ބަންގުލަދޭޝްގެ ރާޖްޝާހީގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް، 2017 ވަނަ އަހަރުގެ މާރޗް މަހުުގެ 29 ވަނަ ދުވަހު، އަމިއްލައަށް ދަން ޖެހިގެން މަރުުވިކަމަށް ބުނާ، ރައުދާ އާތިފްގެ މަރާ ގުޅޭގޮތުން މީގެ ކުރިން މީޑިޔާތަކަށް ތިލަވެފައިވަނީ މަދު މިންވަރެއްކަން އެނގުނީ، މި މައްސަލައާއި ގުޅޭގޮތުން ރައުދާގެ ބައްޕަ މުޙައްމަދު އާތިފް "ވަގުތު" އާއި ޙިއްސާކުރި އެތައް ވާހަކަ ތަކަކަކުންނެވެ.

2017 ވަނަ އަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12 ޖަހަނިކޮށް، ރައުދާގެ މަރުގެ ޚަބަރު އޭނާގެ މަންމައަށް ލިބުމާއި އެކު، އެދުވަހު އެ އާއިލާގެ 12 މީހަކު ވަނީ، ލަންކާ މަގުން، ޑާކާއަށް ގޮސް، ޑާކާގެ އެއްގަމު މަގުން ރާޖްޝާހީއަށް ގޮސްފައެވެ. އެމީހުންނަށް ރާޖްޝާހީއަށް ދެވުނީ މާރޗް މަހުގެ 30 ވަނަ ދުވަހުގެ ހަވީރު ކަމަށްވާތީ، ރައުދާގެ ހަށިގަނޑު އޭނާގެ އާއިލާއަށް ފެންނަ ވަރުވީ އޭގެ އަނެއް ދުވަހުއެވެ.

"ރައުދާ އޮތީ ބެންޗެއްގަ ބާއްވާފަ. އެންމެ ފުރަތަމަ ވެސް އަޅުގަނޑަށް އޭނަގެ ހަށިގަނޑު ފެނުނުތަނާ އެނގިއްޖެ އޭނައަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައި ހުރިކަން. އޭރުވެސް އޭނަގެ ކަރުގައި އެކަމުގެ ނިޝާންތައް ފެންނަން ހުރި. މޫނުމަތީގައި ވެސް ހުރި އޭނައަށް އަނިޔާ ކޮށްފައި ހުރި ނިޝާންތައް ފެންނަން. ދެން އެ ހިސާބުން އެނގިއްޖެ އޭނަ އެ އޮތީ އަމިއްލައަށް މަރުވެފައި ނޫންކަން. ކަރުގައި ހިފާފައި ހުރިތަން ނޫފާގަނެފައި ހުރި. އަޅުގަނޑުމެން ކައިރި ބުނީ ސްކާފެއް ބޭނުންކޮށްގެންނޭ އޭނަ ދަން ޖެހުނީ. އަމިއްލައަށް ދަންޖެހިގެން މަރުވާ މީހެއްގެ އެންމެ މުޙިއްމު އެކައްޗަކީ ލައިގޭޝަން މާކް. އެއީ ދަންޖެހެން ބޭނުންކުރާ ވާގަނޑުގެ ނިޝާން. އެ ނިޝާން ކަރުގައި ފެންނަން ހުންނާނެ. އެކަމަކު ކަރުގަ ފެންނަން ހުރީ ބެލްޓެއްގެ ނިޝާން. އަޅުގަނޑުމެން ފޮޓޯ ނަގަން އުޅެނިކޮށް ވެސް އެކަން ހުއްޓުވީ ފުލުހުން." ރައުދާގެ ބައްޕަ، އެ ވާހަކަތައް "ވަގުތު" އާއި ޙިއްސާކުރިއެވެ.

ރައުދާގެ ބައްޕަ، މުޙައްމަދު އާތިފަކީ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެކެވެ. އަދި ކިޔެވުމުގެ ތެރޭގައި އޭނާ ވަނީ ޕޮރިންސިކް މެޑިސިން ވެސް ކިޔަވާފައެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި އަމަލު ކުރަންޖެހޭ ގޮތާއި، ޕޯސްޓް މޯޓަމްގެ ސާޕަލް ނަގަން ޖެހޭ ގޮތާއި، އެއާއި އެކު ހަމަކުރަންޖެހޭ ލިޔެކިޔުންތަކުގެ މަޢުލޫމާތު ވެސް އޭނާއަށް ވަނީ، ޑޮކްޓަރުކަން ކިޔަވަން އުޅުނު ދުވަސްވަރު ލިބިފައެވެ.

ރައުދާގެ ހަށިގަނޑު ފެނުމާއި އެކު، އޭނާގެ މަރާ ގުޅިގެން އާތިފްގެ ހިތުގައި އުފެދުނު އެތައް ސުވާލެއްގެ ޖަވާބު ހޯދަން އޭނާ ބޭނުންވިއެވެ. އެގޮތުން އެންމެ ފުރަތަމަ ދާން ބޭނުންވީ އޭނާ ކިޔަވަން ހުރި ހޮސްޓެލްއަށް ކަމަށާއި، އެތަނުގައި އޭނާ ހުރި ކޮޓަރި ވަގުތުން ބަލަން ބޭނުންވި ކަމަށް އޭނާ ބުންޏެވެ. ރައުދާ ދިރިއުޅުނު ހޮސްޓެލް ތެރޭގައި، ޤައުމުން ބޭރުން އައިސް ތިބޭ ކުދިން ބައިތިއްބަން ވަކިން ބްލޮކެއް ހަދާފައި ހުރެއެވެ. އެތަނުގައި 20 ވަރަކަށް ކުދިން އުޅޭކަމަށާއި، އާއްމުކޮށް އުޅެނީ ނޭޕާލް، އިންޑިޔާގެ ކަޝްމީރު އަދި ދިވެހިރާއްޖެ ކުދިން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު އެތަނަށް ގޮސްފަ ބުނީ އަޅުގަނޑު ބޭނުމޭ ރައުދާ ހުރި ރޫމް ހުރިގޮތެއް ބަލަން. ދެން އަޅުގަނޑު އެހީ ކާކަށްހޭ ރައުދާ މަރުވެފަ ހުއްޓަ ފެނުނީ. ރައުދާ މަރުވެފަ ދަންޖެހިފަ ހުރިކަމަށް ބުނާއިރު، ކޮބާތޯ އެވިޑެންސް. ކޮބާހޭ ފޮޓޯއެއް ވިޔަސް. ނޫނީ އެންމެ ހެއްކެއް ވެސް ދައްކާލަ ބަލާށޭ. ދެން އެހިސާބުން އެމީހުން ވަރަށް ހިތްހަމަނުޖެހިއްޖެ. އަޅުގަނޑު އެހެން ބުނީމަ. ދެން އެހެންބުނީމަ އެމީހުން ގެނައީ އިންޑިޔާގެ ކަޝްމީރުގެ އަންހެން ކުއްޖެއް. ސީރަތު ޕަރުވީން ނަމަކަށް ކިޔާ އަންހެން ކުއްޖެއް." އޭނާގެ ބައްޕަ ކިޔައިދިނެވެ.

ރައުދާގެ މަރުގެ މައްސަލައާއި ސީރަޕު ޕަރުވީނާއި ހުރި ގުޅުން

ޝީރަތު ޕަރުވީނަކީ ރައުދާއާއި އެކު ބަންގުލަދޭޝް މެޑިކަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔަވަމުން ދިޔަ އިންޑިޔާގެ ކަޝްމީރުގެ އަންހެން ކުއްޖެކެވެ. ރައުދާ މަރުވިކަމަށް ބުނާ ދުވަހުގެ ހެނދުނު އެ ދެމީހުން އެއްކޮށް ސައިބޯން ދިއުމަށްޓަކައި ރައުދާ ހޯދުމަށް އޭނާ ދިޔަކަމަށް ވެއެވެ. ނަމަވެސް ރައުދާގެ ކޮޓަރި ދޮރު ތަޅުލާފަ ހުރުމުން، ދޮރުގައި ވަރަށް ބާރަށް ތެޅި ކަމަށާއި، އަދި ނުހުޅުވުމުން، ދޮރުގައި ހުރި ލޯވަޅަކުން ބަލާލިއިރު ރައުދާ ދަންޖެހިފަ ހުރިތަން ފެނުނު ކަމަށް އޭނާ ވަނީ ފުލުހުންގެ ތަޙުޤީޤުގައި ބުނެފައެވެ.

