އޭނާއަކީ ތައުލީމީ ބޭފުޅެކެވެ. އެތައް ދަރިވަރެއްގެ މުދައްރިސެކެވެ. އިޖްތިމާއީ ހިދުމަތުގެ އިތުރުން އެއީ ދީނީ ކަންކަމުގައި ނަމޫނާ ބޭފުޅެކެވެ. އެންމެންނާއިވެސް ހިނިތުންވުމަކާއެކު ބައްދަލުކުރައްވާ ސަކަ މިޒާޖެއްގެ އެކުވެރިއެކެވެ. އާދެ އެއީ ހދ. ނޮޅިވަރަންފަރު އަހިމާގެ، ހުސެއިން އަބްދުﷲ ނުވަތަ އެންމެން ދަންނަ ނަމުންނަމަ ”ޓީޗަރު ހުސެއިން“އެވެ.

ނަމަވެސް އެ ހިދުމަތްތެރިއާ މިއަދު ވަނީ އަޅުގަނޑުމެންނާ ތާ އަބަދަށް ވަކިވެފައެވެ. މިޚަބަރު ގިނަ ބަޔަކަށް ވެގެންދިޔައީ ހިތްދަތިކަމުން ފުރިގެން ދިޔަ ޚަބަރަކަށެވެ.

ހދ. ނޮޅިވަރަމްފަރުން އެއަތޮޅު ހަނިމާދުއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލާ ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި ފިރިހެން މީހާއަކީ ނޮޅިވަރަމްފަރު ސްކޫލްގެ އެންމެ ގިނަ ދުވަސްވީ ޓީޗަރެވެ.

ހދ. ނޮޅިވަރަންފަރު އަހިމާގެ، ހުސެއިން އަބްދުﷲ އަށް ނައިބު ރައީސް، ފައިސަލް ނަސީމް އެވޯޑެއް އަރުވަނީ

ހުސެއިންގެ އިތުރުން އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ ހަމައެކަނި ދަރިފުޅު ގުރައިޝާ އަބްދުﷲ 30، އާއި އޭނާގެ ތިން އަހަރުގެ ދަރިފުޅުގެ އިތުރުން އެހެން ޓީޗަރެއްގެ އަންހެނުން ނިޔާވި މީހުންގެ ތެރޭގައި ހިމެނެއެވެ.

ރަށުގެ އެންމެންގެ ނަމުން ނަމަ، ”ޓީޗަރު ހުސައިން“ އަކީ ތަޢުލީމީ ދާއިރާއިން ޚާއްސަކޮށް ނޮރިފަރަންފަރު ސްކޫލުގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ނަމޫނާ ބޭފުޅެކެވެ. ނޮޅިވަރަންފަރު ސްކޫލް ރަޖިސްޓްރީ ކުރެވުމަށް ފަހު މިވީ ފަންސާސް އަހަރުގެ ތެރެއިން ތިރީސް ހަތަރު އަހަރު މި މަދަރުސާއަށް ޚިދުމަތް ކުރެއްވި ހުސައިން އަބްދުﷲ އަކީ ސުކޫލު ހިންގެވުމުގައިވެސް 16 އަހަރަށް ވުރެ ގިނަ ދުވަހު އެންމެ އިސްކޮށް ހުންނެވި ބޭފުޅާއެވެ. ހިތްހެޔޮ، ހުނަރުވެރި ހުސެއިން އަކީ ހދ. އަތޮޅު މަދަރުސާގެ އެންމެ ފުރަތަމަ މުދައްރިސްވެމެއެވެ.

