ކީރިތި ޤުރުއާނަކީ ޢާލަމްތަކުގެ ވެރިރަސްކަލާންގެ ބަސްފުޅެވެ. އެންމެ މާތް އަދި އެންމެފަހުގެ ރަސޫލާގެ މައްޗަށް އެ ޤުރުއާން ބާވައިލެއްވީ ޖިބްރީލުލް ޢަމީން މެދުވެރި ކުރައްވައެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މަތިވެރިކަން ގުޅުއްވާލައްވާފައިވަނީ ޤުރުއާނުގެ އިއްޒަތްތެރިކަމާއެވެ. ހަމައެފަދައިން އަޅުގަނޑުމެން ޝަރަފްވެރި ކުރައްވާފައިވަނީ ޤުރުއާނުގެ ޝަރަފާއެވެ. އަޅުގަނޑުމެންގެ ދެމިތިބުން އޮތީ ޤުރުއާނުގެ ދެމިއޮތުމާ ގުޅިފައެވެ. ސަބަބަކީ ޤުރުއާން ކިޔެވުމަކީ ތަޤްވާވެރިކަން އިތުރުވާ ކަމެކެވެ.

މާތް ﷲ އަށް ތަޤްވާވެރިވެ، ގޮވާލަނީ ޤުރުއާން ކިޔެވުމަށެވެ. މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްތަރުގައި އެންމެ ލޮބުވެތި ޢަމަލަކީ ޤުރުއާން ކިޔެވުމެވެ. އަދި އަޅާ އޭނާ ހެއްދެވި ފަރާތާ އެންމެ ކައިރިކޮށްދޭ އަޅުކަމަކީވެސް ޤުރުއާން ކިޔެވުމެވެ. އަޘަރުގައި ވާރިދުވެފައިވެއެވެ. މީހަކު އޭނާ ހެއްދެވި ރަސްކަލާންގެއާ ވާހަކަދައްކަން ބޭނުންނަމަ ޤުރުއާން ކިޔަވާށެވެ. ޞައްޙަ ހަދީޘެއްގައި ވާރިދުވެފައިވެއެވެ. "ހަމަކަށަވަރުން ކޮންމެ ޙަރުފެއްގައި ދިހަ ހެޔޮކަންވެއެވެ. ތިމަން ކަލޭގެފާނު ވިދާޅެއްނުވަމެވެ. الم އަކީ ޙަރުފެކެވެ. އެހެންނަމަވެސް އަލިފް އަކީ ޙަރުފެކެވެ. ލާމްއަކީ ޙަރުފެކެވެ. މީމްއަކީ ޙަރުފެކެވެ.”

މިސްކިތުގައި މީހަކު ޤުރުއާން ކިޔަވަނީ / ވަގުތު އިމޭޖަސް: މުޙައްމަދު އަފްަޒަލް

ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަމާއި، ޤުރުއާން ކިޔެވުމުގައި ދެމިހުރުމުގެ ޝަރަފްވެރި ކަމާބެހޭގޮތުން އަނަސްގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ސާހިބާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ”ޤުރުއާން ކިޔަވާ މީހާގެ މިސާލަކީ “އުތުރުއްޖާ” އެއް (ނާރިނގުގެ އާއިލާގެ ވައްތަރެއް) ގެ މިސާލެވެ. އޭގެ ރަހަ ރަނގަޅެވެ. ވަސްވެސް ރަނގަޅެވެ. ޤުރުއާން ނުކިޔަވާ މީހާގެ މިސާލަކީ ކަދުރެއްގެ މިސާލެވެ. އޭގެ ރަހަ މީރެވެ. ނަމަވެސް އެއްވެސް ވަހެއް ނުުހުރެއެވެ. ޤުރުއާން ކިޔަވާ ފާޖިރެއްގެ މިސާލަކީ ގަނދަކޯޅީގެ މިސާލެވެ. އޭގެ ވަސް ރަނގަޅެވެ. ރަހަ ހިއްޗެވެ. ޤުރުއާން ނުކިޔަވާ ފާޖިރެއްގެ މިސާލަކީ “ޙަންޠަލާ” އެއް (ކެކުރީގެ ވައްތަރެއް) ގެ މިސާލެވެ. އޭގެ ރަހަ ނުބައެވެ. އެއްވެސް ވަހެއް ނުހުރެއެވެ. ޢިލްމްވެރިންގެ އަރިހުގައި މަޝްހޫރުވެގެން ވާގޮތުގައި ޤުރުއާން ކިޔެވުން ގިނަކުރާ މީހެއްގެ ނިމުން މާތް ﷲ ސުބްޙަނަހޫ ވަތަޢާލާ ރަނގަޅުކޮށް ދެއްވައެވެ. ބުނެވުނެވެ. ސުވަރުގޭގެ ދަރަޖަތައްވަނީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ އަދަދަށެވެ. މާތް ﷲ ސުބްޙަނަހޫ ވަތަޢާލާ އަޅުގަނޑުމެންނީ ޤުރުއާނުގެ އަހުލުވެރިން ކަމުގައި ލައްވާށިއެވެ.

އަބޫއުމާމާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭފާނު އަޑުއެއްސެވީމެވެ.” اقرأو ا القران فأ نه يأتي يوم القيا مة شفيعا لاصحا به” މާނައަކީ: ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ހަމަކަށަވަރުން ޤިޔާމަތް ދުވަހުގައި ޤުރުއާން އެ ޤުރުއާންގެ އަސްޙާބުންނަށް ޝަފާޢައްތެރިވާނެއެވެ.

މިސްކިތުގައި މީހަކު ޤުރުއާން ކިޔަވަނީ / ވަގުތު އިމޭޖަސް: މުޙައްމަދު އަފްަޒަލް

އެހެންކަމުން މުސްލިމުންގެ މައްޗަށް އޮތީ ރޭގަނޑާއި ދުވާލާއި، ދަތުރުމަތީގައްޔާއި، ރަށުގައި ޤާއިމްވެ ހުންނައިރުވެސް ޤުރުއާން ކިޔެވުމަށް ރައްކައުތެރިވުމެވެ. ބައެއް ސަލަފުން ދެމަހުން ޚަތިމެއް ކުރައްވައެވެ. މިއީ ވާރިދުވެފައިވާ އެންމެދިގު މުއްދަތެވެ. ބައެއް ބޭކަލުން ދިހަ ރެއިން، ބައެއް ބެކަލުން ހަފްތާއަކުން، ބައެއް ބޭކަލުން ކޮންމެ ތިން ރެއަކުން ޚަތިމެއް ކުރައްވައެވެ. ތިންދުވަހަށްވުރެ އަވަހައް ޚަތިމެއް ކުރުމަކީ މަކްރޫހަކަމެއް ކަމަށް ސަލަފުން ދެކެވަޑައިގަންނަވައެވެ. ސަބަބަކީ މާއަވަހަށް ޤުރުއާން ކިޔެވުމަކީ ޤުރުއާނުގެ މާނައަށް ވިސްނުމަށް އުނދަގޫ ކަމަކަށް ވާކަމެވެ. މުހިންމުކަމަކީ ކޮންމެ މީހަކުވެސް މާތް ﷲ ސުބްޙަނަހޫ ވަތަޢާލާގެ ފޮތުން ޙަޔާތަށް މީރުކަން ހޯދައިގަތުމެވެ. ކިތަންމެ މަދުން ނަމަވެސް ކިޔެވުމުގައި ދެމިހުންނަ ވިރުދަކަށް އެފޮތް ހެދުމެވެ. އެގޮތުން ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ސޫރަތްތައް ކިޔެވުން އިތުރުކުރުން މުސްތަޙައްބުވެގެން ވެއެވެ. އެއީ ސޫރަތުލް ފާތިޙާ، ސޫރަތުލް ބަޤަރާ، އާޔަތުލް ކުރުސި، ސޫރަތުލް ބަޤަރާގެ އެންމެފަހު ދެއާޔަތާއި، ސުރަތުލް ސަޖިދާ، ޔާސީން، އައްދުޚާން، އަލްވަޤިޢާ، އަލްމުލްކް، އަލްޒަލްޒަލާ، އަލްކާފިރޫން، އައްނަޞްރު، އަލްއިޚްލާޞް، المعوز تان ގެ އިތުރުން ސޫރަތުލް ކަހްފެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ސާހިބާ ޙަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުންގެ ގެތައް މަޤުބަރާތަކަކަށް ނުހަދާށެވެ. ހަމަކަށަވަރުން އެ ގެއެއްގައި ސޫރަތުލް ބަޤަރާ ކިޔެވޭގެއަކުން ޝައިތާނާ ފިލައިގެންދާނެއެވެ.” އުބައްޔު ބިން ކަޢުބު ވިދާޅުވިއެވެ. ކީރިތި ސާހިބާ އަބޫޛައްރުގެފާނަށް ވިދާޅުވިއެވެ. ”މާތް ﷲގެ ފޮތުން ކަލޭގެފާނުގެ އަތްޕުޅުގައިވާ އެންމެމެތިވެރި އާޔަތަކީ ކޮބައިކަން އެނގިވަޑައިގަންނަވާ ތޯއެވެ؟ އަބޫޛައްރުގެފާނު ވިދާޅުވިއެވެ. އެއީ ﷲلا أله ألا هوالحي القيوم އެވެ. ކީރިތި ސާހިބާ އެކަލޭގެފާނުގެ މޭފުޅުގައި ޖައްސަވައި ލެއްވުމަށްފަހު ވިދާޅުވިއެވެ. ޢިލްމް އަބޫޛައްރަށް ތަޙްނިޔާ ކިޔަމެވެ.”