"އޭނާއަށް އެންމެ ފުރަތަމަ ރައުދާ ފެނުނުކަމަށް ބުނީ. އޭނަ ބުނީ ސައިބޯން ވެގެން އައިސް ދޮރުގަ ޖެހުމުން ދޮރު ނުހުޅުވުމުން އެތެރެ ބަލާލިިއިރު ދަންޖެހިފަ ހުރި ތަން ފެނުނު ކަމަށް. ދެން އެތަނުގައި އުޅޭ އެހެން މީހުންނަށް ގޮވައިގެން، ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަނީކަމަށް ބުނީ. ދެން ރޫމުގައި ގެންގުޅޭ ވަޅިއެއް ގެނެސް ރައުދާގެ ކަރުގައި އައްސާފަ ހުރި ސްކާފް ކަނޑާލުމަށްފަހު އޭނަ ތިރިކުރީކަމަށް. އެގޮތަށް ތިރި ކުރީ ކީއްވެތޯ އަޅުގަނޑު ސުވާލު ކުރިން. އޭނަ ބުނީ ރައުދާގެ ފުރާނަ ސަލާމަތް ކުރާށޭ ތިރިކުރީ. ނަމަވެސް މެޑިކަލް ކިޔަވާ ކުދިންނަށް އެނގޭނެ ދަންޖެހޭ މީހަކު މަރުވަން ނާގާނީ ގިނަވެގެން ދެ މިނެޓް ކަމާއި، އެއަށްވުރެ ގިނައިރުވެފައިވާ މީހެއްނަމަ، އެމީހެއްގެ ފުރާނަ ސަލާމަތް ނުކުރެވޭނެކަން. އަދި ދަންޖެހިފަ ހުންނަ މީހެއްގެ ގައިގަ އަތްލައިގެން ނުވާނެކަމާއި، އެކަން ކުރަންވާނީ ތަޙުޤީޤު ކުރާ ފަރާތްތަކުންކަން އެމީހުންނަށް އެނގެންވާނެ. ދެން ޕޮލިހުންގެ އަތުން އަޅުގަނޑު ބެލީ ފޮޓޯއެއް ލިބޭތޯ. އަޅުގަނޑަށް ލިބުނު ފޮޓޯގައި އޭނަގެ ބޯ ކައިރި އޮވޭ މީދާ މަރާ ބޭސް ވެސް ބާއްވާފަ. އޭނައަކީ ރޫމްގައި ކައްކާ ކާ މީހެއް. އޭނާގެ ފުޑް ކައުންޓަރ މަތީގައި ވެސް ހުރި ރިހަގަނޑެއް ކައްކާފައި. ދެން ހުރީ ކޮފީ ބޮއިފައި. ދެން ލޭޑީސް ފިންގާ ވެސް ހުރި ކޮށަން ފަށާފައި. ޓޮމާޓޯ ތަކެއް ވެސް ހުރި. ހަވާދު ފުޅިތައް ވެސް ހުރީ އެނދު ދަށަށް އުކާލާފަ. އެނދު ކައިރީގައި ބަހައްޓާފަ ހުރި ވޯޑްރޯބްގެ ބިއްލޫރިގަނޑު ވެސް އޮތީ ތަޅާލާފަ. އޭނަ ކިޔަވަން ބޭނުން ކުރާ މޭޒުމަތީގެ ބިއްލޫރިގަނޑު ވެސް އޮތީ ތަޅާލާފަ. އެހެން ވީމަ، ސީރަތު ޕަރުވީން އެ ބުނާ އެއްޗެއް އަޅުގަނޑަށް ޤަބޫލުނުކުރެވުނީ. އެ ކޮޓަރި ބަލާލީމަ އެނގޭ އެތާ ތެރޭގައި ހަމަނުޖެހުމެއް ހިންގާފަ ހުރިކަން." ރައުދާގެ ބައްޕަ ކިޔައިދިނެވެ.

ސީރަތު ޕަރުވީނަކީ ރައުދާއާއި ގާތްކޮށް އުޅޭ މީހެއް ނަމަވެސް، ރައުދާ މަރާލުމުގެ ހަފްތާއެއް ކުރިން އޭނާއާއި ގުޅޭ އެހެން ވާހަކައެއް ވެސް ރައުދާ ވަނީ އޭނާގެ މަންމައާއި ހިއްސާ ކޮށްފައެވެ.

"ރައުދާ މަރުވުމުގެ ހަފްތާއެއް ކުރިން، އޭނާ މަންމައަށް ގުޅާފަ ރައުދާ ބުނިކަމަށް ވަނީ، ތިމަންނަ އެއްރޭ ކިޔަވަން އިންދަ، ސީރަތު ޕަރުވީން އައިސް ތިމަންނައަށް ޖޫސްތައްޓެއް ދިން ވާހަކަ. ދެން ޖޫސްތަށި ބޯލީމަ ތިމަންނަ ބޯ އަނބުރާ ގޮތޭ ވީ. ތަށި ބަލާލިއިރު އޮތޭ ތަށި ތެރޭގަ ބޭސް ގުޅައެއް. އެހެން މީވަ އޭނައަށް އަޅުގަނޑުމެންނަށް ޝައްކު ކުރެވުނީ. ދެން އަޅުގަނޑު ބުނީ އޭނާއާއި ދޭތެރޭ އަޅުގަނޑުމެންނަށް ވަރަށް ޝައްކު ކުރެވޭ. ބުނީމަ އޭނަ ބުނީ ނޫނެކޭ. ތިމަންނަ އެއް ނޫނޭ. ދެން އަޅުގަނޑު ބުނީ ރައުދާއަށް ޕޮއިޒަންސް ދިނީމެއް ނޫންހޭ. ބުނީމަ އޭނަ ރޯން ފެށީ. ދެން އަޅުގަނޑު އެދުނީ އޭނަގެ ފޯނު ދިނުމަށް. އެކަހަލަ އެއްވެސް މުޢާމަލާތެއް ހިނގާފަ ހުރިތޯ ބަލަން. ފޯނުގަ ހުރި އެވާހަކައާއި މެދު ރައްދުވެސް ދީފަ. ރައުދާ އޭނައަށް ރައްދު ދީފަ ހުރޭ މެސެޖް ކޮށްފަ. ރައުދާ ބުނެފަ އިންނަނީ، ޔޫ އާރ ނޮޓް މައި ފްރެންޑް އެނީ މޯ. އައި ކެނޮޓް ޓްރަސްޓް ޔޫ އެނީ މޯ. ޕްލީސް ޑޯންޓް އީވެން ކަމް ޓު މައި ރޫމް. މިގޮތަށް ހުރީ މެސެޖްކޮށްފަ." ރައުދާގެ ބައްޕަ އެ ވާހަކަތައްވެސް "ވަގުތު" އާއި ހިއްސާކުރިއެވެ.

މައްސަލަ އޮއްބާލަން ބަންގުލަދޭޝް ފުލުހުން މަސައްކަތް ކުރި.

ރައުދާ މަރުވި ޚަބަރު ބަންގުލަދޭޝްގެ ފުލުހުންނަށް ލިބުމާއި އެކު، އެކަމުގެ ތަހުޤީޤު ވަނީ ވަގުތުން ފަށާފައެވެ. އެކަން ތަޙުޤީޤު ކުރުމަށް ހަވާލުވީ، ރައުދާ ކިޔެވި ކޮލެޖު ކައިރި ހުންނަ ޕޮލިސްސްޓޭޝަން އަކުންނެވެ.

