ނޮޅިވަރަންފަރު ސްކޫލުގައި 35 އަހަރު ހޭދަކޮށްފައިވާ ޚިދުމަތްތެރި ޓީޗަރ، ހުސައިން އަބްދުﷲ ނުވަތަ "ބޮޑު ޓީޗަރު"ގެ ކުއްލި ވަކިވުން ވެގެން ދިޔައީ މުޅި ނޮޅިވަރަންފަރާއި ރާއްޖެވެސް ސިއްސުވާލި، ހިތާމައިގެ ކޮޅެއްނެތް ހާދިސާއަކަށެވެ. ހުސައިން އަބްދުﷲ އާއި އެކު ޑިންގީއެއްގައި ހަނިމާދޫއަށް ފުރި ދިހަ މީހެއްގެ ތެރެއިން ފަސް މީހަކު ކަނޑުވެ ދުނިޔެ ދޫކޮށްދާން ޖެހުނު މިހާދިސާ ވެގެންދިޔައީ އެތައް ބައެއްގެ ހިތްތަކުން ނުފިލާ ވަރުގެ ހިތްދަތި ކެކުޅުމަކަށެވެ.

ލޯބިވާ ކޮއްކޮ ހުސައިން އަބްދުﷲގެ ވާހަކަ ކިޔައިދެމުން އާއިލާގެ އެންމެ ދޮށީ ހަސަން ވަހީދު ބުނެފައިވަނީ، ކަމެއް ގޯސްވެއްޖެކަން އޭނާއަށް އެނގުނީ، އިއްޔެ ކޮއްކޮމެން މާލެއަށް އަންނަކަން އެނގިހުއްޓާ، މާ ލަސްވާތީ އާއި ފޯނަށް ނުގުޅޭތީ ވީގޮތެއް ބަލަން އެކި މީހުންނަށް ގުޅަމުން ދަނިކޮށް ކަމަށެވެ. ހުސައިން އަބްދުﷲގެ ދަރިފުޅުވެސް އޭރު ހުރީ ހަސަން ވަހީދާއެކު މާލޭގައެވެ. އުމުރުން 22 އަހަރުގެ އެ ދަރިފުޅުވެސް ހުރީ، ބައްޕަމެން އަންނަންދެން ކުރަމުންދިޔަ އިންތިޒާރު ދިގުލައިގެންދާތީ ކަންބޮޑުވެފައެވެ.

ހަސަން ވަހީދު ބުނެފައިވާގޮތުގައި، ކޮއްކޮ ހުސައިން އަބްދުﷲ މެންނަށް ކަމެއް ދިމާވެއްޖެކަމުގެ އިހުސާސް އެންމެ ފުރަތަމަ ކުރެވުނީ، އެއާޕޯޓުގައި މަސައްކަތްކުރާ ރަށު މީހަކަށް ގުޅުމުން ދިން ޖަވާބަކުންނެވެ. އެގޮތުން ޑިންގީއަށް "ކަމެއް ވެގެން ކޮންމެވެސް އެކަކު މަރުކަޒަށް ގެނެސްފިއޭ،" ބުނެ ފޯނު ކަނޑާލުމުން ހަސަން ވަހީދު ހުރީ ގޮތްހުސްވެ ކަންބޮޑުވެފައެވެ. ނަމަވެސް އޭރުވެސް އެ ހާދިސާގެ ބޮޑުމިން ހިތަށް ނުގެނެވޭކަން ހަސަން ވަހީދުގެ ވާހަކަތަކުން އެނގެއެވެ.

ނިޔާވި މިހުން ވަޅުލުމުގެ ކަންކަން ކުރިއަށް ދަނީ

ޑިންގީ ބަންޑުން ޖަހާލައިގެން ނުރައްކާތެރި ހާދިސާއެއް ހިނގައި ބަޔަކު ނިޔާވެއްޖެކަމުގެ ޚަބަރު ހަސަން ވަހީދާއި، ކޮއްކޮގެ ދަރިފުޅަށް ލިބެން އޭގެ ފަހުން މާގިނަ ވަގުތެއް ނުނަގައެވެ. އެ ޚަބަރާއެކު ވަގުތުން ހަނިމާދޫއަށް ދިއުމަށް ކުރި މަސައްކަތުން އެރަށަށް އެ ދެމީހުންނަށް ދެވުނީ ހަވީރުވީ ފަހުންނެވެ. ނަމަވެސް އޭރު ހުސައިން އަބްދުﷲ އާއި އާއިލާގެ އިތުރު ތިން މީހަކު މި ދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ. ކުރިމަތިވެފައިވާ ހިތާމައިގެ ހިތިކަން ރަށަށް ދެވުމުން ހަސަން ވަހީދަށް ވަކީން ބޮޑަށް ކުރެވުނެވެ. ލޯބިވާ ކޮއްކޮ އާއި ކޮއްކޮގެ އަނބިމީހާ މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ ދޮށީ އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ އާއި އޭނާގެ އުމުރުން ތިން އަހަރުގެ ތުއްތު އަންހެން ދަރިފުޅު (ހުސައިން އަބްދުﷲގެ ކާފަ ދަރިފުޅު) އީރާ ޝިފާޒް ވެސް އެ ހާދިސާގައި "އެ ދިޔައީ" އެއްފަހަރާކަން ހިތަށް ގެނެވުމުން ލޮލުން އޮހޮރެން ފެށި ކަރުނަ އާއި ހިތަށް ކުރެވެން ފެށި އަސަރަށް ނިމުމެއް ނެތެވެ.

