"ބައްޕަދޭ ހެޔޮ ހާ ނަޞޭޙަތް އަޑުއަހާށޭ ދަރިފުޅާ
ބައްޕަ ދުނިޔޭން ވަކިވެ ދިޔައަސް ބަސްއަހާށޭ ދަރިފުޅާ
ބައްޕައާ މަންމަގެ މިއާދޭސް އަޑުއަހާށޭ ދަރިފުޅާ"

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅުގެ ހަބަރު ލިބުނު ދުވަހު މިމަންމަގެ ހިތް އުފަލުން ފުރުނެވެ. އެތައް އުފަލެއް އެއްފަހަރާ ލިބުނު ފަދައެވެ. އެތައް ދުވަހެއްގެ އިންތިޒާރެއް ދަރިފުޅައްޓަކައި ކުރީމެވެ. އެތައް ވޭނަކާއި އެތައް މަސައްކަތެއް ކުރީމެވެ. އެތައް ފަރުވާ އަކަށް ފަހު މިދުވަސް އައުމުން ޤަބޫލުކުރަން ވެސް ދަތިވިއެވެ. ތި ދެއަތުގައި ހިފާލުމައް އެތައް ހުވަފެންތަކެއް ދުށީމެވެ. ތި މައުސޫމު މޫނުގައި ބޮސްދިނުމަށެވެ. އުމުރު ދުވަހައް ލޯބިދިނުމަށެވެ. ބަނޑުގައި ދަރިފުޅު އޮތްކަަން އެނގުނު ދުވަހުން ފެށިގެން އެ އުފާވެރި ހަބަރު އެންމެނާ ހިއްސާކުރީމެވެ.

އިންތިޒާރުގެ ދުވަސްތައް ގުނަ ގުނާ ހުއްޓާއި ދަރިފުޅުގެ ހިތު ވިންދުގެ އަޑު އިވުން ދުވަސްއައެވެ. މަންމައައް އުފަލުން ރޮވުނެވެ. ސިއްރެއް ބުނަން ހެއްޔެވެ. ބައްޕަވެސް އެ ދުވަހު ރުޔެވެ. ނަމަވެސް ބައްޕަ އެކަމަށް އެއްބަސް ނުވާނެކަން ޔަގީނެވެ. އެ ދުވަހުން ފެށިގެން ދަރިފުޅައް ބޭނުންވާނެ ފަދަ ހުރިހާ އެއްޗެއް ހޯދީމެވެ. އަންނައުނާއި ކުޅޭއެއްޗިއްސެވެ. ދަރިފުޅައް ކޮޓަރިއެއް ތަޔާރުކޮށް ހެދީމެވެ. ކިޔާނެ ރީތި ނަމަކުން ކޮޓަރީގެ ފާރުގައި ކުރަހައި ނަލަ ކުރީމެވެ. މަދުވާނެ އެއްވެސް އެއްޗެއް ނުވާނެކަން ޔަގީނެވެ.

ދަރިފުޅަށް އެނގޭހެއްޔެވެ. މި ބައްޕަވެސް ތިޔަ ދަރިފުޅަށްޓަކައި ހަމަ ތިޔަފަދައިން މަސައްކަތްކުރީމެވެ. އެތައް ބުރައެއް އުފުލީމެވެ. އުމުރުގެ ބޮޑުބައި ޤުރުބާންކުރީމެވެ. ދަރިފުޅުގެ ޙަޔާތް އުފާވެރިކުރުމަށްޓަކައެވެ. ބޭނުންވީ ކޮންމެ އެއްޗެއް ހޯދަދިނުމަށް ބައްޕަގެ ޙާލަތު ނިޔާކުރި މިންވަރަކުން މަސައްކަތްކުރީމެވެ. އޭރުގެ ޙާލަތުން ރަނގަޅު ތަޢުލީމެއްދީ، ޚަރުދަނާ މީހަކަށް ހެދީމެވެ. ތަޢުލީމީ މީހުންގެ ކައިރިއަށް ފޮނުވައިގެން މޮޅުމީހަކަށް ހެދުމަށް މަސައްކަތްކުރީމެވެ. ދިރިއުޅުމަށްޓަކައި ކުރި ހުރިހާ މަސައްކަތްތަކެއް ދަރިފުޅަށްޓަކައި ވެދުންކުރީމެވެ. މާމީރު ކެއުމެއް ކާން ނުދެވުނަސް އޭރުގެ ޙާލަތުން “މީރު” ކެއުންތައް ކާންދިނީމެވެ.

ދަރިފުޅާއެވެ! މިއަދު ގަދައަޅާ ތިޔަ މަސައްކަތްކުރަނީ ފައިސާ ހޯދާށެވެ. އަނބިދަރިންނަށް ކާންދީ އުފަލުގައި ގެންގުޅުމަށްޓަކައެވެ. ދަރިންނަށް ރަނގަޅު ތަޢުލީމެއްދީ އުފާވެރި މުސްތަޤުބަލެއް ހޯދައި ދިނުމަށްޓަކައެވެ. ތިޔައީ އެންމެ ހެޔޮ މަސައްކަތެވެ. އެންމެ މުހިންމު އެއް ވަޒީފާއެވެ. އެކަމަށްޓަކައި ބައްޕަ ފަޚުރުވެރިވެއެވެ.

