ދިރިއުޅުމަކީ އިމްތިޙާނެކެވެ. މާތްﷲ ދުނިޔެއަށް އިންސާނުން ފޮނުއްވަނީ އިމްތިޚާންކުރުމަށްޓަކައެވެ. އަދި މިދުނިޔޭގައި ދިރިއުޅުމުގެ ތެރެއިން ބައެއްފަހަރު ދިމާވާ ބިޔަ ކޮޅިގަނޑުން ސަލާމަތް ނުވެވި އެކޮޅިގަނޑުން ސަލާމަތްވާން ވަރަށް ގިނަ ދުވަސްތައް ހޭދަ ކުރަންޖެހޭއެވެ. މިގޮތުން އަދި އުފާވެރި ދުޅަހެޔޮ ދިރިއުޅުމެއްގެ އުއްމީދަކީ ކޮންމެ އިންސާނަކުވެސް އެދޭނެކަމެކެވެ. ކުރާނެ އުއްމީދެކެވެ. އެކަމަށްޓަކައި ކުރެވެންހުރި ހުރިހާކަމެއް ކޮންމެ މީހަކުވެސް ކުރާނެއެވެ. ސިއްޙަތު ގޯސް ވުމުގެ ކުރިންނާއި ގޯސްވުމުގެ ފަހުންވެސްމެވެ.

މާލެއަށް އުފަން އުމުރުން 30 އަހަރުގެ އަޙުމަދު ސުޖާއަކީވެސް ދިރިއުޅުމުގައި ގިނަކަންތައްތަކެއް ތަޙައްމަލް ކުރަމުންދާ ބަލިމީހެކެވެ. ކުޑައިރުންސުރެ ލޭގައި އިންފެކްޝަން އުފެދި ހަށިގަނޑުގައި އެކި ގުނަވަންތައް ދުޅަވެއެވެ. މިގޮތުން ގައިގައި ރިއްސާ ހަށިގަނޑުގައި ބިހިތައްނަގާތީ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރ ވިދާޅުވެފައިވަނީ އެއީ ހަށިގަނޑުގައި އުފެދޭ ޖަރާސީމެއްގެ ސަބަބުން ވާކަންތަކެއްކަމަށެވެ. އަދި މިގޮތަށް ދުވަސްތަކެއް ހޭދަކުރަމުން ގޮސް ވޭތުވެދިޔަ ފަސްވަރަކަށް މަސްތެރޭގައި ވަނީ އާދަޔާޚިލާފް ކަންތައްތަކެއް ފާހަގަ ކުރެވިފައެވެ.

"ވަގުތު" އާއި ޙިއްސާކުރަމުން ސުޖާއުގެ އަންހެނުން ބުނީ މިފަހަކަށް އައިސް އަޙުމަދު ސުޖާއުގެ ބަނޑުގައި ރިއްސާ ދެފައިތިލައާއި ދެއަތް އައްސިވެ ދުޅަވާކަމަށާއި އަދި ނޭވާލާން އުދަގޫވެ މޭގައިރިއްސާ އާދަޔާޙިލާފަށް ބޮލުގައި ރިއްސާ ލޯދުޅަވުމާ ހާސްވާކަން ފާހަގަ ކުރެވޭކަމަށެވެ. އޭނާގެ އަންހެނުން އަޙުމަދު ސުޖާއުގެ ބަލި ޙާލަތު ޙިއްސާކުރަމުން ބުނީ ބަނޑުގައި ރިއްސާ ބޯއަނބުރާ ނޭވާލާން އުދަގޫ ވާކަމަށާއި އަދި ޑޮކްޓަރ ދެއްކުމުން ޑޮކްޓަރ އޭރު ބުނަމުންދިޔައީ އެއީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ. އެހެންނަމަވެސް މި ދެމަސްތެރޭގައި މާބޮޑަށް އަޙުމަދު ސުޖާއު ބަލިވުމުން ޑޮކްޓަރަށް ދެއްކުމުން ޓެސްޓުތައްހެދިކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ޓެސްޓް ތަކުން، މިވަނީ ކިހިނެއް ކަމެއް އެގިފައެއް ނުވެއެވެ. އަދި އެދެވޭ ނަތީޖާއެއް ލބިފައެއް ނުވެއެވެ. ކޮންމެ ފަހަރަކުވެސް ޑޮކްޓަރަށް ދެއްކުމުން، ޑޮކްޓަރ ދެނީ ޕޭއިންކިލާ އިންޖެކްޝަންތަކާއި ބޭސްތައް ކަމަށް އޭނާ ބުންޏެވެ.

