ދިވެހި ޘަޤާފަތުގައި އޮންނަގޮތުން ރޯދަހިފާ އެންމެން ރޯދަ 'ކުރު ކުރަންޖެހެ' އެވެ. މި ނޫން ގޮތަކަށް ރޯދަ ހިފުމަކީ ދީނީ ކަންކަމުގައި ގޮތްބޮޑުކުރުން ކަމުގައި ގިނަ ބަޔަކު ބުނެ އުޅެއެވެ. ނަމަވެސް އެންމެ ފުރަތަމަ އިސްލާމް ދީންމަތީގައި ރޯދައަށް ތިއްބެވި މާތް މުސްލިމުން ރޯދަހިއްޕެވީ ރޯދަ ކުރުކޮށްގެންނެއް ނޫނެވެ. އެ ބޭކަލުން ރޯދަމަހުގެ ދުވާލުގެ ވަގުތުތަކުގައި ދިރިއުޅުމަށް ކުރާ ޙަލާލު މަސައްކަތްތައް ކުރައްވަމުން ގޮސް ދުވަސް ނިންމަވާލެއްވި އެވެ.

ގިނަ ދިވެހިންގެ ނަޒަރުގައިރޯދަ ކުރުކުރުމަކީ ކޮބައި ހެއްޔެވެ؟ ދުވާލުގެ ބޮޑުބައިގައި ނިދާފައި ތެދުވެ، ފާޙިޝް ވާހަކަދައްކާ މަޖާކުރަމުން، ގޭމްކުޅެމުން ނުވަތަ ފިލްމު ބެލުމުގައި މުޅި ދުވަސް ނިންމާލުމަކީ ރޯދަކުރުކުރުން ހެއްޔެވެ؟ ރޯދަމަހުގެ ދުވާލުގެ ވަގުތުތައް ބޭކާރުގޮތުގައި ދުއްވާލުމަކީ ވެސް ރޯދަކުރުކުރުން ހެއްޔެވެ؟ މީގެ ތެރޭގައި ހިލޭ އަންހެނަކާ ފިރިހެނަކާ ދެ މީހުން ރޭޑިޔޯ ނުވަތަ ޓީވީ ޕްރޮގްރާމެއްގައި އެންމެންނަށް އިވޭނެހެން ފޯނުން ވާހަކަދައްކާ މައްލަވަކޮށް، ފިރިހެނާ އަންހެނާ ކުރެން ގޭގައި ކައްކަނީ ކޮންއެއްޗެއްތޯ އަހާ، ކާންދާނަމޭ ބުނެ ހަދައިގެން ވެސް ރޯދަކުރުކުރެ އެވެ. މިނޫން ގޮތްގޮތަކަށް ދިވެހިން މިކިޔާ ރޯދަކުރުކުރުން މާނައެއް ނުކުރެވެ އެވެ.

ރޯދަ ކުރު ކުރުމުގެ ގޮތުން ހަވީރު މަޑި އަރުވަނީ / ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

ރޯދަ ކުރު ކުރުމުގެ ގޮތުން، ތިމާގެ ގޭގައި ހުންނަ ސައިކަލަށް އަރައިގެން ނުވަތަ ކާރަށް އަރައިގެން މާލެ ވަށާ ބުރުޖަހަން ނިކުންނަ މީހުންނެއްވެސް މަދެއް ނޫނެވެ. މިއީ ޒަމާނުންސުރެ ދިވެހިންގެ ދިރިއުޅުން ބިނާވެފައި އޮންނަ ގޮތެވެ. ކުޑަ ދަރިފުޅު ގޮވައިގެން ހަވީރު ގަޑީގައި ބުރެއް ޖަހާލަން ނުގޮސްފި ނަމަ، ފިރިމީހާ އާއި ދިމާލަށް ހަޅޭލަވާ އަންހެނުންނެއްވެސް ވަކި މަދެއް ނޫނެވެ.

