އައްޑު އަތޮޅަކީ ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އަތޮޅެވެ. މީހުން ދރިއުޅޭ ހަ ރަށެއްގެ މައްޗަށް އެކުލެވޭ މިއަތޮޅަކީ ރާއްޖޭގެ އެހެން އަތޮޅުތަކާ ތަފާތު އެތައް ކަމެއް ލިބިގެންވާ އަތޮޅެކެވެ. އޭގެ ތެރޭގައި އެމީހުންގެ ސަގާފަތާއި އާދަ ކާދަ ހިމެނެއެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގައި އޮތް ހަމައެކަނި ސިޓީވެސް މެއެވެ. މިހުރިހާ ކަމެއްގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ރާއްޖޭގެ އެހެން އެއްވެސް ހިސާބެއްގައި ނޫޅޭ ދޮން ދީނި އައްޑޫގައި އުޅުމެވެ.

ދޫނި ތަކުގެ ރާނީގެ ނަމުން މަޝްހޫރުވެފައިވާ ދޮން ދީނީ އެންމެ ގިނައިން އުޅެނީ ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑުއޮތޮޅުގައެވެ. އަދި ހުވަދު އަތޮޅުގައި އޮންނަ ހައޮޑިގަލާ އޭ ކިޔާ ފަޅުރަށުގައިވެސް މިދޫނި އުޅެއެވެ. މި ދޫންޏަށް ކަނދުވަލު ދޫންޏޭވެސް ކިޔައެވެ. މި ދޫންޏަކީ އައްޑު އަތޮޅު ސިފަ ކުރުމަށްވެސް ބޭނުންކުރާ ދޫންޏެކެވެ.

ހައޮޑިގަލާ

މިއީ ހުވަދު އަތޮޅުގައި އޮންނަ ފަޅު ރަށެކެވެ. މިރަށަށް ދޮންދީނި ހިޖުރަން ޖެހުނު ސަބަބަކީ އަސްލު ކޮބައިކަން ނޭނގުނު ނަމަވެސް ބޮޑަށް ބެލެވެނީ އެއީ އައްޑޫގައި ދޮންދީނި އާލާވުމަށް އެންމެ އެކަށީގެންވާ މާހައުލެއް ނެތުމުން ކަމަށް ބެލެވެއެވެ. ހައޮޑި ގަލާގައި ދޮންދީނި އާލާވުމުން އެއަތޮޅު ކޫއްޑޫގައިވެސް އާލާކުރުމަށް ބަޔަކު މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެކަން ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ސިފަތައް

ދޮންދީންޏަކީ ރީތި ދޫންޏެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ކަޅު ކުޑަ ލޮލެއް ލިބިފައިވާ މި ދޫންޏަކީ ސާފު ހުދު ކުލައިގެ ދޫންޏެކެވެ. ލޮލުގެ ތިރީ ކައިރީގައި ގަދަ ނޫކުލައިގެ ކައިރިފަށެއް ހުންނަ ދޫންޏެކެވެ.

ބަނބުކެޔޮގަސް މަދުވުމުން އާބާދީ މަދުވަނީ

ދޮންދީނި މިހާރު ވަނީ ރާއްޖޭގައި އާދަޔާ ހިލާފަށް މަދުވެފައެވެ. އައްޑޫގެ ގިނަ މީހުން ދެކޭގޮތުގައި ދޮންދީނީގެ އާބާދީ މަދުވުމަށް މެދުވެރިވެފައިވާ ސަބަބަކީ ރަށުގައި އާދަޔާ ހިލާފަށް ބަނބުކެޔޮގަސް ފަދަ ދޮންދީނި އާއްމުކޮށް އުޅޭ ގަސްތައް މަދުވުމެވެ.ބައެއް މީހުން ދެކޭ ގޮތުގައި މިކަން މެދުވެރި ވުމަށް ދިމާވަނީ އާބާދީ އިތުރުވަމުންދާތީ ގެދޮރު ބިނާކުރުމަށް ގަސްތައް ކަނޑަމުންދާތީ ކަމަށެވެ.

އެހެން ކަމުން ސަރުކާރުން ވަނީ މިދޫންޏަކީ ހިފައި ގެންގުޅުން މަނާކޮށް މިދޫނި ހިމާޔަތްކޮށްފައެވެ. އަދި މިހާރު އައްޑޫގައި މަޑުމަޑުން އާބާދީ އިތުރުވަމުންދާކަމަށްވެސް ބައެއް މީހުން ބުނެއެވެ.

އެންމެ ގިނައިން އުޅެނީ ބަނބުކެޔޮ ފަދަ ގަސްގަހުގައި

ދޮންދީންޏަކީ ގަސްގަހުގައި ދިރިއުޅޭ ދޫންޏެކެވެ. މިދޫނި އެންމެ ދޯޅަ ކަމަށް ގިނަމީހުން ބުނަނީ ބަނބުކެޔޮ ގަހަށެވެ.

ބިސްއެޅުމަށްޓަކައި ދޮންދީނި އަމިއްލައަށް ހާލި ތައްޔާރުކުރެއެވެ. މިހާލިތައް ހުންނަނީ ކާޅު، މީދާ ފަދަ އެއްޗެއްސަށް ނުފެންނަގޮތަށް ރައްކާތެރިކަމާއެކު ގަސްގަހުގެ ގޮފިގަނޑުގައެވެ.

މީހުންނާ މާގާތް ގުޅުމެއް ނޯންނަ މި ދޫންޏަކީ ހިފައިގެން ގެނެސް ގެންގުޅެވޭ ދޫންޏެއް ނޫން ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް މިދޫންޏަކީވެސް ހިފާގެންގުޅެވޭ ދޫންޏެއް ކަމަށް ބުނާ މީހުންވެސް އެބަތިއްބެވެ.

