ރޭ ގާތްގަނޑަކަށް 7:25 ހާއިރު މާލޭ ހެންވޭރުގައި ހުންނަ ތިލަފުށި ނަމަކަށް ކިޔާ ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ އެތަކެއް ބައެއްގެ ބޯހިޔާވެހިކަން ވަނީ ގެއްލިފައެވެ. އަދި އެ ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ. އެ ބިރުވެރި ހާދިސާއިން މުޅި ރާއްޖެ ސިއްސުވާލާފައިވާއިރު މިއީ އަދި މިހާތަނަށް މާލޭގައި ހިނގައިދިޔަ އަލިފާނުގެ އެންމެ ބޮޑު އެއް ހާދިސާއެވެ.

މިހާދިސާގައި ފުރާނައެއް ދުނިޔެއާ ވަކިވެ ދިޔައިރު އެ ހިތްދަތިކަން ދިވެހިންގެ ހިތްތަކުގައި ތާޒާކޮށް އަދިވެސް ދައުރުވަމުންދެއެވެ. އަލިފާނުގެ ތެރޭގައި ތަހައްމަލް ކުރާނެ ވޭނާއި ތަދު އިހުސާސްކޮށްލަން ހިތަށް އެރިޔަސް މިވަގުތު ސިފަވަނީ ބޯކޮށް ރޯވެފައިހުރި އެ އިމާރާތުން ތޮޅެމުން ފޮޅެމުން ނުކުންނަން ހުރި ރުޅި ގަދަ އަލިފާންގަނޑުގެ ދިލަ ހޫނުކަމެވެ.

އެ ބިރުވެރި ވަގުތު ކޮޅުގައި އިމާރާތްތަކުގައި ތިބި އެންމެންވެސް ބެލީ ސަލާމަތުގެ އައްސޭރިއެއް ހޯދައިން ސަލާމަތްވުމަށެވެ. އެމީހަކާ އެމީހެކެވެ. އެއީ އެފަދަ ވަގުތެއްގައި ވާނެވެސް ގޮތެވެ.

ރޭ ހިނގައިދިޔަ މިހާދިސާއިން ހީރޯތަކެއްވެސް ފެނިއްޖެއެވެ. އެއީ އަގު ނުކުރެވޭފަދަ އިންސާނީ ޚިދުމަތްތަކެއް ކުރި ބައެކެވެ. އެ އަލިފާން ފޮށި ތެރެއިން އެތައް ބަޔަކު ނެރެދީ ފުރާނަ ސަލާމަތް ކުރުމުގައި ފުރަތަމަ ހަރަކާތްތެރިވީ މި ހީރޯންނެވެ.

އެއީ އެންމެންގެ ތައުރީފް އޮހެމުންދާ ހުސެން މުބީން އާއި ހަސަން ޝިނާނެވެ.

އަލިފާނުގެ ހާދިސާ ތަޖުރިބާ ކުރި ޝިނާން އަދި މުބީން--- ފޮޓޯ: ސަން އޮންލައިން

ރޭ އަލިފާނުގެ ހާދިސާ ހިނގުމުގެ ގާތްގަނޑަކަށް ބައިގަޑިއިރެއްހާ އިރު ކުރިން ހުސެން މުބީން އޭނާގެ ގާތް ރަހުމަތްތެރިޔާ އަދި އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ޓަކައި އަލިފާނުގެ ހާދިސާ ހިނގި ގެޔާ އިންވެގެން ހުންނަ ހ. ކަޅުބިނާ ގެއަށް ދިޔައެވެ. ހަފްތާ ބަންދާ ދިމާކޮށް އެހެން ދުވަހެކޭވެސް އެއްގޮތަށް އެގެއަށް ދިޔައީ އާއިލާއާ އެކު ވަގުތު ކޮޅެއް ހޭދަކޮށްލުމަށެވެ. އުފާވެރި އެ ވަގުތުކޮޅު ބަނަކޮށްލީ ގޭ ތިރީ ފްލޯއިން ގޮވުމެއްގެ އަޑު އިވި އިމާރާތަށް ލޮޅުންތަކެއް އައި ހިސާބުންނެވެ.

