(ޣައްޒާ / ފަލަސްތީން) ދުނިޔެ މީ އިމްތިހާނުގެ ގޯއްޗެވެ. ދުނިޔޭގެ ވަގުތީ މި ދިރިއުޅުމުގައި ހިތްއެދޭ ހުރިހާ ގޮތެއް މެދުވެރި ނުވާކަމީ މިތަނުގައި ކުރިމަތިލާން ޖެހޭ ހަޤީޤަތެވެ. ހިތްދަތިކަމާއި ކެކުޅުންތައް ބަރުދާސްތު ކުރަންޖެހޭ ހިނދު، ދުނިޔެ ދޫކޮށް ދާން ދެން އޮތީ ނިމުމެއް ނުވާ ދިރިއުޅުމަކަށް ކަން ދަންނަ މީހުން މި ދުނިޔޭގައި ދިމާވާ އެފަދަ ކެކުޅުންތަކަށް ކެތްކުރެއެވެ. ނަމަވެސް ދެރަވުން އެއީ އިންސާނާގެ ތަބީޢަތުގައި ލައްވާފައިވާ ކަމަކަށް ވާތީ، ހިތަށް ކެތްނުވާ ވަރުވުމުން އެ އިހުސާސްތައް ހިފެހެއްޓުން، އިޚްތިޔާރުން ބޭރުވެއެވެ.

ކުޑަކުޑަ މި ދުނިޔޭގައި ގުނާ އަދަދު ނުކުރެވޭހައި ހިތާމަ، ރެއާއި ދުވާލު އުފުލަމުންދާ އެއް ބަޔަކީ ފަލަސްތީނުގެ މުސްލިމުންނެވެ. ހާލުގައި ޖެހި އަޅާލުމެއް ނެތިފައިވާ އެ ރައްޔިތުންގެ ދިރިއުޅުން ބަރުބާދުވެ ނިމިގެންދަނީ، ކުރިމަތިވެދާނޭ ނުރައްކަލަކަށް ބަލާން ތިބެނިކޮށެވެ. މިދިޔަ ހަފްތާއަކީވެސް އެގޮތުން ފަލަސްތީނުގެ ރައްޔިތުންތަކެއް ދުށް ކަޅު ދުވަސްތަކެއް ފާއިތުވެގެން ދިޔަ ހަފްތާއެކެވެ. ދައްކަން މިއުޅެނީ ޔަހޫދީންގެ ވިހަ ވަކިތަކުގެ ދަށުވެ މައުސޫމު އެތައް ކުދިންނާއި މައިންނެއްގެ ލޭ ބިންމައްޗަށް އޮހޮރުވާލި ދުވަސްތަކުގެ ތެރެއިން ދެ ދުވަހެއްގެ ވާހަކައެވެ.

ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް އިސްރާއިލްގެ ސިފައިންގެ އަމާޒަކަށްވީ ޣައްޒާގެ އާންމު ރައްޔިތުންގެ ގެދޮރާއި ފިހާރަތަކާއި ދަނޑުބިންތަކެވެ. ރަހުމެއް ކުލުނެއް ނެތި ޔަހޫދީންގެ އެ ޖަމާޢަތުން ހުއްޓުމެއް ނެތި ދެ ދުވަސް ވަންދެން ދިން ހަމަލާތަކުގައި ކުށެއް ނުކުރާ މައުސޫމް އެތައް މުސްލިމަކު ޝަހީދުކޮށްލިއެވެ. އޭގެތެރޭގައި ތުއްތު ތިން ކުދިންނާއި ތިން އަންހެނަކު ހިމެނެއެވެ. މި ތިން އަންހެނުންގެ ތެރެއިން ދެމީހަކީ މާބަނޑު ދެ އަނަހެނުންނެވެ.

