ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ މިހާތަަނަށް އެމަގާމަށް ވަޑައިގެންނެވި އެންމެ "ސިޔާސީ" ބޭފުޅާއެވެ. ހައެއްކަ އަހަރު ވަންދެން ސިޔާސީ ޚިޔާލު ފާޅުކުރައްވަން އުޅުއްވާފައި ކޮމިޝަނަރ އޮފް ޕޮލިސްގެ ޒިންމާތަކާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނުގެ ފުރަތަމަ ވައުދަކީ ވެސް ފުލުހުން ސިޔާސީ ނުކުރުމެވެ. ސިޔާސީ މަޤުޞަދުތައް ހާސިލް ކުރަން ފުލުހުން ނުގެންގުޅުމެވެ. ނަމަވެސް ފުލުހުން އަދިވެސް އެކްޓު ކުރަމުން ގެންދަނީ ސިޔާސީ ބޭފުޅުންނާއި، ޕޮލިސް ކޮމިޝަނަރ "ޑައިރެކްޓްކޮށް، ޕްރޮޑިއުސް ކުރަމުން ގެންދާ ޑްރާމާ" ތަކަކަށެވެ. އިއްޔެ އަކީ އަނެއްކާ ވެސް އެފަދަ ޑްރާމާއެއްގެ މަސައްކަތް ފުލުހުން ފެށި ދުވަހެކެވެ.

ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އަކީ ފަހުގެ ތާރީޚެއްގައި ދިވެހި ގައުމުން ފެނުނު އެންމެ ބޮޑު ބާޣީ އެވެ. އޭނާ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ހުންނަތާ މިއަދަށް ސަރުކާރުން ވިދާޅުވާ ގޮތުގައި ދެމަސް ދުވަސް ފުރިހަމަ ވީއެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި 70 ދުވަސް ފުރިހަމަ ވީއެވެ. ނަމަވެސް އޭނާ ރާއްޖެ ގެނެސްފައެއް ނުވެއެވެ. އޭނާ ރާއްޖެ ނުގެނައިތަނުގައި، ދިވެހި ސަރުކާރުން އޭނާ ބަލަހައްޓަމުންދާ ކަން ވެސް ފުލުހުންނާއި، ދިވެހި ސަރުކާރުން 54 ދުވަސް ވަންދެން ސިއްރު ކުރިއެވެ.

އިއްޔެ ފުލުހުން ވިދާޅުވީ ލުތުފީ ހުރި ތަނެއްގެ މައުލޫމާތު ކުރިން ފުލުހުންނަށް ލިބުމުން ވެސް އޭނާ ރާއްޖެ ގެނައުމަށް އަޅަން ޖެހޭ ފިޔަވަޅު ފުލުހުންގެ އިސްވެރިން އަޅާފައި ނެތް ކަމަށާއި އެމައްސަލަ ތަޙްޤީޤު ކުރަން ފަށާފައިވާ ކަމަށެވެ.

ރައީސް ޞާލިހްގެ ސަރުކާރަށް އަށް މަސް ދުވަސް ވެގެން ދިޔައިރު ކުރީ ސަރުކާރުތަކުގެ ކަންކަމުން އަދި ނުނެއްޓެވިގެން އުޅޭތީ މިކަމުގައި ވެސް ކުރީ ސަރުކާރުގެ ކަންކަން ތަޙްޤީޤު ކުރުން އެއީ މައްސަލަ އެއް ނޫނެވެ. ނަމަވެސް މިތަޙްޤީޤަކީ ހެޔޮ ނިޔަތުގައި ކުރިއަށް ގެންދާ ތަޙްޤީޤެއް ނަމަ އެއަށް ވުރެ ކުރިއަށް ތަޙްޤީޤު ދާން އެބަޖެހެއެވެ.