"ރައުދާގެ ހަށިގަނޑު އަޅުގަނޑުމެންނަށް ދެއްކި ތަނާ އަޅުގަނޑުމެން ބޭނުންވީ އޭނަގެ ހަށިގަނޑު ލަންކާއަށް ގެންދަން ޕޯސްޓް މޯޓަމް ހަދަން. އެ ހިސާބުން ފުލުހުންނާއި އަޅުގަނޑުމެންނާއި މަޝްވަރާތައް ފެށިގެން ދިޔައީ. އަޅުގަނޑުމެން އެދުނީ ރައުދާގެ ޕޯސްޓް މޯޓަމް ލަންކާއިން ހަދަން. ދެން އޭގެ ދެ ދުވަސް ފަހުން އަޅުގަނޑުމެން ބައްދަލުކުރިން އެ މައްސަލަ ތަޙުޤީޤު ކުރަން އިސްކޮށް ތިބި ދެ ބޭފުޅުންނާ. އެދުވަހު ވެސް އަޅުގަނޑުމެން ސުވާލުކުރިން އޭނާގެ ޕޯސްޓް މޯޓަމްއާއި ގުޅޭގޮތުން. ދެން އެހިސާބުން އެ ވާހަކަތައް ދައްކާ ނިންމާލިމަ ޕޮލިސް ކޮމިޝަނަރު މިއަހަނީ އެ ހިސާބުގެ އިންވެސްޓިގޭޝަން އޮފިސަރ ކައިރި، ކިހިނެއްހޭ ރައުދާގެ ޕޯސްޓް މޯޓަމްގެ ކަންކަން އޮތީ ބުނީމަ ބުނީ މިހާރު އެކަން ނިމިފައިވާ ކަމަށް. ދެން އަޅުގަނޑުމެންނަށް ނޭނގި، އަޅުގަނޑުމެން ކައިރި ނުވެސް އަހާ، ހުއްދަވެސް ނުހޯދާ އެކަން ކުރުމުން ވަރަށް ބޮޑަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން ދާކަން އަޅުގަނޑުމެންނަށް ޔަޤީންވި." ރައުދާގެ ބައްޕަ ބުންޏެވެ.

ޕޯސްޓް މޯޓަމްގެ ކަންކަން ނިމިފައިވާ ކަމަށް ބުނުމުން އިތުރަށް ރައުދާގެ ހަށިގަނޑު ބޭއްވުމުގެ ބޭނުމެއް ނެތްކަމަށް ނިންމާ، އޭނާ ވަޅުލުމަށް އާއިލާއިން ވެސް އެއްބަސްވިއެވެ. ނަމަވެސް އެކަން ކޮށްފައިވާ ގޮތާއި މެދު އާއިލާއިން ހިތްހަމަ ނުޖެހޭތީ، މީޑީޔާތަކުގެ ސަމާލުކަމަށް އެކަން ގެނެސް، އަދި ލޯޔަރެއްގެ އެހީތެރިކަމާއި އެކު އެ މައްސަލައާއިގެން ކުރިއަށް ދިއުމަށް އާޠިފް ބޭނުންވިއެވެ.

"ދެން އަޅުގަނޑުމެން ދިޔައީ ހޮސްޓެލްއަށް. އޭރު ޕޯސްޓް މޯޓަމް ރިޕޯޓު އޮތީ ބޭރުގެ މީޑިޔާ ތަކުގައި ހިއްސާ ކޮށްފަ. ޕޯސްޓް މޯޓަމް ހެދީ ރާޖްޝާހީގެ އެންމެ މޮޅު ތިން ޑޮކްޓަރުން. އެއީ ރައުދާ ކިޔެވި ކޮލެޖްގެ ދެމީހުންނާއި، ސަރުކާރު ކޮލެޖްގެ އެކަކާއި. ޕޮރިންސިކް އެކްޕާޓުން އެއީ. ނަމަވެސް ރައުދާ ކިޔެވި ކޮލެޖްގައި ހިމެނޭ ދެ މީހުން ލައިގެން އެ ރިޕޯޓު ހަދާއިރު އެ ޞައްޚަ ނުވާނެ ކަމަށް އޭރުވެސް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. ދެން އަޅުގަނޑުމެން ބައްދަލުކުރީ އެކަމުގަ އުޅުނު އެންމެ އިސް ޑޮކްޓަރާ. އަޅުގަނޑުމެން ސުވާލުކުރިން ދަންޖެހިގެން މަރުވީ ސުކާފެއް ބޭނުން ކޮށްގެން ކަމަށް ބުނާއިރު ކީއްވެގެން ތޯ ބެލްޓެއްގެ ނިޝާނެއް އެ ހުރީ. ދެން ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބުނާއިރު، ކީއްވެގެންތޯ ކަރުގަ މީހަކު ހިފާފަ ހުރި ކަމުގެ ނިޝާންތައް ފެންނަ އެހުރީ. އެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދިން. ދެން އެ ޑޮކްޓަރުގެ ޖީބުން ގަނޑުކޮޅެއް ނަގާފަ ފަތުރާލާފަ ބުނީ މިއީ ސައިންޓިފިކް ޑެފިނިޝަން އޮފް ބާރތް މާކް އޭ. ކަލެއަކަށް ނޭނގޭނޭ، ކަލޭތީ ފޮރިސްސިކް ޑޮކްޓަރެއް ނޫނޭ ބުނީ، ކަލޭ ތީ ކުޑަކުދިންގެ ޑޮކްޓަރެކޭ. އަޅުގަނޑު ބުނިން އެމްބީބީއެސް ގަ ދެ އަހަރު ކިޔެވީމޭ ފޮރެންސިކް. އެހެން ވީމަ އެނގޭނޭ އަޅުގަނޑަށް. މަރުވާން ބޭނުން ކުރި އެއްޗެއްގެ ނިޝާން އިންނާނޭ އަރާފަ. ދެން އަޅުގަނޑު ބުނިން މައްސަލައެއް ނެތޭ، އަޅުގަނޑަކީ ކިޔެވި މީހެއްވެސް ނޫނޭ، ޑޮކްޓަރެއް ވެސް ނޫނޭ އެކަމަކު އަޅުގަނޑަށް ބުނެދީފާނަންހޭ ބާރތް މާކް އެއީ ކޯއްޗެއްތޯ. ބުނީމަ ބުނީ އުފަން ލަފޭ. އަޅުގަނޑު ބުނިން ބަލަ އަޅުގަނޑު މީ ރައުދާގެ ބައްޕަ އޭ. ރައުދާ އުފަންވިއިރު ނެތް ބާރތް މާކެއް މިހާރު އިންނާނެހޭ. އުމުރުން 20 އަހަރުގަހޭ ބާރތް މާކް އަންނާނީ. އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭ." ރައުދާގެ ބައްޕަ ކިޔައިދިނެވެ.

ރައުދާގެ މަރުގެ މައްސަލަ އޮއްބާލަން، ބަންގުލަދޭޝްގެ ފުލުހުންނާއި، ޑޮކްޓަރުން ގުޅިގެން މަސައްކަތް ކުރަމުންދާކަން އިތުރަށް ޔަޤީންވުމުން އާޠިފް ނިންމީ އެ މައްސަލަ އެ ޤައުމުގެ ކޯޓަށް ހުށަހަޅާށެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، ޕޯސްޓް މޯޓަމް ހެދިކަމަށް ބުނާއިރު، އެއާއި އެއްކޮށް ނަގަންޖެހޭ އެކްސްރޭތަކާއި، އަދި އެކަމުގެ މަސައްކަތް ދިޔަ ގޮތް އެނގޭނެ އެއްވެސް ހެއްކެއް ފެންނަން ނެތުމެވެ.

