މިއަދަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ރައްކާކޮށް ރައްޔިތުންގެ ސަލާމަތްތެރިކަމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ދިވެހި ފުލުހުންގެ ޚިދުމަތަށް 85 އަހަރު ފުރޭ ދުވަހެވެ.

ފުލުހުންގެ ޚިދުމަތުގައި ނިމިގެން މިދިޔަ ދިގު މާޒީގެ ކޮންމެ ދުވަހަކީ ނުހަނު މަތުވެރި ޚިދުމަތެެއް އެފަރާތްތަކުގެ ކިބައިގެން ޤައުމަށް ލިބިގެން ގޮސްފައިވާ ދުވަސްތަކެވެ. 85 އަހަރުގެ ތެރޭގައި ޤައުމަށް ދިމާވި ނުރައްކާތެރި ހާލަތްތަކާއި، ހިތާމަވެރި ހާލަތްތަކާއި، އުފާވެރި ހާލްތަތްތަކުގަައިވެސް އެންމެ ކުރީ ސަފުން ފެނިގެން ގޮސްފައިވަނީ ފުލުހުންނެވެ.

ރާއްޖެ އަށް ގެންނަން ފެށި އިސްލާހީ ބަދަލުތަކުގެ ދަށުން ސިފައިންނާއި ފުލުހުންގެ ޚިދުމަތް ވަކިކޮށް ވަކި ޔުނިފޯމެއްގައި ޚިދުމަތްދޭ ބައެއްގެ ގޮތުގައި ފުލުހުން މަސައްކަތް ކުރަން ފަށާފައިވަނީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 ވަނަ ދުވަހުން ފެށިގެންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތަކީ މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި، ރާއްޖޭގައި އުޅޭ އެންމެހާ މީހުން ހިމާޔަތް ކޮށްދީ އެބައިމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށް ދިނުމުގެ އިތުރުން ޖިނާއީ ކުށްތައް ތަޚުޤީޤު ކުރުމާއި، ހެކިތައް ރަައްކާތެރިކޮށް ބެލެހެއްޓުމާއި، މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް ބޭނުންވާނޭ ތައްޔާރީތައް ކުުރުމަށް ޤާނޫނުން މަތި ކޮށްފައިވާ ފަރާތެވެ.

1933 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މިވީ 85 އަހަރުގެ ދިގު މާޒީގައި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކޮށްދެއްވި ކޮންމެ ފުލުހަކުވެސް ވަނީ ނުހަނު ބޮޑު ޚިދުމަތެއް ޤައުމަށް ކޮށްދެއްވާފައެވެ. ރެއާއި ދުވާލު ދޭހާ އަތްވެއްގައި ވެހޭހާ ވާރެއެއްގައި ފުލުހުން ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ކޮންމެ ދިވެހި ދަރިއަކުވެސް މިއަދު ފަޚުރުވެރި ވާނެ ޚިދުމަތެކެވެ.

ފުލުހުންނަށް ނޫކުލައިގެ ޔުނިފޯމްގައި ވަކި ޚިދުމަތެއް ދޭބައެއްގެ ގޮތުގައި މަސައްކަތް ފެށާފައިވަނީ ރާއްޖޭގެ މަސްރަހަށްވެސް ބޮޑު ބަދަލުތަކެއް އަންނަމުންދިޔަ ދުވަސް ވަރެއްގައެވެ. މީގެ ތެރެއިންވެސް ފުލުހުންނަށް ކުރިމަތިލާން އެންމެ އުދަގޫވި މަސައްކަތްތަކުގެ ތެރޭގައި 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުފެދިގެން ދިޔަ ސިޔާސީ ވާދަވެރިކަން ފާހަގަކޮށްލެވެއެވެ. ސިޔާސީ މަސައްކަތްތަކުގައި ޤައުމުގެ ތެރޭގައި އޭރު އުފެދިގެންދިޔަ ހަމަނުޖެހުންތައް އަދާއިހަމަޔަށްވެސް އެއްވާނެއްގައި އެއް ވާދަވެރިކަމެއްގައި އޮތްކަމީ ފުލުހުންނަށް އޮތް އެންމެ އުނދަގޫ އެެއްކަމެވެ. ފުލުހުންނަކީވެސް ދިވެހި ރައްޔިތުން ކަމަށްވާއިރު ތިމާމެންގެ އާއިލާއާއި ރައްޓިހިންނާއި ކުރިމަތިލުމަކީ އެއްވެސް ފުލުހަކަށް ފަސޭހަކަމަކަށް ނުވާނެއެވެ.