"ފަހަކަށް އައިސް މާގަދައަށް ބޮލުގައި ރިއްސާތީ އައިޖީއެމްއެޗުން ޓެސްޓްތައް ހަދާ، އެމް.އާރު.އައި އަދި ސީޓީ ސްކޭން ހެދިން. މައިބަދާގައި ފެންއުފެދި ބޮލާއި ސިކުޑީގައި ލޭގަނޑުވެފައި ކަންވެސް އެނގުނީ އޭގެ ފަހުން. އެހެން ނަމަވެސް އަތާ، ފައި އައްސިވެ ދުޅަވަނީ ކީއްވެކަމެއް އެނގިފައެއް ނުވޭ. މާރޗް މަހު އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލަށް ގޮސް ސުޖާއުގެ ބަނޑުގައި ރިއްސާ ނޭވާލާން އުދަގޫވެ ހާސްވާތީ ޑޮކްޓަރަށް ދެއްކިން. ނަމަވެސް މާލެއައިސް ދެދުވަސް ނުވަނީސް އަނެއްކާ ނޭވާލާން އުދަގޫވެ، ބޮލުގައި ރިއްސާ ހާސްވެ، ދެއަތާ ދެފައި އައްސިވެ މީހާ ދުޅަވާން ފެށީ. ކޮންމެ ދުވަހަކުވެސް ނޭވާލާން އުދަގޫވެ، ހާސްވެ ބޮލުގައި ރިއްސާތީ ދާންމިޖެހެނީ ހޮސްޕިޓަލަށް. ހޮސްޕިޓަލަށްގޮސް ޑޮކްޓަރަށް ދެއްކީމާ ޑޮކްޓަރުން މިދެނީ އެންޓިބައޮޓިކް ފަދަ ބޭސްތައް. މިހާރަކަށް އައިސް އެންޓި ބައޮޓިކް ބޭހަށް ފިރިމީހާ އާއި ނުވެސް ގުޅޭ. އަދި އަޅުގަނޑުގެ ފިރިމީހާ އަޙުމަދު ސުޖާއު ކޮންމެ ދުވަހަކު ނޭވާހާސްވެ ބޮލުގައި ރިއްސާ މެޔަށްވެސް ވަރަށް އުނދަގޫވޭ." އޭނާގެ އަންހެނުން ކިޔައިދިނެވެ.

"ވަގުތު" އާއި މައުލޫމާތު ޙިއްސާކުރަމުން ސުޖާއުގެ އަންހެނުން ބުނީ ކޮންމެދުވަހަކުވެސް ބޮލުގައި ރިއްސާ ނޭވާ ހާސްވެ، މެއަށް ތަދުވެގެން ދިއުމުން، އީ.ސީ.ޖީ ހަދާފައި އެއްވެސް މައްސަލައެއް ނެއްކަމަށްބުނެ ގެއަށް ފޮނުވާލަނީ ކަމަށެވެ.

