"ދިވެހި ރާއްޖޭގެ ޞިއްޙީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ފާހަނގަކުރައްވާ ދުނިޔޭގެ ސިޢްޙަތު ޖަމުޢިއްޔާ ޑަބްލިޔު. އެޗް. އޯ. އިން ރާއްޖެއަށް ތައުރީފް ކޮށްފިއެވެ." މިއީ 6 ސެޕްޓެމްބަރ 2017 ގައި ޕީ. އެސް. އެމް ނިއުސްގެ ހެޑްލައިނެވެ. އަޅުގަޑު ވެސް ގަޔަތްބާރުލާފާ އައްތިލަ ޖެހީމެވެ. ސަބަބަކީ ސިއްޙީ ދާއިރާގެ މުހިއްމުކަން ދިވެހި ރާއްޖެ އަށް ބޭނުންވެފައިވާ މިންވަރު އިޙްސާސްކުރެވޭތީއެވެ.

ޤަބޫލު ކުރަންޖެހޭ ޙަޤީޤަތެއް އެބައޮތެވެ. އެއީ ކޮންމެ ސަރުކާރަކުންވެސް ސިއްޙީ ދާއިރާ ރަނގަޅުކުރުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއްކުރެއެވެ. އެގޮތުން އިމާރާތް އުސްކުރުންވެސް ހިމެނެއެވެ. ރީތިކުރުން ވެސް ހިމެނެއެވެ. އިކްވިޕްމެންޓްތައް ހޯދާ ބެހެއްޓުންވެސް ހިމެނެއެވެ. ނަމަވެސް އެދާއިރާގެ ބިންގާ ކަމުގައިވާ އެކަމުގެ ފަނަނުވެރީން ބިނާކުރުމަށް އިސްކަންދެވޭ މިންވަރާއި މެދު ސަވާލު އެބައުފެދެއެވެ.

ސިއްހީ ދާއިރާގެ އަސްލު ބިނާވަނީ އެދައިރާގެ ފައްނުވެރީންގެ މައްޗަށެވެ. އެއީ ތަފާތު ކެޓަގަރީ ތަކުގެ ޑޮޓަރުންނާއި ނަރުހުންނާއި އަދި އެނޫނަސް އެދާއިާގެ ޓެކްނޭޝަނުނުންނެވެ. އަދި އެދާއިރާށް ވާސިލު ވެވޭ ފައްނު ވެރީންނަކީ އަދި އޭގެ ތެރެއިން ވެސް ޚާއްޞަކޮށް ޑޮކްޓަރުންނަކީ ސެކަންޑަރީ އޭ. ލެވެލްގެ ޚާއްޞަ މާއްދާތަކަކުން ކަނއެޅޭ ވަކިވަރަކަށް މާކުސް ލިބިގެން ނޫނީ އެދާއިރާގެ ކިޔެވުމާ ހަމަޔަށް ވާޞިލު ނުވެވޭބަޔެކެވެ. މިސަބަބަށް ޓަކައި ޤައުމުގައި އުފެދޭ މިފަދަ ރަނގަޅު ނަތީޖާ ޙާސިލުކުރާ ޒުވާނުން ބޭކާރުނުކޮށް އެފުރުސަތު އެފަދަ ޤާބިލު ޒުވާނުންނަށް ދިނުމަކީ ތަރައްޤީ ވުމަށް ބޭނުންވާ ޤައުމުތަކު އެންމެ އިސް ލަނޑުދަނޑިއެވެ. ދިވެހި ރާއްޖެ ވެސް ތަރައްޤީ ވުމަށް ބޭނުންވާ ކަމާމެދު އޮޅުމެއް ބޮޅުމެއްނެތެވެ. ކޮންމެ ސަރުކާރެއްގެ ވެސް ބޮޑު ވަޢުދަކީ ކިޔަވާކުދީންނަށް ތަޢުލީމަށް މަގުފަހި ކޮށްދޭނެކަމުގެ ޔަޤީންކަން ދިނުމުގެ ވަޢުދެވެ. ނަމަވެސް ދާދި ފަހުން ހަޔަރ އެޑިއުކޭޝަނުން އާއްމުކުރެއްވި ނަމްބަރ:475/2019/85 (ޖޫން 2019) އިއުލާނުން ހުޅުވާލި ޑޮކްޓަރީ (އެމް.ބީ.ބީ.އެސް) ކެޓަގަރީ އަށް ކުރިމަތިލާފައިވާ 78 ޒުވާނުންގެ ތެރެއިން 50 ދަރިވަރުން ކޮލިފައިޑްވިއެވެ. ނަމަވެސް ފުރުސަތު ލިބުނީ އެކުދީންގެ ތެރެއިން ހަމަ އެންމެ ތިން (3) ކުދިންނަށެވެ. މިފަދަ ޒުވާނުންނަށް މިފަދަ ނާޒުކު ފުރުސަތުތައް ގެއްލިގެން ދިއުމަކީ ޤައުމުގެ ހުރިހާ ފަރުދުންނަށް ލިބޭ ފޫނުބެދޭވަރުގެ ގެއްލުމެކެވެ. މިކަން ރަނގަޅު ނުކޮށް ފިނަމަ މިގެއްލުމުގެ ސަބަބުން މިދާއިރާގެ މުސްތަޤުބަލުގައި އޮންނާނީ އަދިރިކަމާއި ބަނަކަމެވެ. ނުތަނަވަސް ކަމާއި ހާސްކަމެވެ. މިކަމުގެ ކުޑަމިސާލަށް ދައްކާލާނަމެވެ.