"އަޅުގަނޑުމެން ތިބީ އެގެއިން ކައިގެން ސޯފާގައި އިށީންދެލައިގެން. އޭރު ޝިނާން އާއި އޭނާގެ އަންހެނުން އަދި ދަރިފުޅުވެސް އަޅުގަނޑު ކައިރީގައި ތިބި. އެންމެ ފުރަތަމަ އެއްޗެއް ގޮވީމަވެސް ވާނުވާއެއް ނޭންގިފަ ތިބީ. އަހަރުމެން ހީކުރީ ހަވާ އަރުވަނީ ކަމަށް. ދެން އެހެން ތިއްބާ މުޅި ގެއަށް ގުޑުން އަރައިފައި ފާޑެއްގެ ވަހެއް ދުވި. ދެން ކުޑަދޮރު ހުޅުވާލުމާއެކު ގޭތެރެއަށް ވެދެގެން ދިޔަ ކަޅު ދުންތަކުން އެނގިއްޖެ ކޮންމެވެސް ކަމެއް ވެގެން އުޅޭކަން" މުބީން ކިޔައިދިނެވެ.

އޭރުވެސް އަދި ވެގެން އުޅޭ ކަމެއް ސާފު ނުވެއެވެ. މުބީން ބުނި ގޮތުގައި އެންމެ ފުރަތަމަ ހީކުރީ އެމީހުން ތިބި ގޭގައި ރޯވެގެން އުޅެނީ ކަމަށެވެ. ނަމަވެސް އެ ގެއިން އޭރު އަލިފާން ފެންނާކަށް ނެތެވެ. ނަމަވެސް ދުން އަރާތީ ދެން އިސްކަން ދިނީ ގޭގައި ތިބި މީހުންނަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އަންގައިދިނުމަށެވެ. އެ އަޑުފަށްގަނޑާއެކު އެހާއިރުން ފެށިގެން އަޒުމު ކަނޑައެޅީ އެންމެ ގާތް ފުރާނަ އަތްމައްޗަށް ލައިގެން ވިޔަސް ގޭގައި ދިރިއުޅެމުންދާ މީހުން ސަލާމަތް ކޮށްދިނުމަށެވެ. އެ މަސައްކަތުގައި އޭނާއާއެކު، އޭނާގެ ގާތް އެކުވެރިޔާ ހަސަން ޝިނާންވެސް އުޅުނެވެ.

މުބީން ބުނި ގޮތުގައި މީހުންތައް ގެއިން ނެރެން ފެށުމުގައި އިސްކަން ދިނީ އާއިލާއަށެވެ. ޝިނާންގެ އާއިލާ ގެއިން ބޭލުމަށް ފަހު ދެން އެހެން ފަންގިފިލާތަކުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށިކަމަށް މުބީން ބުންޏެވެ. އަދި އެވަގުތުގެ ގޮތުން ގޭގައި ފިރިހެނުން ބައެއް ފަންގިފިލާތަކުގައި ނޫޅޭނެކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އެހެން ފަންގިފިލާތަކުން މީހުން ހަޅޭލަވާ އަޑު އޭރު ކެނޑިނޭޅި ދިޔައީ ގުގުމަމުންނެވެ. މުޅި ގޭގައި ވެސް ތިބީ އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ކަމަށް އޭނާ ބުންޏެވެ.

"ހުރިހާ ފަންގިފިލާއެއްގައި ތިބި މީހުންވެސް އަޅުގަނޑުމެންގެ އެހީއަށް އެދެންފެށި. އަޅުގަނޑުމެން ބުނިން އެމީހުން ސަލާމަތުގެ އައްސޭރިއަކަށް ނުގެންގޮސް އަޅުގަނޑުމެން އެގެ ދޫކޮށް ނުދާނެ ވާހަކަ. އޭރު އެހެން ފްލޯއެއްގަ އުޅޭ އަންހެން ކުއްޖަކު އާދޭސްކުރި އޭނާގެ ޕެރެލައިޒްވެފަ އޮތް ކާފަ ސަލާމަތްކޮށްދިނުމަށް. ޝިނާން ވެސް ވަރަށް ހިތްވަރު ކުރި. އެކާފާ ކޮނޑުމައްޗަށް ލައިގެން ދުވެފަ ސިޑިން ފޭބީ" މުބީން ކިޔައިދިނެވެ.

