މީގެ އަހަރުތަކެއް ކުރިއަށް ނަޒަރު ހިންގާލާކަމަށްވާނަމަ، "އޯޓިޒަމް" އަކީ ދިވެހިންނަށް މުޅިން އައު ބަހެކެވެ. އެކަމާ ގުޅޭގޮތުން މާ ބޮޑު އެއްޗެއް އޭރަކު ނޭނގެއެވެ. އެއީ ކިހިނެއްވާ ކަމެއްކަމާއި އެކަމުގެ އެހެނިހެން މައުލޫމާތެއް ގިނަ މީހުންނަކަށް ނޭނގެއެވެ.

މިއަދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އޯޓިޒަމް އާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުވުމުގެ ދުވަސްކަމުން، އެކަމާ ގުޅޭ ބައެއް މަޢުލޫމާތު ހިއްސާކޮށްލުމަކީ ނެތް ކަމެއް ނޫނެވެ.

އޯޓިޒަމް އަކީ ކޮބައި؟

އޯޓިޒަމް ނުވަތަ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ އަކީ ގިނަ ކަންތައްތަކެއް ކުރުމުގައި ދިމާވާ ގޮންޖެހުންތަކަކަށް ނުވަތަ އުނިކަމަކަށް ކިޔާ ނަމެކެވެ. އޯޓިސްޓިކް ކުދިންނަށް އިޖުތިމާޢީ ގޮތުންނާއި މުވާސަލާތު ކުރުމާއި ވިސްނާ ފިކުރުކުރުން ފަދަ ކަންކަމުގައި އުނިކަން ހުރެއެވެ.

އޯޓިޒަމް އާއި މެދު ހޭލުންތެރި ކުރުވަން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް
އޯޓިޒަމް އާއި މެދު ހޭލުންތެރި ކުރުވަން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

މި ޙާލަތު ދިމާވުމަށް އަސަރު ފޯރުވާ ކަންކަމުގެ ތެރޭގައި އެކި ސަބަބުތައްވާކަމަށް ޞިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެފަދަ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ޖެނެޓިކް އަދި ވެށީގެ ތަފާތުތައް މިކަންކަމަށް އަސަރު ފޯރުވައެވެ. އެހެންނަމަވެސް، ވަކި ބާވަތްތަކެއްގެ ވެކްސިނެއްގެ ސަބަބުން އޯޓިޒަމްގެ އަސަރު، ކުދިންގެ ހަށިގަނޑަށް ނުކުރާކަމަށް ވަނީ ސާބިތުކުރެވިފައެވެ. އަދި މިއީ ނިއުރޯލޮޖިކަލް ޑިސްއޯޑަރ އެއްގެ ސަބަބުން ސިކުނޑިއަށް އަސަރު ފޯރައިގެންވާކަމެއްކަންވެސް ވަނީ ހޯދިފައެވެ.

އޯޓިޒަމްގެ އަލާމާތްތަކަކީ ކޮބާ؟

ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބަލާއިރު، އޯޓިޒަމް ދެނެގަންނާނޭ ނުވަތަ އޯޓިޒަމްގެ ތަފާތު އަލާމާތްތަކެއްވަނީ ޞިއްޙީ މާހިރުން ދެނެގަނެފައެވެ. އޭގެ ތެރޭގައި އަހަރެއް ފުރޭއިރުވެސް ނަމުން ގޮވާލުމުން އެއްވެސް އިޖާބައެއް ނުދިނުމާއި 14 މަސް ފުރުމުން ކަންކަމަށް ސަމާލުކަން ދޭތަން ނުފެނުން ހިމެނެއެވެ. ހަމައެހެންމެ، އެހެން މީހުންނާ ވަކިން، އެކަނި ތަނެއްގައި އިނުމަށް ލޯބިކުރުމާއި ކުދިކުދި ކަންކަމާ މާ ބޮޑަށް ރުޅި އައުންވެސް ހިމެނެއެވެ. މި ނޫނަސް އެތައް އަލާމާތްތަކެއް މާހިރުން ފާހަގަކޮށްފައިވެއެވެ.

