ގުދުރަތުން ރީތި ހިތްގައިމުކަމެއް ލިބިގެންދާ ދިވެހިރާއްޖޭގެ ރައްވެހިންނަނީ އަބަދުވެސް ހިތްހެޔޮ، ރިވެތި އަހުލާގެއްގެ ވެރި ބަޔެކެވެ. އެބަޔަކަށްޓަކާ މި ބިންވެސް ފަޚްރުވެރިވާނެކަން ގައިމެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްހެޔޮކަމާއި ރިވެތި ހުލްޤަކީ މުޅި ދުނިޔޭގައިވެސް އެކަންކަމަށް ސަމާލުކަން ލިބިފައިވާ ކަންކަމެވެ. މުހިންމީ "ދުނިޔެމަތީގެ ސުވަރުގޭގެ" ނަމުން މަޝްހޫރު މި ޤައުމުގެ ރީތި ނަން އަބަދުގެ އަބަދަށް ދެމެހެއްޓުމެވެ.

ޤައުމާއި، ޤައުމުގެ ރައްވެރިންނަށް ލިބިފައިވާ ކޮންމެ ނިއުމަތަކީވެސް އަދުގެ މި ޖީލުން އެއާމެދު ރައްކާތެރިވުން ކޮންމެހެންވެސް ލާޒިމު ކަންކަމެވެ. ނިއުމަތްތަކަށް ރައްކާތެރި ވެވޭނީ ފުރަތަމަ ނިއުމަތްތައް ވަކިކުރެވޭ ވަރަށް އަހަރުމެން ރައްޔިތުންގެ އަހްލާޤީ ފެންވަރު ހުރެގެންކަމީ އެކަކުމެ ދެބަސް ނުވާނެ ހަޤީގަތެވެ. މިއަދު ދައްކަން ޖެހިފައި މިވަނީ މި މުހިންމު މަޤްޞަދު ހާސިލު ކުރުމަށްޓަކައި ދިވެހިންގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އަހްލާޤީ ސިފަތައް ބީވަމުންދާކަމުގެ މަންޒަރުތައް ފެންނަ ވާހަކައެވެ. އެ ފަދަ މަންޒަރުތަކުން ސަލާމަތްވެ ދިވެހިންގެ އަހްލާޤް ހެޔޮ ފާލަކަށް އަޅުވަން ޖެހިފައިވާކަން ހާމަވާ ބައެއް ކަންކަމުގެ ވާހަކައެވެ.

ކުޑަ ކުޑަ މިސާލަކުން ފަށާނަމެވެ. މެންދަމުން އަލި ވެއްޖެއެވެ. މި ހުރެވުނީ މާފަންނުގެ ހަތަރު އަނގޮޅިއެއްގެ ކަންމަތީ ރަހުމަތްތެރިޔަކާ މަޝްވަރާ ކުރުމުގައެވެ. ކުއްލި ސިހުމެއް ލިބުނީ ގަޔާ ދިމާއަށް މަތިން ވެއްޓުނު ހުސްފުޅިއަކުންނެވެ. އެންމެ ފުޅިއެއް ނޫނެވެ. ދެތިން ފުޅި ވެއްޓުނެވެ. ނިމުނީ ކަމަށް ހީކޮށް ހިންދެމިލާފައި މަތި ބަލާލީމެވެ. ކަމަކު ދާކަށް ނެތެވެ. އަނގަ ދޮވެފަ އުކާލި ފެންތަކުންވެސް ސަލާމަތްވީ ކިރިޔާއެވެ. ލިބުނު ހައިރާނަކަމާއެކު އެއްކައިރިއަށް ޖެހިލާ މަންޒަރު ބަލަން މަޑުކޮށްލީމެވެ. ކުޑަ ވަގުތުކޮޅެއް ފަހުން ފެނުނީ ތަފާތު މަންޒަރެކެވެ. މިފަހަރު އެއްލާލީ ކުޑަކަމުދިޔަ ތަކެތި އަޅާފައި އޮތް ފުޅިއެކެވެ. ރަނގަޅަށް ބަލާލިއިރު، އެ އިމާރާޓުގެ ޓެރަސް މަތީގައި ދެ ޒުވާނަކު (ދެމަފިރިން ކަމެއް ޔަޤީނެއް ނުވޭ) އުޅޭ މަންޒަރު ފެނުނެވެ.

މި ކިޔާލަދިނީ ފެނުނު ކުޑަ މަންޒަރެކެވެ. އަދުގެ ޖީލުގެ ޒުވާނުން ވާވަދެފައިވާ މިންވަރު ހާމަވޭ ނޫންތޯއެވެ. އަމިއްލަ ގޭގެ ޓެރަސްމަތިން އެ ތަކެތި ބޭރަށް، މަގުމައްޗަށް އުކާލުމުގެ މަޤްޞަދެއް ކޮބައިތޯއެވެ. ގޭގެ ހުންނަ ކުނި ކޮތަޅު އުކާލަން ދާ މަގުމަތީގައި ކޮންމެވެސް ކަން މައްޗައްގައި ބަހައްޓާފައިދާ ދިވެހިންގެ ހިތައް ހަމަ އެކައްޗެއްވެސް ނާރަނީބާއެވެ. ދެ އިމާރާތް ދޭތެރެއަށް ކުނިބުނި އަޅާ ދުވާ ނުބައި ވަހުން ވައި ގޮޅިއަށް ކުޑަދޮރު ހުޅުވާލަން ނުކެރޭވަރު ވެފައި ނުވާ އިމާރާތެއް މަދެވެ.

