ފެންނަ ފެނުމަށް އައްޑޫ ސިޓީގައި މިވަގުތު ކުރިޔަށްދާ އެންމެ ބޮޑު އެއް ތަރައްޤީގެ މުޙިންމު "މެގަ" މަޝްރޫޢަކީ އެ ސިޓީގެ ހިތަދޫ ސިޓީ ސްކެއާގައި ބޮޑު ދިދަ ދަނޑިއެއް ޖަހައި އެ ދިދަ ދަނޑީގެ ވަށައިގެންވާ ސަރަޙައްދު ޗާލުކޮށް ޕާކަކަށް ހެދުމުގެ މަޝްރޫޢެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަތޭކަ ދުވަހުގެ ވަޢުދުފުޅުގެ ތެރޭގައިވެސް ހިމެނޭ މި ޕާކުގެ މަސައްކަތް ރެޔާއި ދުވާލު ކުރަމުންދާއިރު، ހިތަދޫގައި ރެޔާއި ދުވާލު ނިދި ނުލިބި ތިބި އެހެން ބައެއްގެ ވާހަކަ ބުނެފާނަމެވެ.

ހިތަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަދި ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މުހައްމަދު އަސްލަމް ތަމްސީލު ކުރައްވާ، ހިތަދޫ މޫލެކެޑެ ސަރަޙައްދުން ފުއްޓަރު ފަރާތުގައި ތިބި ރައްޔިތުން އެއް ރާގެއްގައި މި ވާހަކަ ދައްކާތާ ކިތަންމެ އަހަރެއް މާޒީވެ ހިނގައްޖެއެވެ. ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ އެއްވެސް ބައެއްގެ އަޅާލުން ނުލިބި މާޔޫސްކަމުގައި އުޅޭތާ އެތައް އަހަރެއް ވީއެވެ. ސަރުކާރުގެ މާބޮޑު އަހަންމިއްޔަތުކަމެއް ނުލިބި ވަނިކޮށް، ގެތަކަށް ރާޅު އަރާ ހިސާބަށް ގޮސް، ގެތަކުގެ އިމުން އެތެރެއަށް ރާޅު ބިންދަން ވެސް ފެށީއެވެ. ނޫޅެވޭވަރުވެ، އުމުރު ދުވަހު ކުރި މަސައްކަތުން އަޅާފައި ހުރި ގެތައް ބޮލަށް ވެއްޓޭ ހިސާބުގައި މި މައްސަލަ މިއަދު އޮތް އިރު ޒިންމާވާނެ މީހަކު ނެތެވެ.

ހިތަދޫގައި ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑު އެއް ސަރަޙައްދު - ފޮޓޯ: މީސްމީޑިއާ

މޫލެކެޑެ ސަރަޙައްދުގައި ރަށް ގިރުމުގެ މައްސަލައާއި އެންމެ ބޮޑަށް ކުރިމަތިލަމުންދާ ފަރާތްތަކުން އެވާހަކަ ދައްކައި މަދަދަށް އެދި އާދޭސް ކުރަމުން ދަނިކޮށް، އައްޑޫގެ ދިދަ ދަނޑި ޕްރޮޖެކްޓަށް ބޮޑުހިލަ ފުންޏެއް ގެނެސް ސިޓީ ސްކެއާގެ މެދަށް ފުނިޖަހައި، އެއިން ބައެއް "ވަޅުލައި" އެކަން ކުރި ބަޔަކު އެވަނީ ކިތަންމެ ރަނގަޅަށްވެސް "ނުލަފާކަން ދައްކާލާފައި" އެވެ. މިއީ ވޯޓެއް ބޯމަތިވުމުން ފުންމައިގެން އައިސް ދައްކާ ހުވަފެން ޤަބޫލުކުރާ، އުންމީދުން ފުރިގެންވާ ހާލުގައި ތިބި ރައްޔިތުންތަކަކަށް ކުރި "ޖެއްސުމެއް" ނޫން ދެން އިތުރު ކޮން ކަމެއް ހެއްޔެވެ.