"އަޅުގަނޑު އެދުނިން ޕޯސްޓް މޯޓަމްގެ ފޮޓޯތައް ހޯދަން. ޕޯސްޓް މޯޓަމް ހެދުމުގެ ކުރިން މީހާ މަރުވެފަ އޮއްވައި ފޮޓޯ ނަގާނެ. އެއަށްފަހު ހުރިހާ ހެދުންތައް ބާލާފަ ފޮޓޯ ނަގާނެ. އެއަށްފަހު ކޮންމެ ލޭއާއެއް ފެޅުމުގެ ކުރިން ފޮޓޯ ނަގަމުން ވީޑިޔޯ ކުރަމުން ދާނީ. ފޮޓޯ ނެގި ކެމެރާގެ ފޯލަކް ލެންގްތައް ދަންދެން ރިފޯޓުގަ ހިމަން ޖެހޭނެ. އެކްސް-ރޭތައް ވެސް ހިމަނަން ޖެހޭނެ. ހުރިހާ ލިޔުމެއް ހަމަވާން ޖެހޭނެ. ދެން މިވާހަކަތައް ދައްކަން ފެށީމަ އެމީހުންނާއި އަޅުގަނޑުމެންނާއި ވަރަށް ބޮޑަށް މައްސަލަ ޖެހުނީ. ރައުދާއަކީ އެއްވެސް އިންޖަރީއެއް ހުރި ކުއްޖެއް ނޫން. މޮޑެލް ކޮށްފަ ހުރި ކުއްޖެއް. އޭނާގެ އެއްވެސް އުފަންލަފެއް ނީންނާނެ. ދެން ނެގީ ލޯޔަރެއް. ރާޖްޝާހީގައި ޕްރޮސެކިއުޓަރ ޖެނެރަލްކަން ކޮށްފައި ހުރި ލޯޔަރެއް. ނަގާފަ މައްސަލަ ހުށަހެޅީ ކޯޓަށް. ދެން އަމުރެއް ނެރުނީ އެތަނުގެ ސީއައިޑީން އެ މައްސަލަ ކުރިއަށް ގެންދަން. ދެން ދެ އޮފިސަރުން އިސްކޮށް ތިބެގެން އަނެއްކާ ވެސް އެ މައްސަލަ އަލުން ތަޙުޤީޤު ކުރަން ފެށީ. ދެން އަޅުގަނޑުމެންނާއި އެކު ކޮލެޖަށް ގޮސްފަ އެމީހުން ނައްޓާލީ ފަންކާ. ފަންކާގަ އެއްވެސް ޑެމޭޖެއް އިންތޯ ބެލީ. ބެލިއިރު އެއްވެސް ގެއްލުމެއް ލިބިފައެއް ނެތް. ދެން ގުޅުން ހުރި ހުރިހާ އެންމެންނާއި ސުވާލުކުރީ." ރައުދާގެ ބައްޕަ ކިޔައިދިނެވެ.

ރައުދާގެ މަރުގެ މައްސަލައިގެ ތަޙުޤީޤު ސީއައިޑީން ކުރިއަށް ދަނިކޮށް، އޮސްޓްރޭލިޔާގެ ޗެނަލް ލައިންގެ ބޭފުޅުން ވެސް އާޠިފަށް ގުޅިކަމަށް އޭނާ ބުންޏެވެ. އަދި އެ މައްސަލައިގެ ތަޙުޤީޤު އެމީހުން ކުރިއަށްގެންދަން ބޭނުންވާކަމަށާއި، އެކަމުގެ އެހީތެރިކަން ބަންގްލަދޭޝް ފުލުހުންގެ ފަރާތުން ބޭނުންވާކަމަށް ވެސް އެމީހުން ބުނިކަމަށް އޭނާ ބުންޏެވެ.

"އޮސްޓްރޭލިޔާގެ ޗެނަލް ލައިން އިން އަޅުގަނޑަށް ގުޅާފަ ބުނީ، ރައުދާގެ މަރުގެ މައްސަލަ ތަޙުޤީޤުކުރަން އެމީހުން ބޭނުންވާ ވާހަކަ. އަޅުގަނޑަށް ގުޅާފަ ބުނީ ރާޖްޝާހީއަށް އެމީހުން އަންނަން ބޭނުންވާ ވާހަކަ. އޭގެ ދުވަސްކޮޅެއް ފަހުން ގާތްގަނޑަކަށް ދިހަވަރަކަށް މީހުންގެ ޓީމަކުން އައީ. ނަމަވެސް ރައުދާ ކިޔެވި ކޮލެޖަށް އެމީހުންނަށް ވަދެވޭނެ ގޮތެއް ފުރަތަމަ ނުވި. ނަމަވެސް އެތައް ވަރަކުން އެމީހުންނަށް އެ ކޮޓަރިއަށް ވަދެވުނީ. އެމީހުން ބޭނުންވީ އެ ތަން ވީޑިޔޯ ކޮށްލަން. އެ ކްރައިމް ސީން. ދެން އެމީހުން އެދުނީ ސީރަތް ޕަރްވީން އާއި ބައްދަލުކޮށްލަން، ދެން ފުރަތަމަ ބުނީ ބައްދަލުކޮށް ދޭނަމޭ. ދެން ފަހުން ބުނީ މިހާރު ނެތޭ އޭނަ ހޮސްޓެލްގައެއް. ދެން އިރުކޮޅެއް ނުވެ ވޭނެއްގަ ބައިވަރު ފުލުހުން އައިއްސަ ބުނީ އެމީހުންނަށް ދެން އެއްވެސް ތަނަކަށް ނުދެވޭނޭ. އެހެން ބުނެފަ އެމީހުންގެ ހުރިހާ ޕާސްޕޯޓުތައް އަތުލާފަ، އެމީހުން ކައިރި ބުނީ އަނބުރާ ޤައުމަށް ދާން. އެމީހުންގެ ކެމެރާ ވެސް އަތުލާފަ ވީޑިޔޯތައް ޑިލީޓްކޮށްލި. އެކަމަކު އެމީހުން އޭރު ސާރވާއަށް އެ ވީޑިޔޯތައް އަޕްލޯޑް ކޮށްފި. އެހެންވީމަ އެކަންކަން އެގޮތައް ހުއްޓުވީމަ، އަޅުގަނޑުމެންނަށް އެނގިއްޖެ އެމީހުން އެކަން ފޮރުވަން އުޅޭކަން. އެމީހުން އެންމެފަހުން އަނބުރާ ޤައުމަށް ދިޔައީ. އޮސްޓްރޭލިޔާއަށް އެމީހުން ގޮސް އެކަމާއި ގުޅޭ ރިޕޯޓެއް ވެސް ތައްޔާރު ކުރި. އަދި އެމީހުންގެ ޗެނަލް ޓީވީން އެ ވީޑިޔޯ ކްރައިމް އިންވެސްޓިގޭޓިވް ޕްރޮގްރާމެއްގަ ދެއްކި. އެމީހުން ބޭނުންވާ ވަރަށް ގިނަ މަޢުލޫމާތު ތަކެއް ލިބިފަ ވަނީ. އެ ރިޕޯޓު އާއްމު ކުރީމަ ވެސް ބަންގްލަދޭޝް ފުލުހުން ބުނީ ތަޙުޤީޤުތަކުން ވެސް ދައްކަނީ އޭނާ އަމިއްލައަށް މަރުވި ކަމަށޭ." ރައުދާގެ ބައްޕަ ކިޔައިދިނެވެ.

މީގެ އިތުރުން، ރައުދާ މަރާލި ރޭގެ ދަންވަރު 2:08 ގައި އޭނާ މަރާލާނެ ކަމުގެ ނުސީދާ އިންޒާރާއި އެކު އޭނާގެ ފޯނަށް ޓުވީޓެއް ލިބިފައިވާ ކަމަށާއި، ބަންގުލަދޭޝްގައި ހިންގި ތަޙުޤީޤުގެ އަލީގައި އެ ޓުވީޓަކީ ރާއްޖެއިން ކޮށްފައިވާ ޓުވީޓެއްކަން އެނގިފައިވާކަމުގެ މަޢުލޫމާތު ސީއައިޑީގެ ފަރާތުން ލިބުނު ކަމަށްވެސް ރައުދާގެ ބައްޕަ ވަނީ ބުނެފައެވެ.