އެ އަންހެން ކުއްޖާ ކިޔައިދީފައިވާ ގޮތުގައި އޭނާ އިނީ އެވަގުތު ފިލާވަޅު ދަސްކުރުމަށެވެ. ގޭތެރެއިންވެސް އެކި މީހުން ސަލާމަތްތެރިކަމެއް ހޯދުމަށް ކޮޅުކޮޅަށް އޭރު ދުވަމުން ގެންދެއެވެ. އަދި ކެނޑިނޭޅި އެހީއަކަށްއެދި އާދޭސްކުރަމުން ދިޔައިރު ގޭތެރެ ވަނީ ދުމުން ފުރިފައެވެ. ބޮޑުވަމުންދާ ބިޔަ އަލިފާންގަނޑާއެކު ފެންނަމުންދިޔައީ މަރުގެ ބިރުވެރިކެމެވެ. އެ ކާފައާއެކު އެކުއްޖާގެ މާމައާއި ކޮށްކޮށްވެސް ސަލާމަތްކުރީ މުބީންއާއި ޝިނާންއެވެ.

ދުމާއި ދިލަ ހޫނުގެ ތެރޭގައި އެންމެން ބާލައި ނިމުނު އިރު ސިޑިގޮޅީގައި އަލިފާން ރޯވެއްޖެއެވެ. ނަމަވެސް އިތުރު މީހަކު ތާށިވެފައި ހުރެދާނެ ކަމަށް ހުރިހާ ފަންގި ފިލާއެއް ވަކިވަކިން ބެލިކަމަށް އޭނާ ބުންޏެވެ. ސިޑިގޮޅީގައި އަލިފާން ރޯވެފައި ހުރުމުން އިމާރާތުން ނުކުންނާނެ އެއްވެސް ގޮތެއް ނޭނގިފައި ދެ އެކުވެރިންނަށް ތިބެވުނީއެވެ. ސަލާމަތް ނުވާނެކަން ޔަގީންވުމުން މަރަށް ތައްޔާރުވެ ދެ އެކުވެރިން ބައްދާލައިގެން ތިބެ ރޯން ފެށިއެވެ. އެ ދެމީހުންގެ ފުރާނަ ސަލާމަތްކުރީ ދެން އެތަނަށް އައި އެހެން ކުއްޖެކެވެ. އެއީވެސް ނަސީބެވެ.

ނަސީބު މިންވަރު ކުރައްވާނީ ކިހިނަކުން ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. އެއީ ވަކި ފަރާތަކުން މިންވަރުކުރައްވާ އެއްޗެކެވެ. މުބީން ބުނި ގޮތުގައި އެކުއްޖާއަކީ އެހެންޏާ އެގެއިން ފެންނަވެސް ކުއްޖެއް ނޫނެވެ.

"އެވަގުތު އެތަނަށް އައީ އެހެން ފިރިހެން ކުއްޖަކު. އެއީ އެގެއިން އެހެން ނޫނީ ފެންނަވެސް ކުއްޖެއް ނޫން. އޭނަބުނި އަދި އަހަރެންވެސް އެބަ ހުރީމޭ ހިތްވަރު ކުރާށޭ. ދެން ބެލީ ފައިބާނެ ގޮތެއް ފެނޭތޯ" ވަރަށް އަސަރާއެކު އޭނާ ކިޔައިދިނެވެ.

މުބީން ބުނީ 5 ވަނަ ފަންގިފިލާގައި ތިބެ 4 ވަނަ ފަންގިފިލާއަށް ފޭބީ ވައިގޮޅިއަކުން ކަމަށާއި ތަނެއް ބިންދައިގެން ދިޔަޔަސް އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް ވަރަށް ހިތްވަރުކުރި ކަމަށެވެ. އަދި އެއަށްފަހު ފުންމައިލީ ގެއެއްގެ ފުރާޅަށް ކަމަށް އޭނާ ބުންޏެވެ.

މުބީން ކިޔައިދިން ގޮތުގައި އެ ހާދިސާއަކީ އޭނާއާ މިހާތަނަށް ދިމާވި އެންމެ ބިރުވެރި އަދި ހިތްދަތި ހާދިސާއެވެ. އެ ހާދސާއިން އެތަށް ތަޖރިބާއަކާއި އިބުރަތެއް ލިބުނުކަމަށް މުބީން ބުންޏެވެ. އެފަދަ ވަގުތެއްގައި ފޯނު ދިއްކޮށްގެން ފޮޓޯ އަދި ވީޑިއޯނަގަން އެތަނުގައި އެތަކެއް ބަޔަކު ތިބިކަން ފާހަގަކޮށް މުބީން ބުނެފައި ވަނީ އެފަދަ ހާދިސާތަކާއި ދިމާވުމުން ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭގޮތަށް ގިނަ ބަޔަކު ކޮށްފައި ވަނީ ވަރަށް ބަލައިގަންނަން ދަތި ކަންކަން ކަމަށެވެ. އަދި އެފަދަ ހާދިސާ ތަކުގައި އަމިއްލަ މުދަލާއި ތަކެއްޗަށްވުރެ ފުރާނައަށް އިސްކަން ދޭން ޖެހޭނެކަންވެސް އޭނާވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތުނިޔަ

