ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް މިއަދު އެންމެ ބޮޑުވެފައިވާ އެއް މައްސަލައެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ފާއިތުވި އެގާރަ އަހަރު ތެރޭގައި ރާއްޖޭގެ ވެރިކަމަށް އައި ކޮންމެ ސަރުކާރެއްގެ އެންމެ މުހިއްމު އެއް ވައުދެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް ބިދޭސީންގެ މައްސަލަ ހައްލެއް ނުކުރެވުނެވެ. މިހާރު މިސަރުކާރުން ވެސް މިވަނީ ވަރަށް އުއްމީދީ ވާހަކަތަކަކާއި އެކު ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ވައުދު ތަކުރާރުކޮށްފައެވެ. ނަމަވެސް ސުވާލަކީ ސަރުކާރުން މިދައްކާ ވާހަކަ ތަންފީޒުކޮށް ބިދޭސީންގެ މައްސަލަ ހައްލު ކުރެވިދާނެ ހެއްޔެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ އަދަދަކީ 60000 އެވެ. ބޮޑަށް ގާތީ އެއަދަދު އިތުރުވެފައި ވުމެވެ. ނިމިގެން ދިޔަ ހަފްތާގައި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަފުޅަށް ބަލާއިރު ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަޅާ އެންމެ މުހިއްމު ދެ ފިޔަވަޅަކީ ބަންގްލަދޭޝް މީހުން ގެނައުން ހުއްޓާލުމާއި، ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ކުރުމެވެ.

މިއީ މީގެ ކުރީ ސަރުކާރުތަކުން ވެސް ޕްރެކްޓިސްކޮށް ނަތީޖާއެއް ނުނެރެވި، ފެއިލް ވެފައި އޮތް ފޯމިއުލާއެކެވެ. އެހެންކަމުން މިނިސްޓަރ ފައްޔާޒު އާއި ސަރުކާރުން މިފަހަރު ހަދާ "ފަންޑިތައިން" ބިދޭސީންގެ މައްސަލަ ހައްލުވެދާނެތޯ އެތައް ބަޔަކު ސުވާލު އުފައްދައެވެ.

ގަބޫލުކުރަން ޖެހޭނެ ހަޤީޤަތަކީ ބިދޭސީން ރާއްޖެ ގެނައުމުގެ މަސައްކަތަކީ ބޮޑު ވިޔަފާރިއެކެވެ. ބަންގްލަދޭޝް، އިންޑިއާ ފަދަ ގައުމުތަކުގައި އާދައިގެ ކުދިކުދި އެޖެންޓުން ބޮޑެތި މަހުޖަނުންނަށް ވެފައި ތިބީ ރާއްޖެއަށް ބިދޭސީން ފޮނުވައިގެންނެވެ. ހަމައެގޮތައް ބިދޭސީން ގެނައުމުގެ މަރުހަލާގައި ބައިވެރިވާ ދިވެހިންނަށް ވެސް އެއީ ނަފާ ބޮޑު ވިޔަފާރިއެކެވެ.

ޤަވައިދުގައި އޮންނަ މަގުން ގޮސް ކޯޓާ ހަމަޖެއްސުމާއި، ބިދޭސީއެއް ގެނައުމުގެ އެންމެހާ މަސައްކަތްތައް ކުރަން އާދައިގެ މީހަކު ހައެއްކަ މަސް ދުވަސް ހޭދަކުރަން ޖެހޭ ފަހަރު ވެސް އާދެއެވެ. ނަމަވެސް ކޮންމެވެސް ބޭފުޅަކަށް ކޮފީއެއް ދިނުމުން އެކަން ހަތަރު ފަސް ދުވަހުން ހަމަޖެހި، ބިދޭސީ މީހާ ހުންނާނީ މާލެ އައުމުގެ ދަތުރު މަތީގައެވެ.