ފުރަތަމަ ތަޙްޤީޤު ފަށަންވީ 2010 ވަނަ އަހަރު ލުތުފީ ރާއްޖެ އިން ބޭރަށް ފޮނުވާ، އޭނާ ފިލަން އޭރުގެ ސަރުކާރުން މަގު ތަނަވަސްކޮށްދިން ހިސާބުންނެވެ. އޭގެ ފަހުން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔަކަށް މިހާރުގެ ކޮމިޝަނަރ މުހައްމަދު ހަމީދު ހުންނަވަނިކޮށް ލުތުފީ އިންޑިއާ އިން ލަންކާ އަށް ދަތުރުކޮށް ލަންކާގައި ފިލައިގެން ދިރިއުޅެން ފެށިއިރު އެމައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބި، ނަމަވެސް ފިޔަވަޅެއް ނޭޅި މައްސަލަ ވެސް ތަޙްޤީޤު ކުރަން ޖެހެއެވެ.

އޭރު ފުލުހުން ލުތުފީ ހޯދަން އިންޓަޕޯލާއި، ބައިނަލްއަޤުވާމީ އެހީއަށް ނޭދުނު ސަބަބު ވެސް ތަޙްޤީޤު ކުރަން ޖެހެއެވެ. މިތަޙްޤީޤުގައި ސުވާލު ކުރަން ޖެހޭ އެންމެ މުހިއްމު އެއް ފަރާތަކީ މިހާރުގެ ކޮމިޝަނަރު މުހައްމަދު ހަމީދެވެ. އެހެންކަމުން ތަޙްޤީޤު ކުރިއަށް ގެންދަން ޖެހޭނީ ފުލުހުންގެ މުއައްސަސާގެ ތެރެއަކުން ނޫނެވެ. ތަޙްޤީޤު ކުރިއަށް ގެންދަން ޖެހޭނީ އިތުބާރު ލިބިފައިވާ މިނިވަން ކޮމިޝަނަކުންނެވެ.

ލުތުފީ ހޯދަން ރައީސް ވަހީދުގެ ވެރިކަމުގައި އިންޓަޕޯލްގެ ރެޑް ނޯޓިސްއެއް ނެރުނެވެ. އިންޓަޕޯލްގެ ރެޑް ނޯޓިސް ލުތުފީގެ މައްޗަށް ނެރުނު ފަހުން ލުތުފީ ދިރިއުޅެމުން ދިޔައީ ސްރީލަންކާގައެވެ. އެހެންކަމުން ލުތުފީ ހައްޔަރުކޮށް، ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ލަންކާ ސަރުކާރުންނެވެ. އިންޓަޕޯލްގެ ޗާޓަރު ބުނަނީ އެގޮތަށެވެ. ކުރީ ރައީސް ޔާމީންގެ ސަރުކާރުން ލުތުފީގެ މައުލޫމާތު ހިއްސާކުރި ފަރާތަކަށް 10000 އެމެރިކާ ޑޮލަރު ހުށަހެޅިއެވެ. އެއީ ލަންކާ ފުލުހެއްގެ އަހަރު ދުވަހުގެ މުސާރައަށް ވުރެ ބޮޑު އަދަދެކެވެ. އެހެންކަމުން ލަންކާ ފުލުހުން ލުތުފީ ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މިއީ އާއްމު ކޮންމެ ދިވެއްސަކަށް ވެސް އެނގޭ މައުލޫމާތެވެ. ނަމަވެސް ކޮމިޝަނަރ މުހައްމަދު ހަމީދަށް މިމައުލޫމާތު ލިބިވަޑައިގެންފައި ނެތް ސަބަބެއް ނޭނގެއެވެ.

