޝިން ކުރިއެރުވުމަށް ބޮންޑާ ނުކުމެ، މީގެ 40 ދުވަސް ކުރިން އޭނާ ފެށީ ތަފާތު ދަތުރަކަށެވެ.

މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ގޮސް، ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަސްވެރިކަން ކުރުމުގެ ދަތުރަކަށެވެ. މުޅި ރާއްޖޭގައި މަސްވެރިކަން ކޮށް، މިއަދު ބޮންޑާ ތާރީހު ލިޔެލައިފިއެވެ. 26 އަތޮޅުގައި މަސްވެރިކަން ކޮށްފިއެވެ. އައްޑު އަތޮޅުން ގޮސް، އިހަވަންދިއްޕޮޅަށް ދަތުރު ކޮށް، ތުރާކުރުގައިވެސް މަސްވެރިކަން ކޮށްފިއެވެ.

ދަތުރުގެ ކުރިން ބޮންޑާ ބުނެފައި ވަނީ "ދަތުރުގައި އަހަރެން އުއްމީދުކުރަން ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކޮށް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް މީހުންނަށް ވިސްނައިދިނުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް. މީގެ އިތުރުން މި ދަތުރުގައި އަހަރެން ބޭނުން ސްޕޯޓްސް ފިޝިންގް އަށް އޮތް ޝައުގުވެރިކަން އަހަރެން ދަތުރުކުރާ ރަށްރަށުގެ މީހުންނާ ހިއްސާކޮށް މަސްވެރިކަމާ ގުޅޭ ފަތުރުވެރިކަމުގެ އެހީގައި ރަށްރަށުގެ އިގްތިސާދު ކުރިއެރުވުމުގެ ފުރުސަތު އޮތްކަން މީހުންނަށް އަންގައިދޭން،" މިހެންނެވެ.

އެ ލަނޑުދަނޑި ބޮންޑާ ހާސިލް ކޮށްފިއެވެ. އުފާވެރިކަމުގެ އިހުސާސްތައް އޭނާ ވަނީ ކޮންމެވެސް ވަރަކަށް ހިއްސާ ކޮށްފައެވެ.

"ކުރެވެނީ އުފާވެރި ކަމުގެ އިހުސާސް. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ވަރަށް ތަފާތު، ރަނގަޅު މީހުންނާ ދިމާވެއްޖެ. މަސްވެރި ކަމަށް އެމީހުން ހުންނަ ޝައުގާއި، އެމީހުންގެ ވާހަތައް ވަރަށް ގާތުން އަޑު އަހައިފިން. އަދި އަމިއްލަ ވަޒަނަށް ހުންނަ ލޯބި ވަރަށް ބޮޑަށް ފެނިގެން ގޮސްފި. ރާއްޖޭގެ ތިމާވެށީގެ ރީތި ގުދުރުަތީ މުއްސަނދިކަން ފެނިގެން ގޮސްފި. އަދި ތިމާވެށީގެ ނާޒުކުކަން ހަނދާން ވެގެންވެސް ގޮސްފި. ފަރުތަކާ، ގޮނޑުދޮށްތަކާއި، މޫދަށް އަޅާލަން ޖެހޭކަން އެނގިއްޖެ. މަސްވެރިކަން ކުރުމުގައިވެސް ސަސްޓެއިން ގޮތްތައް ހިޔާރު ކުރަން އެބަޖެހޭ. ހަމައެހެން ކުނި ނައްތާލުމުގައިވެސް. މިހާރު މުޅި ކަނޑު ފުރިފައި މިއޮތީ ކުނިބުނިން. މިކަންކަމާ އަޅާ ނުލައިފި ނަމަ، މި ހުރިހާ ވަސީލަތެއް ގެއްލި ދާނެ،" ބޮންޑާ ބުނެފައިވެއެވެ.

