ފޮތުގައި ލިޔެފައި އޮތީ ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމް ގައުމެއް ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ އެއީ ނޫނެވެ. އިސްލާމްދީން ދޫކޮށްލާ، އިސްލާމްދީނަށް ފުރައްސާރަކުރަމުން ގެންދާ ކިތަންމެ ދިވެހިންނެއް އެބަތިއްބެވެ. ބައެއް ދިވެހިން ރާއްޖެއިން ބޭރުގައި ތިބިއިރު ބައެއް ދިވެހިން ތިބީ ރާއްޖޭގައެވެ. އޭގެ ތެރެއިން ގިނަ މީހުން، އެމީހުންގެ ޚިޔާލުތައް ފާޅުކުރަމުން ގެންދަނީ އެއީ ކާކުގަން އެނގޭނެ ގޮތައް ވަރަށް ފާޅުގައެވެ.

އިސްލާމްދީނާއި ދެކޮޅަށް ހިންގޭ މުންކަރާތްތަކުގެ ވާހަކަ ނޫހުގައި ލިޔާ ކޮންމެ ފަހަރަކު ބައެއް ބޭފުޅުން ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެއީ "ތިވާހަކަ ނުދައްކާށެވެ. ތިވާހަކަދެއްކުމުން ތިކަންކަން އިސްތިހާރު ވަނީއެވެ." ދީނީ އިލްމުވެރިން ވެސް މިހެން ވިދާޅުވެއެވެ. ދީނީ އިލްމުވެރިންނަށް ރައްދުދީ، އެބޭފުޅުންގެ ޚިޔާލަށް ފާޑުކިޔުން އެއީ އަޅުގަނޑުގެ މަޤުޞަދެއް ނޫނެވެ. އަދި އަޅުގަނޑަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލެއް ވެސް ނުކުރަމެވެ. ނަމަވެސް ވިސްނުމަށް އަންނަ ވާހަކައެއް ދަންނަވާލަން ބޭނުމެވެ.

ދިވެހި ޒުވާނުންގެ ތެރެއިން ބަޔަކު އިސްލާމްދީން ދޫކޮށްލައިފިއެވެ. އިސްލާމްދީނާއި ދެކޮޅަށް އަޑުއުފުލަން ފަށައިފިއެވެ. އެއްޖިންސުން ގުޅުން ހިންގަން ފަށައިފިއެވެ. އެއް ޖިންސުގެ ދެމީހަކު ރައްޓެހިވެގެން އެއްތަނެއްގައި ނިދައި، އެކުގައި ކައިބޮއެ ހެދުން އެއީ މިއަދު ދިވެހިންނަށް ވެސް މާބޮޑު ކަމަކަށް ނުވެއެވެ. ސަބަބަކީ އެކަންއެހާ ވަރަށް އާއްމުވެފައިވުމެވެ.

ސުވާލަކީ މިކަންކަން ހުއްޓުވަން ދީނީ އިލްމުވެރިން އެބޭފުޅުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރައްވަމުން އެބަގެންދަވާތޯއެވެ. ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އެބޭފުޅުންގެ ޒިންމާ އަދާކުރައްވާތޯއެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުން ވިދާޅުވީ ސޯޝަލް މީޑިއާގައި ދީނާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ޙައްލެއް ހޯއްދުމަށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި ޚާއްޞަ ކޮމިޓީއިން އެދުވަހު މަޝްވަރާތަކެއް ކުރެއްވެވި ކަމަށެވެ.