ދާދިފަހުން ރާއްޖޭގައި އުޅުނު ބިދޭސީންތަކެއް ޑީޕޯޓްކޮށްލާފައި ވާއިރު އެއީ މުއްސަނދިކަމުން "އަތް ނުލެވޭ ހިސާބުގައި ތިބި ބައެކެވެ." އެމީހުންގެ ވިޔަފާރިތަކުގެ ފެށުން ގުޅިފައި އޮތީ، އަދި ރާއްޖެ އިން ފޮނުވާލުމާއި ހަމައަށް އެންމެ ބޮޑު އާމްދަނީއެއް އެމީހުން ހޯދަމުން އައީ ބިދޭސީން ރާއްޖެ ގެނެސް އެމީހުން "ވިއްކައިގެންނެވެ." އެމީހުންނާއި ގުޅިފައިވާ އެތައް ބަޔަކު ސަރުކާރުގެ ރަސްމީ އިދާރާތަކުގައި ތިބޭ ކަމުގެ ތުހުމަތު ކުރެވެއެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއް ނުބެލި މައްސަލަތައް ކަފުންވެގެން ދިޔައީއެވެ.

ބިދޭސީން ގަވައިދާއި ހިލާފަށް އުޅޭ ވާހަކަދައްކާއިރު އެމީހުން ގަވައިދާއި ހިލާފުވާން މަޖުބޫރު ކުރުވާ ހާލަތު އުފަންވާ ހިސާބަށް ވިސްނުން ގެންދަން އެބަޖެހެއެވެ. މުޅި ދިރިއުޅުން މޯގޭޖް ކޮށްފައި ލިބޭ ފައިސާކޮޅަށް ރާއްޖެ އަންނަ ބިދޭސީ މީހާ އަށް އެޖެންޓް ކުރިން ވައުދުވި މުސާރަ ލިބުން އެއީ ނާދިރު ކަމެކެވެ.

އަދި ރާއްޖޭގައި އެތައް ބިދޭސީންނެއް ހައެއްކަ އަށެއްކަ މަސް، ނުވަތަ އަހަރުވާއިރު ވެސް މުސާރަ ނުލިބި ތިބެން އެބަޖެހެއެވެ. އެބިދޭސީ މީހާގެ މައިންބަފައިންނާއި، އަނބިދަރިން ކާނެއެއްޗެއް ގަނެވޭ ވަރު ނުވެގެން އޭރު ތިބޭނީ ހާލުގައި ޖެހިފައެވެ. އެހެންކަމުން ރާއްޖޭގައ ހުންނަ ބިދޭސީ މީހާ ޖެހޭނީ އޭނާ އަށް ފައިސާ ހޯދެން އޮންނަ ގޮތަކަށް ފައިސާ ހޯދާށެވެ. އެއީ ގަވައިދާއި ހިލާފު "ވަގު ބޮންދަކަށް ވެގެން" ކަމަށްވާނަމަ އެކަން ވެސް އޮންނަނީ ކުރަން ޖެހިފައެވެ.

ބިދޭސީން ރާއްޖެ ގެނެސް، އެމީހުން ގެންގުޅޭ ތަންތަނުގެ ހާލަތު ވެސް އިންތިހާއަށް ގޯހެވެ. މާލޭގައި ބިދޭސީން ދިރިއުޅޭ ބައެއް ތަންތަނަކީ އިންސާނުން ދިރިއުޅެން ހެޔޮވާ ވަރުގެ ހާލަތެއްގައި ހުރި ތަންތަނެއް ނޫނެވެ. ބައެއް މީހުން ކައްކާ ކައިބޮއެ، ހަދަނީ ވެސް ނިދަން އޮންނަ ކޮޓަރި ތެރޭގައެވެ. އެތަނުގައި ބިދޭސީން ތިބެނީ "މަތިމައްޗަށް ޖަހާފައެވެ."

މިއަދު ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބިދޭސީއަށް އަދަބު ދޭއިރު، އެމީހުންނަށް އޮޅުވާލައިގެން އެމީހުން ރާއްޖެ ގެންނަ އެޖެންޓަށް އެއްވެސް އަދަބެއް ނެތީ ހެއްޔެވެ؟ އެމީހުން ރާއްޖެ ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސަރުކާރުގެ މުވައްޒަފަށް އަދަބެއް ނެތީ ހެއްޔެވެ؟ އެމީހުން ރާއްޖެ ގެނެސް މުސާރަ ނުދީ ގެންގުޅޭ ބޮހަށް އަދަބެއް ނެތީ ހެއްޔެވެ؟

