މަދަނީ ޝަރީޢަތް ކުރުމުގެ ޢާއްމު އުސޫލަކީ ތަޤުލީދީ ފިޤުހުގައި ބަޔާން ކޮށްދެއްވާފައިވާ މަގެވެ. އެއީ މަދަނީ މައްސަލަތަކުގައި ދައުވާލިބޭފަރާތުން އިންކާރުކުރާ ހާލަތުގައި ދަޢުވާކުރާފަރާތުން ހެކިދެއްކުމެވެ. ހެކި ނުދެއްކިއްޖެނަމަ ދަޢުވާލިބޭ ފަރާތުގެ ހުވަޔާއެކު މައްސަލަ ނިންމުމެވެ. ހުވާކުރުމަށް އެފަރާތުން އިންކާރުކޮށްފިނަ ދައުވާ ކުރާފަރާތަށް އެހުވާ ރައްދުކޮށްގެން މައްސަލަ ނިންމުމެވެ. މިގޮތަށް ލުއިކޮށް ކުރެވޭ މަދަނީ ޝަރީއަތްތަކަކީ އެޝަރީޢަތެއްގައި އެ ދެޚަސްމުންގެ މާލީ ހައްގު ފިޔަފައި އިތުރު އެއްވެސް މީހެއްގެ ހައްގެއް އެކުލެވިފައިނުވާ މަދަނީ މައްސަލަ ތަކެވެ. ޖިނާއީ ޝަރީޢަތްތަކުގައިވެސް ދަޢުވާލިބޭ ފަރާތުން އިންކާރުކުރާ ހާލަތުގައި ޝައްކެއް ނެތް މިންވަރަށް ސާބިތުވާވަރަށް ހެއްކާ ގަރީނާ ދައްކަން ޖެހެއެވެ. ޝަރީޢަތުގެ ނަޒަރުގައި ދައުވާލިބޭ ފަރާތަކީ ބަރީއަފަރާތެކެވެ. އެހެންކަމުން ހެކި ނަފީކުރުމުގެ ފުރުސަތު ޖިނާއީ މައްސަލަތަކުގައި ދައުވާލިބޭފަރާތަށް އޮވެއެވެ.

ތަޤުލީދީ ފިގުހުގެ އާއްމު އުސޫލަކީ އިސްވެދެންނެވި މޭރުން ޝަރީއަތަށް ހުށަހެޅޭ މައްސަލަތަކަށް ހައްލުހޯދުން ކަމުގައިވިޔަސް ބައެއް ކަހަލަ ނާޒުކު ޝަރީއަތްތަކަށް ސައިންޓިފިކް އުސޫލުން ހައްލު ހޯދާދެވިފައި އެބަހުއްޓެވެ. ސައިންޓިފިކް ޝަރީއަތޭ ބުނެވޭ ބަހުގެ މުރާދަކީ އޭގައި ފޮރުފައި ހުންނަ ކަންތައްތައް ދަނެގަތުމެވެ. ނަބީ ރަސޫލުންގެ ސީރަތުން މިފަދަ ޝަރީޢަތްތަކަށް އިޝާރާތް ލިބި ފައިވެއެވެ. އަދި ފިޤުހު ފޮތްތަކުގައި މިވާހަކަ ލިޔެވިފައި ވެސް އެބަހުއްޓެވެ. މިއީ ޝަރީޢަތްކުރުމުގެ ނިޒާމަށް އާ އެއްޗެއް ވައްދަނީ އެއްނޫނެވެ. ނަމަވެސް ޝަރީޢަތްކުރުމުގެ ނިޒާމުގައި ހުރި އެއްޗެއް އޭގެ ބޭނުން ހިފަންޖެހޭ ވަގުތު ނުހިފޭތީވެ އެކަން ހަނދާންކޮށްދެނީއެވެ.