މާތްވެގެންވާ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ޙައްލެއް ހޯދުމަށް އެކުވާލެއްވި މި ކޮމިޓީއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި، މިކަމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އިއްތިޙާދުގެ މެނިފެސްޓޯގައި ވާފަދައިން މާތްވެގެންވާ އިސްލާމްދީނާ އެދީނުގެ ވަޙުދަތަށް ބުރޫއަރާފަދަ ކަމަކަށް އަދި އަނިޔާވެރިކަމާއި، ފަސާދަ އުފެދޭނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދެއްވާނެކަމަށާއި އަދި މިހާރު އުފެދިގެން އުޅޭ ނުތަނަވަސްކަން ޙައްލުކުރުމުގައި ކޮމިޓީގައި ހިމެނޭ ވުޒާރާތަކުގެ އިތުރުން ނެޝަނަލް ސެނޓަރ ފޮރ ކައުންޓަރ ޓެރަރިޒަމާއި ޕޮލިސް އިންޓެލިޖެންސްގެ އިރުޝާދާއި އެހީތެރިކަން މިކަމުގައި ހޯއްދެވުމަށް ކޮމިޓީއިން ނިންމެވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ނަމަވެސް އޭގެ ފަހުން އެކޮމެޓީން ކުރި އެއްވެސް މަސައްކަތެއް، ކުރެއްވި އެއްވެސް މަޝްވަރާއެއް، ނެރުއްވި އެއްވެސް ނަތީޖާއެއް ފެންނާކަށް ނެތެވެ. ފުރަތަމަ ބައްދަލުވުމާއި ހިސާބުން ކޮމެޓީ މަރުވީކަމެއް ނުވަތަ އަދިވެސް ކޮމެޓީ ދުނިޔޭގައި އެބައޮތް ކަމެއް ވެސް ސާފެއް ނުވެއެވެ. ކޮމެެޓީ ވަނީ "ހައްޕު ކިޔާފައެވެ."

ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނަކީ ވެސް މިއަދު މީސް މީޑިއާ އަށް ވަރަށް ފަރިތަ ބޭފުޅުންނެވެ. އެބޭފުޅުންނަށް ދީނީ ވައުޒު ވިދާޅުވުމުގެ މަސައްކަތް މީސް މީޑިއާ މެދުވެރިކޮށް ވެސް ކުރެއްވޭނެއެވެ. ބައެއް ބޭފުޅުން ކޮންމެވެސް ވަރަކަށް އެކަން ކުރައްވާވެސް މެއެވެ. ނަމަވެސް އަދިވެސް އެކަން އެންމެ ފުރިހަމައަށް ކުރެއްވެއެކޭ ނުދެންނެވޭނެއެވެ.

ވަކި ކަމެއްގެ ވާހަކަދެއްކުމުން އެކަން އިސްތިހާރުވެ، ގިނަ ބަޔަކު އެކަން ކުރާނެ ކަމަށް އިލްމުވެރިން ވިދާޅުވާނަމަ، ކަންކަން ހައްލު ކުރުމަށް ކުރަންވީ ކަމެއް ވެސް އިލްމުވެރިން ވިދާޅުވެދެއްވަން އެބަޖެހެއެވެ. ހަމައެކަނި ތިވާހަކަ ނުދައްކާށޭ ވިދާޅުވުމަކުން މައްސަލައަށް ހައްލެއް ހޯދިގެން ހިނގައިދާނެ ކަމަކަށް އަޅުގަނޑުމެންގެ ޅަ ސިކުނޑިއަކަށް ގަބޫލެއް ނުކުރެވެއެވެ.

ރާއްޖޭގައި މުރުތައްދުވެފައި ތިބި މީހުންގެ އަދަދު ގިނަވެގެން ދިޔައީ އެންމެ ދުވަހަކުން ނޫނެވެ. އެހެންކަމުން ފުރަތަމަ ދުވަހުން ފެށިގެން ހިނގަން ޖެހޭ މަގުން އިލްމުވެރިން ވެސް، މައިންބަފައިން ވެސް އަދި ސަރުކާރުގެ އިދާރާތަކުން ވެސް ހިނގި ނަމަ މިކަން މިދަރަޖައަށް ނުދާނެކަން ކަށަވަރެވެ.

މިއަދު އެންމެ ބޮޑު ވާޖިބެއް ބޮލުގައި އެޅިފައި އޮތް އިލްމުވެރިން ވާހަކަދައްކަވަން އެބަޖެހެއެވެ. އިސްލާމްދީން ހިމާޔަތް ކުރަން ބޭނުންވާ އާއްމު ފަރުދުންނަށް މަގު ދައްކަވައި ދެއްވަން އެބަޖެހެއެވެ. އާއްމު ފަރުދުން މިފަދަ މައްސަލަތަކުގައި ދެން ކަންތައް ކުރަންވީ ގޮތް ކިޔައިދޭން އެބަޖެހެއެވެ.