ދެ ޖިންސް މަސްހުނިވެ އަޙްލާޤީ މިންގަނޑުން ބޭރު އަމަލުތައް ސިއްރިއްޔާތުގައި މަދު ބަޔަކު ބައިވެރިވެގެން އުސް އިމާރާތްތަކުގެ ޓެރަސްތަކުގައި ކުރި ދުވަސްތައް ފަހަނައަޅައި، ފުރަ މާލޭގެ ހުސް ބިންތަކާއި، ގޯޅި ގޯޅި ކަންމަތިތަކީ އެބައިމީހުންގެ މާލަންތަކަށް ހަދައިފިއެވެ. އެހާވެސް ލަދުވެތިކަން ކުޑަވެ، އަޙްލާޤީ ފެންވަރު މިދަނީ ދަށްވަމުންނެވެ. ދެމަފިރިން އެކުގައި ތަންތަނަށް ދިޔަ ޒަމާން ފެނުނެވެ. އެކަހެރިވެ، ގައިގޯޅި އުޅުންތައް މިއަދު އުޅެމުންދަނީ ދެމަފިރިން ކީތްކުރަން ލޯބިވެރިންނެއްވެސް ނުމެނޫންމެވެއެވެ. ރަހުމަތްތެރިންނެވެ. މިހާވަރުން އަޚްލާޤުގެ ވާހަކަ ސާފު ވާނެކަމަށް އުއްމީދު ކުރަމެވެ.

އުސް އިމާރާތްތަކޭ ފަށަމުން ބުނީ ކޮންކްރީޓް އިމާރާތްތަކަށް އެކަންޏެއް ނޫނެވެ. އަޚްލާޤުގެ ޗާޓެއް ކުރަހައިފިއްޔާ އުސް އިމާރާޓެއް ނުވަދިހަ ޑިގްރީއަށް ހުންނަ ގޮތާ ދާދި އެއްގޮތަށް ތިރިއަށް ވެއްޓޭ މަންޒަރު ސިފަވާތީއެވެ. މިއީ ދިވެހިން އެކަމަކާ ދޭތެރޭ ފުންކޮށް ވިސްނާލުން މުހިންމު ކަމެކެވެ. ތައުލީމާއި، ވިޔަފާރިއާއި އުމްރާނީ އަދި އިޤްތިޞާދީ ގޮތުން ޤައުމު ކުރިއަރަމުންދާ ދުވަސވަރެއްގައި ޤައުމުގެ އަހުލުވެރިންގެ ކިބައިގައި އަށަގެންފައިވާ ރިވެތި އިސްލާމީ އާދަތަކާއި، އަޚްލާޤާއި ފެޔަށް ދެވިއްޖެނަމަ ކުރިމަތިވާތީ ކޮންފަދަ މުސީބާތެއް ކަމާމެދު ހިޔާލަށްވެސް ނުގެނެވޭނެއެވެ. އެއީ މާތް ﷲ މިންވަރު ކުރައްވާ ކަންކަމެވެ. ޤައުމުގެ އަހުލުވެރިން އެކަމާ ދޭތެރޭ ވިސްނާ ފިކުރު ކުރާށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކޮންމެ ކަމެއްވެސް ކުރެވޭނީ ޚިކުމަތްތެރި ވިސްނުމެއް އިސްކުރެވިގެންނެވެ. އަޅާ ކޮންމެ ފިޔަވަޅަކީވެސް ހެޔޮ މަގުން އަޅާ ފިޔަވަޅަކަށް ވެގެންނެވެ. ކުނި ބުންޏަކީ ޖެހުނު ތާކަށް ޖެހުނު ގޮޅިއަކަށް އުކާލާ އެއްޗިއްސަށް ވެގެންނުވާނެއެވެ. މަގުމައްޗަށް ނިކުންނަން ޖެހޭނީ ނަމޫނާ ދައްކާށެވެ. ނަށާކަށް ނޫނެވެ. ދިވެއްސަކަށް ވީތީ ފަޚްރުވެރިވާ ހާލު ދިވެހިންގެ އަޚްލާގު ދުވަހެއް ދުވަހަކަށް ރަނގަޅުވާތަން ދުށުމަކީ އުއްމީދެކެވެ. ދެކޭ ފޮނި ހުވަފެނެވެ. ވިސްނާ ފިކުރު ކުރާށެވެ. ތިމާ މިއަދު ސަޅިކޮށް، ހެޔޮމަގުން ހިނގިއްޔާ ތިމާގެ ދަރިންނާއި ގާތްތިމާގެ މީހުންވެސް ހިނގާނީ އެ މަގުންނެވެ. "ދިވެހިންގެ އަޚްލާޤް މަގު މައްޗަށް އެއްލާ ނުލާށެވެ."

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރީ

    ދިވެހިންގެ އަހުލާޤްގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ

    • ސޯދިގުބެ

      ދޯ??

  2. އަޒްމާން

    އަހުލާގު ރަނގަޅުވާނީ ސަރުކާރުންވެސް އެކަން ރަނގަޅުކުރަން ދާއީމީ ސީފައެއްގައީ މަސައްކަތް ކޮއްގެންތާއެވެ..އީސްލާީކު މީނީސަޓަރީ އަކީވެސް އެމީހުް ދެކޭގޮތުަގައީ މީސްކީތްތަކުގެ ޚުތުބާ ލީޔާބަޔަކު ކަމުގައީ އެކަނީ ކަމުގައީ ވަންޏާ ދެން ސަރުކާރުގެ އެހެން ކޮންމުއައްސަސާއަކުންތޯ އާންމު އަޚުލާގު ރަނގަޅުކުރަން މަސައްކަތް ކުރާނީ.. އަދީ ވަކީން ޚާއަސަކޮއް ގައުމުގެ އީސްސަފުގައީ ތީބޭ ޕާލީމެންޓު މެމްބަރުންގެ އަހުލާގާއީ ބަސް ހުންނަގޮތުން..