ވަރަށް ފަހުން އުޑުމަތިން ވަނީ ޖުޕިޓަރއާއި، ވީނަސްގެ އިތުރުން ހަނދު އެކުގައި ތިނެސްކަން ބައްޓަމަކަށް އެތުރިލައިގެން ތިބި މަންޒަރެއް ފެނިފައި ވެއެވެ. މި މަންޒަރުގެ ރާއްޖޭއާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އެކި މީހުން ވަނީ ނަގާފައެވެ. އާންމުންނާއި، ފޮޓޯގްރާފަރުންވެސް މެއެވެ. އެހެން ނަމަވެސް "ވަގުތަށް" އެންމެ ފާހަގަ ކޮށްލެވުނު ފޮޓޯއެއްގެ ގޮތުގައި ފެނިގެން ދިޔައީ، އައްޑޫ ސިޓީގެ ޒުވާނަކު ނަގާފައިވާ ފޮޓޯއެވެ.

މި ފޮޓޯ ނަގާފައި މިވަނީ އާދައިގެ ފޮޓޯގްރާފަރެއް ނޫނެވެ. އާދަޔާއި ޚިލާފު ޒުވާނެކެވެ. ހުނަރުން ފުރިގެންވާ ޒުވާނެކެވެ.

ޢުމުރުން 25 އަހަރުގެ ޒުވާން ފޮޓޯގްރާފަރު ތަލްއަތު މުހައްމަދު، އޭނާގެ ވާހަކަ "ވަގުތާ" ހިއްސާ ކުރިއެވެ.

"އަހަރެން ވަރަށް ޝައުޤުވެރިވޭ ކާއިނާތަށް. ޢާލަމުގައި ކަންކަން މަސައްކަތް ކުރާ ގޮތާއި، އުޑާއި ތަރިތަކާއި، އެތަކެއްޗަށް ވާ ގޮތް ހޯދުމަށް،" ތަލްއަތު ބުންޏެވެ.

ތަލްއަތު ބުނި ގޮތުގައި ރޭގަނޑުގެ އުޑަށް އޭނާގެ ހިތް ޖެހުނީ މީގެ އަށް ވަރަކަށް އަހަރު ކުރިންނެވެ. އޭނާ ބުނި ގޮތުގައި، އޭރު ރޭގަނޑު 19:00 ހާއިރު ކޮންމެ ރެޔަކުވެސް އޭނާ ފެން ބަލާ ދެއެވެ.

"އަހަރެން ކޮންމެ ރެޔަކުވެސް އުޑަށް ބަލަހައްޓައިގެން ހުންނަން. މިހެން ހުއްޓާ ފާހަގަވީ ކުޑަކުޑަ ތަރިއެއް މޫވް ކުރާ މަންޒަރު. އެއް ހަފްތާ ވަންދެން އެ ތަރިއަށް ބެލިން. ފަސް ނުވަތަ ހަ ދުވަހު އެ ތަރި ފެނުނު. އަހަރެންގެ ހިތަށް އެރި، މިއީ ދުންތަރިއެއް ބާވައޭ؟ ނުވަތަ ޖެޓެއް، ނުވަތަ މަތިންދާ ބޯޓެއް ބާވައޭ. ތިއްކެއް ގޮތަށް އޭތި ފެންނަނީ. އިރުކޮޅެއް ކޮށްލާފައި ދެން ގެއްލޭ،" ތަލްއަތު ބުންޏެވެ.

ހިތުތެރޭގައި އުފެދުނު މި ސުވާލުތަކަށް ޖަވާބު ހޯދުމަށްޓަކައި ތަލްއަތު ފިކުރު ކުރާން ފެށިއެވެ. އޭނާއަށް ފެންނަނީ ތަރިއެއް ގޮތަށް އިންނަ ތިއްކެކެވެ. އެ ތަރި ދަތުރުކުރި ބާރުމިނުގައި މަތިންދާ ބޯޓު ދަތުރު ނުކުރާނެ ކަމަށް އޭނާއަށް ވިސްނުނެވެ. އަދި ގިނި ހިލައެއް (ޝޫޓިންގ ސްޓާރއެއް) ނަމަ އެހާ މަޑުންވެސް އެ ދަތުރު ނުކުރާނެކަން ތަލްއަތަށް ވިސްނުނެވެ.

"އަހަރެން އެއްދުވަހު ވަރަށް ރަނގަޅަށް ބެލިން. ހަމަ ހުރެލާފަ އެ ތިކި ފެންނަން ފަށަނީ. އަލި ގަދަކޮށް ފެންނަން ފަށާފަ، ފަހުން އޭގެ އަލިކަން ފަނޑުވެގެން ގޮސް، ގެއްލެނީ،" ތަލްއަތު ބުންޏެވެ.