"ބޭބެ ކުޑައިރު މަޖަލަކަށް ދޮންދީނި ހިފައި އުޅެން. ބޮޑުވެގެން އުދުހިގެންދާ ވަރުވަންދެން ގެންގުޅެވޭ ބަރާބަރަށް ކާންދެންޏާ. ކާން ނުދޭތި މަރުވަނީ. ބޭބެމެން ހިފަނީ ކުދި އެއްޗެހި. ހިފައިގެން ގެނެސް ގެންގުޅޭއިރު އެއްވެސް އެއްޗެއް މަރެއް ނުވޭ. ހަމަ އުދުހިގެން ދަނީ. ބޭބެމެން ހަދާ ގޮތަކީ ހިފައިގެން ގެނެސް ގާތްގަނޑަކަށް ހަތަރެސްކަން ދެފޫޓު ދެފޫޓު ފިލާގަނޑެއްގައި ހަތަރުކަނުގައި ލޯވަޅު ތޮރުފާފައި އެހަތަރު ކަނަށް ވާފަށްޖަހާފައި މަތިން މެދުގައި ގޮށެއް ޖަހާލާފައި ގާތްގަނޑަކަށް ދޫނި ނެގި ހިސާބުގަނޑުގައި އެތަނުން މައްޗަށް ގަހަކަށް ނަގަނީ. ދެން ބަރާބަރަށް އެއަށް ކާން އަޅަން. އޭގެ މަންމަމެންވެސް އެއަށް ކާން ގެންނާނެ. އެއްވެސް ވަރަކަށް ބޮޑެތި އެއްޗެއްސެއް ނުހިފަން." އައްޑޫގެ އުމުރުން ދުވަސްވި މީހެއް ކަމަށްވާ އަހްމަދު ޒަކީ ކިޔައިދިނެވެ.

އާއްމު ގޮތެއްގައި މިދޫނި ދިރިއުޅެނީ ޓްރޮޕިކަލް ކަނޑުގެ ސަރަހައްދުގެ އިތުރުން އިންޑިޔާ ކަނޑުގެ ސަރަހައްދުގައެވެ. ރާއްޖޭގެ އިތުރުން ދޮންދީނި އުޅެނީ ނިއުޒިލެންޑް އަދި ސީޝެލްސްގައެވެ.

އަނބު ގަހުގައި އާލާވާން ދަތި

ދޮންދީންޏަކީ ބޮޑެތި ގަސްގަހުގައި ދިރިއުޅޭ އެއްޗެއް ކަމަށްވިޔަސް އެއީ އަނބުގަހުގައި ދިރިއުޅެވޭ އެއްޗެއްނޫނެވެ. އެއީ އެގަހުގެ ފަތްތަކަކީ ކުދި ކުދި ފަތްތަކަކަށް ވާތީއެވެ. ބަނބުކެޔޮ ގަސް ދުނބުރި ގަސްފަދަ ގަސްތަކުގައި ދޮންދީނި އާލާވަނީ ބިސް އެޅުމަށް ހާލި ހެދުމަށް ގޮފިގަނޑު ތޮރުފާލާއިރު އޭގެން ފައިބާ ކިރުން ބިސް ހަރުލާފައި ހުންނާތީއެވެ.

ދޮންދީނީގެ ސަބަބުން އައްޑޫގައި ކާޅު އާލާއެއް ނުވޭ

ދޮންދީންޏަކީ އޭގެ ޒާތުގައި ނުރައްކާތެރި ދޫންޏެއް ނޫންކަމުގައި ވިޔަސް އެއީ ކާޅަށް ނުރައްކާތެރި އެއްޗެކެވެ. ކާޅެއް ފެނިއްޖެނަމަ އެއީ ދޮންދީންޏަށް ހުރި ނުރައްކަލެއް ކަމަށްދެކި ކާޅަށް ހަމަލަ ދިނުމަށް މަސައްކަތްކުރެއެވެ. އައްޑޫގައި ކާޅު ނޫޅޭ އެއްސަބަބަކީ މިއީ ކަމަށްވެސް އައްޑޫ މީހުން ބުނެއެވެ. ނަމަވެސް ދޮންދީނީގެ އާބާދީ މަދުވަމުންދާނަމަ އައްޑޫގައި ކާޅު އާލާ ވުމަކީ ވުން ގާތް ކަމެކެވެ.

ދޮންދީނި ހިފާ ފަރާތްތަކަށް އެންމެ އެކަށީގެންވާ އަދަބެއް ނުދިނުމަކީވެސް ދޮންދީނި އާލާވުމަށް އޮތް ހުރަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާަައިޒް

    ހައުޑިގަލާގައި އުޅޭދޫނި ވަރަށްރައްޓެހި. ފޮޓޯނަގަން ފެށުމުން ބޯމަތީގަވެސްޖައްސަންއުޅޭ...

    2
    2
  2. ލާމު

    ލާމުގެ ރަށްރަށުގަވެސް އުޅޭ ތި ދޮންދީނި ހއގަވެސް އުޅޭ މަ ހިފަންވެސް ހިފިން ލާމުން

  3. ކާފަ

    މޮޔަ ވާހަކަ ނުދައްކާށެވެ. މި ދޫނި ބޮޑަށް ބަލާނީ ހިޔާބޮޑު ، ގަދަ ވަޔާއެކު ކޯޅި ނުލެބޭ ގަސްގަހެވެ.