"މިހެން ކަންތައް ކުރާތީވެ އަޅުގަނޑު ނިންމީ އަޅުގަނޑު ފިރިމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ދެއްކުމަށް. އަޅުގަނޑުގެ ފިރިމީހާ އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން ޓެސްޓް ތައް ހަދަން ބުނީ، ޓެސްޓްތައް ހެދުމުން އެނގުނީ އަޅުގަނޑުގެ ފިރިމީހާގެ ލިވާގެ މައްސަލަ ހުރިކަން އަދި ޑޮކްޓަރުން ލަފާ ދިނީ ލިވާގެބައެއް ޓެސްޓްތަކަކީ ރާއްޖެއިން ނެހެދޭ ޓެސްޓް ތަކެއްކަމަށާއި ނާރުގެ ބައެއް ޓެސްތުތައްވެސް ރާއްޖެއިން ނެހެދޭ ކަމަށް. އަޅުގަނޑުގެ ފިރިމީހާގެ ބަލިދެނެ ގަތުމަށްޓަކާ ޑޮކްޓަރުންވަނީ ރާއްޖެއިން ބޭރަށް ދިޔުމަށް ލަފާދީފަ." އޭނާގެ އަންހެނުން ބުންޏެވެ.

ސުޖާއުގެ ނާރުގެ ޓެސްޓްތަކާއި ލިވާގެ ޓެސްޓުވެސް ހަދަން ރާއްޖެއިން ބޭރަށް ދާންޖެހޭ ކަމަށްބުނެ، ޑޮކްޓަރުންވަނީ އެކަމަށް ލަފާ ދީފައެވެ. އަދި މިކަން ކުރުމަށް އާސަންދަވެސް ވަނީ ހަމަޖެހިފައެވެ.

"ނަމަވެސް އަޅުގަނޑުގެ ފިރިމީހާއަށް ރާއްޖެއިން ބޭރަށް ބޭސްކުރުމަށް ވަނީ ކިހާދުވަހެއްކަމެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަކީ އަޅުގަނޑުގެ ފިރިމީހާއަށް ލިބޭ އެއްޗަކުން ދިރިއުޅެމުން އާއިލާއެއް ބަލަހައްޓަމުން ދާމީހެއް. އަޅުގަނޑުގެ ފިރިމީހާގެ ބަލި ހާލަތު ހުރި ގޮތުން ރަނގަޅަށް ވަޒީފާ އަދައެއް ނުކުރެވޭ. އެހެންވީމަ، އަޅުގަނޑުގެ ފިރިމީހާގެ މުސާރަވެސް ކޮންމެ މަހަކު ހަމަޔަކަށް ނުލިބޭ. ގިނަދުވަހު ވަޒީފާއަށް ނުދެވި އޮންނަޖެހިފައިވަނީ ބަލިއެދުގައި. މިބަލީގަ ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހިއްޖެނަމަ ފުރާނައަށް ގެއްލުންވުން އެކަށީގެންވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައި." ސުޖާއުގެ އަންހެނުން ބުންޏެވެ.

ސުޖާއުގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދާން އޭނާ އަށް ވަނީ މަޖުބޫރު ވެފައެވެ. އެހެންނަމަވެސް ރާއްޖޭން ބޭރުގައި ވެސް ތިބުމާއި، ކެއުމުގެ ޚަރަދުތައް ހަމަޖެއްސުމާއި، މިކަންކަން ކުރުމަށް އޭނާ ވަނީ ތިޔަ އެންމެހާ ބޭފުޅުންގެ އެހީއަށް ބޭނުންވެފައެވެ. ބޭސްފަރުވާގެ ކަންކަން އާސަންދައިގެ ތެރެއިން ހަމަޖެހިފައި އޮތް ކަމުގައި ވީ ނަމަވެސް، ފުރެން އަންނަނީ، އިތުރު އެހީތެރިކަން ލިބިގެންނެވެ. އެހެންކަމުން ސުޖާއުގެ އާއިލާއިން އެދެނީ ތިޔަ އެންމެހާ ބޭފުޅުންގެ ދީލަތި އެހީތެރިކަން މިކަމުގައި ވެދެއްވުމެވެ.

އެގޮތުން ސުޖާއަށް ފައިސާގެ އެހީތެރިކަން ވެ ދެއްވަން ބޭނުންފުޅުވެ ލައްވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓް ނަމްބަރަށް ފައިސާ ޖަމާކޮށްދެއްވުމަށް އޭނާގެ އާއިލާއިން އެދެއެވެ.