ދަރިފުޅާއެވެ. ދަރިފުޅު ކުޑައިރު ވާހަކަ ކިޔައިދިނުމަށް ބައްޕަ ގާތު ވަރަށް ގިނައިން ބުނަމެން ނޫންހެއްޔެވެ. އޭރުވެސް ކިޔާދިން ވާހަކަތައް މިއަދުވެސް ބައްޕަ ހަނދާން އެބަހުއްޓެވެ. މިއަދުވެސް އެފަދަ ވާހަކައެއް ކިޔާދޭނަމެވެ. ޢަބްދުﷲ ބިން ޢަމްރު ބިން އަލްޢާޞް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. “އެއްދުވަހަކު މީހަކު ނަބިއްޔާ صلى الله عليه و سلم ގެ އަރިހަށް އައިސް ދެންނެވިއެވެ. ﷲގެ ޙަޟްރަތުން ޘަވާބާއި އަޖުރަށް އެދި، އެއިލާހުގެ މަގުގައި ޖިހާދުކުރުމަށާއި ހިޖުރަކުރުމަށް އަހުރެން ކަލޭގެފާނަށް ބައިއަތުހިފަމެވެ.” އެހިނދު ރަސޫލާ صلى الله عليه و سلم ޙަދީޘްކުރެއްވިއެވެ. “ތިބާގެ މަންމާއާއި ބައްޕައާއި ދެމީހުންކުރެ އެކަކުވެސް ދުނިޔޭގައި އެބަހުރިހެއްޔެވެ؟” އޭނާ ދެންނެވިއެވެ. ” އާދޭހެވެ. މަންމައާއި ބައްޕަވެސް ދުނިޔޭގައި އެބަތިއްބެވެ. އެހިނދު ރަސޫލާ صلى الله عليه و سلم ސުވާލުކުރެއްވިއެވެ. “ތިބާ ﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބު ބޭނުންހެއްޔެވެ؟” ދެން އޭނާ ‘އާދޭހެވެ.’ ދެންނެވުމުން، ރަސޫލާ صلى الله عليه و سلم ޙަދީޘްކުރެއްވިއެވެ. “ތިބާގެ މަންމައާއި ބައްޕަގެ އަރިހަށްގޮސް އެދެމީހުންނަށް ހެޔޮކޮށް ހިތާށެވެ.” އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. “އެދެމީހުންނަށް ހެޔޮކޮށް ހިތުމުގައި ޖިހާދުކުރާށެވެ.”

ދަރިފުޅާއެވެ! މިއީ ދުނިޔޭގެ ޙަޤީޤަތެވެ. ދުނިޔެ ދައްކާ ކުލަތަކެވެ. ދަރިފުޅާއެވެ! ދަރިފުޅުގެ ‘ބިޒީ’ ސެޑިއުލުން މަންމައާ ބައްޕައަށް ގުޅާލުމަށް ޖާގައެއް ހޯދާދޭށެވެ. ކާފަދަރިންނާ ވާހަކަދައްކާލަށް ފުރުޞަތެއްދޭށެވެ. އެވަރުންވެސް ބައްޕައަށް ފުދޭނެއެވެ. މިއަދު ދަރިފުޅުގެ އަތުގައި ތިވާފަދަ ޒަމާނީ ފޯނެއް އެދުވަހު ބައްޕަގެ އަތަކުނެތެވެ. އެހެންނަމަވެސް ދަރިފުޅުގެ ޙާލު ބެލުމުށްޓަކައި ކިޔުޖެހިގެން ފައިސާދީގެން ފޯނުކުރުމަށް ބައްޕައާ މަންމަ މަސައްކަތްކުރީމެވެ. ސިޓީލިޔެ ފޮނުވަމުން ދިޔައީމެވެ. ދަންނަ ކޮންމެ މީހަކު ރަށުން ފުރިނަމަވެސް ދަރިފުޅާ ބައްދަލުވޭތޯ ބަލައިދިބުމަށް އެދުނީމެވެ. ސަލާމް ރައްދުކޮށްދިނުމަށް އެދުނީމެވެ.
ދަރިފުޅާއެވެ. މިދުވަސް ދަރިފުޅަށްވެސް އަންނާނެއެވެ. ޙަޔާތަކީ މިފަދައެއްޗެވެ. އޭގެ ނާރެހުގައި އެބުރެމުންދާ ދިއުމާއެކު ދަރިފުޅަށްވެސް މި ދުވަސް ބައްދަލުކުރާނެއެވެ. އެދުވަހު މި އިޙްސާސްތައް ކުރެވޭނެއެވެ. އެދުވަހު ފަހަރުގައި ބައްޕަ ދުނިޔޭގައި ނުހުރެދާނެއެވެ. އެމަންޒަރު ނުފެނިދާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކުރީ ޒަމާނުގަ ހާދަ ހާލެއްގައޭ ދަރިން ގެންގުޅެނީ. ފަގީރުކަމުންނާ އެހެން ކަންކަމާހުރެ ޑިޕްރެސްވެ ދަރިންނަށް އަޑުލާ ހަދާ އަނިޔާކުރެވިފަ ތިބީ މެޖޯރިޓީ އާއިލާތަކުން. ކޮންމެ ކޮންމެ މައިންބަފައިންނަށް ތި ހުރިހާ ކަމެއް ނުކޮށްދެވިދާނެ. އެކަމަކު އެމީހުން ދަރިންދެކެވާ ލޯބި ކުޑައެއް ނުވާނެ. ދަރީން ގިނަވެގެން މައިމީހާއަށް ހުރިހާ މަސައްކަތެއް ނުވެވޭތީ އެމީހުންލައްވާ މަސައްކަޔް ކުރުވާ ހަދާފަ ހުއްޓަސް މޫދަށް ދާތީ ދަނޑިބުރިން ތެޅިއަސް މައިންބަފައިން ދަރީންދެކެ ވާލޯތްބެއް ދަރިންނަކަށް އިހުސާސެއް ނުވާނެ ދުނިޔެތެރެއަށް ނުކުމެވުނީމަ. ?

    59
    1