ޖުޑިޝަރީގެ މުސްތަޤިއްލުކަމުގެ ތާރީޚު ފެށިފައިވަނީ ކީރިތި ޤުރްއާނުގެ ވަޙީ ބާވައިލެއްވުމަށް ފެށުމާއެކުކަމުގައި ވީހިނދު ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކާއި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ ވަރަށް ގިނަ ޙަދީޡުތަކުން މިކަމުގެ ހެކި ލިބިފައިވާތީވެ މިއިސްލާމީ ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންޖެހެއެވެ.

ޝަރްޢީ ދާއިރާ މުސްތަޤިއްލުކޮށް އޮތުމަކީ އިޖްތިމާޢީ ޢަދާލަތާއި އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި ވާޖިބެއްގެ ގޮތުގައި ބެލެވޭ އަދި އެއާ ނުލައި ދެމެހެއްޓެނިވި މުޖްތަމަޢަކަށް ވާޞިލް ނުވެވޭނެ ކަމެކެވެ. ޤައުމެއްގެ އިޤްތިޞާދީ ތަރައްޤީ ބިނާވެފައިވާނީ އެ ޤައުމެއްގެ ސިޔާސީ ހަމަޖެހުން އޮތް މިންވަރެއްގެ މައްޗަށެވެ. އަދި ސިޔާސީ ހަމަޖެހުން ބިނާވެފައިވަނީ ވެސް އެ ޤައުމެއްގެ ޖުޑިޝަރީ މުސްތަޤިއްލުވެފައި އޮތް މިންވަރެއްގެ މައްޗަށެވެ.

އެހެންކަމުން މި އިސްތިޤްލާލުގެ ލަނޑުދަނޑި ޙާޞިލްކުރުމަށްޓަކާ ޤާނޫނު އަސާސީ ބިނާކުރައްވާފައިވާ އަންނަނިވި ދެކަންތައް ޙާޞިލް ކުރުމަށް އިސްކަންދޭންޖެހެއެވެ.

ފުރަތަމަ ކަމަކީ:- ޖުޑިޝަރީއަކީ ޤައުމުގެ ތިން ބާރުގެ ތެރެއިން ވަކި ބާރެއްގެ ގޮތުގައި އޮތުމެވެ. އަދި އެހެން ބާރެއްގެ ވަޡީފާއެއްގެ ގޮތުގައި ނެތުމެވެ.

ދެވަނަ ކަމަކީ:- ފަނޑިޔާރުންގެ މަސައްކަތަށް އެއްވެސް ފަރާތެއްގެ ތަދައްޚުލެއް ނެތުމެވެ.

ދިވެހިރާއްޖެއަށް މިފަހުގެ ތާރީޚުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޝަރްޢީ ދާއިރާގެ މުސްތަޤިއްލުކަމާމެދު މީސްތަކުންގެ މެދުގައި އުފެދޭ ސުވާލުތަކާއި ކުރެވޭ ޝަކުވާތަކެވެ.

ދިވެހިރާއްޖޭގެ ޖުޑިޝަރީ ވެރިކަމުގެ ބާރާއި ނުފޫޒުގެ ދަށުން ސަލާމަތްކޮށް، ދިވެހިރާއްޖޭގެ ޖުޑިޝަރީގައި ފަނޑިޔާރުންނަށް ޝަޚްޞީ ގޮތުންނާއި އަދި މައުޟޫޢީ ގޮތުން މުސްތަޤިއްލުކަން ލިބިދިނުމަށްޓަކައި އަންނަނިވި އިސްލާހުތައްގެންނަން ޖެހޭކަމަށް ދެކެމެވެ.

01- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ތަޢުލީމީ ޙާލަތު ރަނގަޅުކުރުން ( ފަނޑިޔާރުންނަށް ތަޢުލީމީ މާލީ އެހީތަކާއި ފައްނީ އެހީތައްދިނުން)

