ހާދިސާ ހިނގައިގެން އުޅުނު ވަގުތު އެމަންޒަރު އެންމެ ގާތުން ދުށް އެކަކީވެސް އެއީ އެވެ. އުމުރުން 55 އަހަރުގެ ހުސައިން އަބްދުﷲ (ބޮޑު ޓީޗަރު) އާއި އެކު އާއިލާގެ އިތުރު ތިން މީހަކުވެސް ނިޔާވެދިޔައީ އެވެ. ލޯބިވާ އަނބިމީހާ އާއި ދަރިފުޅުގެ އިތުރުން ތުއްތު ކާފަދަރިފުޅުވެސް އެ ހާދިސާގައި ދުނިޔެ ދޫކޮށް ދިޔައީއެވެ. ހުސައިން އަބްދުﷲ ނިޔާވީ މި މަންޒަރު ލޯމަތިން ފެނުމުން ހިތަށް ކުރި އަސަރުން ކެތްނުކުރެވި ލިބުނު ޝޮކެއްގައި ކަމަށް، އެ ބިރުވެރި ހާދިސާ ތަޖުރިބާ ކޮށްފައިވާ ފަރާތްތަކުން ބުނެއެވެ.

މި ހާދިސާގައި ސަލާމަތްވި އުމުރުން 29 އަހަރުގެ މަރިޔަމް އާސިމާ އާއި ހަވާލާދީ އޭނާގެ ކޮއްކޮ "ސަން" އަށް ކިޔައިދީފައިވާގޮތުގައި، ހުސައިން އަބްދުﷲ އަށް ވަނީ އޭނާގެ އަނބިމީހާ ނިޔާވެގެން މައްޗަށް އުފުލާފައި ވަނިކޮށް ފެނިފައެވެ. އެ ބިރުވެރި ވަގުތުގައި ވެސް ހިއްވަރުކޮށްފައި އާއިލާގެ ދެންތިބި މީހުން ފެނޭތޯ ހުސައިން އަބްދުﷲ މަސައްކަތް ކުރި މަންޒަރު އާސިމާއަށް ފެނިފައިވާ ކަމަށް އޭނާގެ ކޮއްކޮ ބުނެފައިވާއިރު، ހުސައިން އަބްދުﷲ އަށް ލޯކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ބަލަން މާގިނަ ވަގުތު އޭނާއަށް ކެތް ނުކުރެވުނީ ކަމަށް އާސިމާ ޤަބޫލު ކުރެއެވެ.

ހދ. ނޮޅިވަރަންފަރު އަހިމާގެ، ހުސެއިން އަބްދުﷲ ނުވަތަ އެންމެން ދަންނަ ނަމުންނަމަ "ޓީޗަރު ހުސައިން"

އާސިމާގެ ކޮއްކޮ ބުނެފައިވަނީ، އެ ހާދިސާ ހިނގައިގެން އުޅުނު ވަގުތު ހުސައިން އަބްދުﷲއަށް އޭނާގެ އަނބިމީހާ ނިޔާވެފައި އޮތް މަންޒަރު ކުރިމަތިން ފެނުނު ނަމަވެސް، ދަރިފުޅާއި ކާފަދަރިފުޅު ފެންނާން ނެތް ކަމަށެވެ. އެއްފަހަރު އޭނާ އަޑިޔަށް ފީނައިގަތް މަންޒަރުވެސް އާސިމާ ދުށް ކަމަށާއި، އޭގެ ފަހުން މައްޗަށް އެރިވަގުތު ފެނުނީ ހުސައިން އަބްދުﷲ ހާސްވެ ލޯބޮޑުވެފައި ހުރެ ފަހުނޭވާ ދޫކޮށްލި މަންޒަރު ކަމަށް އާސިމާ ދެއްކި ވާހަކަތައް ޙިއްސާކޮށް އޭނާގެ ކޮއްކޮ ބުނެފައި ވެއެވެ.

މި ހާދިސާގެ ތެރެއިން ހުސައިން އަބްދުﷲ އާއި އޭނާގެ އަނބިމީހާ އާސިމާއަށް ފެނުނު ނަމަވެސް އެދެމީހުންގެ ދަރިފުޅު ގުރައިޝާ އާއި ކާފަ/މާމަ ދަރިފުޅު އީރާ ޝިފާޒް އޭނާ ނުދެކެއެވެ.

ގުރައިޝާ އާއި އޭނާގެ ދަރިފުޅު އިޔާ

އާސިމާއަކީ މި ހާދިސާގައި ކަނޑުވި މީހުންގެ ތެރޭގައި ހިމެނި އެ މަންޒަރު އެންމެ ގާތުން ދުށް އެކެއް ކަމުގައި ވާއިރު، ޑިންގީ ބަންޑުންޖަހާލި ވަގުތު އޭނާވީ ޑިންގީ ދަށުގައެވެ. އެއަށްފަހު ފެންމައްޗަށް އެރުނު ގޮތެއް އޭނާގެ ހަނދާނަށް ނައި ނަމަވެސް، ހަމަނޭވާއެއް ލެވުނުއިރު އިންޖީނުން ފޭބި ތެލުގެ އަސަރު އޭނާއަށް ވަރަށް ބޮޑަށް ކޮށްފައިވާ ވެއެވެ.