ރޯދަމަހުގެ ހަވީރުވެގެން އަންނަ އިރު، މާލޭގެ މަގުތައް ފެންނަނީ ވަރަށް ވެސް ކާރޫބާރޫ ބޮޑު ތަނެއްގެ ގޮތުގައެވެ. މަގުމަތީގައި އެއްކޮޅު އަނެއް ކޮޅު މައްޗަށް ދުއްވާ މީހުންގެ ތެރޭގައި ގިނައީ މާބޮޑު ބޭނުމެއް ނެތި، ހަމަ ހުސް ދުއްވުން ދުއްވާ މީހުންނެވެ. އެމީހުން ގެއަށް ވަންނާނީ މަޣްރިބް ނަމާދުގެ ބަންގިއަށެވެ. އެއީ ރޯދަ ވީއްލުމަށެވެ. ނަމަވެސް އަހަރެމެންގެ އިސްލާމް ދީން ބާރު އަޅަނީ އެގޮތަކަށް ނޫނެވެ. އަޟްރު ނަމާދުކޮށްގެން، ހަވީރުގެ ޒިކުރުތައް ކިޔުމާއި، ރޯދަ ވީއްލަން ގާތްވި ގާތްވިހެން ޤުރުއާން ކިޔެވުން އިތުރުކޮށް، ފާފަތައް ފުއްސަވައިދެއްވާތޯ ﷲ ގެ ހަޟްރަތައް ދުޢާ ދަންނަވަން ޖެހެއެވެ. އެއީ ރޯދަ ވީއްލާ ވަގުތަކީ ދުޢާ އިޖާބަ ކުރައްވާ ވަގުތެއްކަމަށް ގިނަ ގިނަ ދަންނަބޭކަލުން ވަނީ އިއްތިފާޤުވެލައްވާފައެވެ.

ދިވެހިންގެ ތެރޭގައި ތިމާ އަކީ މުސްލިމުންކަމަށް ދުލުކޮޅުން ބުނާ ކިތަންމެ ބަޔަކު ނަމާދު ނުކޮށް ރޯދައަށް ތިބެ އެވެ. އަދި ރެއަކާ ދުވާލުން އެއް ނަމާދުކޮށް އުޅޭ، ނުވަތަ ހަމައެކަނި ހުކުރު ނަމާދުކޮށްގެން ފުއްދާލާ މީހުން ވެސް ރޯދަ އަށް ތިބެ އެވެ. މިފަދައިން ކަންކުރާ އެންމެން ހިފާ ރޯދައަކީ އެއަށް ފުރިހަމަ ދަރުމަ ލިބޭނެ އެއްޗެއް ނޫންކަމަށް ޢިލްމުގެ އަހުލުވެރިން އެއްބަސްވެ އެވެ. އެފަދަ މީހުންގެ އެ ރޯދަތަކަކީ ބާޠިލުއެއްޗެއް ކަމުގައި ލެއްވުން އޮންނާނީ ވަރަށް ގާތުގަ އެވެ. އެހެނީ ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދާމެދުގަ އެވެ. އެ ނަމާދު ބަރާބަރަށް އަދާކުރެވިފައި ނުވާނަމަ މީހާގެ އެހެން ހުރިހާ އަމަލުތަކެއް ބާޠިލުވެގެންދާނެކަން އަންގަވާފައި ވެއެވެ. މިހެންކަމުން ނަމާދު އަޅާފައި ނުވަތަ ފަރުވާކުޑަކޮށްފައި ރޯދަހިފާ މީހާގެ މިސާލަކީ ބިންގާ އެޅުމެއް ނެތި އުސް އިމާރާތެއް ބިނާކުރަން ފަށައިގަންނަ މީހާގެ މިސާލެވެ. ބިނާކޮށް ނުނިމެނީސް އިމާރާތް އޮންނާނީ ވެއްޓިފަ އެވެ.