ބައެއް ހާލަތްތަކުގައި ފުލުހުންނަކީ އެތައްބަަޔަކު ނުހަނު ލޯބިވާ ނުހަނު ޤަދަރުވެރިބަޔަކަށް ވެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ފުލުހުންނަކީ ބައެއް ފަރާތްތަކަށް ނުހަނު ގޯސް އަދި ވަރަށް ދަށުދަރަޖައިގެ ބަޔަކަށްވެސް ވެއެވެ. ނަމަވެސް ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ދެކުނު ކަމުގައިވީނަމަވެސް ފުލުހުން ޤާނޫނާއި ގަވާއިދު ތަކާއި އެއްގޮތަށް ކުރާ އެއްވެސް ކަމަކީ ވަކިބަޔަކު ރުއްސައި ވަކި ބަޔަކު ހިތްހަމަ ޖައްސަން ނުވަތަ ވަކި ބަޔަކު ރުޅި އަރުވަން ކުރާ ކަމެއްކައި ދެކިގެން ނުވާނެއެވެ.

ރާއްޖޭގައި މިއަދު އުފެދި ތަޖުރިބާ ކުރަމުންދާ ރިޔާސީ ނިޒާމުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަބަދުވެސް ކުރިމަތިވާ އެއްފަރާތަކީ ފުލުހުންނެވެ. މީގެ އެންމެ ބޮޑު އެއްސަބަބަކަށް ވެފައިވަނީ ފުލުހުން އެބައިމީހުންގެ ޤާނޫނުގެ ތެރެއިން އަމަކުކުރަމުން ދިއުމެވެ. ވަކި ސިޔާސީ ފިކުރަކަށް ވަކި ސިޔާސީ މީހަކު ބުނާހާ ގޮތަކަށް ކަންކަން ނުކުރުމެވެ. ކޮށްގެންތިބި ހުވައާއި އަމަލުރަންޖެހޭ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަންކަން ކުުރުމެވެ. މިކަންކަމަކީ ފުލުހުންދެކެ ހިންހަމަ ނުޖެހޭ ބަޔަކު ހިންހަމަ ނުޖެހުނަސް އަދި ރުހޭބަޔަކު ރުހުނަސް އެމީހުން އަދާކުރަންޖެހޭ ވާޖިބުތަކެވެ.

ސިޔާސީ މަސްރަހުގެ ތެރެއިންވެސް ފެންނަން ނުޖެހޭ އެތައް މަންޒަރެއް ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ވަނީ ފެނިގެން ގޮސްފައެވެ. ފާޅުގައި "ތަޅާނެ ކުދިންތަކެއް ހޯދައިގެން ފުލުހުންނާއި ކުރިމަތި ލުމަށް" ގޮވާލުމާއި، "ފުލުހުންގެ ތެރޭގައި ހައްދުފަހަނަ އަޅާފައިވާ ބަޔަކު ތިބިކަމަށް" ކުރީގެ ރައީސްކަން ކުރައްވައި ވެރިކަން ދޫކޮށް ގޮސްފައި ތިއްބެވި ބޭފުޅުން ވިދާޅުވުމަކީ ނުހަނު ހިތާމަވެރި ކަންކަމެކެވެ. އަދި މިފަދަ ވާހަކަތަކުން ހިތްވަރު ލިބިގަނެ ހިނގާ ހަމަނުޖެހުންތަކުގައި ފުލުހުންނާއި ކުރިމަތިލައި ފުލުހުންގެ ފުރާނަޔަށް ނުރައްކާ ވާވަރުގެ ކަންކަން ކޮށްފައިވާކަމީވެސް ނުހަނު ހިތާމަވެރި ކަންކަމެވެ.