    ސާބަހޭ...ފަޚުރުވެރި ދެދިވެހި ދަރިން...ދެޒުވާނުންގެ މަސައްކަތުގައުއި ބަރަކާތްލައްވާ ދިރިއުޅުން ބާއްޖަވެރި ކުރައްވާށި! ޢާމީން.
    މމމމ

    99
  2. ބްލެސް

    ގޯޑް ބްލެސް ޔޫ ގައިސް

    63
    1
  3. ޒީ

    އަލްޙަމްދުﷲ.
    އެފަދަބިރުވެރި ވަގުތުގަވެސް އެހެންމީހުންގެ ސަލާމަތަށް ތިކޮއްދެއްވި މަސައްކަތަށް
    ޝުކުރު އަދާކުރަން ތިދެއްކި ހިތްހެޔޮކަމާ އޯގާތެރިކަމަށް!
    ﷲ ތިބާޔަށާ އެކުވެރިންނަށް ހެޔޮރަހުމަތްލައްވާންދޭވެ!އާމީން.

    91
  4. އަހަރެން

    ތިފަދަ ހިތްވަރުގަދަ އަދި އޯގާތެރި ކުދިންތަކެއް މި ދިވެހި ފަސްގަނޑުގައި ތިބި ކަމަށްޓަކައި ފަހުރުވެރިވަން. ﷲ ތި ދެ ކުދިންނަށް އަދި މި ދެކުދިން ސަލާމަތްކޮށްދިނުމުގައި އެހީތެރިވި ކުއްޖާއަށް ހެޔޮ ރަހުމަތް ލެއްވުމަށް އެދި ދުއާ ކުރަން.

    36
  5. ޠޠ

    ގިނަ އަދެއްގެ ބަޔަކަށް މިފަދަ ހިތްދަތިކަމެއް މެދުވެރިވެފައިފާ މިފަދަ ދަނޑިވަޅެއްގައި ޤައުމުގެ އެންމެ އިސް ވެރިޔާ މިޤައުމުގައި ނެތުމަކީ ވވވވވވވވވވ ދެރަކަމެއް!

    15
    3
  6. ދިރާސާ

    މިފަދަބޮޑުހާދިސާއެއްހިނގާއިރު ސަލާމަތްކުރުމަށް ބަޔަކުއާދޭސްކުރާއިރު އެމަންޒަރުކާރިންދެކެންތިބެ
    އަދި އެމަންޒަރު ފޮޓޯނަގަންތިބުމަކީ ވަރަށްދެރަކަމެއް ޝިނާން، މުބީން ދެޒުވާނުން އަމިއްލަފުރާނަ
    އަށްބެލުމެއްނެތި ކުރެއްވިކަންތަކަކީ ހިތުގެއަޑިން ޝުކުރުކުރުން ޙައްޤުވާކަމެއްް ސާބަސްދަންނަވަން
    ތިއީ މިފަދަހާދިސާއެއްގައި ނަމޫނާދެއްކެވި ދެފަރާތް ވީމާ، މިކަމުން އެހެންބޭފުޅުން ނަމޫނާނަންގަވާ
    ޢިބްރަތަކަށްވާނެ އަދި ލިޔުންކިޔާލުމުން ފައިދާކުރާނެދިވެހިންގެތެރޭގައިވެސްކުލުނާ،ހަމްދަރީ،ހުށިޔާރު ޒުވާނުންތިއްބެވިކަން ލިޔުމުންއެގޭތީ މިފަދަ ފައިދާހުރިލިޔުމެއް ގެނެސްދެއްވީތީ ވަގުތުނޫހަހަށްވެސް
    ޝުކުރުދަންނަވަން

    25
  7. Anonymous

    އެދެމީހުން ސަލާމަތް ކޮއްދިން ކުއްޖާގެ ހަބަރެއް ހޯދާލަން ވ ބޭނުން.
    الله ގެ މެރިކަލް އަކައް ވާނީ..!!!!

    12
    1