ބޮންޑާ ބުނެފައި ވަނީ ކަނޑުތަކާ، ގުދުރަތީ ވެށީގެ ހިތްގައުމި ކަމަށް، ހުރިހާ ގޯސް އާދައެއް ދޫކޮށްލަން ޖެހޭ ކަމަށެވެ. ދަތުރުގައި އެހީތެރިވެދިން އެންމެނަށް ބޮންޑާގެ ޝުކުރު އަދާކޮށްފައިިވާ އިރު، ފުޓުބޯޅައިގައި ރާއްޖޭގެ ތާރީހު ލިޔެލަދިން މިޑްފީލްޑަރު، މިއަދު ތާރީހުގައި ލިޔެވުނީ ހީވާގި ކެޔޮޅެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަސްރުއްދީނު

    މިރާއްޖޭގައި ޕްލާސްޓިކުކޮތަޅު ބޭނުންކުރުން ހުއްޓުވާކަށް ސަރުކާރުން ބޭނުމެއްނުވޭ ސަރުކާރުން މިކަންތައްހުއްޓުވަންބޭނުންނަމަ މިއީ ފަޅިސިކުންތަކުންވެސް ކުރެވޭނެކަމެކެވެ. މޫދު އަޑި ފެންނާނީ މޫދަށްއެރިގެންފީނާބަޔަކަށެވެ. ސަރުކާރުގެބޮޑެތިމީހުންނަކަށްމޫދުއަޑިނުފެންނާނެ ޕްލާސްޓިކޮތަޅުގެބަދަލުގައި ފޮތި ކޮތަޅުވެސްބޭނުންކުރެވޭނެ ޕްލާސްޓިކުކޮތަޅުންނަގާ ޑިއުޓީ ދެގުނައަށްބޮޑުކުރުންމިއީ ވަރަށްރަނގަޅުކަމެކެވެ.

  2. ހަސަން

    އަހަރެމެންވެސް ވަރަށްކުރާހިތްވާމަސައްކަތެއް ބޮންޑާގެފަރާތުން ދީލަތިއެހީއެއްބޭނުން ކިތައްމެކުރާހިތްވިޔަސް ޑިންގީއެއްނެތީމައި މިކަންކުރެވޭކަށްނެތް ބޮންޑާބާނައިފައިއޮތް މުޑަހަނދީގެ ފޮޓޯ ފެނުނީމައި ވަރަށްއުފާވެއްޖެ ބޮންޑާއަކީ އަސްލުގައިވެސްމިހާރު ތަޖުރިބާހުރި ބޮޑުކެޔޮޅެއްކަމަށް އަހަރެންގަބޫލްކުރަން އަހަރެންނަށްވެސް މިކަހަލަމަސްވެރިކަންކުރުމުގެ ތަނަވަސްކަންލިބޭނެކަމަށްއުއްމީދުކުރަން ބޮންޑާ މިމަސައްކަތާގެން ކުރިއަށްދިއުމުގެ ތައުފީޤްދެއްވާދޭ އާމީން ބޮންޑަތިކުރަށްވާމަސައްކަތައް ވަރަށްބޮޑަށް ޝުކުރިއްޔާ

    7
    1
  3. އިހި

    މިރާއްޖޭގެ މަސްވެރިންނާ ޑައިވަރުންނަށް ހީވަނީ ހަމައެކަނި މޫދަށްކަމަށް ތިމާވެށި ކިޔަނީ. އަހަރެންނަށް ދިމާވި ޑައިވަރަކު އެއްކޮށް މޫދަށް ފީނަންދިޔަދުވަހަކު މޫދަށް ކުނިނާޅަން އެންމެނަށް ނަޞޭހަތްތެރިވެފަ އެދުވަހު ކާން ގެންދިޔަ ހުރިހާ އެއްޗެއްގެ ޕެކިންތަކާ ހުސްފުޅިތަކާ ގެނެސް އުކާލީ ގޮނޑުދޮށަށް. އެއްޗެއް ބުނީމަ ބުނީ ތިމަންނައަކީ މޫދުގެ މީހެކޯ، ގޮނޑުދޮށް ހަޑިވިޔަސް ހެވޭ. މިއީ ހާލަތު ގިނަ ދިވެހިންގެ.