ފަނޑިޔާރުންގެ މުސްތަޤިއްލުކަން ބިނާވާ އެއްކަމަކީ އެބައިމީހުންނަށް ލިބިފައިވާ ތަޢުލީމާއި ތަރުބިޔައްތުގެ މައްޗަށް ކަމަށްވެފައި ޝަރްޢީ އަދި ޤާނޫނީ ޢިލްމު ލިބިގެން ނޫނީ މުސްތަޤިއްލުކަމާއެކު މީސްތަކުގެން މެދުގައި ފައިޞަލާ ނުކުރެވޭނެކަމަށް ވާތީވެ މަތީ މަރުޙަލާގެ ތަޢުލީމަށް ޝައުޤުވެރިވާ ފަނޑިޔާރުންނަށް އެފަދަ ކަންކަމަށް ބޭނުންވާ މާލީ އެހިތެރިކަމާއި އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޡާމެއް ޖުޑިޝަރީގައި ޤާއިމް ކުރުމެވެ. އެގޮތުން ކޮންމެ ފަނޑިޔާރަކީ ދިވެހި ބަހުގެ އިތުރުން އަރަބި ބަހާއި އިގިރޭސިބަސް ރަނގަޅަށް އެނގޭ، މަތީތަޢުލީމުގެ ހުރިހާ މަރުޙަލާތައް ކަޑައްތުކޮށްފައިވާ، އަދި ކުރިމައްޗަށް އަންނަ މައްސަލަތަކަށް ޝަރީއަތާއި ޤާނޫނުގެ އަލީގައި ޢިލްމީ ފެންވަރުގެ ޙައްލު ހޯދޭވަރުގެ ޤާބިލިއްޔަތުކަން ލިބިފައިވާ މީހެއްކަމުގައި ވުމެވެ.

2- ޤާނޫނު އަސާސީގެ 158 ވަނަ މާއްދާ އިޞްލާޙު ކުރުމެވެ. އެގޮތުން ޖޭ.އެސް އަކީ ހަމައެކަނި ފަނޑިޔާރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަނަކަށް ހެދުމެވެ.

3- ޤާނޫނު އަސާސީގެ 147-148 ދެ މާއްދާ އަށް އިޞްލާޙު ގެނައުމެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަން ކުރާނީ ފަނޑިޔާރުންގެ ޢާއްމު ވޯޓަކުން ކަމަށް އޮތުމެވެ. ނުވަތަ ޖޭ.އެސް.ސީ ގައި ފަނޑިޔާރުން ތިބެގެން އެމީހުންގެ މެދުގައި ނެގޭ ވޯޓަކުން ކަމަށް ހަމަޖެއްސުމެވެ. އަދި އުއްތަމަ ފަނޑިޔާރު ކޮންމެ 7 އަހަރަކުން ފަނޑިޔާރުންގެ މަދުގައި ބަދަލުވާ ގޮތަށް އޮތުމެވެ.

5- މަތީ މަރުޙަލާ ކޯޓުތަކުން ނިމޭ މައްސަލަތައް ރިވިއު ކުރާނެ ކޮމިޓީއެއް އެކުލެވުން އަދި އެ ނިންމުންތަކުގެ ޞައްޙަކަން ކަށަވަރު ކުރުމެވެ.

7- ފަނޑިޔާރުކަމަށް ޢައްޔަންކުރެވޭ މީހުންނަކީ ކުރީގައި ޤާނޫނީ ވަކީލުކަމުގެ ވަޡީފާ ނުވަތަ ދައުލަތުގެ ތަފާތު މަޤާމްތައް ފުރުއްވާފައިވާ މީހުން ކަމުގައި ނުވުމެވެ. އެގޮތުން ކިޔަވާގެން އަލަށް ކުރިމަތިލައްވާ ފަރާތަކަށް އިސްކަންދިނުމެވެ.

8- ތައުދީބީ ފިޔަވަޅެއްގެ ގޮތުންނޫނީ ފަނޑިޔާރުން އެއްތަނުން އަނެއް ތަނަށް ބަދަލު ނުކުރެވޭނެކަމުގެ ގެރެންޓީ، ޤާނޫނުން ކަށަވަރުކޮށް ދިނުމެވެ.

9- ޖުޑިޝަރީގައި ފަނޑިޔާރުންގެ ސިކިއުރިޓީ އަށް ވަކި ބޮޑީއެއް ޤާއިމް ކުރުމެވެ. ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ފަނޑިޔާރުންގެ ސިކިއުރިޓީ ބެލެހެއްޓުވުން ހުއްޓާލުމެވެ.

10- ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމެވެ. އެގޮތުން އަންނަނިވި ކަންތަކަށް ސަމާލުކަން ދިނުމެވެ.

ހ- ހުރިހާ ފަނޑިޔާރުންގެ އަސާސީ މުސާރަ ހަމަހަމަކުރުން.
ށ- ތަފާތު މަރުޙަލާތަކުގެ ކޯޓުގެ އެލަވަންސް ތަފާތު ކުރުން.
ނ- ޚިދުމަތުގެ މުއްދަތު އެލަވަންސް ތަފާތު ކުރުން.
ރ- ހުށަހެޅޭ މައްސަލަތަކާއި ނުވަތަ އާބާދީގެ އެލަވަންސް ތަފާތު ކުރުން
ބ- މަތީ ތަޢުލީމުގެ އެލަވަންސް ތަފާތު ކުރުން.