"ސީއައިޑީ އާއި އެ މައްސަލަ ހަވާލުވެ ކުރިއަށްދާން ފެށިތާ ދެ ދުވަސް ފަހުން ގުޅާފަ ބުނީ ރައުދާގެ މަރާ ގުޅޭގޮތުން އެބަ އޮތޭ ޓުވީޓް މެސެޖެއް ކޮށްފަ. އެ މެސެޖަށް ވެސް އޭނަ ރިޕްލައި ކޮށްފައި އޮތް ވާހަކަ. އެކަމަކު މެސެޖް ކޮށްފައި އެ އޮންނަނީ އެދުވަހު ހަވީރު 4:08 ގަ. ދެން ކިހިނެއްހޭ އެ މެސެޖަށް ރިޕްލައި ކުރަނީ. އެހެންވީމަ އަޅުގަނޑުމެން ބުނީ ތީ ވާނެ ކަމެއް ނޫނޭ. ދެން ކޮމްޕިއުޓަރުން އެ ޓުވީޓުގެ އަސްލު އޮރިޖިލަން ފެނޭތޯ އަޅުގަނޑުމެން މި ބެލީ. ބެލިއިރު އޭގެ އަސްލު މެސެޖް އަޅުގަނޑުމެންނަށް ފެނުނު، އެ މެސެޖު ކޮށްފައި އިންނަނީ އެރޭ، ރައުދާ މަރާލި ދުވަހުގެ ރޭ 2:04 ގައި. އެހެންވީމަ އެމީހުން އެ ވަނީ މެސެޖްގެ ގަޑި އޮޅުވާލައިފަ. ދެން އަޅުގަނޑުމެން ޕޮލިހުންނަށް ހުށަހެޅިން މި މެސެޖް އޮޅުވާލައިފަ އޮތް ކަމަށް. އެ މެސެޖުގަ ބުނެފަ އޮންނަނީ އިންޑައިރެކްޓްކޮށް، ރައުދާ މަރާލާނެ ވާހަކަ. ދެން އަޅުގަނޑުމެން ބެލި އިރު ފާހަގަވި އެއީ ދިވެއްސެއް ކޮށްފައި އޮތް މެސެޖެއްކަން. އެހެންވީމަ އަޅުގަނޑުމެންނަށް އެނގުނު ދިވެހިންގެ ތެރޭގައި ވެސް މި މައްސަލައާއި ގުޅުން ހުރި ބަޔަކު އުޅޭކަން." ރައުދާގެ ބައްޕަ ކިޔައިދިނެވެ.

ރައުދާ މަރާލުމުގެ ކުރިން އޭނާ މަރާލަން އުޅޭކަން ދިވެހިރާއްޖޭގައި ތިބި ބަޔަކަށް އެނގިފައިވާ ކަމަށާއި، އެކަން ތަޙުޤީޤުކޮށް ބެލުމަށް، ބަންގުލަދޭޝްގެ ސީއައިޑީގެ ޓީމެއް ރާއްޖެ އަންނަން ވެސް ނިންމިކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ. ނަމަވެސް ރާއްޖޭގެ ފުލުހުންގެ ފަރާތުން އެކަމަށް އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށާއި، އެންމެފަހުން އެ މައްސަލަ ބަލާ އިންވެސްޓިގޭޝަން ޓީމް ބަދަލުވެފައިވާން އަންގާފައިވާ ކަމަށް ވެސް އޭނާގެ ބައްޕަ، މުޙައްމަދު އާޠިފް ބުންޏެވެ.

ބަންގުލަދޭޝަށް ދިޔަ ދިވެހި 2 ފުލުހުން ވެސް މަސައްކަތް ކުރީ އެ މައްސަލަ އޮއްބައިލަން!

މި މައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ދެ ފުލުހަކު ވެސް ވަނީ 2017 އެޕްރީލް މަހުގެ 6 ވަނަ ދުވަހު އެ ޤައުމަށް ގޮސްފައެވެ. މި ދެ މީހުންނަނީ ކްރައިމް އިންވެސްޓިގޭޝަންގައި ވަރަށް އިސްކޮށް މަސައްކަތް ކުރާ ދެ މީހުންކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

"ދިވެހިރާއްޖެއިން ވެސް 2 ފުލުހުން ދިޔަ. ގޮސްފަ އަޅުގަނޑުމެންނާއި ބައްދަލުކޮށްފަ ބުނީ ރައުދާގެ މަރުގެ ތަޙުޤީޤުގައި ސީދާ ގޮތުން ބައިވެރި ނުވެވުނަސް މައްސަލަ ދާގޮތް ބެލޭނެކަމަށް. ދެން މަރާލާފަ އޮތް ނިޝާންތައް ފެންނަ ހުރި ކަމަށް ބުނިން. އަދި ރަނގަޅަށް އެކަން ތަޙުޤީޤު ކޮށްދިނުމަށް ވެސް އަޅުގަނޑު އާދޭހާ އެކު އެދުނިން. ދެން އޭގެ ދެ ދުވަސް ފަހުން ދިވެހި ފުލުހުން އައިއްސަ ބުނީ، ތިމަންނަމެންނަށް ޤަބޫލެއްނުކުރެވޭ އޭނަ މަރާލާފައި އޮތް ކަމަކަށް. ބެލެވެނީ އޭނަ އަމިއްލައަށް މަރުވީ ކަމަށޭ. އަޅުގަނޑަކަށް ނޭނގޭ ކޮންކޮން ކަންތައްތަކަކަށް ބަލާފަ ކަމެއް އެހެން އެ ބުނީ. ދެން އަޅުގަނޑު ސުވާލު ކުރިން ކީއްވެގެންހޭ ރައުދާ އަމިއްލައަށް މަރުވިކަމަށް ތި ނިންމަނީ. ދެން އެމީހުން ބުނީ ރައުދާ ހުރި ހޮސްޓެލްއަށް ދިޔަ ވާހަކަ. ދެން އެތާނގަ ތިބި ދިވެހި އިތުރު ތިން ކުދިންނާއި ބައްދަލުކުރި ވާހަކަ ވެސް ބުނި. ދެން އެކުދިން ބުންޏޭ ރައުދާއާއި ރައުދާގެ ބޯއީ ފްރެންޑާ މައްސަލަ ޖެހިގެން، ރައުދާ މަރުވުމުގެ ދެ ދުވަސް ކުރިން އުޅުން ވާހަކަ. އެމީހުންނާއި އެވާހަކަތައް ހިއްސާކޮށްފަ އޮތް ވާހަކަ ބުނީ. ދެން އެކަމާއި ރައުދާ ދެރަވެގެން އަމިއްލައަށް ދަން ޖެހިގެން މަރުވި ވާހަކަ ދިވެހި ފުލުހުން ބުނީ. ދެން އަޅުގަނޑު ސުވާލުކުރިން ތިޔައީ މި މައްސަލަ އިންވެސްޓިގޭޓް ކުރަން އައި ފުލުހުންތޯ. އަޅުގަނޑު ބުނިން މި އޮތީ ފެންނަންނޫންހޭ ރައުދާ މަރާލާފަ އޮތް ކަމަށް ސާބިތުވާވަރުގެ ހެއްކާ އެކު. އަޅުގަނޑު ސުވާލުކުރިން ތިއައީ މި މައްސަލަ އޮއްބާލަންތޯ ނޫނީ އިޚްލާޞްތެރިކަމާއި އެކު މިކަން ތަޙުޤީޤު ކުރަންތޯ." ރައުދާގެ ބައްޕަ ކިޔައިދިނެވެ.