ރޯދަ ކުރު ކުރުމުގެ ގޮތުން ސައިކަލް ބުރުޖަހަނީ / ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

ރޯދަ ހިފުމަކީ އިސްލާމް ދީނުގައި ފަރުޟުކުރައްވާފައިވާ އަޅުކަމަކަށް ވުމުގެ އިތުރުން އެއީ އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން ހަތަރު ވަނަ ރުކުން ވެސް މެއެވެ. އިސްލާމް ދީނުގައިވާ ގޮތުން އެންމެހާ އަޅުކަންތަކެއް ކުރަންޖެހޭނީ ތެދުވެރި ނިޔަތަކާއެކު ހަމައެކަނި ﷲ އަށެވެ. މިގޮތުން ރޯދަވެސް ވާންޖެހޭނީ ހަމައެކަނި ﷲއަށް ކުރާ އަޅުކަމަކަށެވެ. މުސްލިމެއް ކަމުގައި ބުނިކަމުގައި ވިޔަސް ﷲގެ އެއްކައުވަންތަކަން ޤަބޫލުނުކުރާ މީހަކު ނުވަތަ އެކަލާނގެ ވޮޑިގެންވާކަމަށް އިންކާރުކުރާ މީހަކު ކެއިންބުއިމުން މަނާވެގެން ރޯދަހިފިކަމުގައި ވިޔަސް ލިބޭނެ ޘަވާބެއް ނޯންނާނެ އެވެ. އެފަދަ މީހުން އެ 'ރޯދަހިފަނީ' ހަމައެކަނި މާއްދީ ބޭނުމެއްގަ އެވެ. ނަމާދަކީ ކުރަންޖެހޭނެ އެއްޗެއް ނޫންކަމުގައި ބުނެ ނަމާދު ނުކުރާ މީހާ ހިފާ ރޯދައަކީ ވެސް ބާޠިލު އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދޮންބެ

    ދިވެހިންނަކީ ދީނުގަ ކަންކަން އޮތްގޮތް ފޮލޯ ކުރުމުގެ ބަދަލުގަ މުޖުތަމަޢު ފޮލޯ ކުރާ ބައެއް. ވަރަށް ކުޑަކުޑަ މިސާލެއް ބުނެފާނަން. ރާއްޖޭގެ ވަރަށް ގިނަމީހުން ތަރާވީސް ކުރާނެ. އެއީ ކާބަފައި ޒަމާނުއްސުރެ ވާރުތަވަމުން ކޮޕީ ކުރަމުން އަންނަ ކަމެއް. ތަރާވީސްނަމާދު ކުރުން އެއީ ގޯސްކަމެއްނޫން ވަރަށް ބޮޑު ސުންނަތެއް. މީގަ މައްސަލަޔަކަށްވަނީ ފަތިސް ނަމާދު ވަގުތުގަ ކުރަން ނުހުންނަފޯރި ތަރާވީސްކުރަން ހުންނާތީ.

    31
    3
  2. ސިފް

    ވަރަށް ރަނގަޅު ލިޔުމެއް

    22
    2
  3. Anonymous

    ރޯދަ ކުރުކުރުމޭ ބުނުމަކީ އެއްވެސް މަސްއަލްއެއް އޮތް ކަމެއް ނޫނެވެ. ކޮންމެކަމެއްގެވެސް މާނަ އޮޅުވާލައިފިއްޔާ އުޑުމަތީގައި ހުންނަ ވިލާތަކަށް ބެލުމުން އެމީހާގެ ހިތަށް އެރިއެއްޗެއް ސިފަވާހެން އެކިކަހަލަ މާނަ ކުރެވިދާނެއެވެ. "ނަމާދަށް އަރަން ދާށޭ" ބުނުމުން އެބުނަނީ ސައިކަލަކަށް ނުވަތަ ގަހަކަށް އަރާހެން ނަމާދުގެ މައްޗަށް އަރާށެކޭ ނޫނެވެ. ދެން ވީ އެހެންވެސް ބުނެގެން ނުވާނޭ ކިޔާ ފަތުވާދޭންތާއެވެ.