ފުލުހުން މިއަދު ފާހަގަކުރަމުންދާ 85 އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތައް ހޯދައިފައިވާއިރު ފުލުހުންނަށް އެބައި މީހުންގެ ފުރިހަމަ އިހުތިރާމް ދޭންޖެހޭ ފަރާތްތަކުގެ ތެރެއިން ކުރީގެ ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންނާއި ދައުލަތުގެ އެކި ފެންވަރުގެ މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި ކުރިމަތިލާން ޖެހޭ ޖެހުމަކީ އެފަރާތްތަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

2008 ވަނަ އަހަރާއި ހަމަޔަށް ފުުލުހުން އެބައިމީހުންގެ ޒިންމާތަކާއި މަސްއޫލިއްތަކުގެ ތެރެއިން ޤައުމުގައި ހިންގަމުންދިިޔަ ވައްކަމާއި، ފޭރުމާއި، މަސްތުވާތަކެތީގެ މައްސަލަފަދަ ރައްޔިތުންނަށް ގެއްލުންހުރި މައްސަލަތަކާއި ކުރިމަތިލައި ހައްލު ހޯދަން ޖެހުނު ނަމަވެސް މިއަދު ފުލުހުން އެންމެ ގިނައިން ކުރިމަތިލާ މައްސަލަތަކަށް ވެފައިވަނީ ސިޔާސީ މަސްރަހުގައި ހިނގާ ކަންތައްތަކުގެ ތެރެއިން ކުރިމަތިވާ މައްސަލަތަކާ ކަމާއިމެދު ޝައްކެތްވެސް ނެތެވެ.

މިއީ ހަމަ ދިވެހިން އަމިއްލަޔަށް އުފައްދާ މައްސަލަތަކެވެ. ޤާނޫނީ އިމުން އަމިއްލަޔަށް ބޭރުވެ ޤާނޫނީ ފިޔަވަޅު އެޅުމަށް އަމިއްލަޔަށް ހިންގާ ހަރަކާތްތަކެވެ. މިކަންކަމަކީ ފުލުހުން ޖާގަދޭނެ ކަންތައްތަކެއް ނޫންކަން ފުލުހުންގެ 85 އަހަރުގެ މާޒީން ވަނީ ފެނިގެން ގޮސްފައެވެ. ކޮންމެ ރައްޔިތަކުވެސް ޤަބޫލު ކުރަންވީ ހަގީތަކީ ފުލުހުންނަކީ ތިމާމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތްކަމެވެ. ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުން ކުރެއްވި މަސައްކަތުން އެތަކެއް ފުުހުުން މިދުނިޔެއާއި އަލްވަދާއު ކިޔާފައިވާއިރު ފުލުހުންގެ މަސައްކަތުން އެތަކެއް ރައްޔިތުންނާއި އެތައް އާއިލާއެއް އުފަލުން ތިބިކަންވެސް ޤަބޫލު ކުރަންޖެހެވެ.

ފުލުހުންނާއި މެދު ރުހޭ މީހުންނާއި ނުރުހޭ މީހުންވެސް ޤަބޫލު ކުރާންޖެހޭ ހަގީގަތަކީ މިއަދު ރާއްޖޭގައި އޮތް މިނިވަން ކަމާއި ސިޔާދަތާއި އިސްތިޤުލާލު މިގޮތުގައި ދެމި މި އޮންނަނީ ފުލުހުންގެ ހިކުމަތްތެރިމާއި އެކު ކުރައްވަމުންދާ މިންނެތް މަސައްކަތުން ކަމެވެ. އަދި ޤައުމަށް ދިމާވަ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނާއި އެކު އަތުކުރި އޮޅާލައިގެން އެންމެ ކުރީސަފުގައި ތިބޭނެ ބަޔަކީ ދިވެހި ފުލުހުން ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައިއެފް

    ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ބަލައެއް ނުގަންނާނަން. ތިޔައީ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތާއި ޙައްގުތައް ކަށަވަރުކޮށްދިނުމުގައި ފެއިލްވެފައިވާ މުއައްސަސާއެއް. މިއަދު ތިޔައިދާރާއަށް އިތުބާރުކުރާނެ ރައްޔިތަކުނެތް. މިއިންޒަމާނަކު އަގުނުވެއްޓޭވަރަށް ތިޔައިދާރާގެ އަގުވަނީ ވެއްޓިފައި. ސަބަބަކީިވޭތުވެދިޔަ 4އަހަރުތެރޭގައި ޗާޓުން ބޭރުން އަމަލުކުރީމައި.ޤާނޫނުއަސާސީއާ ޤާނޫނުތަކާއި ޚިލާފަށް ބޮޑުންއަންގާއެންގުންތަކަށް ބޯލެނބީމަ.