މި މައްސަލައިގައި ބަންގުލަދޭޝްއަށް ދިޔަ ދިވެހި ދެ ފުލުހުން، އޭނާ މަރުވީ އަމިއްލައަށް ކަމަށް ބުނާއިރު، އެމީހުންނަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓު ވެސް ފެނިފައި ނުވާކަމަށާއި، އެކަމާއި ގުޅޭގޮތުން ސުވާލުކުރަންޖެހޭ މީހުންނާއި ސުވާލު ވެސް ކޮށްފައި ނުވާކަމަށް އާޠިފް ބުންޏެވެ. އަދި އެކި ފަހަރު މަތިން އެތައް ވާހަކަތަކެއް އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި، އެކަން އެ ގޮތަށް ކޮށްފައިވަނީ ކަޅު ފައިސާގައި ޖެހިގެން ކަން އެނގޭ މިންވަރުގެ ހެކި އޭނާއަށް ލިބިފައިވާކަމަށް ވެސް އާޠިފް ބުންޏެވެ.

"އަޅުގަނޑުމެން ނިދާފަ ތިއްބަ އެއްރޭ ގާތްގަނޑަކަށް 12 ޖަހަނިކޮށް، ދިވެހި ދެ ފުލުހުން އަޅުގަނޑުމެން ތިބި ހޮޓަލަށް އައި. އައިސް ބުނީ ރައުދާގެ އައިފޯން ހުޅުވުން ވާހަކަ. ދެން އޭނަގެ ފޯނުން މި ދައްކަނީ ރައުދާގެ ފޯނުގެ ސްކްރީން ކެޕްޗަރ ތަކެއް. ދެން އަޅުގަނޑު ބުނިން ކީއްވެހޭ އަޅުގަނޑަށް ފޯނު ނުދެއްކީ. އަޅުގަނޑު ސުވާލުކުރިން ކިހިނެއްހޭ ލޮކް ވެފަ އޮތް ފޯނެއް ހުޅުވީ. ދެން ދިވެހި ފުލުހުން ބުނީ އެކި ނަމްބަރު ނަމްބަރ ޖަހައިގެން ފޯނު ހުޅުވީ ކަމަށް. އެކަމަކު ސީއައިޑީން ބުނި ރައުދާގެ ފޯނު ނުހުޅުވޭނެކަމަށް. އެހެން ވީމަ އޭގެ މާނައަކީ ރައުދާ މަރާލުމުގެ ކުރިން ކޮންމެ ވެސް ބަޔަކަށް ޕާސްވޯޑް ލިބިފައި އޮތް ކަން. އަދި ދިވެހި ފުލުހުން އެރޭ އައި އިރު ގެނައި ރަބަރު ޕެކެޓެއްގަ ބަންދު ކޮށްފައި އޮތް އެއްޗެއް ވެސް. އޭގަ އޮތީ ރައުދާ ލައިގެން ހުރި ޖެކެޓަކާ، ދެން ރައުދާ ދަންޖެހެން ބޭނުންކުރި ކަމަށް ބުނާ ސްކާފް. އަޅުގަނޑު ބުނިން ކީއްކުރަންހޭ ތި ހިފައިގެން މި ތަނަށް ތި އައީ. އަޅުގަނޑު ބުނިން، ތީގަ ޖެހޭނޭ މެތަލޮޖީ ޓެސްޓް ހަދަން. ބުނީ މަ ބުނީ އަޅުގަނޑުމެން މި އުޅެނީ އާތިފަށް ދައްކަން ވެގެންނޭ، އޭނަ މަރުވީ އަމިއްލައަށް ކަން. ދެން އެރޭ ދަންވަރު އެމީހުން އެ ހިފައިގެން އައީމަ އަޅުގަނޑަށް އެނގިއްޖެ ދިވެހި ފުލުހުންވެ ވިސްނުން އެ މައްސަލައިގަ ގެންގުޅޭ ގޮތް. އޭރު އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފަ އޮތީ އެ ކޮލެޖާއި ދިވެހި ފުލުުހުންނާއި ޑީލަކަށް ގޮސްގެން އެކަން ހިންދާލަން އުޅޭ ވާހަކަ. އަދި ރައުދާގެ ޕޯސްޓް މޯޓަމް ހެދި ސަރުކާރުގެ ކޮލެޖްގެ ޑޮކްޓަރަށް އެއްލައްކަ ޑާކާ ދިން ކަމަށް ވެސް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބުނު." އާޠިފް ކިޔައިދިނެވެ.

ކޯޓަށް ހުށަހެޅި ރައުދާގެ މަަރުގެ މައްސަލަ ބެލުމަށްފަހު، އަލުން އެ މައްސަލަ ފެށިގެން ތަޙުޤީޤު ކުރުމަށް ކޯޓުން އަމުރު ވެސް ކުރިއެެވެ. އަދި ވަޅުލާފައިއޮތް ރައުދާގެ ހަށިގަނޑު ދެވަނަ ފަހަރަށް ނަގައި، ދެވަނަ ޕޯސްޓު މޯޓަމެއް ހެދިކަމަށް ވެސް ރައުދާގެ ބައްޕަ ބުންޏެވެ.

ރައުދާ މަރާލީ ކީއްވެ؟

ރައުދާ މަރާލާފައިވަނީ ކޮން ސަބަބަކާ ހުރެތޯ، މި ސުވާލަކީ ރައުދާގެ ބައްޕަގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު އެއް ސުވާލެވެ. 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ފުރަތަމަ ދުވަހުގެ ރޭގެ މެންމަދުގެ ވަގުތެއްގައި ވަރަށް އަނިޔާވެރިގޮތަކަށް މަރާލި އަފްރާޝިމް އަލީގެ މަރުގެ މައްސަލައާއި، 2017 ވަނަ އަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހު ބަންގުލަދޭޝްގެ ރާޖްޝާހީގައި މަރާލި، ރައުދާ އާތިފްގެ މަރާއި ވަރަށް ބޮޑެތި ގުޅުންތަކެއް ހުރިކަމަށް އޭނާގެ ބައްޕަ، މުޙައްމަދު އާތިފް ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅޭގޮތުން "ވަގުތު" އާއި ހިއްސާކޮށްފައިވާ ގިނަ ވާހަތަކެއްގެ ތެރެއިން އެ ވާހަކަ ވެސް އާތިފް ވަނީ ތިލަ ކޮށްފައެވެ. ހަމަ އެހެންމެ، ރައުދާ މަރާލުމުގެ އެއް ހަފްތާ ފަހުން، އިންޑިޔާގެ ޕަންޖާބު ޔުނިވާރސީޓީގައި ކިޔަވަން ހުރި ދިވެހި އެހެން ޒުވާނެއް ވެސް ވަނީ މަރާލާފައިކަމަށާއި، އެ މަރަކީ ވެސް ރައުދާގެ މަރާ ވަރަށް އެއްގޮތް މަރެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"ރައުދާގެ ސުކޫލު ނިންމާފަ އޭނާ ފުރަތަމަ މަސައްކަތް ކުރީ ސެނަހިޔާގަ. ހަތްމަސް ވަންދެން މަސައްކަތް ކޮށްފަ ދެން އޭނަ ހިތްހަމަނުޖެހިގެން އެތަނަށް ނުދާންވެގެން އެ ވާހަކަ ދެއްކީ. ބުނީ ބައްޕާއޭ ތިމަންނަ އެތަނަށް ދާ ހިތެއް ނުވޭ. ބުނީމަ އަޅުގަނޑު އެހިން ކީއްވެގެންތޯ އެތަނަށް ދާ ހިތް ނުވަނީ. ބުނީމަ ބުނީ ތިމަންނައަށް އެނގެޔޭ އަފްރާޝިމްގެ މަރުގެ ވަރަށް ގިނަ ކަންތައްތައް. ތިމަންނަ ބިރުގަނޭ. އަޅުގަނޑު އެހިން ކިޔައިދޭށޭ. ބުނީމަ ވެސް ބުނީ ނޫނެކޭ އިޓްސް ޑޭންޖަރަސް ފޯ ލައިފް އޭ. ދެން އަޅުގަނޑުމެން އޭނަ ބަދަލުކުރީ އައިޖީއެމްއެޗަށް. ތަކުރާރުކޮށް އޭނަ އާއި ސުވާލުކުރިން ކިޔައިދޭށޭ. ނަމަވެސް އޭނަ އަޅުގަނޑުމެންނަށް އެއިން އެއްވެސް ވާހަކަ އެއް ކިޔައެއް ނުދޭ. ނަމަވެސް އެހެން މީހަކާ އެވާހަކަތައް ހިއްސާކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ބުނާކަށް ނޭނގެ. ދެން އަޅުގަނޑު އޮންނާނެ މި އަލަށް އުފެއްދި ކޮމިޝަނާ ވެސް އެ ވާހަކަތައް ޙިއްސާ ކޮށްފަ. އަދި ރައުދާ މަރާލިތާ ހަފްތާއެއް ފަހުން ދިވެހި އެހެން ކުއްޖެއް ވެސް ހަމަ ދަންޖައްސާފަ މަރާލީ. އެހެން ވީމަ މި ދަންޖައްސާފައި ހުރި ސްޓައިލަށް ބަލާއިރު، ހަމަ އެއްގޮތަކަށް އެއްބަޔަކު އެކަން ކޮށްފައި މި އޮތީ." ރައުދާގެ ބައްޕަ ކިޔައިދިނެވެ.