ސައިންޓިފިކް ޝަރީއަތް ތަކުގެ ނަމޫނާ ގިނަގުނައެވެ. މިސާލަކަށް ސުލައިމާނު (އަލައިހިއްސަލާމު) ކުރެއްވި ޝަރީއަތް ނަމޫނާ އަކަށް ބައްލަވާށެވެ. އެއްފަހަރަކު މީހަކުގެ ބަކަރިތަކެއް އެހެން މީހެއްގެ ދަނޑަކަށް ވަދެ ގޮވާން ސުންނާފަތިކޮށްލިއެވެ. އެމީހާ ސުލައިމާނު (އަލައިހިއްސަލާމު) ގެ އަރިަހަށް ދައުވާ އުފުލިއެވެ. އެހިނދު އެދައުވާގެ ޝަރީއަތް ނިންމެވީ ސައިންޓިފިކް ނަޒަރިއްޔާއަކުންނެވެ. އެއީ ބަކަރީގެ ވެރިފަރާތާއި ދަނޑު ހަވާލުކުރުމަށް ފަހު ކުރިއެކޭ އެއްގޮތަކަށް ދަނޑު އިއާދަކުރުމަށް އޭނާގެ މައްޗަށް ޙުކުމް ކުރެއްވުމެވެ. އަދި ކުރީގައި ހުރިގޮތައް ދަނޑު އިއާދަކުރެވެންދެން އެމުއްދަތުގައި ބަކަރި ތަކުން، ދަނޑުގެވެރިޔާ ފައިދާނެގުމަށް ހުއްދަކުރައްވާ ދަނޑުގެވެރިޔާއާ އެބަކަރިތަށް ހަވާލުކުރުމެވެ. މި ޝަރީއަތުގެ ސައިންޓިފިކް ހަމަތައް ރަނގަޅުކަމުން ކީރިތި ޤުރުއާން ވެސް މިކަމަށް ތައުރީފުކުރެއްވިއެވެ. މާތް ﷲ ވަޙީ ކުރެއވިއެވެ. (وَدَاوُودَ وَسُلَيْمَانَ إِذْ يَحْكُمَانِ فِي الْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ الْقَوْمِ وَكُنَّا لِحُكْمِهِمْ شَاهِدِينَ) الأنبياء 78 ، މާނައީ: އަދި داودގެފާނާއި، سليمانގެފާނު ހަނދުމަކުރާށެވެ! قومގެމީހުންގެ ބަކަރިތަކެއް ދަނޑަކަށްވަދެ، ރޭގަނޑުގައި ހުއިހެފި مسألةގައި، އެ ދެބޭކަލުން (ދެގޮތަށް) حكمކުރެއްވި ހިނދެވެ. އަދި އެ ދެބޭކަލުން ކުރެއްވި حكمގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވަމެވެ.

މި އާޔަތުގައި ދެބޭކަލުން ދެގޮތަށް ހުކުމް ކުރެއްވި ބަހުގެ މުރާދަކީ މި މައްސަލައަށް އެންމެ ފުރަތަމަ ގޮތެއް ނިންމެވީ ދާއޫދު (އަލައިހިއްސަލާމު) އެވެ. ނިންމެވި ގޮތަކީ (ދަނޑުން ހަލާކުވިތަކެތީގެ ބަދަލެއްގެ ގޮތުގައި) ބަކަރިތައް ދަނޑުވެރިޔާއަށް ނަގާދިނުމެވެ. ނަމަވެސް ސުލައިމާނު (އަލައިހިއްސަލާމު) އިޝާރާތް ކުރެއްވީ މަތީގައި ބަޔާންކުރެވުގޮތަށެވެ. އަދި އެނިންމުން ދާއޫދު (އަލައިހިއްސަލާމު) ގަބޫލުކުރައްވައި ދަރިކަލުން ގެ އެ ވިސްނުންފުޅަށް އުފާފާޅުކުރައްވާ ތާއީދު ކުރެއްވިއެވެ. ސުލައިމާނު (އަލައިހިއްސަލާމު) އަކީ ދާއޫދު (އަލައިހިއްސަލާމު) ގެ ދަރިކަލަކެވެ. ދާއޫދު (އަލައިހިއްސަލާމު) ޝަރީއަތް ކުރައްވާ ވަގުތުތަކުގައި ކާރީގައި އިންނަވައެވެ. އެހެންކަމުން ޝަރީއަތް ކުރުމުގެ އިލްމީ ހުނަރުތައް ލިބި ވަޑައިގަތެވެ. އަދި ބައެއް ފަހަރަށް ދާއޫދު (އަލައިހިއްސަލާމު) ނިންމަވާ ބައެއް ޝަރީޢަތްތަކަށް މިފަދަ ރަވްޔުތައް ސުލައިމާނު (އަލައިހިއްސަލާމު) ދެއްވައެވެ. އަދި އެ ރަވްޔަށް ދާއޫދު (އަލައިހިއްސަލާމު) ތާއީދު ކުރައްވައި އެއީ އެކަމުގެ އެންމެ ފަހުގެ ނިންމުންކަމުގައި ހަމަޖައްސަވައެވެ. ދާއޫދު (އަލައިހިއްސަލާމު) އާއި ސުލައިމާނު (އަލައިހިއްސަލާމު) އާއި ދެބޭކަލުންނަކީ ވެސް ނަބީބޭކަލުންނެވެ. ނަބީ ބޭކަލުންނަކީ މައުސޫމުބައެކެވެ.