މިކަމަށް މިހާރު ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެގެން ދާއިރު، މޫލެކެޑެ ސަރަޙައްދުގައި ރަށްގިރުމުގެ މައްސަލައިގައި ލޮލުފިޔައެއް ޖަހާނުލެވިފައި ތިބި މީހުން ވަނީ އެތައް ފަހަރެއްގެ މަތީން ކައުންސިލާއި މުވައްސަސާތަކުގެ ސަމާލުކަމަށް މިކަން ގެންގޮސްފައެވެ. ދާއިރާ ތަމްސީލުކުރާ މެމްބަރުގެ އަރިހުގައި ވެސް މޫލެކެޑެ މީހުން މިވާހަކަ ދައްކާތާ ކިތަންމެ ދުވަހެކެވެ. އެންމެ ފަހުން އޮތް އިންތިޚާބަށް ބޯމަތިވުމުން ގެތަކަށް ވަކިވަކީން ޒިޔާރަތްކުރައްވާ ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވެ، ހޮވިވަޑައިގަތުމުން މެމްބަރު "ލޮލަށްވެސް ނުފެނުނީ" ކަމަށް ދާއިރާގެ ރައްޔިތުން ބުނާތީ އިވެއެވެ. ވަޅުފެން، ކަނޑުން ނަގާ ލޮނަށްވެ ރައްޔިތުންގެ އެތައް ބަޔަކު ބިކަ ހާލުގައި ޖެހި އެންމެ އަސާސީ ބޭނުންތަކުން މަހުރޫމުވެ ދިރިއުޅެމުންދާ މި ސަރަޙައްދަށް މިއަދުން މިއަދަށްވެސް ޙައްލެއް ނުހޯދިއްޖެނަމަ ގެތައް ވެއްޓި އެތައް ބައެއްގެ ގޮދޮރުގެއްލި މަގުމަތިވެދާނެތީ ކަންބޮޑުވާނެ މެމްބަރެއް އަދި ވެރިއެއް ވެސް ނެތެވެ.

ހިތަދޫގައި ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑު އެއް ސަރަޙައްދު، ގެތަކުގެ ބޭރުފާރާއި ހަމައަށް ރާޅު އަރާ - ފޮޓޯ: މިހާރު

މޫލެކެޑެ ސަރަޙައްދުގެ ބައެއް ގެތަކަށް ރާޅު ވަންނަ މައްސަލަ ބޮޑުވެފައި ވީނަމަވެސް، އެކަމަށް އެއްވެސް ބައެއްގެ މާބޮޑު ސަމާލުކަމެއް ނުލިބުމުން، އެ ގެތަކުގައި ދިރިއުޅޭ ފަރާތްތަކުން އަމިއްލައަށް ވެލިބަސްތާ ޖަހައިގެންވެސް ސަރަޙައްދު ހިމާޔަތްކުރަން އުޅެފިއެވެ. ނަމަވެސް އެއީ ކަނޑުގަދަ ދުވަސްވަރު އެތަނުން ނަގާ ބިޔަ ރާޅުތައް މަތަކުރެވޭނެ ހައްލެއް ނޫންކަމުން، އެ ގެތަކުގައި ދިރިއުޅޭ މީހުން ތިބީ އެފަދަ ދުވަހެއް ނުދައްކަވާތޯ ދުވާކޮށްލަކޮށްލައެވެ. މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮންނަ ފަޚުރުވެރި ސިޓީގެ ރައްޔިތުން ދިރިއުޅެމުންދާ މި ހާލުގެ ވާހަކަ ދައްކަން ޖެހެނީ އެހެންވެގެންނެވެ.

ހިތަދޫ މޫލެކެޑެ ސަރަޙައްދުގެ އިތުރުން މަރަދޫ އާއި މަރަދޫ ފޭދޫ އަދި ރަށްތައް ގުޅުވައިދޭ މައި ލިންކްރޯޑު އޮންނަ ހަންކެޑެ ސަރަޙައްދުވެސް ގިރައި ހުސްވަނީ އެވެ. ދުވަހެއް ދުވަހަކަށް މި ސަރަޙައްދުތަކުގައި ވެސް ރަށްގިރުމުގެ މައްސަލަ ދަނީ ބޮޑުވަމުންނެވެ. ކަނޑުގަދަވި ވަގުތެއްގައި އެހަކަށް ދުވަހު ވެސް، ލިންކު ރޯޑުގެ އެއް ކައިރިއަށް ރާޅުތައް ބިންދާލި މަންޒަރު ދުށް މީހުން މިކަމަށް ހެކިވާނެއެވެ. ދިޔަވަރު ބޮޑުވާ ދުވަސްތަކުގައި މި ސަރަޙައްދުތަކުގެ މަގުތަކާއި ގެތަކާއި ހަމައަށްވެސް ލޮނުގަނޑު އަރަމުންދާއިރު، މިކަންކަމަށްވެސް ޖަވާބެއް ދޭނެ މެމްބަރެއް އަދި ވެރިއެއް ނެތެވެ.

