ދުނިޔޭގެ މި ވަގުތީ އާލަމަކީ އަބަދަށް އުޅެވެން އޮތް ތަނެއް ނޫނެނެވެ. ދުނިޔޭގެ މި ބަދަލެއްނުވާ އިންސާފާއި ކޮންމެ މީހަކުމެ ބައްދަލު ކުރަން ޖެހޭ ކަމީ މިތަނުގައި ކުރިމަތިލާން ޖެހޭ ހަޤީޤަތެވެ. ބައެއް ފަހަރަށް އެ ދުވަސް ޖެހެނީ ނޭނގި ތިއްބައި ކުއްލިއަކަށެވެ. އެފަދަ ގޮތަކަށް ވަކިވާން ޖެހިއްޖެ ނަމަ، އެ ވަކިވެދިއުން ވެގެންދަނީ އާއިލާތަކަށް ބަރުދާސްތުކުރަން އުނދަގޫ ހިތްދަތި އިހުސާސަކަށެވެ. ހދ. ހަނިމާދޫ ކަންމަތިން ކަނޑުމަތީގައި މިއަދު ހިނގާފައި ވަނީ އެފަދަ ހާދިސާއެކެވެ. އެ ވަގުތުކޮޅު ވެގެން ދިޔައީ އާއިލާތަކެއް ކަރުނައިން ތެންމާލި ވަގުތުކޮޅަކަށެވެ.

އުމުރުން 30 އަހަރުގެ ގުރައިޝާ އަބްދުﷲ އާއި ފަސް އަހަރުގެ އިޔާ ޝިފާޒް މިއަދު ފެށީ އުފާވެރި ދަތުރެކެވެ. ދުވަސްތަކަކަށްފަހު ފިރިމީހާ އާއި ބައްދަލުވާތީ ގުރައިޝާ އުފަލުން ހުރިއިރު، ތުއްތު ދަރިފުޅު ހުރީ ބައްޕަ އާއި ދިމާވާނެ ވަގުތެއްގެ އިންތިޒާރުގައި ކެތްމަދު ވެފައެވެ. އެކަމަކު ދަތުރުގެ ވަކި ހިސާބަކުން އެ ހުރިހާ ކަމެއް ބަދަލުވެ ނުރައްކާތެރި ހާދިސާއެއްގެ ތެރެއިން ދެމައިން ދުނިޔެ ދޫކޮށްދާންވީ ވަގުތު އައިސް ޖެހުނީއެވެ.

ގުރައިޝާ

ގުރައިޝާ އާއި ދަރިފުޅު އިޔާ މިއަދު ހަނިމާދޫއަސް ޑިންގީއެއްގައި ދަތުރުކުރީ، ލިބުނު ޗުއްޓީއެއްގައި ބޭސްފަރުވާއަށް ކުޑަކުޑަ އާއިލާ އެކުގައި ބެންކޮކަށް ދިއުމަށް ފެށި ދަތުރެކެވެ. ފުރުވަން އެކުގައި ގުރައިޝާގެ މަންމަ އާއި ބައްޕަވެސް މި ދަތުރުގައި ބައިވެރިވިއިރު، ކަނޑުވެ ދުނިޔެ ދޫކޮށްދިޔަ މީހުންގެ ތެރޭގައި އެ ދެމީހުންވެސް ހިމެނެއެވެ. އެއް އާއިލާއެއްގެ ހަތަރު މީހަކު ނިޔާވެ، އާއިލާގެ އުފާވެރިކަން އަބަދަށްޓަކައި ހިތާމައަށް ބަދަލުވެގެންދާން ނެގީ ހިނދުކޮޅެކެވެ.