ސައިންޓިފިކް ޝަރީއަތްތަކުގެ ރީތި ނަމޫނާ ވަރަށް ގިނަގުނައެވެ. މިސާލަށް ބައްލަވަން ބޭނުންފުޅުވާނަމަ ތިރީގައި މިދަންނަވާ ރެފަރެންސަށް ރުޖޫޢަވުންހުއްޓެވެ.

ދެ އަންހެކު އެދެމީހުންގެ ގެ ދެކުދީން ގޮވާގެން އުޅުމުގެ ތެރޭގައި އެތަނުން އެއްކުއްޖަކު ޖަނަވާރަކު ގެންދިއުމުން ދިރިހުރި ކުއްޖައަކީ ތިމްންނަގެ ކުއްޖާކަމަށް ބުނެ ދެއަންހެނުން ގެފަރާތުން އުފުލުނު ދައުވާ އަށް ދާއޫދު (އަލައިހިއްސަލާމު) ނިންމެވި ނިންމެވުމާއި އާއި ސުލައިމާނު (އަލައިހިއްސަލާމު) ގެ ނިންމެވުން ވިދާޅުވެލައްވާށެވެ. ( މުސްލިމް، ކިތާބުލް އަޤުޟިޔާ، ބާބު ބަޔާނި އިޚްތިލާފިލް މުޖުތަހިދީން، ހަދީސް 3347)

ސައިންޓިފިކް ޝަރީއަތްތަކުގެ އަލީގައި ގައުމަށް ދިމާވާ ސިޔާސީ ފިތުނަތަކާއި އަދި މާލީ ޚިޔާނަތުގެ މައްސަލަތަކަށް ހައްލު ހޯދުން ހުއްޓެވެ. އެކަކު ތާށިކޮށްގެން އޭނާގެ ފުރާނައަށް ގެއްލުންވާގޮތަށް އޭނާއަށް ނަފްސާނީ އުދަގޫތަކުރުމަކުން އެއިން ރައްޔަތުންނަށް ކުރާނެ އެއްވެސް މަންފައެއްނެތެވެ. ރައްޔަތުންނަށް މަންފާކުރާނީ ގެއްލުނު ފައިސާ އަވަހަށް ރައްޔަތުންނަށް ލިބުމުންނެވެ. ސިޔާސީ ހަމަޖެހުން އަވަހަށް ގާއިމުވުމުންނެވެ.