ތަލްއަތަށް ފަހުން އެނގުނު ގޮތުގައި، އޭނާއަށް ތަރިއެއް ފަދައިން ފެންނަމުން އެ ދިޔަ ތިއްކަކީ ޖައްވުގައި ދުނިޔެ ވަށައިގެން އެނބުރޭ ސެޓެލައިޓެކެވެ. ސެޓެލައިޓްތައް ދުނިޔޭގައި ހުރެގެން ފެންނަން އެންމެ ފަސޭހަ ވާނީ އިރުއޮއްސުމުގެ ފަހުން ދެ ގަޑިއިރުގެ ވަގުތުގެ ތެރޭގައާއި، އިރު އެރުމުގެ ކުރިން ދެ ގަޑިއިރުގެ ވަގުތުގެ ތެރޭގައެވެ. ރޭގަނޑު 19:00 އަކީ ސެޓެލައިޓް އެންމެ ފަސޭހައިން ފެންނާނެ ވަގުތެވެ. އެއީ، އިރު އޮއްސުނު ނަމަވެސް، ސެޓެލައިޓްތަކުން އިރުގެ އަލި ރިފެލެކްޓް ކުރާނެތީއެވެ.

ތަލްއަތަށް މިކަން ފެށުނު ގޮތަކީ މިއީއެވެ.

ޢުމުރުން 20 އަހަރުގައި، އޭނާ އަދާރަން ސިިލެކްޓް ހުދުރަންފުށި ރިސޯޓުން ވަޒީފާ ހޯދިއެވެ. އަދި އެ ރިސޯޓުގައި ވަޒީފާ އަދާ ކުރަމުން، ސިންގަލް ލެންސް ރިފްލެކްސް (އެސްއެލްއާރު) ކެމެރާއެއް ގަތެވެ. މަޤްސަދަކީ، އުޑުގައި ފެންނަން ހުރި ނަލަ ތަރިތަކުގެ ފޮޓޯ ނަގަން މަސައްކަތް ކުރުމެވެ. އަހަރެމެންގެ ދުނިޔެ ހިމެނޭ އިރުގެ ނިޒާމާއި، މަޑިކިލަނބު ނެގުމެވެ.

ތަލްއަތު ބުނި ގޮތުގައި، އޭނާ ގެންދިޔައީ ރޭގަނޑު ތަރިތަކުގެ ފޮޓޯ ނަގާނެ ގޮތް އަމިއްލައަށް ދަސްކުރަމުންނެވެ.

"ދުވާލު ގަޑީގައި އަހަރެން އޮޓޮމެޓިކް މޯޑް އެންމެ ފުރަތަމަ ބޭނުންކުރަމުން އައީީ. ތަރިތަކުގެ ފޮޓޯ ނަގާނެ ގޮތް އަހަރެން އަމއްލައަށް ދަސްކުރީ. ގިނަ ފަހަރު ރޭގަނޑު ގަޑީގައި އަހަރެން ހޭލާ ހުންނަނީ،"

ތަލްއަތު ރޭގަނޑު ހޭލައި ހުރެގެން، ތަރިތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯދިއެވެ. ކާއިނާތު މަސައްކަތް ކުރާގޮތް ދަސްކުރިއެވެ. ދުނިޔެ އޭގެ އަމިއްލަ ޒާތުގައި އެނބުރޭ ގޮތްވެސް ދަސްކުރިއެވެ.

"އަހަރެން ދަސްކުރި އެންމެ މުހިންމު އެއްޗަކަށް ވާނީ، ރީތި ފޮޓޯއެއް ނެގުމަށްޓަަކައި ކެމެރާގެ ޝަޓަރ ހިފަހައްޓަން ޖެހެނީ ކިހާ ގިނައިރަކުތޯއާއި، ކެމެރާގެ އައިިއެސްއޯ ބަހައްޓަންޖެހޭ މިންވަރު،" ތަލްއަތު ބުންޏެވެ.

މީގެ ކުރިންވެސް ފޯނުން ފޮޓޯ ނަގައި ހަދަމުން އައި ތަލްއަތު އެންމެ ފުރަތަމަ ބޭނުންކުރީ ނިކޯން ޑީ 3100 ކެމެރާއެކެވެ. އޭނާ މަޑިކިލަނބު (މިލްކީވޭ)ގެ ފޮޓޯއެއް އެންމެ ފުރަތަމަ ނެގީވެސް އެ ކެމެރާއިންނެވެ.

