ސިންގަޕޫރަކީ ވެސް ޖަޕާންގެ ވެރިރަށް ޓޯކިއޯ އަކީ ވެސް ދިވެހިންނަށް އާނަންތަކެއް ނޫނެވެ. ރާއްޖެ ސިންގަޕޫރާއި އެއްވަރަށް ތަރައްޤީ ކުރާ ވާހަކަ ދައްކާތާ ގަރުނަކާއި ގާތް ވެއްޖެއެވެ. އެންމެ ފަހުން މިއިވުނީ ޖަޕާންގެ ވެރިރަށް ޓޯކިއޯ ތަރައްޤީ ކޮށްފައިވާ ގޮތް މިސާލަކަށް ބަލައިގެން އެފަދަ ގޮތަކަށް މާލޭގައި ހުސް ބިންތައް އިތުރުކޮށް އިތުރު އިމާރާތްތައް އަޅާ ވާހަކައެވެ.

ރާއްޖެ ސިންގަޕޫރާއި އެއްވަރަށް ތަރައްޤީ ވެގެން އަންނަ މަންޒަރު ބަލަން ކޮންމެ ދިވެއްސަކު ވެސް ބޭނުން ވެއެވެ. ކާރޫބާރޫ ބޮޑުވެފައިވާ މާލެ ޓޯކިއޯ އާއި އެއްފަދައިން އިންސާނުން އުޅެން ހެޔޮވާވަރުގެ ތަނަކަށް ބަދަލުވެގެން އަންނާނެ މަންޒަރު ބަލަން ވެސް ދިވެހިން ބޭނުން ވެއެވެ.

ސަރުކާރުންނާއި، އިންވެސްޓަރުންގެ މަސައްކަތުން ސިންގަޕޫރާއި ޓޯކިއޯގައި އެހުރިފަދަ އިމާރާތްތަކެއް ރާއްޖޭގައި ވެސް އެޅި ދާނެއެވެ. އެފަދަ އިމާރާތްތައް އަދި އެފަދަ ބިނާތައް މިހާރު ވެސް އެދަނީ އެޅެމުންނެވެ. ހިނގަމުން މިދާ ފަސް އަހަރުގެ ތެރޭގައި ހިނގި ވަރުގެ ގިނަ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް އޮތް ފަސް އަހަރު އިތުރަށް ހިންގައިފިނަމަ ޔަގީނުން ވެސް މާލެ ސަރަހައްދުގައިސިންގަޕޫރާއި ޓޯކިއޯ ގައި ހުރި ފަދަ އިމާރާތްތަކާއި ބިނާތައް ހުރި ސިޓީއަކަށް ބަދަލު ވެގެން ދާނެއެވެ.

ސުވާލަކީ އިމާރާތްތައް އުސްވެ ރީތި ވުމުން ސިންގަޕޫރު ރައްޔިތުންނާއި ޓޯކިއޯ ރައްޔިތުން އެހޯދާ ހިތްހަމަޖެހުން ދިވެހިންނަށް ލިބިދާނެ ހެއްޔެވެ؟ ނޫނެކެވެ. އެހިތްހަމަޖެހުން ހޯދުމަށްޓަކައި ދިވެހިންނަކީ އަޙްލާޤީ ގޮތުން ވެސް ސިންގަޕޫރު މީހުންނާއި ޓޯކިއޯ މީހުންނާއި އެއް ވަރުގެ ބަޔަކަށް ވާން އެބަޖެހެއެވެ.

ކުޑަކުޑަ މިސާލަކަށް ބަލާލާނަމެވެ. ސިންގަޕޫރަށް ބަލާނަމަ ސިންގަޕޫރަށް ޗުވިންގަމް އެތެރެ ކުރުން އެއީ ޤާނޫނީ ގޮތުން ވެސް ކުށެކެވެ. ބޭނުމަކީ ޗުވިންގަމްގެ ސަބަބުން ސާފުތާހިރުކަމަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންތައްތައް ހުއްޓުވުމެވެ. ސިންގަޕޫރަށް ޗުވިންގަމް އެތެރެކޮށްފިނަމަ ފުރަތަމަ ފަހަރަށް 1000 ޑޮލަރުން ޖޫރިމަނާ ކުރާނެއެވެ.

ނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގައި މިއުޅެނީ ގޭގައި ބޭނުން ކުރި ހުރިހާ ކުންޏެއް ނެރެ މަގުމަތީގައި ބެހެއްޓުމުން 100 ރުފިޔާ އިން ވެސް ޖޫރިމަނާ ކޮށް ނުލެވިގެންނެވެ.

ސާފުތާހިރު ކަމުގެ އާދަތަކުގައި ނުހިފެއްޓުމުން އަދަބު ދިނުން އެއީ އެންމެ ރަނގަޅު ހައްލު ކަމުގައި ނުވެދާނެއެވެ. މަގުމައްޗަށް ކުނި އެޅުމަކީ ގޯސް އާދައެއް ކަން ކޮންމެ ދިވެއްސަކަށް އެނގޭނެއެވެ. އެކަން އެނގޭ އިރު ވެސް މަގުމައްޗަށް ކުނި އެޅުމަކީ އަޙްލާޤީ މައްސަލައެކެވެ. އެއީ އިމާރާތްތައް ރީތިކޮށް، އުސް ކުރުމުން ހައްލު ކުރެވޭނެ މައްސަލައެއް ނޫނެވެ. މައްސަލަ ހައްލު ކުރަން ބޭނުން ވަނީ އަމިއްލަ ޒިންމާއެއް ކޮންމެ ކަމެއްގައި ވެސް އޮންނަ ކަން ގަބޫލުކޮށް އެޒިންމާ އަދާކުރުމެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބަލާއިރު ސިންގަޕޫރުގައި ވަކި ސަރަހައްދުތަކެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ވަރަށް ހަރުކަށި އަދަބު ދެއެވެ. ދިވެހިރާއްޖޭގައި ވެސް އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނަލެވެ.

ނަމަވެސް ރާއްޖޭގެ މަގުމަތީގައި ސިނގިރޭޓް ބުއިމުން ނޫނީ އާންމު އެހެން ތަނެއްގައި ސިނގިރޭޓް ބުއިމުން ދެވޭ އަދަބެއް ނެތެވެ. އަދި އާންމު ތަންތަނުގައި ސިނގިރޭޓް ބޯ މީހާ އެކަން ކުރަނީ ވެސް އެއީ މަނާ ކަމެއް ކަން އެނގި ހުރެއެވެ. ޤަވައިދު ތަންފީޒު ކުރުމުގައި ވެސް ޤަވައިދަށް ބޯ ލެނބުމުގައި ވެސް މައްސަލަތައް އެބަހުއްޓެވެ.

ޖަޕާނަށް ބަލާއިރު ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނަށް ލިބުނު ބޮޑު ނާކާމިޔާބާއި ލިބުނު ބޮޑު އިޖުތިމާޢީ އަދި އިޤުތިޞާދީ ގެއްލުމުން އަރައިގަނެ މިއަދު މުޅި ދުނިޔެ އިން ވެސް އެންމެ ބޮޑަށް ތަރައްޤީ ވެފައިވާ އެއް ގައުމަށް ޖަޕާން ވެފައި އެވަނީ ހިތްވަރާއި އެކު ކުރި ބުރަ މަސައްކަތުންނާއި، އެމީހުން ބޯލެނބި ރަނގަޅު އުސޫލުތަކުގެ ސަބަބުންނެވެ.