ލުތުފީ އަށް ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ އިން އެންމެ މަތީ ޚިދުމަތް ދެމުން އަންނަތާ ދެމަސް ދުވަސް ވެއްޖެއެވެ. އޭނާ އަށް ދިވެހިރާއްޖޭގެ އެމްބަސީ އިން ހިމާޔަތް ދިނުމަކީ ފުރަތަމަ ވެސް ގޯހެކެވެ. އޭނާ އަކީ އިންޓަޕޯލުން ހޯދަމުން އަންނަ މީހަކަށް ވާތީ އޭނާ ފުރަތަމަ ވެސް ހަވާލު ކުރަން ޖެހޭނީ ލަންކާގެ ޤާނޫނު ތަންފީޒު ކުރާ އިދާރާ އަކާއި އެވެ. އެކަން ޕޮލިސް ކޮމިޝަނަރަށް އެނގިވަޑައިގެން ހުންނަވާ އެގޮތައް ކަންތައް ނުކުރެއްވި މައްސަލައިގައި ވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ މައްޗަށް ތަޙްޤީޤު ހިންގަން އެބަޖެހެއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ވިސްނުންފުޅުގައި ސިޔާސީ ކާމިޔާބީތައް ސަރުކާރަށް ހޯދައިދިނުން އެއީ ފުރަތަމަ ޒިންމާ ކަމުގައި ކަނޑައަޅުއްވާފައި ވީނަމަވެސް ދިވެހި ރައްޔިތުންގެ އިހްސާސްތަކާއި ކުޅުއްވަން އުޅުއްވުން ރަނގަޅެއް ނުވާނެއެވެ. ލުތުފީ އަށް ވީއައިޕީ ޚިދުމަތް ދެއްވަމުން ތިޔަ ގެންދަވަނީ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދުގެ ބައިވެރިވުން ވެސް އޮވެގެންނެވެ. މިއަދު އާރާއި ބާރު އޮތުމުން މިމައްސަލައިގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނުބެދުނު ނަމަވެސް އެހެން ބަޔަކަށް އާރާއި ބާރު ލިބޭ ދުވަހަކުން މިމައްސަލައިގައި ކުށްވެރިއެއްގެ ގޮޅިއަށް ޕޮލިސް ކޮމިޝަނަރު ފެތިގެން ހިނގައިދާނެއެވެ.

އެހެންކަމުން ސިޔާސީ ޑްރާމާ ޑައިރެކްޓް ކުރުމާއި ޕްރޮޑިއުސް ކުރުމާއި އެފަދަ ޑްރާމާތަކަށް އެކްޓް ކުރުން ހުއްޓާލުމަށް ފަހު ފުލުހުންނާއި ޕޮލިސް ކޮމިޝަނަރު މަގާމުގެ ޒިންމާތައް އުފުއްލަވަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޛުޖް

  އަދި ކިރިޔަ މިކަން އޮތް ހިސާބު މިއެނގުނީ.
  ޝުކުރިއްޔާ ވަގުތު.

  81
  2
 2. ސަމި

  ވަރަށްވެސް ރަނގަޅު ލިޔުމެއް ވރަށް މަައުލޫ.މަަތު ލިބިއްޖެ

  76
  2
 3. ޕާޓޭ ގެ ޑެޑީ

  ވަގުތު މީހުން ކައޭމެންނައް އަދިކިރިޔާ ދޯ ތިއެންގުނީ ފުލުހުން ޑްރާމާ ކުޅޭކަން؟

  61
  6
 4. ބީ އެމް

  އެމްސީ ހަމީދަކީ ފޭލިޔާއެއް އިންސާނަކު ކަރަންޓް ދައްތުރާގާ ޖައްސާ މަރާލި މިހާވެސް ކުއްވެރިޔަކަށްނުވި ހަމީދު ތިޔަމަގާމުގާ ހުރެގެއް އެމްޑީ ޕީ އަށް ލިބޭނެ ކުރިއެރުމެންނެއް އަސްތިއުފާދިނުއެއްމެރަގަޅީ

  70
  3
 5. ދަގަޑު ދަހަނާ

  ވަރަށް ރަނގަޅު މައުލޫމާތު ލިބިއްޖެ ވަރަށް ފުރިހަމަ ލިޔުމެއް މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ އޮޅުވާލުންތައް ވަރަށް ރަނގަޅަށް މިދަނީ ފަޅާ އަރަމުން ވެރިކަމަށް އަންނަންވެސް ހެދީ ހުސްދޮގު ވެރިކަން ލިބުމުންވެސް ހަދަނީ ހުސްދޮގު ރައްޔޮތުންނަށް ހެވެއްލިބޭނެ އެއްވެސް ކަމެއް ނުކުރެ މިއެއް ނޫން ރައްޔިތުން މިސަރުކާރަށް ވޯޓު ދިން ސަބަބަކީ ރައްޔިތުން ވޯޓުދިނީ ރައްޔިތުންނަށް ވީ ވައުދުތަކެއް ޙަޤީޤަތަކަށް ވާނެ ކަމުގެ އުއްމީދުގައި އެކަމު މިވެރިންގެ ކިބައިން މިފެންނަނީ މުޅިން އެހެން މަންޒަރެއް މީތަ ހެޔޮވެރިކަމަމީ ވަރަށް ސަލާމް

  51
  3
 6. ފުލުސް އޮފިސަރ

  1441 ވަނަ އަހަރުގެ އޮފީސް ޓެލެޓްރާމާ މުބާރާތައް ފުލުހުން ތައްޔާރު ވަނީއޭ. ވަގުތު ކުދިން ތިބެބަލަ ޑްރާމާ ބަލަން ނިކަން.

