އައްޑޫ ސިޓީ މީދޫ އަކީ ވަރަށް ގިނަ އާޘާރީ ތަންތަން ހިމެނޭ ރަށެކެވެ. މިރަށު ކޯގަންނުގައި ވަރަށް ބޮޑު ގަބުރުސްތާނެއް އެބައޮތެވެ. މި ތަނުގެ ސަރަހައްދު އޮތް ގޮތުން ވައްތަރުވަނީ އިހުޒަމާނުގެ ބުޑިސްޓު ދީނުގެ މޮނާސްޓްރީ އެކުވެންޏަކާއެވެ. މިތާނގައި ހުރި މެދުޒިޔާރަތް ކިޔާ ޒިޔާރަތުގެ ތެރޭގައި ވަރަށް ގިނަ ދުވަސްވީ މަހާނަގައު ތައް އެބަ ހުއްޓެވެ. މި ގައުތަކުގެ ތެރޭގައި ޙާފިޒުންގެ މަހާނަގައު ކަމަށް ބަލައި އުޅޭ ގައުވެސް އެބަހުއްޓެވެ.

މިތަންތަނަށް ކުދި ކުދި ގެއްލުން ތަކެއް ވަނީ ލިބިފައެވެ. މި ގަބުރުސްތާނުގެ ތެރޭގައި ވަރަށް ދުވަސްވީ ހަތަރު މިސްކިތް ވެސް އެބަ ހުއްޓެވެ. މި މިސްކިތްތަކަކީ ކޯގަންނު މިސްކިތާއި، އަތަރާ މިސްކިތާއި، ބޯދާ މިސްކިތާއި، ފަނޑިތާރު މިސްކިތެވެ. 2003 ވަނީ މި ގަބުރުސްތުނގެ ވަށާފާރު ރާނާފައެވެ.

ކޯގަންނު މިސްކިތަކީ ހިޖުރީން 800 ވަނަ އަހަރުގެ ތެރޭގައި ބިންގާ އެޅުނު މިސްކިތެކެވެ. މި މިސްކިތް އިމާރާތްކޮށްދެއްވީ ކެއުރާޅާއި ކަޅިހާރާއި މި ދެބޭންނެވެ. ކޯގަންނު މިސްކިތަކީ ބޮޑު މިނުގައި 232 އަކަފޫޓު ހުންނަ ޖާގައިގެ ގޮތުން 10 މީހުންނަށް ނަމާދުކުރެވޭ މިސްކިތެކެވެ.

ބޯދާ މިސްކިތަކީ ހިޖުރީން 806 ވަނަ އަހަރު ބިންގާ އެޅުނު މިސްކިތެކެވެ. މި މިސްކިތް ބިނާކޮށްދެއްވި ހެނެއިކަމަނާރާއި ފުވައްމުލަކު ކަތީބު ކަލޭގެ އާއި ދެބޭންނެވެ. ބޯދާ މިސްކިތަކީ ބޮޑުމިނުގައި 128 އަކަފޫޓު ހުންނަ، ޖާގައިގެ ގޮތުން 15 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.

އަތަރާ މިސްކިތަކީ ހިޖުރީން 820 ވަނަ އަހަރު ބިންގާ އެޅުނު މިސްކިތެކެވެ. މި މިސްކިތް އިމާރާތް ކޮށްދެއްވީ، އައްޑޫ މީދޫ ފަންނިއަރު ދޮން އީސަކަލޭގެ އާއި މާވަޑިތަކުރާއި ދެކަލުންނެވެ. އަތަރާ މިސްކިތަކީ ބޮޑު މިނުގައި 136 އަކަފޫޓު ހުންނަ ޖާގައިގެ ގޮތުން 15 މީހުންނަށް ނަމާދުކުރެވޭ މިސްކިތެކެވެ.

ފަނޑިޔާރު މިސްކިތުގެ ބިންގާ އެޅުނީ ހިޖުރީން 990 ވަނަ އަހަރުގައެވެ. މި މިސްކިތް ބިނާކޮށްދެއްވާފައިވަނީ ފުވައްމުލަކު ދޮންބައިގެދަރި، ހަސަން ނާއިބު ކަލޭގެފާނުގެ ދަރިކަލުން ޤާޟީ މުޙައްމަދު ޝަމްސުއްދީން (ޤާޟީ މުޙައްމަދު ކާބީރު) އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނެވެ. ފަނޑިޔާރު މިސްކިތަކީ ބޮޑު މިނުގައި 248 އަކަފޫޓު ހުންނަ ޖާގައިގެ ގޮތުން 20 މީހުންނަށް ނަމާދުކުރެވޭ މިސްކިތެކެވެ.

އައްޑޫ ކޯގަންނު ގަބުރުސްތާނު

އައްޑޫ ކޯގަންނު ގަބުރުސްތާނަކީ ދިވެހި ރާއްޖޭގައި އޮތް އެންމެ ތާރީޚީ، އެންމެ އާޘާރީ އަދި އެންމެ ޤަދީމީ ގަބުރުސްތާނެވެ. މުސްލިމުން ވަޅުލުމަށްޓަކައި ގަބުރުސްތާނެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅާ ރާއްޖޭގައި އެންމެ ފުރަތަމަ ހެދުނު ގަބުރުސްތާނަކީވެސް ކޯގަންނު ގަބުރުސްތާނެވެ.

ރަސްމީގޮތުން މީލާދީ 1153 ވަނަ އަހަރު ދިވެހި ރާއްޖެ އަކީ މުސްލިމު ޤައުމެއްކަމަށް ސަރުކާރުން އިއުލާން ކުރެއްވުމުގެ ބާރަވަރަކަށް އަހަރު ކުރިން އައްޑޫގެ ރައްޔިތުން އިސްލާމްދީން ޤަބޫލުކޮށް، މުސްލިމުން ވަޅުލުމަށްޓަކައި ހެދި ގަބުރުސްތާނުގައި އެދުވަސްވަރު އެ އަތޮޅުގައި އޮތް ކުރެހުންތެރިންގެ ފަންނު ދައްކުވައިދޭ މަހާނަގައުތައް މި ގަބުރުސްތާނުގައި އެބަހުއްޓެވެ. އަދި ހަމައެހެންމެ، ޢިލްމުވެރިންނާއި ޤުރުއާން ހިތުދަސް ހާޒިފުންގެ މަހާނަތައް އެނގޭގޮތައް ފަރުމާކުރެވި ޖެހިފައިވާ އެވޭލާ މަހާނަގައުތަކުގައި އަރަބި ބަހުން ލިޔެފައިވުމުން އެދުވަހު މި ޤައުމުގައި އޮތް ދީނީ އުލްމުވެރިކަމުގެ މިންވަރު ވަރަށް ރަނގަޅަށް ސާބިތު ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލިލއަން♥️

    ތިތަނުގެ އިތުރު ފޮޓޯތައް ފެންނަން ހުރީ ކޮނތާކުންތޯ؟ ހަމަ ދާކަހަލަ? މަ ގޮވައިގެން ދޭބަލަ..

    10
    2
    • ކޯގަންނު

      މަ ދީފާނަން

      5
      2
  2. އިބްރާހީމް

    އަޅުގަނޑުއަތުގަ އެބަހުރި ބޭނުންނަމަ، ގުޅާލާ