މި ހަމަލާތަކުގައި ޝަހީދުވެ ދިޔަ އެންމެ ތުއްތު ކުއްޖާއަކީ އުމުރުން އެންމެ 18 މަހުގެ ސީބާ އަބޫ އައްރާރެވެ. ޣައްޒާގައި ހަރަކާތްތެރިވާ "ވަގުތު"ގެ ނޫސްވެރިޔާ ވަނީ މި ކުއްޖާގެ އާއިލާ އާއި ބައްދަލުކޮށް އިންޓަވިއު ކޮށްފައެވެ. އެ އާއިލާއަށް ތަޙައްމަލް ކުރަން މަޖުބޫރުވެފައިވާ ކެކުޅުމުގެ ވާހަކަ ސީބާގެ މަންމަ ވަނީ "ވަގުތު" އަށް ކިޔާދީފައެވެ. އަތްދަނޑި މަތީގައި ލޯބިވާ ތުއްތު ދަރިފުޅު ލެއިން ތަތްތެޅިފައި އޮވެ ފަހުނޭވާ ދޫކޮށް އަބަދަށްޓަކައި ވަކިވެދިޔަ ހިތި ހަނދާންތައް އެ މަންމަ ކިޔައިދިނީ އަސަރާއެކު ހިފެހެއްޓުމެއް ނެތް ކަރުނައިން ލޯ ފުރި ބާރުވެފައި ހުރެގެންނެވެ.

"އަހަރެން އިނީ އާއިލާ އާއި އެކު ހިތްފަސޭހަ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ގޭގެ ބަގީޗާގައި. ދުވަސްތަކަކަށް ފަހު އެ ދުވަހަކީ ވަރަށް ހިތްހަމަ ޖެހިގެން އެންމެންވެސް އެކުގައި އާއިލީ ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުނު ދުވަހެއް. އެކަމަކު އެ ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ހަމަ ކުއްލިއަކަށް. އިވުނު ބާރުގަދަ އަޑުފަތްގަނޑަކާއެކު އަހަރެމެންގެ ގެ ގޮވައި، ބޯ ދުމުން މުޅި ސަރަޙައްދު އަނދިރިކޮށްލީ އަހަރެންގެ ލޯމަތިން، މަދު ސިކުންތުކޮޅެއްގެ ތެރޭގައި،" ސީބާގެ މަންމަ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި އެވަގުތު ކައިރީގައި ވެއްޓިފައި އޮތް ލޯބިވާ ދަރިފުޅު އަތްދަނޑިމައްޗަށް ނަގައި ލީއިރު، އެ ތުއްތު ހަށިގަނޑަށް ލިބިފައި ހުރި ޒަޚަމްތަކުގެ ސަބަބުން އޭނާ ވަނީ ލެއިން ތަތްތެޅިފައެވެ. ފުރާނަ ހުއްޓެއް ކަމަކު އޭރު އޭނާ ގުނަމުން ދިޔައީ ކުރު ހަޔާތެއްގެ ފަހު ވަގުތުކޮޅެވެ. ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވެ ލޭގެ ކޯރުތަކުން ރީތި އެ ބަގީޗާ ފުރިފައިވުމުން އޭނާ ހުރީ ހުއްޓުން އަރައި އެކަން ޤަބޫލުކުރާންވެސް ނޭނގިފައެވެ.

"އަހަރެންގެ ދައްތައެއް އެވަގުތު އޭނާގެ ދަރިފުޅުގެ ގައިގައި ބައްދައިގެން ހުރި މަންޒަރު ދެކުނިން. ދެމީހުންވެސް ތިބީ ލެއިން ތެމިފައި. މޫނާއި ހަށިގަނޑުގެ އެކި ތަންތަނުން ލޭ ފައިބަމުން ދިޔަ" ފަލަސްތީން ނަމަކަށް ކިޔާ އޭނާގެ ދައްތައަށް ހަމަލާގައި ލިބުނު އަނިޔާތައް ސިފަކޮށްދެމުން ސީބާގެ މަންމަ ކިޔައިދިނެވެ.