މިސްކިތުގައި މީހަކު ނަމާދު ކުރަނީ / ވަގުތު އިމޭޖަސް: މުޙައްމަދު އަފްަޒަލް

ރަމަޟާން މަހު އަޅުގަނޑުމެންގެ މިސްކިތް ތަކުން ފެނިގެން މިދާ އުފާވެރި މަންޒަރާއި މެދު ވިސްނާލަ ބަލާށެވެ. މިއީ ކޮންފަދަ އުފާވެރި މަންޒަރެއް ހެއްޔެވެ. މިއީ ކިހާވަރެއްގެ ފިނިކަމެއް ހިތްތަކަށް ގެނެސްދޭ މަންޒަރެއް ހެއްޔެވެ. ކޮންމެ މީހަކުވެސް އެމީހަކަށް މާތް ﷲ ފަރުޟު ކުރައްވާފައިވާ ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަށްފަހު އެންމެ ފުރަތަމަވެސް އަވަސްވެ ގަންނަނީ، މާތްވެގެންވާ މި ރަމަޟާން މަހު، ﷲ ގެ ހުރިހާ އަޅުތަކުންނަށް ހިދާޔަތެއްގެ ގޮތުގައި ބާއްވާލެއްވުނު ކީރިތި ޤުރުޢާނުން ކޮންމެވެސް މިންވަރެއް ކިޔާލުމަށެވެ. އެފޮތަކީ އަޅުގަނޑުމެން އުޅެންވީ ހުރިހާ ގޮތެއް އަންގަވާފައިވާ ފޮތެވެ. އަޅުގަނޑުމެން މި ދުނިޔޭގެ ދުވަސްތައް ވޭތުކުރަމުންދާއިރު، ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް އެ ފޮތުގައި ވަނީ ބަޔާންކުރައްވާފައެވެ.

ރަމަޟާން މަސް އެމީހަކާއި ބައްދަލުވެ އެމީހެއްގެ ފާފަ ނުފޮހެވިއްޖެ މީހަކީ ހުރިހާ ހެޔޮ ކަމަކުން މަޙުރޫމު ވެފައިވާ މީހެއްކަމަށް ވަނީ އަންގަވާފައެވެ. އެހެންކަމުން މި މާތް މައްސަރުގެ ހެޔޮކަމާއި ޘަވާބު ލިބިގަތުމަށް އަޅުގަނޑުމެން ގަދައަޅާ މަސައްކަތްކުރަން ޖެހެއެވެ. ގިނަގިނައިން ޤުރުއާން ކިޔަވާ، ﷲ އަށް ޒިކުރުކުރުން ގިނަ ކުރަންޖެހެއެވެ. ލައިލަތުލްޤަދުރި ވިލޭރޭގެ މާތްކަން ލިބިގަތުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަންޖެހެއެވެ. އެއީ އެއްހާސް މައްސަރުގެ ހެޔޮކަން އެކުލެވޭ ރެއެކެވެ. އެރޭގެ ހެޔޮކަން ލިބިއްޖެ މީހަކީ ކާމިޔާބު ލިބެނިވި މީހެއްކަން ކަށަވަރެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމު ވެއްޖެ މީހަކީ ހުރިހާ ހެޔޮކަމަކުން މަޙުރޫމު ވެއްޖެ މީހެއްކަން ކަށަވަރެވެ. މާތް ﷲ އަޅަމެންނަށް ހެޔޮ ގޮތް މިންވަރުކުރައްވާ، އަޅަމެންނަކީ ޤުރުއާނަށް ލޯބިކުރާ، އެ ފޮތް ކިޔަވާ، އަދި އަޅަމެންނަކީ ލައިލަތުލްޤަދުރިވިލޭރޭގެ ހެޔޮކަން ފުރިހަމަ ގޮތުގައި ލިބޭނެ އަޅުން ކަމުގައި ލައްވާންދޭވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޭކު

    ހައްތާ ފޭކު. ޖިހާދުކުރަން ގޮވާލަންދެން ތިޔަ ކަމެއް ކޮށްލަ ކޮށްލާ ތިބެދާނެ

    2
    3
  2. އަހުމަދު

    ވަރަށް އުފާވެރި މަންޒަރެއް . މާޝާ ﷲ

    7
    1