ގަވައިދާއި ހިލާފުވާ ބިދޭސީއަކީ ގިނަ ފަހަރަށް ބައެއްގެ އަނިޔާވެރިކަމާއި އޮޅުވާލުމުގެ ޝިކާރައަކަށް ވެފައި ހުންނަ މީހެކެވެ. އޭނާ ކުރީ ޤަވައިދާއި ހިލާފު އަމަލެއް ކަމަށްވާނަމަ އޭނާ އަށް އަދަބު ދިނުމާއި އެކު އޭނާ އެހާލަތައް އަންނަން މަޖުބޫރު ކުރުވި އަސްލު މީހާގެ މައްސަލައަށް ވެސް ހައްލެއް ހޯދަން އެބަޖެހެއެވެ. މައްސަލައިގެ އެންމެ އަޑިއަށް ހައްލެއް ނުގެނެސް، މަތިމަތިން މައްސަލަ ހައްލު ކުރަން އުޅެގެން ސަރުކާރަށް ޖެހޭނީ ކުރީ ސަރުކާރުތަކަށް ވެސް ޖެހުނު ހާލެވެ. އަސްލު މައްސަލަ އަށް ހައްލެއް ނުގެނެވި، އަނެއްކާ ވެސް ފަސް އަހަރު ފާއިތުވެގެން ދިއުން ފިޔަވައި އިތުރު ކަމެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސައްދާމް

    އަސްލު މީހާ އަކީ އެއިރެއަގައި ކޮންޓްތޯލާގެ މަގާމުގައި ހުންނަވާ މީހާ. މީކުޑަ ބޮޑު އެންމެން ދަންނަ ހަގީގަތް. ހިގާ ތިޔަކުޅިގަނޑު ފެށިމީހަކީ ކާކުތޯބަލަމާ އެއްއިރެއްގައި ވަރަށް މޮޅު ގޯލްކީޕަރެއް، ވިކްޓަރީ ސްޕޯރޓްސް ކުލަބަށް ކުޅުނު ގައުމީ ފެންވަރުގައިވެސް ވިދާލި. ކޮބާ އަސްލުމީހާ ފެންނަވަރު ވެއްޖެބާ.؟؟؟

    17
    • މާހިރާ

      ބޮސް އަކީ، ގޯލްކީޕަރ އެކަންކުރަން ފެށިއިރު ގޯލްކީޕަރ ގެ ވެރިއަކަށް ހުންނެވި ބޭފުޅާ.

      3
      1
  2. ޖާޒީރާ ބޯއީ

    އަސްލުމީހަކީ މާއްޓޭ. އެއަށްފަހު އެފަލްސަފާ ދަމަހައްޓަނީ އެއިރެއްގައި ހުންނަވާ ކޮންޓްރޯލަރ.

    12
    1
  3. ހުދުހުދު

    އެއްވެސް ސަރުކާރަކަށް މިކަމެއް ނުހުއްޓުވޭނެ. އަބަދުވެސް މިކަމަކީ އެއިރެއްގައި ތިބޭ ބަޔަކަށް ފައިސާ ހޯދަން ވަރަށް ފަސޭހަ މަގެއް. ބިދޭސީންގެނުމަށް ހުއްދަ ދިއްކޮށްލުމުން ބޮލަކަށް 9000 ރުފިޔާ ދިއްކޮށްލާ. ހުއްޓާނެތަ. ނުހުއްޓާނެ ނުވެސް ހުއްޓޭނެ. ޔައުނީ ވެރިކަމުގެ ކޮއިލާ ވަރަށް ގާތް ބޭފުޅެއް ކޮންމެ ބަޔަކު އަޔަސް މިކަމަށް އައްޔަންކުރާނީ.

    12
    • ބަތް

      މަށަށް ވެރިކަން ލިބިއްޖެނަމަ މިކަން ހުއްޓާނަން އިރާދަކުރެއްވިއްޔާ. އާއިލާއެއް، ތިމާގެމީހަކަށް، އެހެންމީހަކަށް ފައިދާވާނެތޯ ބެލުމެއް ނޯންނާނެ. މިހާރުވެސް ރާއްޖޭގެ ބިދޭސިން ކޮންޓްރޯލްކުރެވޭނެ ސިފައިން ލައްވާ އެ އެންމެން ފާސްކުރިއްޔާ. ހީވަނީ ރާއްޖޭގެ އެކަނިހެން މިސަރަހައްދުން ބިދޭސީން ފާސްނުކުރަނީ.