މިނިސްޓްރީ އޮފް ހެލްތުން 25 ޖޫން 2019 ގައި ނެރުއްވި ޑިމާންޑް ލެޓާރ ގައި އެދާއިރާއަށް ހެލްތު ޕްރޮފިޝިނަލުން ބޭނުންވެގެން ހުށަހަޅުއްވާފައިވެއެވެ. އޭގައި 21 ފިޒިޝަނުންނާއި 5 އެމް.ޑީ އާއި 3 ކާޑިއޮލިޖިސްޓާއި (ހިތުގެ ޚާއްޞަ ޑޮކްޓަރުން) 4 ނެފްރޮލިޖިސްޓާއީ (ކިޑްނީ ގެ ޚާއްސަ ޑޮކްޓަރުން) 5ނިއޯނޭޓޮލިޖިސްޓާއި (ޅަފަތުގައި ވިހެއުމުގެ މަސައްލަތަކަށް ޚާއްޞަ ޑޮކްޓަރުން) 14 ޕީޑިއޭޓްރިޝިއަނާއި ( ކުޑަކުދީންގެ ޚާއްޞަ ޑޮކްޓަރުން) 2 އިމަރޖެންސީ ފިޒިޝަނާއި 5 ޔޫރޮލިޖިސްޓާއި 8 ސާޖަންއާއި 10 އީ.އެން.ޓީ ސާޖަންއާއި 9 އޮފޯމޮލިޖިސްޓާއި ( ލޮލުގެ ފެނުނުމުގެ ނިޒާމުގެ ޚާއްޞަ ޑޮކްޓަރުން) --އޯތޮޕީޑެކް ސާޖަނުންނާއި (ގަނޑު ގެ އެންމެ ކުރީ ގައި މިބައި އޮވެފައި ޕީ.ޑީ.އެފުން މިއަދަދު ސާފުނުވެއެވެ. ނަމަވެސް އޭކަންވަޅުގައި އޮތީ އެކެއްކަން ޔަޤީނެވެ. ދިހަވަޅުގައި އޮތީ 5 ނުވަތަ 6 ނުވަތަ 8 ކަމާމެދު ޝައްކެވެ. އެހެންކަމުން އެއަދަދަކީ 10 ކަމަށް އަންދާސާކުރުން އެންމެ ރަނގަޅު ކަމަށް ފެނެއެވެ.) ދެން އޮތީ 13 އެނެސްތިސިއެލޮޖީންނާއި 14 ގައިނިކޮލިޖިސްޓާއި 8 ރޭޑިއޮލިޖިސްޓާއި 1ޕެތެލޮޖީއާއި 2ހެމަޓޮލިޖީއާއި 1ޑެރަމަޓެލޮޖިސްޓާއި 12 ސައިކައިޓްރިސްޓް ހިމެނެއެވެ.

މިއިން ކޮންމެ މީހެއްގެ މުސާރަކަމަށް ލިޔެފައިވަނީ ސަބް އިސްޕެޝިލިސްޓެއްނަމަ މަހަކު 3826 ޑޮލަރެވެ. އެއީ 58995 ދިވެހި ރުފިޔާއެވެ. ކޮންސަލްޓަންޓެއްނަމަ 2939 ޑޮލަރެވެ. އެއީ 45315 ދިވެހި ރުފިޔާއެވެ. އެއިއުލާނުގައި އިތުރަށް ބޭނުންވެގެން ހުށަހަޅާފައިވާ ސިއްޙީ ދާއިރާގެ މަޤާމުތަކުގައި އަންނަނިވި ވަޒީފާތައް ހިމެނެއެވެ. އެއީ 127 މެޑިކަލް އޮފްސަރުން، 8 ޑެންޓިސްޓުން،9 ކްލިނިކަލް ސައިކޮލިޖީ، 55ޕާމެޑިކުސް، 18 އިމަޖެންސީ، 100 ސްޕެޝަލް ނަރުހުން، 600އަށް ވުރެ ގިނަ ނަރުހުން، 180 ލެބޯޓްރީ ޓެކްނޮލޮޖީން، އަދި ވެސް ކިތަންމެ ކިތަންމެ ވަޒީފާތަކެވެ.