ހިތަދޫގައި ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑު އެއް ސަރަޙައްދު - ފޮޓޯ: މީސްމީޑިއާ

ރަށްގިރާ މައްސަލައަށް ޙައްލެއް ހޯދައިދނުމަށް އެދި ކުރީގެ ރައިސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުން ފަށައިގެން އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން މައްސަލަ ހިފައިގެން މުވައްސަސާތަކަށް ދަނީއެވެ. ގެއިން ފަށައިގެން އޭރު 50 އެއްހައި ފޫޓު ދުރުގައި އޮތް މޫދު، ގެތަކުގެ ބޭރު ފާރާއި ހަމައަށް އަރާފައިވުމުން އެނގޭ ކަމަކީ، މި މައްސަލައިގެ "ސީރިއަސް" ކަމެވެ. ވީއިރު މި މައްސަލައަށް އެއްވެސް ބެލުމެއް ނެތި ގެތައް ސުންނާފަތިވެ ގެތަކުގައި ހިފާ ގެންގުޅޭ ތަކެއްޗަށް އެތައް ގެއްލުމެއް ލިބެމުންދާއިރުވެސް އެއްވެސް ހައްލެއް ލިބިގެން ނުދިއުމީ، "ޝުކުރުވެރިވާން ނުދަންނަ މީހުން"ގެ ދެރަވަރުކަން ތޯއެވެ.

ރަށް ގިރަމުން ގޮސް މޫލެކެޑެ ސަރަޙައްދުގައި މިހާރު ބައެއް އާއިލާތަކަށް ދިރިނޫޅެވޭހައި ނުރައްކާ ބޮޑު ވެފައިވާއިރު އާއިލާތަކުން އެދެނީ މިކަމަށް ދާއިމީ ރަނގަޅު ޙައްލެކެވެ. އެއްގޮތަކީ ގެތަކަށް ރާޅުގެ އަސަރު ނުކުރާނެ ގޮތެއް ހަމަޖައްސައިދިނުމެވެ. ނޫނީ ރައްކާތެރި ހިސާބަކުން ބޯހިޔާވަހިކަމެއް ހޯދައި ދިނުމަކީ ދެން އޮތް ގޮތެވެ. އޭރުވެސް އަދި މިހާރުވެސް އެ ރައްޔިތުން ކުރަމުންދާ އާދޭހަކީ މިއީއެވެ. އެތައް ދައުރެއް ނިމިގޮސް އިންތިޚާބުތަކާއި ދިމާކޮށް ތަކުރާރުކޮށް ޖަހަމުންދާ ބެރަށް މޫލެކެޑެ ރައްޔިތުން ދެން އިތުރަށް ނަށާކަށް ބޭނުމެއް ނުވެއެވެ. އެ ރައްޔިތުންނަށް ދިދަ ދަނޑިއަކަށްވުރެ މުހިންމީ ގެދޮރާއި ދަރިންނާއި އާއިލާގެ މުސްތަޤުބަލެވެ. އެކަން ކުރެވެން އޮތީ ކަނޑުއޮޅިން ބޭރުވެފައި ތިބި އެ އާއިލާތައް ސަލާމަތްކޮށްދީ، އަމާން ވެއްޓަކަށް ގެންގޮސް ހަމަ ނޭވާއެއް ލުމުގެ ފުރުސަތު ދީގެންނެވެ.

ހިތަދޫގައި ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑު އެއް ސަރަޙައްދު، ގެތަކުގެ ބޭރުފާރާއި ހަމައަށް ރާޅު އަރާ - ފޮޓޯ: އައްޑޫލައިވް