    18
    8
  4. އަހްމަދު

    ޒަހީން ޢަބްދުﷲ ހިތަށްއެރިހާއެއްޗެއް ތިޔަލިޔަނީ ތިމާގެ މޮޅުކަން ދެއްކުމަށްތަ؟ދިވެހިސަގާފަތުގައި އޮންނަގޮތުން ރޯދަހިފާ އެންމެން ރޯދަކުރުކުރަން ޖެހޭކަމަށް ލިޔެފައިވަނީ ކޮންފޮތެއްގައިތޯ؟ އަހަރެންގެ އުމުރުން މިހާރު50އަހަރާކައިރިވަނީ . ރޯދަހިފާ އެންމެން ރޯދަކުރުކުރަން ޖެހޭނޭ ބުނާއަޑު ދުވަހަކުވެސްނާހަން. ފޮތަކުންވެސް ނުދެކެން. އަދިހަމަ އަލަށް މިއަޑުއެހީ. މީދީނީކަމެއްކަމުގައިވެސް ބުނާއަޑެއްނާހަން. ޒަހީން އަބްދުﷲ ކައިރީގައި މީ ރޯދަހިފާ އެންމެން ކުރަން ޖެހޭނޭކަމެއްކަމަށްބުނީ ކާކުތޯ؟ މައިން ބަފައިންތޯ؟ ރޯދަކުރުކުރަން ސައިކަލްގާ ފިނިބުރު ޖެހުމާ. އިންޓަނެޓުން ގޭމް ކުޅުމާ ހެއްދެވިހާ ނުބާކަމެއް ރޯދައަށް ތިބެގެން ކުރުމަކީ މަހަރެމެންގެ ކާބަފައިން ކުރިކަމެއްނޫން. އެބައިމީހުން ދުނިޔެ އުޅެ ނިމިއެދިޔައީ އިސްލާމީ ރިވެތި އުސޫލުތަކުމަތީގައި އެސަގާފަތް އަހަރެމެންގެ ތެރެއަށްދޫކޮށްފައި. މިހިރަ މިހިރަ ކަންތަކަކީ ދިވެހުންގެ ކާބަފައިން ކުރިކަންތައްތަކެއްނޫން. އެމީހުންނުކުރާ ކަންތައްތަކެއް ސަގާފަތަށްވާނެ ގޮތެއްނޯންނާނެ. މިހާރު މިއުޅޭ ޒުވާނުން ރޯދަކުރުކުމޭ ކިޔާގެން އެކުރާ ކަންތައްތަކަކީ ދިވެހިންގެ ސަގާފަތެއްނޫން. އެއްޗެއްލިޔަންވާނީ ތަންދޮރު ރަނގަޅަށް އޮޅުން ފިލުވާގެން. މިހާރުކުރާ ކަންތައްތައް މާކުރިން މަރުވެގޮސްފައިވާ ބައެއްގެ ބޮލުގާ އެޅުވުމުގެ ހައްގެއް ޒަހީން އަކަށްވެސް ނޯންނާނެ.

    31
    6
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      ވަރަށް ބަރާބަރު ވާހަކައެއް.

      6
      2
  5. އަލީ

    ތިބަސް އެހެން ގޮތަކަށް މާނަކުރުމުގެ ފުރުސަތުވެސް އެބައޮތް. ރޯދަކުރުކުރުން ހަމަ ދީނީ ގޮތުން ޢުޙްރަވީ ހަޔާތް ބާއްޖަވެރި ކުރުމަށް އަޅުކަމުގައި ވަގުތު ހޭދަ ކުރުމަށްވެެސް ބުނެވިދާނެ.. އެމީހަކު އުޅޭގޮތަކަށް އެކަމެއް މާނަ ކުރެވޭނީ ޒަހީން ބުރޯ..

    13
    2
  6. އަޙްމަދު

    ވަރަށް ފުރިހަމަ ލިޔުމެއް! ވަރަށް ބޮޑު ޙަޤީޤީވަހަކަތަކެއް ތިގެނެސްދިނީ!

    5
    1
  7. ރޯދަ

    ޝުކުރިއްޔާ މަަސީ. ❤️

  8. ނިލޯފަރު

    ދިސް އިޒް ކްރެޕް