ސުކޫލުގެ އުމްރާނީ ތަރައްޤީ އަށް ނުހަނު ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވި ބޭފުޅެކެވެ. އެގޮތުން ސްކޫލުގެ ކުލާސް ރޫމްތަކުގެ ދަތިކަން ހައްލުކުރެއްވުމުގެ ގޮތުން ބެލެނިވެރިންގެ އެހީތެރިކަމާއި އެކު ދަނޑިފަނުން ކުލާސް ދަރިވަރުންނަށް ޚިދުމަތް ދެއްވުމުގައި ނަމޫނާ ދެއްކެވިއެވެ. ދަރިވަރުންނަށް އުނގަންނައި ދެއްވުމާ ތަރުބިއްޔަތު ކުރުމުގައި ސާބިތުކަމާއި ހިތްވަރާއިއެކު ދެމިހުރުމުގެ މައިގަނޑު ސިއްރަކީ ވަގުތަށް ކަމޭ ހިތުން ކަމުގައި ދެކިލެއްވި ބޭފުޅެކެވެ. މިއީ ދުވަހަކުވެސް ގަޑި ނުޖެހޭ ބޭފުޅެއްކަން ސްކޫލުގެ ރެކޯޑުތަށް ހެކިވެއެވެ.

ރަނގަޅު ޖީލެއް ބިނާކުރުމަށް ރެއާ ދުވާލު ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމުގެ އިތުރުން، ދަރިވަރުންގެ ކިޔެވުމުގެ ކަންތައްތައް ބެއްލުވުމުގައި އަމިއްލައަށް ގޭގެއަށް ޒިޔާރަތް ކުރެއްވިއެވެ. ދާދިފަހުން ޙައްޖުގެ އަޅުކަންވެސް އަދާކުރައްވާފައިވާ ހުސެއިން އަކީ ދަރިވަރުން މެދުގައި މަޤްބޫލު ބޭފުޅެކެވެ. ގްރޭޑް އެކަކުން ތިނަކަށް ކިޔަވައިދެއްވަމުން ގެންދެވި ނަމަވެސް އިތުރު ހަރަކާތްތަކުން އެއީ ދަރިވަރިންގެ މިތުރެކެވެ.

ހދ. ނޮޅިވަރަންފަރު އަހިމާގެ، ހުސެއިން އަބްދުﷲ ވާހަކަ ދައްކަވަނީ

ދާދިފަހުން ބޭއްވި ޖަލްސާއެއްގައި ”ޓީޗަރު ހުސައިން“ ދެއްކެވި ވާހަކަ މިއަދު ގިނަ ބަޔަކަށް ހަނދާނަށް އައެވެ. އެޖަލްސާގައި ވާހަކަ ދައްކަވަމުން ހުރިހާ ޓީޗަރުންނަށް ނަސޭހަތް ދެއްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ މުހިންމު ނަސޭހަތެއް ދެއްވެވިއެވެ. ”ޢިލްމު އުނގެނުން ނުހުއްޓުވުމަށް“ ޓީޗަރުންނަށް މުހާތަބުކޮށް ވިދާޅުވިއެވެ.

އަންހެން ދަރި ބޭރަށް ދާން ފުރުވަން ހަނިމާދޫއަށް ދިޔަ ދަތުރުގައި ދިމާވި ހިތާމަވެރި ހާދިސާގައި މިދުނިޔެއާއި އަލްވަދާއު ކީނަމަވެސް ހުސެއިންގެ އަސަރު ފިލައިގެން ނުދާނެއެވެ.

ކޮންމެ ގޮތެއްވިއަސް ވަކިވެގެން އެދިޔައީ ހިތްހެޔޮ ފިރިއެކެވެ. ދަރިންދެކެ ލޯބިވާ ބައްޕައެކެވެ. އެތައް ބައެއްގެ ގާތް ރަހްމަތްތެރިއެކެވެ. އެތައް ދަރިވަރުންނަށް ނަމޫނާ ދެއްކި މުދައްރިސެކެވެ. ޓީޗަރު ހުސެއިންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވާށިއެވެ. އާމީން!

ލިޔުނީ: އަލީ އަހުސަން
މަސްދަރު: ތިލަދުން.ކޮމް

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީހެއް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    21
    1
  2. އާމިނަތު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    10
    1
  3. ފާއިޒު

    امين