މިއަދަކީ ރަމަޟާން މަހުގެ 15 ވަނަ ދުވަހެވެ. މި ބަރަކާތްތެރި މައްސަރު އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔަން ތައްޔާރު ވީއެވެ. މި ބަރަކާތްތެރި މައްސަރު ދެބައި ވީއެވެ.

މިހާ ހިސާބަށް އައިއިރު، މި މާތް މަތިވެރި މައްސަރުގައި އަޅުގަނޑުމެންނަށް ކުރެވުނީ ކޮން ކަމެއްތޯ އެމީހެއްގެ އަމިއްލަ ނަފްސާއި ސުވާލުކުރަން އެބަ ޖެހެއެވެ. ނަމާދުތަކަށް ފަރުވާތެރިވެ، ރޭ އަޅުކަމުގައި ހޭދަ ކުރެވުނީ ކިހާ ވަގުތެއްތޯ ބަލާ ހިސާބު ކުރަން އެބަ ޖެހެއެވެ. އަޅުގަނޑުމެންނަށް ހިދާޔަތެއްގެ ގޮތުގައި ބާއްވާލެއްވުނު ކީރިތި ޤުރުއާން ބާވާލައްވަން ފެއްޓެވި މި މާތް މައްސަރުގައި، ޤުރުއާނުން އަޅުގަނޑުމެންނަށް ކިޔެވިފައިވާ ވަނީ ކިހާ މިންވަރެއްތޯ ވަޒަން ކުރަން އެބަ ޖެހެއެވެ.

ރަމަޟާން މަހަކީ މައްސަރުތަކުގެ ތެރެއިން މާތް ކުރައްވާފައިވާ މަހެކެވެ. އެމަހުގައި ކީރިތި ޤުރުއާން ބާވައި ލެއްވިއެވެ. އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގެ ރޭއަޅުކަން ސުންނަތެއް ކަމުގައި ލެއްވިއެވެ. އެމަހުގައި ކުރެވޭ ކޮންމެ ހެޔޮ ކަމެއްގެ ޘަވާބު އިތުރު ކުރެއްވިއެވެ. އަދި އެމަހުގެ ކުރީކޮޅުގައި ވަނީ ﷲ ގެ ރަޙްމަތެވެ. މެދުތެރޭގައި ވަނީ ﷲ ގެ ފުއްސެވުމެވެ. ފަހުކޮޅުގައި ވަނީ ނަރަކައިން މުއްތި ކުރެއްވުމެވެ.

އެމަހުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮވެގެންވާ ރެއެއް ވެއެވެ. އެމަހުގައި ގޮވާލައްވާ ބޭކަލަކު ގޮވާލައްވާނެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ. ކުރިއަރާ ދާށެވެ. އަދި ނުބައި ކަމަށް އެދޭ މީހާއެވެ. ދޫކޮށްލާށެވެ. ނަރަކައިން މުއްތި ކުރެއްވުން ﷲ ތަޢާލާއަށް ވެއެވެ. އަދި އެފައިން ކޮންމެ ރެއަކު ގޮވާލައްވާނެއެވެ. އާދެ! މިހުރިހާ ކަމަކަށްވުރެ ރޭއަޅުކަން ކުރާ މީހުނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އަޅަމެންގެ ވެރި ގަދަ ކީރިތިވަންތަ ރަސްކަލާނގެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން ވަޙީކުރެއްވުމެވެ. ތިމަން ރަސްކަލާނގެއަށް ދުޢާ ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ އިޖާބަ ކުރެއްވުމަށެވެ.

ތިމަން ރަސްކަލާނގެ ޙަޟްރަތުން ކަމަކަށް އެދި ސުވާލު ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އޭނާ އެދޭ ކަންތައް އޭނާއަށް ދެއްވުމަށެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ ފުއްސެވުމަަށެވެ. (ރަވާހުލް ޖަމާޢާ)އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެން ވިއެވެ.

މުޅި އަހަރުދުވަހުގެ ތެރެއިން މާތް ﷲ އެންމެ މާތް ކުރައްވާ މަތިވެރި ކުރައްވަވާފައިވާ މައްސަރަކީ ބަރަކާތްތެރި ރަމަޟާން މަހެވެ. ހުރިހާ މައްސަރުތަކުގެ ތެރެއިން ޤުރުއާން ބާވައިލެއްވުމަށް މާތް ﷲ ޚާއްޞަ ކުރެއްވި މަހަކީ ރަމަޟާން މަހެވެ. މިގޮތުން ލައުޙުލް މަޙްފޫޡުން ދުނިޔޭގެ އުޑަށް ޤުރުއާން އެއްކޮށް ބާވައިލެއްވީ މިމަހުގެ ލައިލަތުލް ޤަދްރިވިލޭރޭގައެވެ.