ކަމެއް ކުރުމުގެ އިޚްތިޔާރާއި ބާރެއް ނެތޭ މޭޔަރު ބުނާ ހިސާބުން އަދި މިވާހަކަ ނިންމާލެވޭކަށް ނެތެވެ. ހުއްދަ ހޯދައިގެން ކަންކަން ކުރެވޭނަމަ އެކަން ކުރެވޭނެހައި ޒަމާން މާޒީވެ ހިނގައްޖެއެވެ. ޕާކުތަކާއި ބާބެކިއު ސްޓޭންޑުތަކާއި ދިދަ ދަނޑި ހަދަން މިލިއަނުން ފައިސާ ހޭދަކުރެވޭއިރު މިއީ މިދިޔަ މިވެނި ވަރަކަށް އަހަރޭ، އަދި މިވެނި ވެރިކަމެކޭ ބުނެ ދޫކޮށްލެވޭ ވަރުގެ މައްސަލައެއް ވެސް ނޫނެވެ. ހާލަތު މިހެން އޮތްއިރު، ރައްޔިތުން ކުރާ ޝަކުވާތަކަށް ޖަދަލުކޮށް، ކޮށްދޭ ކަންކަމަށް އައްޑޫ ރައްޔިތުން ޝުކުރުވެރި ނުވެއޭ ވިދާޅުވެ ކޯފާވެގެން، މެމްބަރު ރޮޒޭނާ އާދަމް ފަދަ ކަނބަލުން ރައްޔިތުންނަށް "ބަވާފައި" ނިކުމެ "ރައްކާވުމަކީ" ލަދުވެތި ކަމެކެވެ. ތަހުތައް އިސް ކުރެވިފައި ތިބީ، ފޮނި އުންމީދުތަކެއް ކުރާ އެތައް ހުވަފެނެއް ދެކެމުންދާ ނިކެމެތި ރައްޔިތުން ކަމާއި، ރައްޔިތުން ކޮށްދޭ ކަންކަމަށް ޝުކުރުވެރިވާން ނުދަންނަ ބަޔަކަށް ބޮނޑިބަތް ކައްކައިދޭން، ޚިދުމަތުގައި އަބަދަކު އެ ރައްޔިތުން ނުތިބޭނެކަންވެސް ދަންނާން ވާނެއެވެ. އެ ހަނދާންތައް އައުވެ ރައްޔިތުން ތިބި ހާލެއް ބަލާން އަންނަވީ ވޯޓު ހޯދަންވީމައި އެކަންޏެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ސައްދާމް

  ހެއްލުމަކީ ގެއްލުމެކޭ ބުނާތީ އަހަން އެކަމަކު މިހާރު ލޮލަށްފެނިއްޖެ. ރައީސް ޔާމިން 5 އަހަރުދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ކޮށްދެވި ކަންކަން ބޮލާލާޖަހާ ދިޔަބަޔަކު ޖއހޭނެތާގައި ޖެހިމިނިމެނީ.

  89
  6
  • ލިންލިން

   އެކަމު އެ ފަސް އަހަރުތެރޭގަ ވެސް އެގޭދޮށަށް އެޖަހާ ރާޅުން ސަލާމަތްވާން ކުޑަކުޑަކަމެއް ވެސް ނުކޮށްލެވުނު.. ގައިމު މިވެރިކަމުގަ ނޫނީ އިއްޔެއަކު އިހަށް ދުވަހަކު ވާންފެށިކަމެއް ނޫން.. ބޮޑު ލޯނުން މާލޭގަ ހިންގި ޕުރޮޖެކްޓުތަކުން އަހަރެމެންނަށްވީ މާބޮޑު ފައިދާއެއް ނެތް..

   19
   26
   • އަސަރޭ

    ހެހެ. ކަންކަން ކޮއްދެންވީމަ ރައީސް ޔާމީނު. ވޯޓް ދޭން ވީމަ އައްޑޫ މީހުންނަށް އެމްޑީޕީ. ތިކަން ޔާމީނު ސަރުކާރުން ހައްލުކޮށް ނުދިން ކަމަށްޓަކައި ވަރަށް އުފާކުރަން.

    40
    3
   • Anonymous

    ވާމީހުން، ފައިސާ ރައްޔިތުންނަށް ބަހާ ހެޔޮވެރިކަން ގެނައީ ނުބައި މީހުން ދުރުކޮށްފަނު. ދެން ނުކުރަނީ ކީއްވެ؟ މިސަރުކާރުގެ ބޮޑުބަސް "ހައްގު މިންވަރު" އެމީހުން ދެވި ނިމުނީތަ؟