  44
  2
 7. za

  ކިހާ ދެރަކަމެއް ވަގުތު. ކަލޭމެން އަރުން އެތެރެއަށް ކާއެއްޗެއް ނުދަނީތަ މީހެއްގެ އަބުރަށް އަރައިނުގަނެ. އެންމެ ފުރަތަމަ ކަލޭމެން ވެއްޖެއްނު ތައުބާވާން. ހެޔޮވާނީ ކިހިނެއް؟؟ ޤިޔާމަތް ދުވަހުން ކޯޗެއް ލިބޭނެކަމަށް...؟
  ތިހާވަރުގެ ގަޓެއް ހުރިއްޔާ ނިކަން މި ކޮމެންޓް ޖަހާބަލަ.....

  2
  57
  • އަހަރެން

   ގަޓުހުރި ބަޔަކު އެނގިއްޖެއެއްނުން

   18
 8. ޖިންނި

  އެމް ޑީ ޕީ މީ ތަ އިސްލާހަކީ ، އިންސާފަކީ ، ހަމަހަމަ ކަމަކީ މޯލްޑިވްސް ދައްޖާލު ޕާޓީ އެމް ޑީ ޕީ

  47
 9. ގސ

  ފުލުހުންގެ ތެރޭގައި ތިބި މޑޕ މަދަދުލިބޭމީހުން
  ވަޒީފާއިން ވަކިނުކޮށް ރާއްޖޭގައި ފުލުހުންގެދައުރު ފުރިހަމަ ނުކުރެވޭނެއެވެ އަދި ހިޔޮވެރިކަމެއް
  ގާއިމްކުރުމަށް އެކަމުގެސަބަބުން ގޮންޖެހުންތައް
  ކުރިމަތިވާނެއެވެ

  36
  1
 10. ކެރަފާބަކާޑީ

  ވަރަށް ސަޅި ލިއުމެއް. ބާޣީން ހިމާޔަތްކުރާނީ ބާޣީންނެވެ. ބާޣީންނަށް ލުތުފީއަކީ ޤާޟީއެކެވެ. އެކަމަކު މި ޤައުމުގެ 99 ޕަރސެންޓް މީހުނަށް އެއީ ބޮޑު ބާޣީއެކެވެ. އެއީ އަލުން ޝަރީޢަތް ހިންގާ މަރަންޖެހޭ ބޮޑު ޤާތިލެކެވެ.

  41
 11. ހަމަލޮލުން

  ވަގުތު މީހުންނަށް އެމް.ޑީ.ޕީ ސަރުކާރެެއް އޮތް ތަން ބަލަން ކެތް ވާނީ ކޮންދުވަހަކުންބާ؟؟؟

  2
  43
  • ގޅ

   ރާއްޖެ އެމްވީ، އަދި ރާއްޖެ ޓީވީ ގެ ފާއިތުވި ހަތް އަހަރުގެ ރިޕޯޓް ތަކާއި ހަބަރު ތައް ނިކަން ދެލޯހުޅުވައިގެން ބަލާ ދިރާސާ ކޮށްބަލަ އޭރުން ތިސުވާލަށް ޖަވާބެއް ލިބިދާނެ.