ކަންމިހެން ހުރިއިރު، ރައުދާގެ މަރުގެ ހާދިސާއަށް ދެ އަހަރު ވެފައިވާއިރު، އޭނާގެ މަރުގެ ހަޤީޤަތް ހޯދުމަށްޓަކައި އޭނާގެ ބައްޕަ ވަނީ އެތައް މަސައްކަތް ތަކެއް ކޮށްފައެވެ. އެގޮތުން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު އެކުލަވާލައްވާފައިވާ، މަރުތަކުގެ ހަޤީޤަތް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ވެސް މިހާރު ވަނީ އެ މަޢުލޫމާތު ޙިއްސާކޮށްފައި ކަމަށް އޭނާގެ ބައްޕަ ބުންޏެވެ. އަދި ރައުދާ މަރާލި ރޭ ކޮށްފައިވާ ޓުވީޓު ކޮށްފައިވަނީ ކާކުކަން ހޯދިއްޖެކަމަށާއި، އަދި އެ ކޮމިޝަންގެ ފަރާތުން އެމީހަކާއި ސުވާލުކޮށްފައިވާ ކަމުގެ މަޢުލޫމާތު ވެސް ލިބިފައިވާކަމަށް އޭނާ ވަނީ ބުނެފައިވެއެވެ. ހަމައެހެންމެ، މަރުތަކާއި ބެހޭ ކޮމިޝަނުން ކުރަމުން އައި ރައުދާގެ މަރުގެ ތަޙުޤީޤު މިހާރު ނިމިފައިވާ ކަމަށާއި، ނަމަވެސް ބަންގުލަދޭޝްގައި ތިބި މިކަމާއި ގުޅޭގޮތުން ސުވާލުކުރަންޖެހޭ މީހުންނާއި ސުވާލުނުކޮށް މިކަން ރަނގަޅު ގޮތުގައި ތަޙުޤީޤު ކުރެވިދާނެކަމަށް ޤަބޫލުނުކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް އަދިވެސް އެ އާއިލާއިން ތިބީ، ރައުދާގެ މަރަށް އިންސާފު ލިބި، އެކަމުގެ އަޑީގައި ތިބި ބަޔަކަށް ހައްޤު އަދަބުު ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހަސަނު

    ރައުދާ ބައްޕަ އަކީ ދޮގުހަދާ ހީލަތްތެރި މީހެއް... ރައުދާގެ ނަން ބޭނުންކޮށްގެން ފައިދާ ތަކެއް ނަގަން އުޅެނީ.. ރައުދާ ތުއްތު އިރުއްސުރެ ބަލާބޮޑު ކުރީ ރައުދާގެ މަންމަ އެކަނިމާއެކަނި... ރައުދާގެ ބައްޕަގެ ދެންތިބި ދެކުދިންނަށްވެސް އެއްވެސް ވަރަކަށް އަޅާނުލާ.....

    76
    29
    • އަލީ

      މިތަނުގަ މިއުޅެނީ ރައުދާގެ މަރާލިބަޔަކު ހޯދަން.އެކަމަކު ހަސަނު ކަމާނުގުޅޭ ޒާތީކޮމެންޓުތިކުރަނީ އާތިފް ކިހާވަރަކަށް ދަނެންތަ.ބަންގާޅުން ޔަތީމު 2 ކުދިން އެޑޮޕްޓުކުރިމީހަކު އަމިއްލަދަރިންނަށް އަޅާނުލާހުންނާނެތަ.އާތިފްއަކީ ވަރަށްރަނގަޅު ބައްޕައެއް.ދޮގުވާހަކަ މިކަހަލަ ޕަބްލިކް ފޯރަމްތަކުގަ ނުދައްކާ.ތިބާއަށް އެގޭނީ ތިބާގެ ދަރިޔަކު މަރާލިނަމަ ބައްޕައެއްގެ ހިތުގައަޅާވޭވާ ހިތާމަ .

      26
      9
  2. މަހަާރަތު

    ތިީހުސްފެޭކު

    39
    14
  3. ލިލިއަން ♥️

    ތިކަަމަށް އިންސާފު ހޯދަން ދާނީ ކޮންތާކަށްތަ؟

    53
    9
  4. ޥަގުފޮ

    ތީ ބޯހަމަޖެހޭ މީހެއްނޫން!

    48
    13
  5. ޕޮފުބާ

    ވީގޮތެއް ނުވެސް އެނގެ

    38
    3
  6. ޢަކަސަކަ

    ތީ ހަމަ ގޭމެއް

    41
    4
  7. ދެޔޯ

    ތިޔަ މީހަކު ތިޔަ ދައްކާ ވާހަކައިގަ ދެކޮޅުޖެހޭ ކަންކަމަށްވުރެ ގިނައީ ދެކޮޅުނުޖެހޭ ކަންކަން. ހެއްކާއި ގަރީނާނެތި މިފަދަ ވާހަކަ ދައްކަންވާނެތޯ.

    50
    10
  8. ޢަފީ

    ޥަގުތުން މިރިޕޯޓް ގެނެސްދިން އިރު ރައުދާގެ މަންމަގެ ބަހެއްވެސް ގެނެސް ދިންނަމަ ސަޅިވީސް.ރައުދާގެ ބައެއްގެ އަމިއްލަ ވިސްނުމަށް ގިނަ ވާހަކަތައް ކިޔާދީފަ ހުރިކން ވަރަށް ބޮޑަށް ފާހަގަ ވުރެވޭ.ރައުދާއަކީ ހަބަރު ތަކުން އެނގުނު ގޮތުގައި މަންމަޔއްގެ މަސައްކަތުންކިޔަވާދީ ބަލާ ބޮޑުކުރާ ދަރިއެއް. މަންމަގެ ބަހެއް އެނގެންބޭނުން.

    98
    6
  9. ސާރީ

    ދިވެހި ފުލުހުން ނިއުސް ކޮންފަރެންސްގަ ބުނީ ރައުދާގެ އައިފޯނު ހުޅުވުނީ އޭނަޔާ އެއްކޮށް އުޅޭ ދިވެހި ކުއްޖަކުބުނި ޕިން އެއް ޖަހައިގެންނޭ.ކޮންމެވެސް ކަމަކު ރައުދާ އެކުއްޖާ އަތަށް ފޯނު ދީގެންއުޅެނިކޮށް ފޯން ލޮކްވެގެން ރައުދާ އެކުއްޖާޔަށް ފޯން ލޮކް ކިޔާދިނޭ ކުރީގަ...ރައުދާ ބައްޕަ ގޭމް ޖައްސަވަނީ އުތަ

    58
    9
  10. ފުރިހަމަ

    އިސްވެސްޓިގޭޓިވް ޖާރނަލިޒަމްގެ ނަމޫނާ ލިޔުމެއް މީ. ވަގުތު ބޮއިކޮޓް ކުރަން ގޮވާއިރު މިފަދަ ކޮންމެ މައްސަލައަކާއި ގުޅިގެން އެންމެ ތަފްސީލީ މައުލޫމާތު ގެންނަ ބަޔަކީ ވަގުތު.