އާއިލާއާއެކު އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފޮނި ހުވަފެން ދެކެ، އެތައް ދުވަހެއް ކުރިން ތައްޔާރުވަމުން ދިޔަ ދަތުރު އަދި ނުވެސް ފެށެނީސް ލޯބިވާ އަނބިމީހާ އާއި ތުއްތު ދަރިފުޅު ނިޔާވެއްޖެކަން މާލޭގައި ހުރި ޝިފާޒަށް އެނގުނު ވަގުތަކީ އޭނާގެ ހަޔާތްވެސް ބަދަލުވެގެން ދިޔަ ވަގުތުކޮޅެވެ. އުންމީދާއެކު އުފަލުން ބިނާކުރަމުން އައި ކުޑަކުޑަ އާއިލާ، މިއަދު ދުނިޔޭގައި ނެތަސް، ހިއްވަރުކޮށްފައި އެމީހުންނަށް އެންމެ ފަހުގެ ވަދާޢުން ވަދާޢު ބުނެލުމަށް އޭނާ މިހާރު ދަނީ ނޮޅިވަރަންފަރަށް ދަތުރުކުރަމުންނެވެ.

ގުރައިޝާ އާއި ދަރިފުޅުގެ އިތުރުން އިތުރު އަށް މީހަކު އެމީހުން ދަތުރުކުރި ލޯންޗް، ދަތުރަށް ފެށިއިރުވެސް މޫސުން ގޯހެވެ. ނަމަވެސް ނޮޅިވަރަންފަރުން ހަނިމާދޫއަށް އެންމެ ދިހަ މިނެޓުން ދަތުރުކޮށްލެވޭއިރު، މޫސުން އެކަމަށް ހުރަހަކަށް ވެދާނެ ކަމަކަށް އޭރު އެއްވެސް މީހެއްގެ ހިތަށް ނުގެނެވުނީއެވެ. އެންމެ ދިހަ މިނެޓުގެ ދަތުރެއްގެ ތެރެއިން ދުނިޔޭގެ ދަތުރު ނިންމާލަން އެއިން ފަސް މީހަކަށް ޖެހުނީ ހަނިމާދޫ ކަންމަތިން އެރަށަށް ވަންނަން ގާތްވެފައި ވަނިކޮށް ކުއްލިއަކަށެވެ.

މި ހާދިސާގައި ލޯންޗުން ދަތުރުކުރި އެންމެންވެސް ކަނޑުވއިރު އޭގެތެރެއިން އެކަކު ސަލާމަތްވީ ފަތާގައި ގޮސް ހަނިމާދޫއަށް އަރައިގެންނެވެ. ވެގެން އުޅޭ ގޮތް ކިޔައިދީ، ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ހާދިސާ ގެނައުމުގެ މެދުވެރިޔަކަށްވީ އޭނާއެވެ. އެއާއެކު ސިފައިން ކުރަން ފެށި މަސައްކަތުން ބާކީ ތިބި އެންމެން ހޯދީ ކަނޑުވެފައި ވަނިކޮށް ކަނޑުމަތިންނެވެ. އޭގެތެރެއިން ސަލާމަތްވި މީހުންނަށް މިހާރު ހަނިމާދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމީހުންގެ ހާލާ މެދު އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

ހދ. އަތޮޅުގައި ދިހަ މީހުންނާއެކު ދަތުރުކުރަމުންދިޔަ އެ ލޯންޗް ބަންޑުން ޖަހާލާފައި ވަނީ އެ ސަރަޙައްދަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު (ޔެލޯ އެލާޓް) ވެސް ނެރެފައި ވަނިކޮށެވެ. ލޯންޗް ބަންޑުން ޖަހާލި ވަގުތު އެއިން ދަތުރުކުރި އެއްވެސް މީހަކު ލައިފްޖެކެޓް ނާޅައި ތިބިކަން އެމްއެންޑީއެފް އިން ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބްދުއްލާ

    الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ (156)

    49
    2
  2. ނާނު

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

    29
  3. އަލީ

    الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

    ވިސްނާލާ ފިކުރު ކުރުން ރަނގަޅު ހިނގާދިޔަ ހިތާމަވެރި ހާދިސާ އައި މެދު ގައި ހުރިހާ ކަމެއްމެ މިލްކު ވެވޮޑިން ވަނީ ގަދަ ކީރިތިވަންތަﷲ ﷲއަކުބަރު ﷲއަކުބަރު ﷲއަކުބަރު
    މިހިނގާދިޔަ ހާދިސާގައި ވަކިވެދިޔަ ފުރާނަ އަށް ސުވަރުގޭގަ މަތިވެރި ނިއުމައް މިންވަރު ކުރައްވާށި އާމީން

    7
    1