ޣައްޒާއަށް ހަމަލާ ދިން ސަރަޙައްދެއް

މި ހާދިސާގައި ފަލަސްތީން އާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ޝަހީދުވީ، ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ ތުއްތު ދަރިފުޅަށް އަދިވެސް ފަރުވާދެމުން ދަނީ ސީރިއަސް ހާލަތުގައި އައިސީޔޫގައެވެ. ފަލަސްތީނަކީ އަށް ކުދިންގެ މަންމައެކެވެ. އޭގެތެރެއިން އެންމެ ދޮށީ ކުއްޖާއަށްވެސް އަދި ވީ 14 އަހަރެވެ.

ސީބާ ޝަހީދުވުމުގެ އެއް ދުވަސް ކުރިން އޭނާ އާއިލާގެ ބައެއް އެހެން ކުދިންނާއި އެކު ލަވަކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެފައި ވެއެވެ. އޭނާގެ މަރުގެ ޚަބަރު ގިނަ ބަޔަކު އެހީ ފުން ހިތާމައާއެކު އެވެ. ގޮއްވާލުމުގެ ތެރެއިން ސީބާ ޝަހީދުވެދިޔައިރު އެއްމާބަނޑު ދެ ދައްތައިން އޭނާގެ އެބަތިއްބެވެ. އެކުދިންނަށްވެސް ސީބާ ނެތުން ވެގެން ގޮސްފައިވަނީ ތަޙައްމަލްކުރަން ދަތި ވޭނަކަށެވެ. ސީބާ އެނބުރި ނާންނާނެ ކަމެއްވެސް އެކުދިންނަށް ޔަޤީންކަމާއެކު ބުނަން އަދި ނޭނގޭއިރު، ބޮޑު ހާދިސާއެއްގައި ސީބާއަށް "ކޮންމެވެސް ކަމެއް" ވެއްޖެކަން އެކުދިންނަށް އެނގެއެވެ.

ސީބާ އާއި އޭނާގެ ބޮޑު ދައިތަ، ފަލަސްތީން ޝަހީދުވި މި ބިރުވެރި ހާދިސާގައި ސީބާގެ މަންމައަށްވެސް އަނިޔާވެފައި ވެއެވެ. ފުރާނައަށް ނުރައްކާވާފަދަ އަނިޔާއެއް ނުލިބި ސަލާމަތްވީ ނަމަވެސް އޭނާއަށް އެކަމުން ލިބޭ ހިތްހަމަޖެހުމެއް ނެތެވެ. އެހެނަސް ދުނިޔޭގެ ހަޤީޤަތާއި ކުރިމަތިލާން މަޖުބޫރުވުމުން ކެތްނުކުރެވޭ ހާލުގައިވެސް ހިއްވަރުކުރާން އޭނާއަށް މަޖުބޫރެވެ.

ޣައްޒާގެ އާންމުން ދިރިއުޅޭ ސަރަޙައްދަށް އިސްރާއިލް ސިފައިން ހުއްޓުމެއް ނެތް ހަމަލާތަކެއް ދީފައި ވަނީ ސުލްޙަވެރި އެއްވުމެއްގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވަމުން ދިޔަ ވަގުތަކާއި ދިމާކޮށެވެ. އެ ހަމަލާތަކުގެ އަމާޒަކަށް ފަލަސްތީނުގެ ތުއްތު ކުދިންނާއި އާންމު އެތައް ބަޔަކު ވެގެން ދިޔައިރު، ޣައްޒާއިން ވެސް ވަނީ ރައްދުގައި އިސްރާއީލަށް ހަމަލާ ދީފައެވެ. އެ ހަމަލާތަކުގައި އިސްރާއިލްގެ ހަތަރު މީހަކުވެސް މަރުވިއެވެ. އޭގެ ބަދަލުގައި ފަހުން އަނެއްކާވެސް އިސްރާއިލް އިން ވަނީ ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލާފައެވެ.