      1
      1
  4. އަލީ

    ގަވައިދުން މަސައްކަތް ކޮށްގެން ކޯޓާއެއް ލިބުނަސް ލިބެނީ 2 މަސްފަހުން. މިއީ މިކަމުގެ އަސްލަކީ.

    12
  5. މަރީ

    ކޮރަޕްޓްވެގެންނޫނީ ސަރުކާރުން އެއްވެސް ކަމެއް ވާކަށްނެތް. ގަވައިދުތައްހުރިގޮތުން ފަހަތު ދޮރުން މަސައްކަތްކުރަން މަޖުބޫރު.

    10
  6. ބަނީ

    ކޮބާހޭ އިމިގުރޭސަން ގަ އުޅުނު އަންވަރު؟؟؟؟؟ކުށްވެރިން ނޭންގެނީ ތަ ނޫނީ އަޅާނުލަނީތަ؟

    6
    1
  7. މަކަރުވެރިން

    ބިދޭސީންނޭ ކިޔާފަ މިބައިގަޑު ގަޔައް ހިނިއަރައިގެން މި އުޅެނީކީ ބިދޭސީން މިތަނުން މަދުކުރާޖައްނޫން. ބަންގާޅު މީހުންބޭރުކޮއްފަ އެއައްވުރެ ގިނައިން އިންޑިޔާ މީހުންގެންނަން. ބޮޑުބޭބެ އަޑީގަ ހުރެގެން މި ޕަޕެޓުން ލައްވާ މިކަންތައް މިކުރުވަނީ. ބޮޑުބޭބެގެ މީހުން މިތާ ގިނަކުރެވޭނެ ހާރޭވުންތައް މިރާވަނީ. ޗޮކުން ފެރީވެސް އެއީ މީގެ ބޮޅެއް. މިގައުމު މިކަމައް ހޭލާންވެއްޖެ. އެހެންނޫނީ ވަގުތު ފާއިތުވެދާނެ. މި ގަގައުމު މި މަކަރުވެރިންގެ އަތުން ސަލާމަތް ކުރައްވާދޭވެ. އާމީން

    14
    1
  8. އެލް ބޯޑު ސަރުކާރު

    މިސަރުކާރުން ގެންނަނީ އިންޑިޔާ މީހުން އެކަނި. އޭރުން އަހަރެމެން ދިވެހިން ޖެހޭނީ ގޭގަ ގެންގުޅޭ އިންޑިޔާ މީހާއާއި ކޮޓަރިޔާއި ގޭގެ ތިޖޫރީ ތަޅުދަނޑި ހަވާލުކޮށްފަ އެމީހުންގެ އަޅުންނަށް އަހަރެމެން ވާން. މި ކެނެރީ ސައިތާނުގެ ރޭވުން. އޭރުން ދިވެހި ޕާސްޕޯޓު ބަދަލުގައި އިންޑިޔާގެ ބުދުޖެހި ޕާސްޕޯޓު ލިބޭނެ

    3
    1
  9. ސަޓޯ

    އަސްލު އެނގޭ އެނެނަށް. ބޭނޭނީ ސަރުކާރާއި ވެރިން.. މޮޅު ގޮތަކަށް ނިންމާލަން އެއުޅެނީ

  10. ާއދ.

    އަސްލު މީހާ ގެނަން އިންނާނެ އޭނާ އައުމައް އިމިގްރޭޝަނުން ދޭ ވޯކުޕާމިޓް ގާ ބޮޑު އަކުރުން ލިޔެފާ.....ސުވާލަކީ އެއްވެސް ފަހަރަކު އޭނާ އާހަވާލު ވާ މީހާއާ ދުވަހަކުވެސް ސުވާލެއްކުރިތޯ ؟ ނޫނީ ބޭރުމީހާ އެހާލަތައް ދާން ޖެހުނީ ކިހިނެއް ގެންތޯ ބަލާލެވުންތޯ ހަމަ ކަމެއް ވާއިރައް ބޭރުމީހާ ޑީޕޯޓް މިކޮއްލަނީ ކޮބާތޯ އިންސާފަކީ ؟ކޮބާތޯ އޭނާގެހައްްްޤެއް ހަމަނެތީ ތޯ ؟

  11. ކޮަލަރިވާ

    މާއްޓޭއާއި ޔާމީނު، އެއަށްފަހު ދެން އައި ކޮންޓްރޯލަރުންތައް. އަންވަރަކީ ލާމަސީލު ބޭފުޅެއް.