"ހައްޕު ކިޔުން" އެއީ ހައްލު ކަމަށް އެބޭފުޅުން ދެކެލައްވާނަމަ އެކަމުގެ ތަފްސީލް ވެސް ތަންކޮޅެއް ފުޅާކޮށް ދެއްވަން އެބަޖެހެއެވެ. 150 ބަހުން ކޮށްލާ ޓްވީޓަކަށް ވުރެ އެތަފްސީލްތައް ދިގުވާން އެބަޖެހެއެވެ. އޭރުން އަޅުގަނޑުމެން ހައްޕު ކިޔާނަމެވެ.

ރާއްޖެފަދަ އިސްލާމީ ޤައުމެއްގައި ވަކި ވަކި ފަރުދުންގެ ޙައްޤުތަކަށްވުރެ އިސްވާނީ މުޅި ޤައުމުގެ ޙައްޤެވެ. ދިވެހި ދައުލަތުގެ އެންމެ އިސް ޙައްޤަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް އިސްލާމް ދީން ހިމާޔަތްކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރައްޔިތުމީހާ

    ހުރިހާ ވެރިން ޖިންމާވާންޖެހޭ. ޚާއްޞަކޮށް ރައީސުން

    37
    6
  2. ނަތީޖާ

    މަރްހޫމް އިބްރާހީމް ޝިހާބު ވިދާޅުވިއެވެ. ޖައްސަން އުޅޭ ކުލައެއް ނުޖެހިއެއް ނުހުންނާނެއެވެ. ތެދުފުޅެކެވެ.

    35
    4
  3. އ. ޖ. އ

    މީގެ ފަހުން މި ނޫހުން ދޮގު ހަބަރާއި އިސްލާމް ދީން ނަހީ ކުރައްވާފައިވާ ކަންކަމަށް ބާރު ލިބޭ ލިޔުންތައް ނުފެންނާނެ ކަމަށް މި ބަލަނީ.. މިއީ އަޅުގަނޑުގެ އެދުމަކީ ވެސް..

    18
    8
    • ވަގުތު ހޭޓަރ

      ކޮންމެސް ބަޔަކު މިކަމާ ވެސް އިދިކޮޅު ދޯ؟?

      11
      2
  4. ޢަލީ އަޙުމަދު

    އެވާހަކަނުދައްކަން އެ ބުނަނީ ވެސް ލާދީނީ ސިޔާސަތު ފެތުރުމުގައި ސަރުކަރަށް ވާގިވެރިވާ "ޝޭޚުން"ނެވެ. ބޭނުމަކީ ލާދީނީ ހަރަކާތަށް ހުރަސްއެޅުނަ ނުދިނުމެވެ. 2023 ގެ ކުރިން މި ރާއްޖޭގައި ހުރިހާ ދީންތަކެއް އޮތްކަމާއި ސަރުކާރަކީ ސެކިޔުލާރ ސަރުކާރެއްކަން އިޢުލާންކުރުމަކީ އެވެރީން "ދިން" ފައިސާގެ ބަދަލެވެ. އެކަންކުރާން މަޖުބޫރެވެ. ބަދަލެއްގެ ގޮތުން ނަޝީދަށް ނޯބްލް އިނާމު ލިބުނީމާ ޑްރާމާ ނިމޭއިރު ރާއްޖޭގައި އަމުރުމަޢުރޫފު ހިންގަން ތިބޭނީ ޣައިރު މުސްލިމުންނެވެ.

    24
    2
  5. އ. ޖ. އ

    ޢިލްމުވެރިންގެ މައްޗަށް ފަހަކަށް އައިސް ނޫސްވެރިން ގަދަބަސް ބުނާތީ ދެރަވަން.. ޝައިހް ޢަލީ ޒައިދު ބުނީ ރަނގަޅު ވާހަކަ އެއް.. ދެ ފިރިހެނުން ކައިވެނި ކޮށް ކިސްކޮށް.. އަންހެނުން އީދު ކުޅެން އެކަކު އަނެކަކު ގަޔަށް އަރާ ނަށާ ވައްތަރު ޖައްސާ އުޅޭތަން ޝެއާ ކުރުން ވަރަށް ހަޑި..