    ޝުކުރިއްޔާ ވަގުތުގެ ޒުވާން ޓީމް ???

    110
    42
  11. ާޮލައްލު

    މަހުޝަރުގެ މައިދާނުގަ ނަޫނީ ތިކަމަށް އިންސާފުލިބިދާނެތަ ވަﷲ އަައުލަމް . ގިޔާމަތްދުވަސް ވާކަމަށް ބިރު ނުގަންނަ މީހުން ކުރާނެ ކޮންމެފަދަކަމެއްވެސް

    94
    2
  12. ނާނާ

    ބާތު މާކު އިންނާނެއްނު އެންމެންގެ ގައިގަވެސް؟؟؟؟؟؟؟؟

    34
    13
    • މަލާ

      ނާނާ ބުނާކަށް ބާރތުމާކެއް ވިއްޔާއެ އިންނާނެ ދޯ އެބުނާހެން ވިހެއީއްސުރެން...

      16
      3
  13. އިންސާފު

    އެކަމަށް އިންސާފު ހޯދަން ދާނީ މަހުޝަރު ބިމަށް

    49
    2
  14. މުންޒާ

    ހަސަން މިރަމަޒާންމަހު ރޯދައަށްހުރެ ޕަބްލިކްފޯރަމްތަކުގަ ރައުދާގެބައްޕަ ޑރ.ޢާތިފް އާބެހޭގޮތުންނޭންގޭވާހަކަތައް ކޮމެންޓްނުކުރޭ.ރައުދާ އުމުރުން 3 މަހުންސުރެ ރައުދާ ދިރިއުޅުނީ އޭނާގެ ބައްޕައާއެކު އިންޑިޢާގެ ބޯޕާލްގަ.އެތަނުގަ އޭނާ ތައުލީމުހާސިލްކުރީ ގްރޭޑް 8 ކާހަމައަށް ބޯޕާލްގެ ޓޮޕް އިންޓަނޭޝަނަލް ޕަބްލިކް ސުކޫލްގަ.ޢެނާގެ ކޮއްކޮވެސް ކިޔެވީ އެސުކޫލްގަ 4 ކާހަމައަށް.ރައުދާވިހެއީވެސް އޭނާމަންމަގާތު އާތިފް ހުރެ.އެއަށްފަހު 2 މައިންގޮވައިގެން ރައުދާއުމުރުން 13 އަހަރު ވަންދެން ރައުދާގެ 2 ކޮއްކޮ އާއެކު އުޅުނީ އޭނާގެ ބައްޕައާއެކު ބޯޕާލްގެ ލަގްޝަރީ ކޮލޮނީ ކޮހީފިޒާގަ.އަދިއެނާގެ މަންމަ 3 އަހަރުދުވަހުގެ ޑިޕްލޮމާވެސް ހެދީބޯޕާލްގަ ޑރ.ޢާތިފް އާއެކުދިރިއުޅެމުން..އާތިފްގެ އާއިލާ މާލެ ބަދަލުވިއިރު 3 ދަރިން ތިބި.އޭރު ރައުދާގެ އުމުރަކީ 13 އަހަރު އަދި އެންމެ ހަގުދަރީގެ އުމުރަކީ 4 އަހަރު.އެނާއުފަންވީވެސް ބޯޕާލްގަ.މާލެ ބަދަލުވެ ރައުދާ އޯލެވެލް ނިމުމާހަމައަށްވެސް އުޅުނީ އޭނާގެ ބައްޕައާއެކު.އޭނާމަންމަ އާތިފް ގާތުން ވަރިވީ އަމިއްލައަށް ކޯޓަށްގޮސްގެން.ކޯޓަށް ދަރިންގެ ހަރަދު ޖަމާކުރޭ.އަދި ކޯޓަށް ދައްކާ ހަރަދުގެ އިތުރުން ދަރިންގެ ކޮލެޖު ހަރަދުވެސްދޭ.ޑރ.އާތިފް އަކީ އަހަރެން ދަންނަ މީހެއް.ދަރިންނަށް ގުރުބާންވި ދަރިން ދެކެ އިންތިހާއަށް ލޯބިވާ ދަރިން ބަލާބޮޑުކުރި ބައްޕަ އެއް.ކިތަންމެ ނުރއްކަލަކާ ކުރިމަތިލާ ރައުދާގެ މަރުގެ ހަގީގަތް ހޯދަން ފުރާނަ ބޮލުއަޅައިގެން ނުކުތް ބައަޕައެއް.ހަސަން އަށް ނޭންގޭ ތިފަދަ ދޮގުވާހަކަ ފަތުރާއިރު ހީވަނީ އާތިފް އާ ޒާތީކަމެއް އޮތް މީހެއްހެން

    69
    6
  15. ހ.ދޫވިހަ

    ތިހުރިހާ ކަމެއްގެ މުގޫ އެބައުޅޫ ހެންވޭރުގަ ހަދާ ގެއެއްގަ

    14
    17
    • Anonymous

      ކަލޭ ރޯދަމަހު އެހެން މީހުންގެ ބޮލުގަ ދޮގު އިލްޒާމް އެޅުވޭތޯ ހާދަ އެބަ ބަލައޭ. ކަލެޔާ މިކޮމެންޓަށް ލައިކް ކުރި ގޮލަޔާ ގިޔާމަތް ދުވަހު މަހުޝަރުގެ ބިމުގަ އަހަރެމެންގެ ވެރި ރަސްކަލާނގެ ކުރިމަތީ ކަލޭމެން ދެމީހުން ޖަވާބުދާރީ ކުރުވާނަން އިންޝާ ﷲ. ތައްޔާރަށް ތިބޭތި.

      13
      5
  16. Anonymous

    ޓުވީޓެއްގަ ބުނާއެއްޗެއް އެއިންގޮތަށް ބުނަންވާނީ ތިމާއަށް ފަހުމްވި ގޮތް ބުނާނީ އެއަށް ފަހު.

    16
    3
  17. ރާއްޖެ

    ބަންގާޅު ހާ ކޮރަޕްޓް ގައުމެއް މި ދުނިޔޭގަ މަދުވާނެ. ޢެތަނުގެ ފުލުހުން ޑޮކްޓަރުން ހަދާ ރިޕޯޓްގަ އޮވެދާނެ ކޮންމެ އެއްޗެއްވެސް.

    20
  18. ޏާނަ

    ޑރ ޢަފުރާޝިމްގެ މަރުގެ ޙާދިސާއާއި ގުޅޭ މައުލޫމާތު ރައުދާއަށް އެގިފަ ވާކަން އެއިރު ޢާތިފުއަށް އަންގަންޖެހޭ ފަރާތްތަކަށް ނޭންގުނީ ކީއްވެ؟ މިވެސް އުފެދޭ ސުވާލެއް. ތިދެން މިހާރު ދައްކާކަށް މާމުހިންމު ވާހަކައެއް ނޫން. ޢެކަމުގަ ޝާމިލުވެވުމާ އެއްފަދައެއް ނޫންތަ؟

    6
    1
  19. ޙ

    މިހާރު ހަމަ ޔަގީނުންވެސް ތިޔައީ އަޑިއަޑިން ހިންގި ޑީލެއްކަން ޔަގީންވޭ!! މަށަށް ހީވަނީ ތިޔަ "ބޯއީ ފްރެންޑް"އަކީ މާކުރިން ރޭވިގެން ރައުދާގެ ދުވަސް ދުއްވާލުމަށް ދިޔަ "ޖާސޫސެއް"ހެންނެވެ! މިކަން އިތުރަށް އަލިވެ އަނދިރި ފިލާނީ ބަންގާޅަށް ދިޔަ ދިވެހި 2 ފުލުހުންގެ އަނގަ ރަނގަޅަށް ހުޅުވުވުމުންނެވެ.