ހަޔާތުގައި ދިމާވި އެންމެ ކަޅު ދުވަސް ސިފަކޮށްދެމުން އާސިމާ އޭނާގެ ވާހަކަތައް ޙިއްސާކޮށްފައިވާއިރު، ތެލުގެ ސަބަބުން އޭނާ އާއި ސަލާމަތްވި އެހެން މީހުންނަށްވެސް ގެއްލުން ލިބިފައި ވެއެވެ. އަދި އެއިން ބައެއް މީހުންގެ ހަށިގަނޑު، ތެލުގެ ސަބަބުން ފިހި، ފިހިފައި ހުރިކަމުގެ ނިޝާންތައް އަދިވެސް ފެންނާން އެބަހުއްޓެވެ. އެ ބިރުވެރި ހާދިސާ އިން އެ ފަސް މީހުން ސަލާމަތްވި ނަމަވެސް، ރަށަށާއި އާއިލާތަކަށް ލިބުނު ބޮޑު ހިތާމައިގައި އެމީހުންވެސް ބައިވެރިވެއެވެ.

އިއްޔެ ނޮޅުވަރަންފަރުން ހަނިމާދޫއަށް ދަނިކޮށް ބަންޑުން ޖަހާލި ޑިންގީ އަކީ އާންމުކޮށްވެސް އެ ދެމެދުގައި ދަތުރުކުރާ ޑިންގީއެކެވެ. ހާދިސާ ހިނގި ދަތުރުގެ ކުރިންވެސް އިއްޔެ އެ ޑިންގީ ވަނީ ނޮޅިވަރަންފަރުން ހަނިމާދޫއަށް ދެ ދަތުރެއް ކޮށްފައެވެ. ތިންވަނަ ދަތުރު ފެށިއިރު ދަތުރު ނުކުރެވޭހައި މޫސުން ގޯސްތަނެއް ލޯމަތިން ނުފެނުނު ނަމަވެސް، ދަތުރު ނިމެން ކައިރިވެފައި ވަނިކޮށް ވަރުގަދަ ކޮޅިގަނޑެއްގައި ޖެހުނީއެވެ.

ހަނިމާދޫއަށް އާންމު ގޮތެއްގައި ވަންނަން އޮންނަ ދިމާލުން ނުވަދެ އެރަށުގެ ކަންމަތިން ޑިންގީގައި ވަންނަން ކައްޕި މަސައްކަތް ކުރީ، ކޮޅިގަނޑުގައި ނުޖެހި އަވަހަށް ރަށަށް ވަނުމުގެ ނިޔަތުގައެވެ. ނަމަވެސް އެއީ އަބަދުވެސް ގަދަ ހިސާބަކަށް ވާއިރު، ކަނޑިންމައިން ވަންނަން އުޅުމުގެ ތެރޭގައި ކޮޅިގަނޑުގައި ޖެހި އެ ސަރަޙައްދުން އެކުއެކީ ކަހަލަ ގޮތަކަށް ނެގި ދެރާޅެއްގައި ޑިންގީ ތެދުވުމަށް ފުރުސަތެއް ނުލިބި ބަންޑުން ޖަހާލީއެވެ.

ދިހަ މީހުން ގޮވައިގެން ނޮޅިވަރަންފަރުން ހަނިމާދޫއަށް ޑިންގީ ދަތުރުކުރީ އެ ސަރަޙައްދަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު (ޔެލޯ އެލާޓް) ވެސް ނެރެފައި ވަނިކޮށެވެ. ޑިންގީ ބަންޑުންޖަހާލި ވަގުތު އެއިން ދަތުރުކުރި އެއްވެސް މީހަކު ލައިފްޖެކެޓް ނާޅައި ތިބިކަން، މި ހާދިސާ އާއިގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިއްޔެ ފާހަގަކޮށްފައި ވެއެވެ.

މި ނުރައްކާތެރި ހިނދުކޮޅުގައި ތުއްތު ކުއްޖަކު ހިމެނޭހެން އެއްއާއިލާއެއްހެ ހަތަރު މީހަކާއި އިތުރު އަންހެނަކު ނިޔާވިއިރު، އެމީހުން ރޭ ވަނީ ހަނިމާދޫގައި ވަޅުލާފައެވެ. މި ހިތްދަތި ހާދިސާއަށް އެއް ދުވަސް ވެގެން ދިޔައިރު، އަދިވެސް ރަށަށް ވެރިވެފައި ވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އާއިލާތަކަށް އަދިވެސް މި ހާދިސާގެ ހިތިކަމުން އަރައި ނުގަނެވިގެން އުޅޭއިރު، އެތައް ބައެއްގެ ހިތްތަކުން ނުފިލާ ވަރުގެ ހިތްދަތި ކެކުޅުމަކަށް މި ހާދިސާ ވަނީ ވެގެން ގޮސްފައެވެ.