އެކައުންޓް ނަން: ޝަރުމީލާ އާދަމް

އެކައުންޓް ނަމްބަރ (ރުފިޔާ): 7704441020101

ގުޅޭނެ ނަމްބަރ: 9818778 ޝަރުމީލާ އާދަމް ( ސުޖާއުގެ އަންހެނުން )

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަޙްމަތު

    ޢަވަސް ޝިފާއެއް މިންވަރުކޮށްދެއްވާށި އަދި އާއިލާއަށް ކެތްތެރިކަން ދެެއްވައި އޯގާތެރިވެލައްވާ އެންމެކަލުންނަށް ހެޔޮ ރަޙްމަތް މިންވަރު ކިރައްވާށި. ޢާމީން.. އާޓިކަލް ވިދާޅުވާ އެންމެހާ ބޭފުޅުން ވެވުނު މިންވަރަކުން އެހީތެރިވުން އެއީ ހަމަކަށަވަރުން ހެޔޮ ޖަޒާ ދެއްވާނޭ ޢަމަލެއް.

    24
  2. ވާނުވާ

    އަޅުގަނޑުވެސް ގައިގަ ރިއްސާ ، އައް އައްސިވެ، ގައިގަ ރަތްކުލައިގެ ފިއްތަކެއް ނަގައި، ނޭވާލާން އުދަނގޫވެ ، ބަނޑުގައި ރިއްސާތީ އަދި ބޮލުގައި ރިއްސާތީ އެތެރެހަށީގެ ޑޮކްޓަރަކަށް ދެއްކީމަ ޑޮކްޓަރ ދިނީ ލޭގެ ބައިވަރު ޓެސްޓް ތަކެއް ހަދަން. ހެދިއިރު އޭއެންއޭ ކިޔާ ޓެސްޓެއް އިނީ + ކޮށް. އިނީމަ އިތުރު ޓެސްޓެއް ހެދީމަ އެގުނީ ކަނެކްޓިވް ޓިޝޫޒް ޑިސްއޯޑާ އެއްކަން.
    ބޭބެވެސް އަޅެ އެޓެސްޓް ހަދާލަބަލަ ޑޮކްޓަރު ކައިރީ ބުނެގެން.

    13
    1
  3. Anonymous

    ގެ ކުއްޔަދީގެންވެސް ލާރި ލިބޭނޫން. ޜުގްޔާ ކުރަން ފެނޭ

    11
    5
  4. ދެރަކަމެއް

    އައި.ޖީ.އެމް.އެޗް. ޑޮކްޓަރުން އަލުން ކިޔަވަން ރަޝިޔާއަށް ފޮނުވަންވީ. މިހާރު އަބަދު ލިޔެފަ މިހުންނަނީ ޑޮޓަރުންނަށް ބަލި ނޭގޭ ވާހަކަ. ބޮޑު ހޮސްޕިޓަލަކުން ނުފުދޭދޯ. އަލްޙަމްދުލިލާހް!

    9
    1
  5. އައިސީ

    އަޅުގަނޑަކީ ހުޅަގުގެ ތައުލީމެއްލިބި ސައިންސް މާއްދާއެއް ކިޔަވާދޭ މީހެއް. ދަންނަވަންތޯ މެޑިކަލް ޙައްލެއް ނުލިބިއްޖެޔާ ވެދާނެ ރޫޙާނީ ކަމަކަށް. މީ ސީރިއަސް ވާހަކައެއް. ވީމާ ކީރިތި ޤުރްއާނުން ޝިފާއެއް ހޯދުމަށް މަސައްކަތް ކުރައްވާ. އަދި މެޑިކަލް އެޑްވައިސްވެސް ހޯއްދަވާ. ކީރިތި ﷲ އަށް ދުޢާ ކުރުން ގިނަ ކުރައްވާ. އަވަސް ޝިފާއަކަށް އެދެން.

    30
    1
  6. ސީރިއަސް

    ތި ހީވަނީ ސިހުރުގެ ކަމެއް ހެން ...ތި ރުގުޔާ ކޮއްލަ ބާ ވާގޮތެއް ބަލާލަން