ސުވާލަކީ މި އުފެއްދި ވަޒީފާތުން ފައިދާނަގާނީ ކޮންބައެއްތޯ؟ ދިވެހީންތޯ ނުވަތަ ބޭރު މީހުންތޯ؟

ސިއްޙީ ދާއިރާގެ ފަންނުވެރީން ނުއުފައްދާތިބެގެން ކިތަންމެ ވަރަކަށް ހަސްފަތާލުތައް ބުރިބުރިއަށް އުފުލިކަމުގައިވިޔަސް އެއިންކުރާނެ މަންފާއެއްނޯއްނަނެއެވެ. ތަރައްގީގެ ބިންގަލަކީ މީހުން ބިނާކުރުމެވެ. އެހެންކަމުން އަވަށްޓެރި ޤަމުމަކުން އައިސް އޯގާވެރި ކަންދައްކައި އަވަސް ކަމާއެކު އިމާރަތެއް ހަދާދޭން ނުވަތަ ބަދަރެއް ހަދާދޭން ނުވަތަ އެނޫނުސް ކޮންމެވެސް ޢިމްރާނީ ކަމެއްކޮށްދޭން އުޅެގެންފިނަމަ ނުވަތަ ނުއުފުލޭވަރުގެ ބޮޑު ދަރަންޏެއް ބޮލުގައި އަޅުވަން އުޅެގެންފިނަމަ އެކަމަކަށް ވުރެކުރީން އެމީހުން ގެ ކިބައިގައި ހުރި އިލްމެއް ދިވެހި ޒުވާނުންންނަށް ލިބޭތޯ މަސައްކަތް ކުރުމަށް އަވަސްވެގަތުން މާބުއްދިވެރިއެވެ.

އަވައްޓެރި ޤައުމުތަކުން ފަސޭހަކަމާއެކު ކަމެއްކޮށް ދެނީ އެކަމުގެ ސަބަބުން އެމީހުންގެ ޤައުމްށާއި ދަރިފަސްކޮޅަށް އޭގެ ބޮޑުމަންފާއެއްއޮންނާނެ ކަންކަމަށެވެ. ޤައުމެއްގެ ރައީސަކު ވަޑައިގެންފިނަމަ އެމީހެއްގެ ކާރީގައި ބަޖެޓް ތާށިވެގެންއުޅޭވާހަކަ ދެއްކުމުގެ ބަދަލުގައި ދިވެހި ޒުވާނުންނަށް މެޑިސިނާއި އިންޖިނޭރިންފަދަ ނާޒުކު ދާއިރާތަކުން އެންމެ ފުރުސަތެއްވެސް ދެއްވާތޯ މަސައްކަތްކުރުން މާބުއްދިވެރިއެވެ. ރައްޔިތުން ދައްކާ ޓެކުސް ފައިސާ ބޭނުންކުރައްވާގެން ކުރައްވާކޮންމެ ދަތުރެއްގައި ކޮންމެ ޤައުމަކުންވެސް ދިވެހި ޒުވާނުންނަށް މެޑިސިނާއި އިންޖިނޭރިންފަދަ ނާޒުކު ދާއިރާތަކުން އެންމެ އިސްކޯލާރޝިޕެއް ލިބޭތޯ މަސައްކަތް ކުރުންކީއްތޯއެވެ؟

ނޯޓް:ރިޓަޔާޑް މެޖިސްޓްރޭޓް އަބްދުﷲ ފާރޫޤް އިބްރާހިމް އަކީ ގިނަ ދުވަސްތަކެއް ވަންދެން މެޖިސްޓްރޭޓް ކަން ކުރައްވާ، މިހާރު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒީ

    100%

    10
    1
  2. ފާތިމަ

    ވަރަށްރަގަޅު ވާހަކައެއް.އަޅުގަނޑުގެ ދަރިފުޅު ށަރުތުވެސް ހަމަވި އެކަމަކު ލޯނެއްނުލިބުން.އެމްބީބީއެސްއަށް ދިނީ އެންމެ ތިން ޖާގަ.ކީތްކުރާނީ އަމިއްލަޔަށް އެވަރުހަރަދެއް ކުރެވޭހާ ތަނަވަސްކަމެއްނެތީމަ ލޯނު ލިބޭތޯ އުޅުނީ.މިހާރު ދަރިފުޅު ހުރީ މާޔޫސްވެފަ

    3
    1