އާއިލާތަކަށް ލިބުނު މި ބޮޑު ހިތާމައިގައި ދިވެހި މުޅި ޤައުމު ބައިވެރިވަމުން ދާއިރު، ނިޔާވި އެންމެންނަށް ހެޔޮ ރަޙްމަތްލެއްވުމާއި، އާއިލާތަކަށް ކެތްތެރިކަން ދެއްވުމަކީ އެންމެންގެ ދުޢާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އެމީހެއްގެ މަސްއޫލިއްޔަތު

  އިޚްލާޞްތެރި ތައުޒިޔާ.
  ކޮންމެ މީހެއްވެސް ބަޠަލު "ޓީޗަރު ހުސައިން" ފަދައިން އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރިނަމަ، ހިތާމަވެރި ހާދިސާތައް މަދުކުރެވިދާނެ. މިސާލަކަށް ކަނޑުއެހާގަދަވެ އަދިހަމަ އެދަނޑިވަޅު ގައި ކޮޅިގަނޑުނެގުމުން ކައްޕި ދަތުރު މަޑުޖައްސާލިނަމަ، އަދި އެންމެ ކުޑަމިނުން ލައިފްޖެކެޓް އަޅުވާފަ ބެހެއްޓިނަމަ، އަންހެންނާއި ކުޑަކުދިން ތައް އަދި އެހެން މީހިންވެސް ކަނޑުމަތީގަ ތިބޭނީ، ކަނޑުގެ އަޑިއަކުނޫން. ލައިފް ޖެކްޓް ނާޅުވަނީ އިންސާނުން ކަނޑު އަޑިއަށް ގަނބުވަން ކަމެއް ނުވަތަ އެހެން ކޮންމެވެސް ސަބަބަކާއި ހެދިކަމަށްވެދާނެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ.

  37
  7
  • އުގޫފާރު މީހާ

   މޮޅަށް ދެނެވޮޑިގެންވަނީ ﷲ. ނަމަނަމައަކުން ކެއްކޭނެ ރިހައެއްނޯންނާނެ. ކުރިން މިހާދިސާ ހިގާނެކަށް އެގިފައިވާނަމަ އެއްވެސް މީހަކު އެދަތުރުރނުކުރީސް ކަށް ޔަގީން.

   38
 2. ަަަެއެމް

  ނިޔާވި އަނެއް މީހާ އާއި އޭނާގެ އާޢިލާގެ ބަހެއް އެއްވެސް ނޫހަކުން ނުފެނޭ

  109
  5
 3. މަޒް

  މި ފަދަ ކުއްލި މަރު ތަކުން އަޅަމެން ރައްކާތެރި ކުރައްވާފާންދޭވެ. އަދި މިފަދަ ކަންކަމާ ކުރިމަތި ނުވާނެފަދަ ގޮތަކަށް އަޅަމެންގެ ދިރި އުޅުން ބައްޓަންކުރައްވައިފާންދޭވެ.

  59
 4. ސަޒަން

  އަހަރެންނަކީވެސް ބައްޕަ އެހިސާބައް ނިސްބަތްވާމިހެކެވެ. އަހަރެންގެ ބައްޕަ ބުނާވާހަކައެއް އޮވޭ، ހަނިމާދޫެއަށް އަވަހަށް ވަނުމައްޓަކާ ކޮޅުން އެންމެހަނިހިސާބުން (ހުނޅަގުކޮޅުން) ނުވަނުމަށް ކާފަމެންގެ ޒަމާނުއްސުރެވެސް އެމީހުން އަމިއްލަގޮތުން މަނާކޮށްފައޮތުން އޭރު އެންމެންވެސް ގަބޫލްކޮށް އެއަށް ހުރުމަތްތެރިކަން އަދާކުރިކަން އެމީހުން ބުނާގޮތުން އަވަސް ކުރަން އެކޮޅުން ވެދެފިނަމަ ކަމެއްދިމާވިއަސް އެހީވާންވެސް ދިއުންމަނާކޮށްފައި އޮތްއޮތުމަކީ ސަލާމަތަކަށެވެ. ސަބަބަކީ އެސަރަހައްދަކީ ކުއްޅިއަކަށް ގަދަވެ އެތައްކަމެއް ހިނގާތަނަކަށް އެތަންވާކަމެކެވެ. މިހާރު މަވެސް ގަބޫލްކުރަން އެވާހަކަ އަވަސްކޮށްލަންވެގެން ވަދެފައެއޮތީ ނުބައި ސަރަހައްދަކުންކަން ...އަހަރެމެންގެ އޭރު ވަދާދާއޮޑި (މާޒު)ވެސް އެތަނައް 2ފަހަރު ބަންޑުންޖެހި...ބާމިއުޑާ ޓްރޭންގަލް އަކީވެސް އެބާވަތުގެ ތަނެއް ލެވެލް ތަފާތުވެދާނެ އެކަމް އެކަންވެސް ގަބޫލްނުކުރީމާވީނުން!

  19