11- ފަނޑިޔާރުންގެ އެންމެހާ މާލީ ޢިނާޔަތްތައް ސީދާ ޖުޑިޝަރީން ފޯރުކޮށްދިނުމެވެ. އެހެން އެއްވެސް މުއައްސަސާއަކުން ފަނޑިޔާރުންނަށް މާލީ ޢިނާޔަތެއް ނުދެވޭގޮތަށް ޤާނޫނަކުން ކަނޑައެޅުމެވެ.

12- ކޮންމެ އަހަރަކު އެއްފަހަރު ފަނޑިޔާރުންގެ މަހާސިންތާއެއް ބޭއްވުމެވެ.

ހ- ދުރާލާ މަހާސިންތާ އޮންނާނެކަން އިޢުލާން ކުރުން.
ށ- މައުޟޫޢު ކަނޑައަޅާ އެކަމަށް ކުރިމަތިލުމަށް ޢާއްމުކޮށް އިޢްލާން ކުރުން.
ނ- ހުރިހާ ފަނޑިޔާރުންނަށް ޚިޔާލު ހުށަހެޅުމަށް ފުރުޞަތު އެރުވުން.
ރ- ޤާނޫނީ ވަކީލުންނާއި ޤާނޫނީ ދާއިރާގެ ފަރާތްތައް ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ދިނުން.
ބ- ބައިނަލްއަޤްވާމީ އެކަޑަމިކް ކޮންފަރެންސްތަކާއި އެއްގޮތަކަށް ކުރިޔަށް ގެންދިޔުން.

13-ޖުޑިޝަރީއަށް ޚާއްޞަ އިލްމީ މަޖައްލާއެއް އޮތުން. އެގޮތުން އެވަޤުތަކަށް ޝަރްޢީ ދާއިރާއަށް ބޭނުންވެފައިވާ މައްސަލަތަކަށް އިލްމީ ރިސާޗްތައްލިޔެވި އާއްމުކުރުން. މިސާލަކަށް "ސިއްރު ހެކިބަސްނެގުން" ނުވަތަ "މީހާގެ ޢައިރު ހާޒިރުގައި ޙުކުމް ކުރުން" ފަދަ ރިސާރޗްތަކެވެ. ދާދި ފަހުން މީހަކު މަރަށް ޙާޒިރުވެފައި އޮތްކަމަށް މިޑިޔާގައި ޚަބަރު ކިޔަމުން ދަނިކޮށް ވެސް ރޭގަނޑު ދަންވަރު އެމީހާގެ ޢައިރު ހާޒިރުގައި ހުކުމް ކުރެވިފައި އެބަހުއްޓެވެ.

އެނޫނަސް ވާހަކަ ދައްކަންޖެހޭ އަދި އިލްމީގޮތުން އިސްލާޙުކުރަންޖެހޭ ކިތަންމެ ކަމެއްވެސް ޝަރްއީދާއިރާގައި އެބަހުއްޓެވެ. ނަމަވެސް މިކަންކުރެވޭނީ އެންމެ ފުރަތަމަ އުގެނިގެންނެވެ. ކީރިތި ޤުރުއާނުގެ އެންމެ ފުރަތަމަ އާޔަތާމެދު ވިސްނަވާށެވެ. اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

ނޯޓް:ރިޓަޔާޑް މެޖިސްޓްރޭޓް އަބްދުﷲ ފާރޫޤް އިބްރާހިމް އަކީ ގިނަ ދުވަސްތަކެއް ވަންދެން މެޖިސްޓްރޭޓް ކަން ކުރައްވާ، މިހާރު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓިކި

    ޢޮޮކެެ...

  2. ދިވެހިން

    ވ.ރަގަޅު ލިޔުމެއް.

  3. މިއަދު

    މޮޅުބަހެއް މިއަދު މިގައުމުގެ ކޮންރަޢިއްޔަތަކަސްބަ އެގެނީ މަޖިލާއި ޖުޑިސަލް ސަވިސް ކަމިޝަން ވަކިކުރަން ޖުޑީސަލްސާވިސްކަމިޝަނަށްވުރެ އަދި ބަކަމިޝަނަށްވުރެ ބޮޑަށް ފަޑިޔާރުންނަށް ނުފޫޒާއި ބާރުފޯރުވަނީ ރަޢިއްޔަތުންގެމަޖިލިހުންކަމާމެދު ދެބަސްވާނެ ރަޢިއްޔަތަކުނެތް އެހެންވީއިރު މިނިވަންވެ މުސްތަގިއްލު ވާނީ މިހަވަރަށް