ނިޔާވި މިހުން ވަޅުލުމުގެ ކަންކަން ކުރިއަށް ދަނީ ވަގުތު އިމޭޖްސް : ފިރާގު

ހަސަން ވަހީދު ބުނެފައިވާގޮތުގައި އޭނާ އިއްޔެ މެންދުރު ނަމާދަށް ހުއްޓައިވެސް އާދަޔާއި ޚިލާފު އިހުސާސުތަކެއް ކުރެވުނެވެ. އެގޮތުން ނަމާދަށް ހުއްޓައި "ކަނާއަތް ތޮޅޭވަރުން ނުހުރެވިގެން" ދިޔައީ ގެޔަށް ކަމަށާއި، ކޮއްކޮމެންގެ ޚަބަރެއް ނުވެގެން އުޅޭކަން އެންމެ ފުރަތަމަ ކަންފަތުގައި ޖެހުނީ އެވަގުތު ކަމަށް އޭނާ ބުނެފައި ވެއެވެ. އެވަގުތަކީ ހުސައިން އަބްދުﷲ އާއި އާއިލާ އާއެކު ޖުމްލަ ދިހަ މީހަކު ނޮޅިވަރަންފަރުން ހަނިމާދޫއަށް ދަނިކޮށް ޚަބަރެއް ނުވެގެން، އެމީހުން ދަތުރުކުރި ޑިންގީ ހޯދުމުގެ މަސައްކަތް ފެށިގެން ދިޔަ ވަގުތެވެ.

ހަސަން ވަހީދު ބުނެފައިވާގޮތުގައި މި ހާދިސާގައި ކޮއްކޮ މި ދުނިޔެ ދޫކޮށް ދިޔައީ، އެމީހުންގެ އުމުރުން 83 އަހަރުގެ މަންމަ ބަލިވެގެން މަންމަގެ ގާތަށް އައުމުގެ އުންމީދުގައި ހުސައިން އަބްދުﷲ ފެށި ދަތުރުގެ ތެރެއިންނެވެ. ކުރު ޗުއްޓީއެއް ލިބުމުން އެ މަންމަގެ ގާތަށް ހުސައިން އަބްދުﷲ އަންނަކަމުގެ ޚަބަރު ކުރިން ލިބިފައި އޮތުމުން، ދަރިފުޅު ކޮބައިތޯ އޭނާ ސުވާލު ކުރެއެވެ. އެހެން ނަމަވެސް ހާދިސާގެ އެއްވެސް ވާހަކަ އެއް އަދި މަންމައަށް ނޭނގޭ ކަމަށް ހަސަން ވަހީދު ބުނެފައި ވެއެވެ.

ހަނިމާދޫ ކަންމަތިން ބަންޑުންޖަހާލި ޑިންގީ

"މަންމައަކަށް އެއްވެސް ކަމެއް ނާންގަން އަދި، މަންމަ އިރުއިރުކޮޅާ އަހާ ކޮބާހޭ ހުސޭނު، އަންނަނީ ކޮން އިރަކުންހޭ، އޭނާ ފުރި ވާހަކަ ބުނީމެއްނޫންހޭ، ކީއްވެހޭ ނައިސް ލަސްވަނީ" ހަސަން ވަހީދު ބުނެފައި ވެއެވެ.

ހުސައިން އަބްދުﷲ އަކީ ހަސަން ވަހީދުގެ މަންމަގެ 12 ކުދިންގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބި ދެކުދިންގެ ތެރެއިން އެކެކެވެ. އާއިލާގެ ބާކީ ތިބި ދިހަ މެމްބަރުން ވަނީ މި ދުނިޔެ ދޫކޮށް ގޮސްފައެވެ. ދުނިޔެއަކީ ވަގުތީ ތަނެއްކަމާއި، ދާއިމީ ހަޔާތް އަދި އޮތީކަން ހިތަށް ގެނެސް، ﷲ އަށް ވަކީލުކޮށްގެން ހުރި ހަސަން ވަހީދު ބުނެފައިވަނީ، ނިޔާވި، އާއިލާގެ އެއްވެސް މީހަކަށް އެއްވެސް ކަމެއްގައި ޝައްކެއް ނެތްކަމަށާއި، އެމީހުން ދުނިޔެ ދޫކޮށް ދިޔައީ، އެއީ ﷲ ގެ ނިޔާ ކަމަށްވާތީ ކަމަށެވެ.