"އަހަރެންނަކަށް ނޭނގޭ މިލްކީ ވޭ ހަމަލޮލަށް ފެންނަ ކަން ވެސް. ރޭގަނޑު އަހަރެން ޑިއުޓީގައި އުޅޭ އިރު، އަތިރިމައްޗަށް ނުކުމެލާއިރު ފެނޭ ބޯ ވިލާގަނޑެއް ހެން އެއްޗެއް. އެއީ މަޑިކިލަނބުގެ ބައެއް ހަޤީޤަތުގައި،" ތަލްއަތު ބުންޏެވެ.

މިފަދައިން ތަރިތަކާއި ދުނިޔޭގެ ވަށައިގެންވާ ޢާލަމުގެ ފޮޓޯ ނަގަމުން އައި މި ޒުވާން، ހުނަރުވެރި ފޮޓޯގްރާފަރު މިއަދު މި ވަނީ، ތަރިތަކާއި ރޭގަނޑުގެ އުޑުގެ ފޮޓޯ ނެގުމުގެ ރޮނގުގައި އަތް ނުފޯރާ ހިސާބަށް މަތީގައެވެ. އޭނާ ބުނި ގޮތުގައި، ތަރިތަކުގެ ފޮޓޯ ނަގާ ކެމެރާތަކަށް އަބަދާއި އަބަދު އަންނަނީ އަޕްގްރޭޑްތައް ގެންނަމުންނެވެ.

"މިއީ ނިމުމެއް އޮތް ކަމެއް ނޫން. އަހަރެން އަބަދުވެސް ބަލަން ކެމެރާއަށް އައު އަޕްގްރޭޑެއް ގެނޭތޯ ކެމެރާ އުފައްދާ ކުންފުނިތަކުން. އައު އަޕްގްރޭޑެއް އައުމާއި އެކު، ކުރިޔަށް ވުރެ މޮޅު ފޮޓޯއެއް ނެގޭތޯ އަހަރެން ބަލަން."

ވެއިޓަރެއްގެ ގޮތުގައި ހުދުރަންފުށީގައި މަސައްކަތް ކުރަމުން، ރޭގަނޑު އުޑުގައި ވިދާ ތަރިތަކުގެ ފޮޓޯ ނަގަމުން ތަލްއަތު ދިޔައީ ފަތުރުވެރިންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކޮށްދެމުންނެވެ. އޭނާ ބުނި ގޮތުގައި، އޭނާ ގެންދިޔައީ އުޑާއި ތަރިތަކާއި ކާއިނާތާ ބެހޭ ވާހަކަތަކާއި، ދިވެހިރާއްޖެ އުފެދިފައިވާ ގޮތާއި ރާއްޖޭގެ ތާރީޚުގެ ވާހަކަތައް ކިޔައިދެމުންނެވެ.

"އެއް ދުވަސް ނިންމާފައި، އަނެއް ދުވަހު އެމީހުން އަންނާނެ އަހަރެން ކައިރިއަށް، ކޮންމެވެސް އައު ވާހަކައެއް އަޑު އަހަން،" ތަލްއަތު ބުންޏެވެ.

ތަރިތަަކުގެ ފޮޓޯ ނެގުމުގެ އިތުރުން، ތަލްއަތަކީ މީހުންނަށް އައުޓްޑޯރ ފޮޓޯ ޝޫޓް ނަގައިދިނުމުގައި މިރޮނގުން އަރައިހުރި ތަރިއެކެވެ. އޭނާގެ ފޮޓޯތައް އެހާ ފުރިހަމަވެފައި، ސަޅިއެވެ. އެކަން އޭނާގެ ކްލައެންޓުން ވެސް ފާހަގަ ކުރެއެވެ.

ކޮންމެ މަހަކުވެސް އޭނާ "ފުލީ ބުކް"ވެފައި އޮންނަ އޮތުމަކީ މިކަމުގެ ރަނގަޅު ހެއްކެއް ނޫންތޯއެވެ؟

"ގިނަަ މަސްތަކުގައި އަހަރެން ހަމަ އެއްކޮށް ބުކްވެފައި ހުންނަނީ، ކުޑަކުދިންގެ އުފަންދުވަހުގެ ޕާޓީތަކާއި އައުޓްޑޯރ ޝޫޓްތަައް ނަގަން،" ތަލްއަތު ކިޔައިދިނެވެ.