އިސްރާއިލް އިން ދިން މި ހަމަލާތަކުގައި ފަލަސްތީނުގެ 25 މީހަކު ޝަހީދުވިކަން ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދެއްވާފައެވެ. އެ މިނިސްޓްރީގެ ތަރުޖަމާނު ޑރ. އަޝްރަފް އަލްޤިދްރާ ވިދާޅުވީ، އެ ދުވަހު ދިން ހަމަލާތަކުގައި ތުއްތު ސީބާ ޝަހީދުވީ ވައިގެ މަގުން ސީބާގެ އާއިލާ ދިރިއުޅެމުން ދިޔަ ގެއަށް އަމާޒުކުރި ބާރުގަދަ ބޮމުގެ ހަމަލާއެއްގައި ކަމަށެވެ. ސީބާ އާއި އޭނާގެ ބޮޑު ދައިތަ ޝަހީދުވީ އެ ބޮން ގޮވި ވަގުތު އެއިން ބުރައިގެން ދިޔަ ތޫނު ބައިތަކުން ޖެހި ހަށިގަނޑުގެ އެތަން މިތަން ފޫ އަޅުވާލައި ލިބުނު އަނިޔާގައެވެ.

ނިމުމެއް ނެތް ހަމަނުޖެހުމެއްގެ ތެރެއިން ދެމުންދިޔަ މި ހަމަލާތައް ދިނުން އިސްރާއީލުން ހުއްޓާލީ، ޣައްޒާއިން ރައްދުގައި ދޭ ހަމަލާތައް ހުއްޓާ ނުލުމުންނެވެ. މި ހަމަލާތައް މެދުކަނޑާލުމުގައި މެދުވެރިޔަކަށްވެ އެއްބަސްވުމެއް އެކުލަވާލީ މިސްރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާއޭއާރް

    މިކަމަށް އެއްޗެއް ބުނާނެ މީހަކު ނެތްތަ އަބަދުވެސް ރާއްޖެއިން ވަކާލާތު ކުރާނީ ކޮންމެވެސް ފަރަންޖީ ގައުމެއްގެ ދިފާއުގަ ފަލަަސްތީނު ފަދަ ގައުމެއް ގެ ދިގާއުގަ އެއްޗެކޭ ބުނާކަށް ނުކެރެ.ރާއްޖެއަކީ ކުޑަ ގައުމަކަސް ރާއޖޭގެ އަޑު ވެސް އިއްވަބަލަ.........

    34
    2
  2. ބިރު

    ތި ބިރުވެރިކަން ގެންނަނީ ކޮންބައެއްތަ؟

    3
    5
  3. ނޫސްކިޔާމީހާ??

    އަޅެ މިއިސްރާއިލް

    7
    1
  4. Anonymous

    މިކިހާ ދެރަވެއްޖެކަމެ ކޮބާއިސްލާމީ ގައުމުތަކުގެ އިސްވެރިން އެމީހުންނަކަނުފޭނޭތަ މިމައްޒަރުތަކެއް

    16
  5. މަރީ

    މާތްﷲ މިނުބައި ނުލަފާ ލަޗްކަރު ބަލިކުރައްވަވާ ފާނދޭވެ. އާމީން

    16
  6. މަލީހު

    ފަލަސްތީނުގެކުށެއްނެތް ރަށްޔިތުންނަށް ފަލަސްތީނުގެބިމަށް ގަދަކަމުން ވެރިވެގެންފައިވާ އިސްރާއީލްގެ ރަހުމުނެތް ސިފައިންކުރަމުންދާ އަނިޔާތަކާ ޝަހީދުކުރަމުންދާ ވާހަކައަކީ
    ވަރަށް އަސަރާއެކު ވަރަށްގިނައިން އިވޭއަޑެއް ނަމަވެސް އިސްރާއީލުން ނުރައްކާކޮށްފައިވާ އެސަރަހައްދަށް ވަގުތުނޫސްވެރިޔާ ވަޑައިގެން އިންޓަވިއު ކުރައްވާ ހަގީގަތުގައި ކަންހިގަފައިވާ
    ގޮތް އެގުމުން ވަރަށްއަސަރުކޮށް ލޮލުންކަރުނައަސްފި އަދި އިސްރާއީލްގެ އަނިޔާވެރިކަމާ
    ވަގުތުނޫސްވެރިޔާގެ ހިތްވަރުގަދަކަން އެގިއްޖެ ޝުކުރިއްޔާ

    11