    18
    4
  6. ވިސްނާާ

    މީހުންނަށް ވިސްނެން ފެށީމަ ފުލޯކާއި ދެކޮޅު ނުޖެހޭކަންކަމާއި ތާކުންތާކު ނުޖެހޭ ކަންތަކަށް މަޖްބޫރުކަމެއް ނެތި އާއެކޭ ތިޔާއީ ތެދެކޭ ނުއެއް ބުނާނެ. ދުނިޔެއަކީ ފަތާ އެއްޗެކޭވެސް ނުބުނާނެ. އިރު އޮއްސެނީ ކިސަޑުގަނޑެއްގެ ތެރެއަށޭ މީހަކު ބުނެފިނަމަ ނިކަން ހޭނެ. އެޔަކަށް ފުރައްސާރައެކޭ މަލާމާތެކޭ ކިޔަކަސް އެކަމެއް ނުވެސް ހުއްޓޭނެ.

    6
    3
  7. Anonymous

    ޢިންސާފެއް ނެތް ތަނެއްގައި ކޮންގަވާއިދެއް

    13
    3
    • ޕސޓ

      އިންސާފު އޮތީ ކޮން އިރަކު

      6
      7
  8. ސުބާޝް

    ނުބައި ކަންކަމައް އަހަރެމެން ހައްޕު ކިޔައިގެނެއް ނެތީމު.. އެކަމަކު ނުބައިކަންކަމުގެ ވާހަކަތަކައް ސީދާ ރައްދުދީފަ ކޮމެންޓުކުރީމަ ވަގުތު ކަހަލަ ނޫސްތަކުން ކޮމެންޓެއް ނުޖެހާ. އެހެން ހެދީމަ ނުބައިކަންކަމާއި ދެކޮޅައް އުފުލޭ އަޑުއޮންނަނީ ހައްޕު އެޅުވިފަ.

    10
  9. އައްލެއިކަލޯ

    އިސްލާމް ދީނާއި ޚލާފު ވމަކީ ގާނޫނާއިވެސް ޚިލާފުވުން. ކޮންމެވެސް މުއައްސަސާއަކުން ދައުވާވެސް ކުރަންވާނެ ކުށެއް. ދައުވާނުކޮށް ބަލަހައްޓައިގެން ތިބޭނަމަ ޒިންމާދާރު މުއައްސަސާ ކުށްވެރިވާނެ. ތަންކޮޅެއް ކުރީޒަމާނަށް ބަލާލާއިރު ދީނާއި ޚިލާފު ވާހަކަ ދައްކައިގެން ނާއި ދީނަށް ފުރައްސާރަކޮށްގެން މީސްމީހުންނާމެދު ގާނޫނީ ފިޔަވަޅު ސަރުކާރުން އަޅުއްވާފަ އެބަހުރި. މިއީ މިހާރުވެސް ކުރަންޖެހޭ ކަމެއް. އަޅޭ ކޮށްބަލަ. ކުށް ހުއްޓޭނެ.

    8
    2
  10. ޖަހާންގީރު

    ގިނަ ގިނައިން މި ވާހަކަ ދައްކަންވީ މި ކަހަލަ މުޑުދާރު ކަންތައް ކުރި މީހުންގެ ވާހަކ ޤުރްއާން ވެސް ސިއްރެއް ނުކުރޭ ،،،، އަންނި އާއި އޭނަގެ ދައްޖާލު އެޖެންޑާ ފަތުރާ މީހުނަކަށް އެއްވެސް ގޯހެއް ނުފެންނާނެ

    14
    3
  11. ބަދަލުހިފުން

    ބަދަލުހިފުން، އެނޫންގޮތެއްނޯންނާނެ!

  12. މައްސަލަޔަކީ....

    ވަޤުތު ނޫހުގައި ހަމައެކަނި ރާއްޖޭގެ މީހުން ހިންގާ، ނުބައި ޢަމަލުތައް ލިޔެގެން ފުއްދާލަނީކީ ނޫނެވެ. އިންޑިޔާގައި ހިންގާ މުޑުދާރު، އަނިޔާވެރި ރޭޕް ތަކުގެ ވާހަކަތައް ވެސް ގެނެސްދެނީ އެވެ. މައްސަލަޔަކީ އެއީ އެވެ!

    1
    1
    • ކޮހުގެކޮސް

      ނުކުރާކަމެއްގެ ވާހަކަތަ އެމީހުން ލިޔެ ޝާއިއު ކުރަނީ؟