އަމިއްލަ ފޮޓޯގްރަފީގެ މަސައްކަތުން ދިރިއުޅެމުން އަންނަ ތަލްއަތަށް އެ މަސައްކަތުން ފައިސާ ލިބެއެވެ. އެހެން ނަމަވެސް އޭނާ މަސައްކަތް ކުރަން ބޭނުންވަނީ ކޮންމެހެން ފައިސާ ލިބޭތީއެއް ނޫނެވެ.

"ފައިސާއަށް ވުރެ، އަހަރެންގެ ކަސްޓަމަރުންގެ އުފާވެރިކަން އަހަރެންގެ ނަޒަރުގައި މާ މުހިންމު. އަހަރެން ބަލަނީ އަހަރެން ނަގާ ފޮޓޯތައް ވީހާވެސް ރީތި ކުރެވޭތޯ. ކަސްޓަމަރުން އުފާވުމަކީ އަހަރެންގެ ވެސް ހިތްހަމަޖެހުން،"

ތަލްއަތަކީ ފޮޓޯގްރާފަރެއްގެ އިތުރުން، ވަރަށް މޮޅަށް ކުރެހުމުގެ ހުނަރުވެސް ލިބިފައިވާ ފަންނުވެރިއެކެވެ. ކުޑައިރުން ފަށައިގެން އަންނަނީ ކުރަހަމުންނެވެ.

ތަލްއަތު ބުނި ގޮތުގައި، އޭނާ އެހެން މީހެއްގެ ދަށުން މަސައްކަތް ކުރާ ދުވަހަކީ އައުމަށް ވުރެ ނައުން ގާތް ދުވަހެކެވެ. އެހެން މީހެއްގެ ދަށުގައި ހުރެގެން މަސައްކަތް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ކުރަން ބޭނުންވަނީ އަމިއްލަ މަސައްކަތެވެ. "ތަލްސް ފޮޓޯޒް"ގެ ބްރޭންޑް ނޭމް ވަރުގަދަ ކުރުމަށެވެ.

"އަހަރެން އެހެން މީހަކަށް މަސައްކަތް ކޮށްދޭން ބޭނުމެއް ނުވޭ. ފަހަރެއްގައި، އަހަރެން ކުޑަކުދިންނަށް ޚާއްސަ ފޮޓޯ ސްޓޫޑިއޯއެއް ހުޅުވާނަން. ބޮޑެތި މީހުންނަކަށް ނޫން. އެއީވެސް އައުޓްޑޯރ ފޮޓޯ ނެގުމަށް. ކެމެރާއަކީ ހަމައެކަނި އާލާތެއް. ރަނގަޅު އައިޑިޔާޒް އުފެދޭނީ ސިކުނޑީގައި. އަހަރެންގެ ކަމެއް އަމިއްލަ އައިޑިޔާތައް ބޭނުންކުރުމަކީ. އެ ފުރުސަތު ލިބުން ހަނިވެދާނެ އެހެން މީހަކަށް މަސައްކަތް ކޮށްދެންޏާ،" ތަލްއަތު ބުންޏެވެ.

މިހާރު ތަލްއަތު އެންމެ ގަޔާވެގެން ކުރާ މަސައްކަތަކީ "ޓައިމްލެޕްސް" ހެދުމެެވެ. އެއީ، އެތައް ހާސް ފޮޓޯއެއް ނެގުމަށްފަހު، އެ ފޮޓޯތައް ސޮފްޓްވެއާ މެދުވެރިކޮށް ވީޑިއޯއަކަށް ހެދުމެވެ.

ހުނަރުވެރި ނޫންތޯއެވެ؟

"އަހަރެން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަނީ ކުރިޔަށް ވުރެ މޮޅަށް ކަންތައް ކުރެވޭތޯ. ރިސޯޓުގައި މަސައްކަތް ކުރި އިރު، އެއްފަހަރު މީހަކު އަހަރެންނާ ދިމާލަށް ބުނި، ކަލޭގެ ފެންވަރަކީ އަތުގައި ތިޔަ އޮތް ޓްރޭ ގަނޑޭ،" ތަލްއަތު ބުންޏެވެ.

"ވަގުތު" އަދި "ވަގުތު އިމޭޖެޒް"ގެ ފަރާތުން ތަލްއަތު މުހައްމަދަށް އެދެނީ އިތުރު ކާމިޔާބީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚިޔޭ

    ދެންކިހިނެއް ހަދާނީ. ޢެސޮރު ދެން އެނބުރި އަންނާނެބާ

  2. ވަހީދާ

    ސަން އޮންލައިން ހާދަ ފަހަތުގައޭ މި އުޅެނީ . މި ވާހަކަ ސަން އަށް އެރީ ހަތަރު އަހަރު ފަހުން ލޮލް