ހަސަން ވަހީދުގެ އިތުރުން މި ހާދިސާގައި އެންމެ ފުން ހިތާމައެއް ބަރުދާސްތުކުރަމުންދާ އެކަކީ، ކޮއްކޮ ހުސައިން އަބްދުﷲގެ ފިރިހެން ދަރިފުޅެވެ. މަންމައާއި ބައްޕަ އާއި ދައްތަގެ އިތުރުން ތުއްތު ކޮއްކޮ ނިޔާވުމުގެ ހިތާމައިގައި އޭނާއަށް ވަނީ ގޮތްހުސްވެފައެވެ. އެހެން ނަމަވެސް ހިއްވަރާއެކު އެ ހަޤީޤަތާއި ކުރިމަތިލައިގެން ހުރި އެ ޒުވާނާ މިހާރު ބޭނުންވަނީ، ޖަނާޒާގެ ހުރިހައި ކަމެއްވެސް ނިމިފައިވުމާއެކު ފުރައިގެން އަވަހަށް ދިއުމަށެވެ. ރަށުގައި އޭނާގެ އިތުރު މީހަކު މިހާރު ނެތުމުން މަޑުކުރުމުގެ މާނައެއް ނެތުމުންނެވެ.

ހުސައިން އަބްދުﷲ އާއި އާއިލާގެ ހަތަރު މީހަކު އިއްޔެގެ ދަތުރަށް ފެށީ ހިތްހަމަޖެހި އުފަލުން ތިބެ ކަމުގައި ވީނަމަވެސް، އެކަން ބަދަލުވާން ނެގީ ހިނދުކޮޅެކެވެ. އެމީހުން ދަތުރަށް ފެށިއިރުވެސް މޫސުން ގޯހެވެ. ނަމަވެސް އެންމެ ދިހަ މިނެޓުގެ ތެރޭގައި ޖެހިގެން އޮތް ހަނިމާދޫއަށް ޑިންގީގައި ކުރަން ފެށި ދަތުރަށް މޫސުން، ހުރަހަކަށް ވެދާނެ ކަމަށް އެއްވެސް މީހެއްގެ ހިތަކަށް ނާރައެވެ. ދަތުރު ނިންމާލައި ހަނިމާދޫއަށް ވަންނަން ގާތްވެފައި ވަނިކޮށް ކުއްލިއަކަށް ޑިންގީ ބަންޑުން ޖަހާލީ އެރަށު ކަންމަތިންނެވެ.

މި ނުރައްކާތެރި ހާދިސާގައި ލޯންޗުން ދަތުރުކުރި ދިހަ މީހުންވެސް ކަނޑުވިއެވެ. އޭގެތެރެއިން ސަލާމަތްވި ފަސް މީހުންގެ ތެރެއިން އެކަކު ވަނީ ހާދިސާ ހިނގުމާއެކު ފަތާފައި ގޮސް ހަނިމާދޫ އަށް އަރާފައެވެ. ވެގެން އުޅޭގޮތް ރަށު މީހުންނަށް ކިޔައިދީގެން ހާދިސާގެ މައުލޫމާތު ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ މެދުވެރިއަކަށްވީ އޭނާއެވެ. އޭނާ ހިމެނޭހެން ހާދިސާގައި ސަލާމަތްވީ ފަސް މީހުންނަށް ވަނީ ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާދީފައެވެ. ނަމަވެސް އެމީހުންގެ ހާލާ ބެހޭ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ދިހަ މީހުން ގޮވައިގެން ނޮޅިވަރަންފަރުން ހަނިމާދޫއަށް ޑިންގީ ދަތުރުކުރީ އެ ސަރަޙައްދަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު (ޔެލޯ އެލާޓް) ވެސް ނެރެފައި ވަނިކޮށެވެ. ޑިންގީ ވަގުތު އެއިން ދަތުރުކުރި އެއްވެސް މީހަކު ލައިފްޖެކެޓް ނާޅައި ތިބިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފާހަގަކޮށްފައި ވެއެވެ.

އިއްޔެގެ ހިތާމަވެރި ބޮޑު ހާދިސާއަށް އެއް ދުވަސް ވެގެންދާއިރު، އެ ހިތާމައިގައި އެތައް ދިވެހިންނެއް ދަނީ ބައިވެރިވަމުންނެވެ. ކުއްލި ގޮތަކަށް ކަނޑުމަތީގައި، ހީވެސް ނުކުރާފަދަ ގޮތަކަށް ހިނގި މި ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާގައި ނިޔާވި އެންމެންނަށް ހެޔޮ ރަޙްމަތްލެއްވުމާއި، އާއިލާތަކަށް ކެތްތެރިކަން ދެއްވުމަކީ އެ އެންމެންގެ ވެސް ދުޢާއެވެ.