މިސާލަކަށް މާލީ ޚިޔާނަތެއްގެ މައްސަލައެވެ. ބޮޑު އަދަދެއްގެ ފައިސާ ދައުލަތުން މަދުވެއްޖެއެވެ. މިފަދަ މައްސަލަ ދިވާވާވަގުތު އެކަން އެކަކުގެ ބޮލަށް ބިދިގެންގޮސް އެމީހަކު އޮންނަނީ އިންސާނީ ހުރިހާ ހައްްގަކުން މަހުރޫމު ކޮށްލެވޭ ހިސާބުގައެވެ. ޖާން ސަލާމަތްކުރުމަށް ޓަކައި ކަނޑުފެތޭ ހިސާބުގައެވެ. ހަގީގަތަކީ މިފަދަ ބޮޑެތި ޚިޔާނަތްތަކަކީ އެކަކު ނުވަތަ ދެމީހަކަށް ކުރުން ފަސޭހަ ކަންތަކެއްނޫނެވެ. އޭގައި އެތައްބަޔަކު ތަފާތު ހައިސިއްޔަތުން ބައިވެރިވެއެވެ. މިކަމުގެ ސީދާ ބައިވެރިންނާއި ނުސީދާ ބައިވެރީންނާއި ދައުލަތުގެ މުއައްސަސާތަކުގެ ތެރއިން އެބަޔެއްގެ އިހްމާލުން މިކަންކުރަން މަގުފަހިވި މީހުންނާއި މިއެންމެންނަކީ މިކަމުގެ ބައިވެރީންނެވެ. އެހެން ކަމުން މިފަދަ މައްސަލަ ތަކުގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޝަރީއަތުން މިކަމުގެ ބައިވެރީން ސާބިތުކުރުވާ އަދި މިކަމުިގައި އެމީހަކު ބައިވެރިވި ނިސްބަތް ޝަރްޢީމަރުހަލާއަކުން ކަނޑައެޅުމެވެ. އެއަށް ފަހު ދެވަނަ މަރުހަލާގައި އެކަމުގައި ބައިވެރިވި އެންމެންގެ އަތުން އެމީހަކު ބައިވެރިވި ނިސްބަތަކުން ފައިސާ ރައްޔަރުންނަށް އަންބުރާ ލިބިގަތުމަށް ޝަރްއީ ހުކުމެއް ހޯދުމެވެ. މިގޮތުން ޚިޔާނަތުގެ ފައިސާގެ އެންމެ ބޮޑު ނިސްބަތުގެ އަދަދުގެ ޒިއްމާ އުފުލަން ޖެހޭނީ ފައިސާ ބޭނުން ކުރިފަރާތުންނެވެ. ބައިވެރީން ގެ ތެރެއިން އެބަޔެއްގެ އިހްމާލު އެކަމުގައި ސާބިތުވާ މީހުންނަކީ އެއްވެސް ހާލެއްގައި މިޖިނާއީ ކުށުގެ ބައިވެރީންނެއްނޫނެވެ. ނަމަވެސް އެމީހުން މިކަމުގައި ޒިއްމާކުރެވެނީ ދައުލަތުގެމުވައްޒަފެއްގެ އިހްމާލުން ދައުލަތަށް ލިބޭގެއްލުމުގައި އެމީހަކު ޒިއްމާ އުފުލަން ޖެހެނެކަމަށް އޮންން އަސާސުގެ މައްޗަށެވެ. އެހެންކަމުން މީގެ ކުށުގެ ރިކޯޑަށް އެމީހުންގެ ނަންނުވަންނާނެއެވެ. އަދި މިފަދަ މާލީ ޚިޔާނަތުގައި އިހްމާލުވާފަތާތުން ޒިއްމާއުފުލަން ޖެހޭ މިންވަރު މާލިއްޔަތު ގާނޫގައި ބަޔާންވެގެން ނުވާނަމަ، އެގާނޫނުތައް މާނަކުރުމުގެ މޭރުން އެކަމުގައި އެމީހުން ޒިއްމާ އުފުލަން ޖެހޭމިންވަރު ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ. ސުޕްރީމްކޯޓަށް ގާނޫނު މާނަ ކުރުމުގެ ހުއްދަދެވިފައި އޮންނަނީ ޝަރީއަތަށް ދިމާވާ މިފަދަކަންތަކަށް ވަގުތީ ހައްލު ގެނަސްދިނުމުގެ ބޭނުމުގައެވެ. އެއީ ރައްޔިތުންގެ މަޖިސުން ގާނޫނެއްހަދާއިރަށް އަނެއްދުވަހު އެބާތިލު ކުރަން އޮންނަ މާއްދާ އެއްނޫނެވެ. ސުޕްރީމްކޯޓުން މިގޮތަށް ކުރެވޭމާނަތައް އޭގެފަހުން ގާނޫނަކަށް ހަދާދޭނީ މަޖިލިސުންނެވެ.