ޖަޕާން ތަރައްޤީ ވެގެން ދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އެގައުމުގެ ސިޔާސީ ހަމަޖެހުމެވެ. އަވައްޓެރި ކޮރެއާ އާއި ޗައިނާ ގައި އުފެދުނު ފަދަ ދާހިލީ މައްސަލަތަކެއްގެ ތެރެއަށް ޖަޕާން ވައްޓާނުލާ ހުރިހާ ރައްޔިތުން ގައުމަށްޓަކައި ކުރި މަސައްކަތުގެ ނަތީޖާ މިއަދު އެބަފެނެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިންނާއި އޭގެ ފަހުން ވެސް ޖަޕާނުން ހާއްސަ ސަމާލުކަމެއް ދިނީ ގައުމީ ލޯތްބާއި އަހުވަންތަކަށް އިތުރު ކުރާށެވެ. ކޮންމެ ކުއްޖަކީ ކޮންމެ ބޮޑު މީހަކީ އެމީހެއްގެ ގައުމާއި، ސަގާފަތު ދެކެ އިންތިހާއަށް ލޯބިވާ މީހަކަށް ޖަޕާނުން ހެދިއެވެ.

ނަމަވެސް އަޅުގަނޑުމެންގެ ގައުމުން ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ ދިވެހި ބަހުން ވާހަކަ ދެއްކުން މިއަދު ދިވެހިންނަށް ލަދު ކަމަކަށް ވެއްޖެއެވެ. ގައުމީ ލޯތްބަށް ވުރެ ސިޔާސީ ވާދަވެރިކަމާއި، ސިޔާސީ ޕާޓީ އަށް ލޯބި އިތުރު ވެއްޖެއެވެ. ގައުމަށް ކޮންމެ ގޮތެއް ވެގެން ނަމަވެސް ސިޔާސީ ފިކުރަށް ޖާގަ ލިބިއްޖެނަމަ ދިވެހިންނަށް މިއަދު އޯކޭ އެވެ.

ދިވެހި ސާގާފަތާއި، އާދަކާދައިގެ އަލިފުބާ ވެސް ދިވެހި ކުޑަ ކުދިންނަކަށް ނޭނގެއެވެ. އެއީ މައްސަލައެއް ކަަމަށް އެއްވެސް ދިވެހި ބެލެނިވެރިޔަކު ގަބޫލެއް ވެސް ނުކުރެއެވެ.

ދިވެހިރާއްޖެ ސިންގަޕޫރަކަށް ނުވަތަ ޓޯކިއޯއަކަށް ހަދަން ބޭނުން ވާނަމަ އެގައުމުތަކުގެ ރައްޔިތުންގެ އުޅުމާއި އަޙްލާޤު ވެސް ދިވެހިން ދަސްކުރަން އެބަޖެހެއެވެ. ރީތި އާދަތަކަށް ބޯލަނބާ ކިޔަމަން ވާން އެބަޖެހެއެވެ. ޤާނޫނުގައި ކޮޅުންފައިން ޖެހުމަކީ ރީތި ގޮތެއް ނޫންކަން ގަބޫލުކޮށް ކޮންމެ މީހަކީ ޤާނޫނާއި ޤަވައިދަށް ބޯލަނބާ މީހަކަށް ވާން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަފްޞާ / މާލެ

    އިދިކޮޅު ބަޔަކު ޖޯކުޖެއްސަސް މި ދެވާހަކާގައި އޮޅުމެއް ނެތްކަން ސިނކުނޑީގެ އަހްލުވެރިންނަށް ނޯޅޭނެއެވެ. ސަރުކާރުން ވިދާޅުވެފައިވަނީ ދިވެހިރާއްޖެ ސިންގަޕޫރާ އެއްފެންވަރަށް ގެނެދިޔުމަށް އަމާޒްހިފި ވާހަކައެވެ. މުޢިއްޒް ވިދާޅުވީ މާލެސިޓީ ޓޯކިޔޯ ފެންވަރަށް ގެންދިޔުމަށް އަމާޒްހިފި ވާހަކައެވެ.