މިމާތް ފޮތަކީ އެއިލާހަށް ޛިކުރު ކުރުމަށް އެދޭ މީހާކިޔަވަންވީ ފޮތެވެ. ޚުޝޫޢަތްތެރިކަމާއި ފުރިހަމަ އީމާންތެރިކަމަށް އެދޭ މީހާ ކިޔަވަންވީ ފޮތެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭ މީހާ ކިޔަންވީ ފޮތެވެ. ހިތުގެ ހަމަޖެހުމަށް އެދޭ މީހާ ކިޔަވަންވީ ފޮތެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. {ألا بذكر الله تطمئن القلوب} [الرعد]· މާނައަކީ ” ހިތްތަކަށް ހަމަޖެހުން ލިބުންވަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ނޫންހެއްޔެވެ؟”
ކީރިތި ޤުރުއާން ގިނަގިނައިން ކިޔެވުމަކީ މާތް ރަސޫލާ صلي الله عليه وسلم އެކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. މާތް ރަސޫލާ صلي الله عليه وسلم ގެ ޙަދީޘްބަސްފުޅެއްގައި ވެއެވެ. ( اقرءو القران فانه يأتي يوم القيامة شفيعاُ لأصحابه ) މާނައަކީ ” ތިޔަބައިމީހުން ޤުރްއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤުރުއާންކިޔަވާމީހާއަށް ޝަފާޢަތްތެރިވާ އެއްޗެއްގެ ގޮތުގައި ޤިޔާމަތްދުވަހުން އެޤުރުއާން އަންނާނެއެވެ.”

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ރޯދަމަހުގައި ތާބިޢީ ބޭކަލުންނާއި އެބޭކަލުންގެ ފަހުންވަޑައިގެންނެވި ބޭކަލުން ޤުރުއާން ކިޔެވުމަށް ސަމާލުކަން ދެއްވާފައިވަނީ ޢަޖައިބުވާފަދަ މިންވަރަކަށެވެ. ޤަތާދާގެފާނު، އާދައިގެ ދުވަސްތަކުގައި ކޮންމެ 7 ރެއަކުން ޚަތިމެއް ކުރައްވައެވެ. އަދި ރޯދަމަސް އަތުވެއްޖެނަމަ ކޮންމެ ތިން ރެއަކުން ޚަތިމެއް ކުރައްވައެވެ. އަދި ރޯދަމަހުގެ ފަހު ދިހަ އައުމުން ކޮންމެ ރެއަކުން ޚަތިމެއް ކުރައްވައެވެ.

އިމާމް މާލިކްގެފާނު ރޯދަމަސް އަތުވެއްޖެނަމަ ފިޤުހު ފޮތްތައް ދޫކޮށްލައްވައި ޤުރުއާން ކިޔެވުމަށް ހުރިހާ ވަގުތެއްހެން ހޭދަކުރައްވައެވެ. އިމާމް އަޙްމަދު ގެފާނު ރޯދަމަސް އަތުވެއްޖެނަމަ މުހިއްމު ކަމަކަށް މެނުވީ މިސްކިތުން ނުނުކުންނަވައި ޤުރުއާން ކިޔެވުމާއި ޛިކްރުކުރުމުގައި އިންނަވައެވެ. އިމާމް ޝާފިޢީގެފާނު ރޯދަމަހު 60 ޚަތިމް ކުރައްވައެވެ. އެއީ ދުވާލަކު ދެޚަތިމް ކުރައްވައިގެންނެވެ. އަދި އެއީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކުގައި ކިޔަވާ ކިޔެވުން ނުލައެވެ.

މިއީ ވިސްނާ ފިކުރު ހިންގަންވީ ވަގުތެވެ. ވަގުތީ ދުނިޔޭގައި ކޮންމެ މީހަކަށްވެސް ލިބިފައިމިވާ މަދު ވަގުތު ކޮޅުގެ ތެރޭގައި ހެޔޮ ޢަަމަލު ކުރުން މަތީ ދެމިހުރެވޭތޯ ގަދަ އަޅާ މަސައްކަތް ކުރަން އެބަ ޖެހެއެވެ. ފަހެ، ރަމަޟާން މަސް އެމީހަކާއި ބައްދަލުވެ، އެމީހެއްގެ ފާފަ ނުފޮހެވުނު މީހަކީ އަބާއްޖަވެރިއެއްކަން ކަށަވަރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ވަރަށް ރަނގަޅު ލިޔުމެއް

    10
    1
  2. އަހުމަދު

    ހާސިލް ވީވަރު އިނގޭނީ ގިޔާމަތްދުވަހަކުން. މިހާރަކު ނޭގޭނެ

    3
    6
  3. އަޅުގަނޑު

    60 ޙަތިމް؟.. ސުބުހާނަﷲ

    4
    2
  4. ސައްފަތު

    ގަބޫލުކުރަން ފަސޭހަނޫން ވާހަކައެއް މީގަ އެބައޮތް. އެއީ ދުވާލަކު 2 ޚަތިމު ކުރައްވާ ވާހަކަ. އެންމެ އަވަހަށް ޤުރުއާން ކިޔަވާ މީހުންވެސް އަޅުގަނޑަށް ފެނިފަ ވަނީ 15 މިނިޓުން ފޮތެއް ކިޔަވާތަން. ޤުރުއާނަކީ ވަކި ތަރުތީބަކުން އެއަކުރެއްގެ މަޚުރަޖުން އެއަކުރެއް ކިޔަވަން އޮންނަ އެއްޗެއް. އަދި އަޑުއަހާ ބަޔަކަށްވެސް ކިޔާއެއްޗެއް އެނގޭވަރަށް. 15 މިނިޓުން ފޮތެއް ކިޔެވިޔަސް ދެޚަތިމު ކުރަން 15 ގަޑިއިރު ހޭދަވާނެ. އަދި ފަރުޟު ފަސް ނަމާދާއި، އެނަމާދުތަކުގެ އިސްފަހުގައި ކުރާ ސުންނަތް ނަމާދުތައް ކުރުމަށް ހޭދަވާ ވަގުތު ހިމަނައިފިނަމަ މިއީ ގަބޫލުކުރަން ފަސޭހަ ޢަދަދެއްނޫން.