    22
  • ބިންބިން

   ލިންލިން..ކުރީ ސަރުކާރުން ނުކޮށްދިން ވާހަކަ ދައްކާއިރު، މިސަރުކާރުން އެކުރާ ކަމަކީ ކޮށްދެވެން އޮތް ކަމެއް ލޮލަށް ފެންނަން އޮއްވާ ނުކޮށްދީ ބޭކާރު އެހެން މަސައްކަތެއް ބާރުލާފައި އޭގެ ބަދަލުގައި ކުރުން. ޔާމީން އެއް ކަމެއްވެސް ނުކޮށްދީ ހުރުމާ، މިހާރު އެމީހުން ލޮލު ކުރިމަތީ އެހެން ބޭކާރުތަނެއް ހަދަމުންދާ ތަނެއް ފެންނަން ހުރުމާ ބޮޑަށް އަސަރުކުރާނީ ކޮން ކަމަކުންތަ؟

   18
   1
 2. ފިރިހެން

  ވާވް.. ނައިސް އާރޓިކަލް..

  59
  4
  • ވދފ

   ރީތި ހަޑި ވަކިކޮށް ޖަޖް ކުރަނީތޯ

   11
 3. ޤަވްމު

  ރައީސް ޔާމީން ވަނީ ފަސްއަަހަރުތެރޭގައި އައްޑޫއަށް ވަރަށްގިނަ ކަންތައްތައް ކޮށްދެއްވާފައެވެ. 2018ގެ ކެމްޕެއިންގައި ޔާމީން އައްޑޫ ރައްޔިތުންނަށް ވަޢުދުވެލެއްވި ފުރަތަމަ އަހަރުތެރޭގައި ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދެއްވަނޭކަމަށް! އެކަމަކު އައްޑޫގެ ރައްޔިތުން އެ އަޑުނާހާ އައްޑޫގައި ހުޅުޖަހާ ފަނާކުރިމީހުން އިޚްތިޔާރުކުރި!

  107
  8
  • Anonymous

   އައްޑޫ ޖައުންސިލްގެ އުނދަގުލާހެދި ޔާމީން ވެރިކަމުގައި އައްޑޫއަށް ކަމެއް ކޮށްނުދެވުނީ. މިހާރު މިއޮތީ އައްޑޫމީހުން ބޭނުންވި ވެރިކަން. ކަމެއް ބުނަން ނުޖެހޭނެ، ހިތުލިއަސް މިސަރުކާރުން އެކަމެއް ކޮށްދޭނެ. އެހާވެސް އޯގާތެރި ސަކުކާރެކޭ ކިޔައިއަޑު އިވޭ. އައްޑޫމީހުން ޖަޖް ކުރާނީ؟

   25
   1
 4. އައްޑޫ މީހާ

  އައްޑޫ ފޭދޫ ހިއްކިބިން ސަރަހައްދުގައި ޖަހަން ގެންގޮސްފައިވާ ބޮޑުހިލަ ތަކެއް ގެންގޮސް ޕާކުގައި ވަޅު ލުމުގެ ބަދަލުގައި އެހިލަ ފައިދާއެއް ކުރާނެ ގޮތަކަށް ބޭނުންކުރިނަމަ ރަނގަޅުވީސް ފޭދޫ ހިއްކިބިން ސަރަހައްދު ލެވެލް ކުރަން ބަހައްޓާފައިހުރި ވެލިފުނިތައް ކައުންސިލަރު ވިއްކާ ޖީބަށް ބަރުކުރާ މަންޒަރުވެސް އެބަ ފެނޭ އަޅެ ވަގުތުގެ ކުދިން އެކަންވެސް ރިޕޯޓެއް ޖަދާލަން ފެނޭ ފަހުގެ ތާރީހެއްގައި އޑޕ ކައުންސިލަރުން ހިންގާފައިވާ ޖަރީމާތައް ފެންނަން އޮންނާނެ މިކަހަލަ ވައްކަމާއި ކޮރަޕްޝަނަށް ކިޔަނީ ކޮން ނަމެއްކަން ނޭގެނީބާ އައްޑޫގެ ރައްޔިތުންނަށް؟

  67
  1
 5. ޢާޝޯހު

  5 އަހަރު ދުވަހު އެކަން ކުރިނަމަ އިތުރަށް ކުރަން ޖެހޭނެބާ؟

  8
  55
  • އަދުނާނު

   އައްޑޫ މީހުން ދުވަހަކުވެސް ޔާމީނަށް ވޯޓް ދިންތަ؟ އައްޑޫ މީހުން ވޯޓްދޭ އެމްޑީޕީ ސަރުކާރަށް ތިކަން ކުރަން ޖެހޭނީ.