    3
    1
  12. އަލިބޭ

    މިއީވަރަށްބޮޑު އާމްދަނީއެއްލިބޭވިޔަފާރިއެކެވެ، ބަނގުލަދޭސް ބޮަންދު މީހާއަށް =/30000ރުފިޔާ ފަރުދާގެ އަޑީގައި ހުންނަ ދިވެހިމީހާއަށް =/30000ރުފިޔާ މިއީ އެންމެބަންގާޅިއެއްއެތެރެކޮށްލީމައި ލިބޭ އާމްދަނީއެވެ. އެހެންވީމައި މިކަންތައްނުކުރަންވީ ކީއްވެތޯ މިފައިސާތައްބަހާނީ މިކަމުގައި އިސްކޮންއުޅޭމީހުންގެމެދުގައި

  13. ާއަހުމަދު

    ގިނަކުންފުނިތަކުގެ ވެރިންނަށް 300 ލިބޭގޮތަށް މަސައްކަތު މީހުންގެންނަނީ ބޮޑުބައި ކުޅެނީ އެޗުއާރު މެނޭޖަރު އަންނަ މީހާ އެއާޕޯޓުން 2000 ހަވާލުކުރަންޖެހޭ މިހާރު ޕީއެލް ގެ އަގު 1000 ޑޮލަރު ބޭރުމީހުން ބުނަނީ ޕީއެލް ހޯދަދިނީމަ 1000 ދޭނަމޭ

  14. ާއަހުމަދު

    މާއްޓޭ ކާއްޓޭ ކިޔާނެކަމެއްނެތެއްނުން މާއްޓޭ ގެފަހުން ކިތައްކޮންޓުރޯލާ ކިތައްވެރިން އައިސްފި ކާކު ހުއްޓުވަން އުޅެނީ މިގައުމު ރަގަަޅު ކުރެވޭނީ ރަގަޅު ކުރަން ބޭންވާ ބަޔަކު މަޖިލީހަށް ލައިގެން މިހާރު އެތިބީ ލިބޭ ލާރިގިނަކަމުން ވަދެއުޅޭ މީހުން މެމްބަރުންގެ މުސާ ކުޑަ ކުރަންވީ 5000 އަމިއްލަ އެދުން ކުޑަ ބަޔަކު އެތަނަށް ވަދެގެން ރަގަޅުކުރެވޭނީ

  15. އައްޓަމަސް

    އަސްލުމީހާއަކީ ކުރިން ދާންދޫދާއިރާގެ މެމްބަރކަން ކުރި އަސްއަދު އެއްނޫންތަ؟! އޭނަދޯއެހެން ބުނީ މަހުލޫފުއައި ދިމާލަށް؟!

  16. ބުރޯ

    ރިޒްވާނުގެ މައްސަލާގަ ވެސް އަސްލު މީހާ ނުހޯދާ ރިޕޯޓެއްނެރުނަސް ހައްލު ނުހޯދޭނެ .ރިޒްވާނު މިނިވަންނޫހުގާ ލިޔުނުކަމަށް ބުނާ ލާދީނީ ރިޕޯޓަކީ ރިޒްވާނުގެ އެއްޗެއްތޯ އެހެން މީހެއްގެ އެއްޗެއްތޯ ބެލިގެން ނޫނީ އަސްލު ނުހޯދޭނެ .ހަމަޔަގީން އެއީ ރިޒްވާނުގެ ހިޔާލަށް ރިޒްވާނު ލިއުނު ލިއުމެއްނޫންކަން އެހެން މީހެއްގެ އިންޓަވިޔު އެއްކަން ވީއިރު ބެލުނީ ކޯންޗެއް.؟