  2. ޓީޓޯ

    ނެޝަނެލިޒަމް ރާއްޖެ އަކު ކުރިއެއް ނޭރުވޭނެއެވެ. ޑިކްޓޭޓަރުން ބޭނުންވާނީ އެކަން އެގޮތަށް ކުރުމަށެވެ. މިސުރުގެ ޖަމާލު އަބުދުއްނާސިރު، ނޯތް ކެރެއަރގެ ކިމްއުލްސިން، ޗައިނާގެ މާއޯ، ކިއުބާގެ ކާސްޓްރޯ، ކުރުކޮށް ބުނާނަމަ މާކްސިސްޓް ހިޔާލުތަކެއް ރާއްޖެ އަކު ނުހިނގާނެއެވެ. މައުމޫނު ވެސް ވެރިކަމުގެ ކުރީކޮޅު އަލް އަހު ކިޔުވައިގެ އެސަކަރާތް ޖައްސަން އުޅުނެވެ. އަހްލާގިއްޔާތޭ ވެސް ކިޔެވެ. ހަމަ ވީ ފޭލްއެވެ.

  3. ޓޯކިޔޯ ޖޯކިޔޯ

    ޗިންޗޮންޗިން. އައްދެއްޔޭއް، މިއޮތީ ރާއްޖެ ޓޯކިޔޯއައް ހަދާލާފަ. އަދުރޭ ހާދަމޮޅޭ، މުއިއްޒޫ ހާދަމޮޅޭ، ޔާމީނޫ ހާދަ މަމޮޅޭ. ޕީން ޕީން ޕީން ޕޯން. މަގުމަތީގަ ނަޖިހާއި ގުޔާ ފެންހޮޅިވެސް އެހެރަ ހުންނަނީ ޓޯކިޔޯގަ ހުންނަގޮތައް ދީ. ވާސަރީ. ހަމަ ޕީންޕީން ޕޯންޕޯން. ސިންގަޕޫރައް ރާއްޖެހަދާ ނިމުނީމަ ދެން މިތައް ޓޯކިޔޯއައް މިހިރަ ހަދާ ނިންމާލަނީ. ޕީންޕީން ޕޯންޕޯން. ޗިންޗޮންޗިން.

  4. ފައި

    ވަރަށް ފުރިހަމަ ލިޔުމެއް!!!

  5. މުޙައްމަދު

    ވަރަށް ފުރިހަމަ ލިޔުމެއް

  6. ޒުހުދާ

    ދިވެހި ސާގާފަތާއި، އާދަކާދައިގެ އަލިފުބާ ވެސް ދިވެހި ކުޑަ ކުދިންނަކަށް ނޭނގެއެވެ. ކޮބާ މިކަމަށް ހެކިދޭ ދިރާސާއަކީ؟ ތެދު މަޢުލޫމާތު ގެނައުން އެދެނެް. ކުޑަކުދިންނޭ ބުނާއިރު ހަމަ އެނގޭ ކުދިންވެސް އުޅޭނެ. ޖުމްލަ އިސްލާޙު ކުރުން އެދެން.

  7. މުނާ

    ރާއްޖޭގަ މައްސަލައަކީ، ފަރުދީ ޒިންމާ ނުދަތުން. ދަތުރުވެރިންގެ މާރުކެޓް ހުންނަ ކަނބާއައިޝާ ރަނިހިނގުމުގަ 3 ބަރިއަށް ޕާކްކޮށްފަ އެބަހުރޭ. ޕާކްކުރަން އޮންނަ ހިސާބު ނޭނގޭނެ ޑްރައިވަރެއް ނޫޅޭނެ. ޑްރައިވިންގ ޓެސްޓޭ ކިޔާ އެއްޗެއްހަދާ. އެކަމަކު، މިހެން ޕާކް ކޮށްފަ އޮންނަ އުޅަނދުތައް ނަގާތަނެއް ނުފެނޭ. ސްޓްރިކަރ ނުޖަހާ. ސަބަބަކީ އެއީ ބޮޑެތި ކުންފުނިތަކުގެ އުޅަނދަށް ވުންތޯ އާއްމުން ސުވާލުކުރޭ.