   37
   1
  • Anonymous

   ނުކުރާތީނު ކުރާނެ ބަޔަކު ގެނައީ ދެން ކޮށްދޭނެކަމަށް ދަތޕިލަ ސޭލް އަޅުވައިގެން ތިބޭ.

   21
 6. ހުސެންދީ

  އައްޑޫ މީހުންނަށް ހުންނާނީ ހުރިހާ ކަމެއް ފުރިހަމަ ވެފަ.. ހިނދުކޮޅު މޭޔަރުގެ 3 ވަނަ ދައުރު ކުރިއަށް މި ދަނީ.. ޕާޓީއަށް މީހުން ވެއްދުމަށް ގުނބޯ ހެއްދުން ނޫން ކުރެވޭ އެއްވެސް ކަމެއް ދައްކަބަލަ.. ކަމެއް ކުރަން ޖެހޭ ކޮންމެ ފަހަރަކު، އެސަރުކާރު މި ސަރުކާރު، އެއޮށް ސަރުކާރު މިއޮށް ސަރުކަރު ކިޔުން ފިޔަވާ ވެވޭކަމެއްނެތް..

  70
  2
 7. ހުސޭނުބޭ

  ތި ސަރަހައްދުގެ ފޮޓޯއެއް ޖަހާލަދިންނަމަ ވަރަށް ރަގަޅުވީސް! އޭރުންތާ ރަގަޅަށް ސިފަވާނީ!

  26
  2
  • ޙަމަ

   ކަލޭ ހަމަތަ؟

 8. ކާފަބޭ2019

  މޫލެކެޑެސަރަހައްދުގެބޭފުޅު ސޯބެއާ މޭޔެރުކަންހަވާލުކުރާތާ މިހާރުމީ3ވަނަދައުރު އަހާބަލަ ރާއްޖޭގެތަރައްޤީމެކުހަށްޖަހާފަހުރިއިރު ކިތައްފަހަރުސަރުކާރާވާހަކަދެއްކިންތޯ؟ ޢެފަސްއަހަރުނިމިގެންދިޔައިރުވެސް ރައީސްޔާމީނަށް ކުރެޑިޓެއް އައްޑޫންލިބިދާނެތީ އަނގަމަތީޓޭޕްއަޅައިގެން ސޯބެހުރީހަނު އެކަންތިޔަ ރައިއްޔަތުންނަށްވިސްނުނުދުވަހަކުން ބޮޑުހިލަވެސްޖެހޭނެ ރަށްތަރައްޤީވެސްވާނެ ސަލާމް

  38
  1
 9. ކައުންސިލަރު

  ސިޓީސްކެއާރ ނަމުގައި ހިތަދޫގައި އެކުރަމުންދާ މަސައްކަތަކީ ވަކިބަޔަކަށް މަންފާލިބޭގޮތަށް "ނަފާމަންޒިލް" ގެ ނަމުން ވަނަމެއްގެގޮތުގައި ނަންދީގެން ހިންގަމުންދާ ބޮޑުޖަރީމާއެއް، އެއީ އެތައް އަހަރަކަށް ދިގުދެމިގެންދާގޮތަށް މެދުނުކެނޑި ވަކިބަޔަކަށް މަންފާލިބޭގޮތަށް ހިންގަންރާވައިގެން ކުރަމުންދާ މަސައްކަތެއް، އެތަނުގައި މަސައްކަތްކުރާ މީހުންގެ ނަމުގައި އެތައް ބަޔަކަށް ރައްޔިތުންގެ ޓެކްސްފައިސާއިން އިތުރުގަޑީގެ ފައިސާގެ ނަމުގައި ނަހަމަ ބޮޑު މަންފާއެއްލިބެމުންދާތީވެ އެމަސައްކަތް އަވަހަކަށް ނިންމާކަށް އެމަސައްކަތްރާވާހިންގުމާއި ޙަވާލުވެތިބިމީހުން ބޭނުމެއްނުވޭ ، އެތަނުގައި މަސައްކަތްކުރާތާ އެތައްމަސްދުވަސްފާއިތުވެގެންގޮސްފައިވާއިރު އެއުޅެނީ އެއްމެކުޑަމިނުން ދިދަ ދަނޑީގެ ބުޑުހާވަރުވެސް ނިންމާނުލެވިގެންނެވެ. އެކަމަކު ދަންވަރު ބާރަ އެކެއް ދޭއް ޖަހަންދެން އެތަނުގައި މަސައްކަތްކުރި ކަމަށްހަދާފައި އެތަނުގެ ވެރިން ބޭނުންވާ އެތައްބަޔަކަށް އެދަނީ އިތުރުގަޑީގެ ފައިސާގެ ބޮޑުމަންފާއެއް ހޯދަދެމުންނެވެ.