   20
 12. އަލިބެއްޔާ

  ސުވާލު އުފެދެނީ 20 ވަނަ ދުވަހު ލުތުފީ އެންބަސީއަށް ވަނީމާ 21 ވަނަ ދުވަހު ލަންކާގައި ބޮން ގޮއްވާލީމަ.. ސުވާލު އުފެދެނީ އެމް.ޑީ.ޕީ މަޖްލިސް މެންބަރުން ލަންކާއަށް ދިޔައިރު އެންބަސީގައި ލުތުފީ އުޅޭކަން ނޭނގުނީމަ.. ސުވާލު އުފެދެނީ އިންޓަޕޯލް ނޯޓިސް ނެރެފައޮތް މީހަކު ދިވެހި ސަރުކާރުން ފިލުވީމަ.. ސުވާލު އުފެދެނީ ލަންކާގެ ދާޚިލީ ހަނގުރާމާއި ސީދާ ގުޅުން އޮތް މީހުންނާއި ލުތުފީ އާއި ގުޅުން އޮންނާތީ.. ލުތުފީ އަކީ ހަމަ އެކަނި ރާއްޖެއަށް އޮތް ނުރައްކަލެއް ނޫން.. ލަންކާ އަށްވެސް އޭނާގެ ނުރައްކާ އެބައޮތް.. 21 ވަނަ ދުވަހުގެ ބޮން ގޮއްވާލުމާއި ލުތުފީ އާއި ގުޅުމެއް އޮތުން ގާތް.. ލަންކާ ސަރުކާރުން އޭނާއި ސުވާލު ކުރުމުގެ ފުރުސަތު ދިވެހި ސަރުކާރުން ދޭން ޖެހޭނެ. ދައުލަތުން ބާޣީ އަކަށް ޚަރަދު ކޮށްގެން ނުވާނެ..

  41
 13. ގަޖުނީ ގަޖުނީ

  މިސަރުކާރުގެ އިސްވެރިންނާ މސ ހަމީދުގެ ހަދާނުގަ 2010ގެ ގެ ހަދާންނެނެތް. މިމީހުންގެ ހަދާންނުގަ 2012ގެ ކުރިން ހިގާދިޔަ ދުވަސްތަވަނީ އެކީގަފިލައިގެން ގޮސްފަ. މިއީ ގަޖުނީ އާއިލާގެބައެއް. މިއާއިލާގެ ފަހުގެ ޖީލެ މިހާރު މިރާއްޖޭގެ ވެރިކަމުގަ އިސްކޮށްމިތިބީ. ބައްޕަ ގަޖުނީ 15މިނުޓަށް ހަދާންހުރީ އޭގެފަހުން މިދަރިކޮޅުގެމީހުންގެ ހަދާންތަ 2012އާހަމަޔަށްފޯރީ. އެހެންވީމަ ވާގޮތްމީ. ފުލުހުންގެ ތެރޭގަ މި ފެމެލީގެ ގުޅުންނެތް މީހުންނުކުމެ މސ ހަމީދަށް 2012ގެ ކުރީގެ ހަދާންތަ އާވާނެގޮތަށް ކަންތައްތަ ތަރުތީބު ކޮއްދޭންވެއްޖެ. ބޮސް މިހާ ނިކަމެތި ހާލުގަ އުޅޭއިރު އެހީތެރިވާންޖެހޭނެ.

  10
 14. ކާފް

  ހަމީދު އެބުނީ ރަނގަޅު ވާހަކައެއް. އޭނާފޮރުވައިގެން އުޅުނީ ހަމީދު. އެހެންވީމާ ލުތުފީ ހުރީކޮންތާކުކަމެއް ހަމީދުމެންނަކަށް ނޯޅޭ

  12
 15. މިއަދު

  ތިއީ ޕޮލިސްކޮމިސަނަރ އަދިވެސް ނުކުރެވޭހާތަންތަނަށްވޯކޮއްޕާ މުޅިގައުމުހަލަކުކޮށްލެވިއްޖެ ޢާއިލީ ބާރުވެރިކަމުގެތެރެއަށް މުޅިގައުމުގެންގޮސް ތަފާއަރުވާނިމިއްޖެ މިގައުމުފަސާދައިގެތެރެއަށް ކޮއްޕިއްޖެ މުޅިގައުމަށް މަސްތުވާތަކެތި ޢާއްމުކުރެވިއްޖެ މިއީ ރައިސްސާލިހުއާއި ޕޮލިސްކޮމިސަނަރ އަދި މަޖިލިހުގެ ރައިސް ޒިންމާނަގަންޖެހޭކަންތައްތަކެއް