ތިންވަނަ މަރުހަލާ އަކީ މިކަމުގައި ބައިވެރިވެ ފައިސާ ބޭނުންކުރިމީހުންގެ މައްޗަށް ޖިނާއީ ދަޢުވާއުފުލަން ދައުލަތުން ބޭނުންވެއްޖެނަމަ އެކަންކުރުމެވެ. ދަންނައެވެ. މިފަދަ ޖިނާއީ ދައުވާ ކުރުމުން އެމީހުންގެ ނުފޫޒުން ގައުމާއި ރައްޔަތުންގެ މަސްލަހަތު ގެއްލުވާލެވިދާނެ ކަމަށް ވެރިޔާއަށް ގަބޫލުކުރެވި އަދި އެފަދަ ނުރައްކަލެއް އެމީހުންގެ ފަރާރުން ލިބިދާނެ ކަމަށް ވެރިޔާ އަށް ޔަގީން ވެއްޖެނަމަ އެމީހުންގެ މައްޗަށް އުފުލޭ ޖިނާއީ ދައުވާގެ މައްޗަށް އަދަބު ދިނުމުގެ ބަދަލުގައި " ޞުލްޙަވެރި ޙައްލެއް" ގެ މައްޗަށް ނިންމިދާނެއެވެ. ނަމަވެސް ޖިނާއީ ދައުވާ ޝަރީއަތަށް އުފުލެންޖެހޭނެއެވެ." ޞުލްޙަވެރި ޙައްލެއް" ގެ މައްޗަށް މައްސަލަ ނިންމާދޭނީ ކޯޓުންނެވެ. ޖިނާއީ މައްސަލަތަކުގައި "ޞުލްޙަވެރި ޙައްލު" މިއީ ދިވެހި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އިތުރުކުރަންޖެހޭ ބޮޅެކެވެ. ދާދި ފަހުން ޝަރްއީ ދައިރާގައި ހިނގަމުންދިޔަ ފަނޑިޔާރަކު ގެއްލުވާލިކަމުގެ މައްޗަށް ހިންގުނު ޝަރީއަތެއްގައި ވަކީލަކަށް ވަޑައި ގަތް ބޭފުޅަކު މިކަށް އިޝާރާތްކުރިކަން މިޑިޔާގެ އެދުވަސްވަރުގެ ޚަބަރުތަކުންއެގުނެވެ. ނަމަވެސް މިކަން ޤާނޫނީ ޖަމާއަތްތަކުގެ ސަމާލުކަމަށް ގެނެވޭވަރަކަށް ފެންމަތިނުކުރެވުނެވެ.

މިފަދަ މަލީ ޚިޔާނަތުގެ މައްސަލަތައް ތަހުގުގީގުކޮށް ޝަރީއަތްކުމުގެ ބޭނުންތަކުގެ ތޭގައި އޮންނަ އެންމެ މުހިއްމު އެއްކަމަކީ މިފަދަ ހާދިސާތައް ތަކުރާރުވިޔަނުދިނުމެވެ. އެގޮތުން މާލިއްޔަތު ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނަނައުމެވެ. މާލީ މުއައްސަސާތަކަށް ގެންނަޖެހޭ އިސްލާހީ ބަދަލުތައްގެނައުމެވެ. އެތައްމީހުން ޒިއްމާ އުފުލަންޖެހޭ ކަމެއްގައި އެކަކު ހިފާހައްޔަރުކޮށްގެން އޭނާ ތެޅުވުމަކުން ރައްޔަތުންނާއި ސަރުކާރަށް ކުރާނެ އެއްވެސް މަންފާއެއްނެތެވެ. މަންފާ އޮތީ މި ފައިސާ އަވަހަށް ރައްޔަތުންނަށް ލިބުމުންނެވެ.