"މާދަމާ އަކީ އަހަރެމެން ތިން މައިން އިންޑިޔާއަށް ފުރަން އޮތް ދުވަސް. އެކަމަށް ހޯދި 1200 ޑޮލަރާއި، ތިންމައިންގެ ޕާސްޕޯޓުތައްވެސް ވީ އިމާރާތުގެ ތެރޭގަ. އެތަކެތި ހުރިކަމެއްވެސް ނެތް ކަމެއްވެސް އަދި ނޭނގޭ. މިއަދުވެސް މި އައީ އެމްއެންޑީއެފްއަށް ގޮސްފަ، ޚަބަރެއް ބަލާލަން. އެމީހުން ބުނި މިއަދު ހަވީރު ގުޅާލާށޭ." މިއީ ރޭގެ ހާދިޘާއާއި ގުޅިގެން ރ.އަލިފުއްޓަށް ނިސްބަތްވާ، ޢުމުރުން 30 އަހަރުގެ ޢަބްދުލްވާޙިދު މުޙައްމަދުގެ ކަންބޮޑުވުންތައް ހުރި މިންވަރެވެ.

ޢަބްދުލްވާޙިދުއާއި އޭނާގެ އާއިލާ ދިރިއުޅެމުން ގެންދަނީ، ހ.ކަޅުހުރާގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ. އޭނާގެ އާއިލާ އާއި އެކު ޖުމްލަ 10 މީހުން އެ ފަންގިފިލާގައި ދިރިއުޅެމުންދާއިރު ރޭ ހިނގި އަލިފާނުގެ ހާދިޘާގެ ޙަބަރު އޭނާއަށް ލިބުނީ އެރޭ ގަޑިން 7:15 އެހާކަށް އިރެވެ.

"ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު އަޅުގަނޑު އެހިން. ދެން އިރުކޮޅަކުން ދުންތަކެއް އަރަން ފަށައިފި. ދެން ކުޑަދޮރުން ތިރިއަށް ބަލާލިއިރު، އިމާރާތުގެ ތިރީގަ ހުރީ އަލިފާން ރޯވެފަ. އޭރު ގޭގަ ތިބީ ހަތަރު މީހުން. އަޅުގަނޑު އެ އެންމެ ކައިރީ ވަގުތުން ބުނިން ހިނގާށޭ އަވަހަށް ފޭބޭތޯ ބަލަމާ. އެއްވެސް އެއްޗެއް ގެންދަން އުޅޭނެ ކަމެއް ނެތޭ. ފުރާނަ ސަލާމަތް ކުރުން މާ މުޙިއްމު ވާނޭ." އެވަގުުތު ހާލަތު ސިފަކޮށްދެމުން އޭނާ ކިޔައިދިނެވެ.

ﷲގެ ހެޔޮ ރަޙުމަތާއި އެކު އެވަގުތު އެ ފަންގިފިލާގައި ތިބި ހަތަރު މީހުންނަށްވެސް، އެއްވެސް ގެއްލުމެއް ލިބުމަކާއި ނުލާ އިމާރާތުން ނިކުތުމުގެ ފުރުޞަތު ލިބުނެވެ. އޭރުވެސް އެ އިމާރާތުގެ އެހެން ފަންގިފިލާތަކުގައި ތިބި މީހުންވެސް ދިޔައީ އެ އިމާރާތުން ތިރިއަށް ފައިބަމުންނެވެ. އޭރުވެސް އެއްޗެހި ގޮވާ އަޑާއި މީހުންގެ ހަޅޭކުގެ އަޑުން މުޅި އެ ސަރަހައްދު ވަނީ ހަލަބޮލިވެފައެވެ. މީހުންގެ އަތްދަނޑިމަތީގައި ކުޑަކުދިންނާއި އަންހެނުން ހޮސްޕިޓަލަށް ގެންދާ މަންޒަރުވެސް ފެނެއެވެ.

"ހަމަ ނަޞީބެއް އަޅުގަނޑުމެންނަށް ތިރިއަށް ފޭބުނުކަން. އަޅުގަނޑުމެން ފައިބާފަ ނުވާނެ 10 ވަރަކަށް މިނެޓްވެސް. މުޅި ތިރީގަ އެއްކޮށް އަލިފާން ހިފައިފި. އަޅުގަނޑުމެން ނިކުމެގެން ގޮސް ތިބީ ވަރަށް ދުރުގަ. އެހެން ތިއްބަ ކަމާއި ބެހޭ ފަރާތްތަކުން އެންގީ ކަލާފާނު ސުކޫލަށް ދިއުމަށް. އަދިވެސް އަޅުގަނޑުމެން މި ތިބީ އެ ސުކޫލުގަ." ޢަބްދުލްވާޙިދު ކިޔައިދިނެވެ.

މާދަމާއަކީ އިންޑިއާ އަށް ފުރަން ހަމަޖެހިފައިއޮތް ދުވަސް ކަމަށްވިޔަސް، މިއަދު ހާލަތު ނިޔާކުރި ގޮތުން އިންޑިޔާއަށް ދެވޭކަށް ނެތެވެ. ހޯދި ފައިސާ ތަކާއި، ޕާސްޕޯޓުތަކާއި، އަންނައުނު ތައްވެސް ހުރީ އިމާރާތުގެ ތެރޭގައެވެ. އެހީގެ ގޮތުގައި ލިބުނު އާސަންދަވެސް ޖެހެނީ އެހެން ދުވަހަކަށް ފަސްކޮށްލާށެވެ. އެ އިމާރާތުގެ އެ ފަންގިފިލާއަކީ އެއްކޮށް އަނދައިގެން ދިޔަ ފަންގިފިލާއެއް ނޫން ކަމުގައި ވިޔަސް، އެ ތަކެތީގެ ހާލަތެއް އެނގޭނީ އެ އިމާރާތަށް ވަދެވުނީމައެވެ. ޤައުމަށް މި ދިމާވި ހިތާވެރި ހާދިޘާއާއި ގުޅިގެން އެތައް ބަޔަކު ވަގުތީ ހިޔާތަކުގައި ތިބި އިރު، އެމީހުންނަށް އެކިގޮތްގޮތުން އާއްމުން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    އަނދައިގެން ނުދިޔަޔަސް ވަގުންގެ ކިބައިން ސަލާމަތް ވިޔަސް ކިތަންމެހާވެސް ރަނގަޅު. ވަގުންނާއި ފޭރޭމީހުންގެ ބޮޑު ހާއްޔަކަށް މިތަންވެއްޖެ.

    20
  2. ިިްިމަ

    އިރާދަކުރެއް ވިއްޔާ ފެންނާނެ

    7
    1
  3. ކިޔުންތެރިޔާ

    އެމްޑީޕީއަށް ވޯޓުދިންނަމަ 20% ލިބޭނެ. ދެރަނުވޭ!