  30
  1
 10. ނާއްޓޭ

  ޢަސްލު ރަގަޅު ވާހަކައެއް ތީ އެކަމަކު މަ ހިތަށް އަރާ ތިތަން ގިރަން ފެށީ 2018 ވަނަ އަހަރުގެ ނޮވެންބަރު 19 ގެ ފަހުން ބާވައޭ. ޥޭތުވެދިޔަ 5 އަހަރު ނުގިރާ ބާވައޭ.

  11
  32
  • ގޫބަޑި

   ޔާމީނު ސަރުކާރުގައި އައްޑޫއަށް ވަރަށް ގިނަ ކަންކަން ކޮށްދިން. އެކަމަކު ދުވަހަކުވެސް އައްޑޫ މީހުން ޔާމީނަކަށް ވޯޓެއް ނުދޭ. އެހެންވީމަ އައްޑޫއަށް ކަމެއް ކޮއްދެންވާނީ އެހެން ސަރަހައްދު ތަކަށް ކަންކަން ކޮއްދީފައި. ތިކަން ހައްލު ކުރަން ޖެހޭނީ އެމްޑީޕީ ސަރުކާރަށް.

   27
   1
  • Anonymous

   ވޭތުވި 5 އަހަރު ކުރި ކިޔަން ނުކެރެނީ، އެހިސާބުން މޑޕ ގެ ވެރިކަމުގައި ޖެހިދާނެތީތަ؟ ވާހަކަ ދެއްކުމުގައިވެސް ތެދުބެރިކަމެއްމެތް. ﷲ ތައާލާ މުލަފާ ދިވެހި ރައަޔިތުންނަށް މުސީބާތެއް ނުފޮނުއްވަނީސް އިސްލާހުވާކަށް ނުވޭބާ؟

   9
   1
 11. Anonymous

  ރީނދޫކުލަ ހާކައިގެން ދިދަދަނޑި ދޮށަށް އަތްޖަހަންދޭ. އައްޑޫމީހުންނަކީ ފިސާރި މޮޔަބައެއް??

  50
  1
 12. Kamaal

  ޢައްޑޫމީހުންނައް ތިއޮތީ ވާންވީގޮތްވެފަ ތި އެމްޑީފީ މެޖޯރިޓީދީގެން.

  25
 13. ހުސެން

  އައްޑޫ މީހުންނަކީ އެމްޑީޕީ އިން އެންމެ ގިނަ ވޯޓު ހޯދާ ވޯޓު އޭޓީއެމް މެޟިން، އެނެއްކޯ ތެބެއިތާ ވޯޓު ހޯދާ ކައުންސިލް އިންތިހާބަށް،ގޭ އޮތް ހުނިގެނޑި އަސް މިފަހަރަ އެމްޑީޕީ އަށް ދޭހެތިޔެ ވާ،ތަފިރިން ކިޔަވަގެން ތަސައްރަފަ ފުދެނަސް ބޮލައޮނބާ އޮންނަހެދީ އެމްޑީޕީ މީހުނަށް ތަފިރިން ބޯކާގެން ހެއްދެނީ.ވ.ސަލާން

  22
 14. ދޮނާ

  އެއީ އަމިއްލަޔައް ގޯތިބޮޑުކޮއްގެން ދިމާވި ކަމެއް

  3
  7
 15. ދަންސޫރަ

  ބަރާބަރަށް ތިވަނީ އަށްޑޫ މީހުންނަކީ ކޮސްބައެއް ވަރަށް

  14
  1
 16. އައްޑޫ މީހާ

  އައްޑޫ މީހުން ބައި ކުޅަނދު މަދުވީމަ ވާހާ ކަންކަން

  10
  2
 17. މަށޭ

  ތަފިންނަ ހެދި އަފިޔަ މަމިކޮން މިއެތާ އުޅެވާންނެން ނިތޭ...

 18. ޢިކުރާމު.

  ތިހާއަތިރިމަތީ ނުތިބެ އެއްމަމުން ގޯއްޗެއް ނަގާބަލަ ކޮންމެހެން ބިންހިއްކައިގެން ޖަޒީރާވަންތަކަން ނަގާނުލާ