އޯޓިޒަމް އާއި މެދު ހޭލުންތެރި ކުރުވަން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް
އޯޓިޒަމް އާއި މެދު ހޭލުންތެރި ކުރުވަން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

އުމުރުން ދެ އަހަރާއި ތިން އަހަރުގެ ތެރޭގައި އޯޓިސްޓިކް ކުއްޖެއްނަމަ، އެކަމުގެ އަލާމާތްތައް އެކުދިންގެ ފަރާތުން ފެންނައިރު، އެންމެ އަވަސްވެގެން 18 މަހުގެ ތެރޭގައިވެސް މިކަން ކަށަވަރުކުރެވޭ ވަރަށް އަލާމާތްތައް ފެނިދާނެކަމަށް މާހިރުން ބުނެއެވެ.

އެމެރިކާގެ ސެންޓަރ ފޯރ ޑިސީޒް ކޮންޓްރޯލް (ސީޑީސީ) އިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ގިނައިން އޯޓިޒަމް ދެނެގަނެވިފައިވަނީ ފިރިހެން ކުދިންގެ ފަރާތުންނެވެ. އެގޮތުން، އެޤައުމުގެ ކޮންމެ 42 ފިރިހެން ކުއްޖަކުން އެއް ކުއްޖަކީ އޯޓިސްޓިކް ކުއްޖަކަށް ވާއިރު ކޮންމެ 189 އަންހެން ކުއްޖަކުން އެއް ކުއްޖަކީ އޯޓިސްޓިކް ކުއްޖެކެވެ.

އޯޓިޒަމްއާމެދު އާއްމުން އަދިވެސް ހޭލުންތެރިބާ؟

އޯޓިޒަމް މި ބަހަކީ ދިވެހިންނަށް އައު ބަހަކަށް މިހާރު ނުވާނެއެވެ. ދިވެހިންގެ ދުލަށްވެސް މި ބަސް ފަރިތަވެފައި ވީނަމަވެސް، އަދިވެސް މިކަމާ ބެހޭގޮތުން މަޢުލޫމާތު ނޭނގޭ އެތައް ބައެއް އުޅެމުންދެއެވެ. މިފަދަ ކަންކަމުގެ ސަބަބުން އެފަދަ ކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުމާއި އިޙުތިރާމު ނުދޭ އެތައް ފަރާތްތަކެއްވެސް އުޅެމުންދެއެވެ. އެހެންކަމުން، ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ހުއްޓާލައިގެން އަދި ވާކަށް ނެތެވެ.

އަޅުގަނޑުމެން ވިސްނާލަން ޖެހޭ ހަޤީޤަތަކީ އަދި އެންމެ ދުވަހަކު އޮފީހަށް ނޫ ކުލައިގެ ހެދުމެއް ލައިގެން ގޮސްގެން، މިކަމާ މެދު ހޭލުންތެރިކުރެވެން ނެތްކަމެވެ. މީގެއިތުރުން، އެފަދަ ކުދިންނަކީވެސް އެތައް ތަފާތު ހުނަރެއް ލިބިފައިވާ ޤާބިލު ކުދިންތަކެއްކަން ދެކިގެން، އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކުރިއަށް ދާންވެއްޖެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަންދު

    ދުވަހާ ގުޅޭ ވަރަށް ފުރިހަމަ ލިޔުމެއް ސާބަހޭ ވަގުތު ކުދިންނަށް

  2. އިއްތިފާގު

    އަހަރެމެން ރަށުގަ ވެސް އުލޭ ދެތިން އޯޓިސްތިކް ކުދިން

  3. އަބްދުއްލާ

    ހުރިހާމީހުންނަކީ ހަމަހަމ ވިސްނުމާ ޖިސްމާނީ ހަމަހަމަ ކަމާ ސިކުނޑިޔާ ވިސްނުމުގެ ހަމަހަމކަމާ ބައިލޮޖިކަލް ހަމަހަމަ ކަން ލިބިފައިވާ ބައެއް ނޫން ،ހުރިހައިންސާނުންގެ ސެލްތައް ތަފާތު ހުނަރު ތަފާތު އިވުމާ ފެނުންތަފާތު ކުލަތަފާތު .ވީމާކޮންމެ މީހަކީ ތަފާތު މީހެއް .ތަފާތު ދަރަޖަ އެއް ލިބިފައިވާ މީހެއް.

  4. ހހހހ

    ވަރަށް ފުރިހަމަ ލިޔުމެއް