ކޮންމެ މީހެއްމެ ދިރިއުޅުން ބިނާކުރާނީ ފޮނި އުންމީދުތަކާއެކު އުފާވެރި ޙަޔާތެއް ހޭދަކޮށް އެގޮތުގައި ނިމިދާންދެން އުޅުމުގެ ހުވަފެން ދެކެމުންނެވެ. އެހެނަސް، ދުނިޔެ ހިނގާނީ ތޮށަލިދުޅައަށް ކަމަށް ބުނާ ބީދައިން، އަބަދު އެއްގޮތަކަށް ނުވަތަ އެންމެ ހިތްއެދޭ ގޮތަކަށް ދުނިޔޭގައި ކަންކަން ހިނގައި ނުދެއެވެ. ރޭ މާލޭގައި ވެސް ހިނގާފައިވަނީ އެފަދަ ހާދިސާއެކެވެ. ހީވެސް ނުކުރާފަދަ ބޮޑު ގެއްލުމެއް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އާޢިލާތަކަށް ލިބި، ބަރުދާސްތުކުރަން ދުވަހަކުވެސް ބޭނުން ނުވީ އެތައް ހިތާމައަކާއި އެއްފަހަރާ ކުރިމަތިލާން ޖެހުނީ އިންސާފެއް ނުލިބޭ މި ދުނިޔޭގެ އާދައިގެ ތެރެއިންނެވެ.

ރޭގެ ހާދިސާގައި އަނދައި އަޅިޔަށްވެގެން ދިޔައީ އެތައް އާއިލާއެއްގެ އެތައް އުންމީދެކެވެ. އުމުރު ދުވަހު ކުރިހައި މަސައްކަތަކާއި އުމުރު ހުސްވާންދެން އެއްކުރަމުން އައި ހަނދާންތަކެވެ. ރޭ އަނދައި ހުލިވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ ގެތަކާއި އެތަންތަނުގައި ހުރި ތަކެއްޗަށް މިއަދު ބަލައިލުމުން އަނެއްކާވެސް އާވަނީ، ޙަޔާތުގެ އާ ސަފުހާތަކެއް، އާ ފެށުމަކުން ފެށުމަށް އާއިލާތަކަށް މަޖުބޫރު ކުރިވި އެ ބިރުވެރި އަލިފާނުގެ ހާދިސާއެވެ.

ވަގުތު އިމޭޖެސް: މުޙައްމަދު ހައްޔާން

ހަތް ގެޔަކާއި ހަތަރު ގުދަނެއް އަނދައި އަޅިޔަށްވެގެންދިޔަ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރަމުން ދާއިރު، އެ ސަރަޙައްދުން ފެންނަނީ ވީރާނަވެފައިވާ އިމާރާތްތަކާއި މާޔޫސްވެފައިވާ އެތައް ބައެއްގެ އުދާސްތަކެވެ. އެއް އިރެއްގައި އުފާވެރި އާއިލާތަކެއްގެ އުފާވެރި އެތައް ހަނދާނެއް އެއްތަންވެ އެތަނުން ފެންނަން ހުރި ނަމަވެސް މިއަދު އެއްވެސް ދިރުމެއް ނެތަތީވެއެވެ. އަނދައިގެން ދިޔަ ގެއެއްގެ ތެރެއިން ނެރެފައިވާ ތަކެތީގެ ތެރޭގައި އޮތް ފޮޓޯ އަލްބަމަކަށް ގިނަ ބައެއްގެ ނަޒަރު މިއަދު ވަނީ ހުއްޓިފައެވެ. ފޮޓޯތަކުގެ ވަށައިގެންވާ ބައި އަނދާފައި ހުރިއިރު، މިއަދު ފެންނާން ހުރީ އެ ފޮޓޯތަކުގެ މެދުން ބައެކެވެ.

އުފާވެރި ހިނދުކޮޅުތައް ފެންނާނެހެން ހިނިތުންވެ ތިބެ ކުރިން ނަގާފައިވާ އެ ފޮޓޯތައް ކުލަވެއްޓި އެއިން ބައެއް އަނދާފައިވާވުމުން ރަމްޒުކޮށްދެނީ މިއަދު އާއިލާތަކަށް ހަޤީޤަތުގައިވެސް ޖެހިފައިވާ ހިތްދަތި ހާލެވެ. ފުރާނަ ހުއްޓެއްކަމަކު ދިރިއުޅުމަށް ކުރިހައި ކަމެއް އަޅިޔަށްވެ ދިރިއުޅުމުން ބައެއް އުނިވެގެން ދިއުމާއި، އުފާވެރި ހިނދުކޮޅެއް ތަސްވީރުކޮށްދިން، އެހެނަސް ބައެއް އުނިވެފައިވާ ފޮޓޯތަކާއި ދާދި އެއްހަމައެވެ. އަނދައިގެންދިޔަ ގެތަކުގައި، އެއް އިރެއްގައި އުފަލުން އުޅެމުންދިޔަ 13 އާއިލާއެއް މިއަދު ހާލުގައި ޖެހި ގެދޮރު ގެއްލިފައިވަ ހާލުގައި ކިޔައިދޭ ވާހަކައަކީ މިއީއެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ބިރުވެރި އަދި އެންމެ ހިތާމަވެރި މި ހާދިސާ ނިޝާންތައް ފެންނާން ހުރި ގޮތަކީ މިއީއެވެ. މި މަންޒަރުތަކަކީ، ފެންނަ ކޮންމެ ހިނދެއްގައިމެ ކުލުނެއް ހުރި ކޮންމެ ހިތަކަށްވެސް އަސަރުތަކެއް ކުރުވާނެ މަންޒަރުތަކެއްކަން ޔަޤީނެވެ. ދިވެހީންގެ ތެރެއިން ބަޔަކަށް މިފަދަ ބޮޑު ހިތާމައަކާއި ގެއްލުމެއް ލިބިގެންދިޔަ ދިއުމީ ހަމަ ގައިމުވެސް ކޮންމެ ދިވެއްސަކަށްމެ ލިބިގެންދިޔަ ފުން ހިތާމައެކެވެ. އެއްބައިވަންތަކަމުގައި މުޅި ދުނިޔެވެސް ދަންނަ ނަމޫނާ ދިވެހި މިބޮޑު އާއިލާ މިއަދު އޮތީ ހާލުގައި ޖެހުނު މީހުންގެ މަދަދުގައެވެ. ވެވެން އޮތް ކޮންމެ އެހީއެއް އޮއްސާލަމުން ދެވެން އޮތް ހިއްވަރެއް ދިނުމުގައި އަތުގުޅާލައިގެންނެވެ.

ރޭގެ ހާދިސާ އާއި ގުޅިގެން 460 އެއްހައި މީހުން ހާލުގައި ޖެހިފައިވާއިރު، އެފަރާތްތަކަށް ލިބުނު ހިތާމަ ދެގުނަވެފައި ވަނީ ހާދިސާގައި ދިވެހި އާއިލާގެ މެމްބަރަކު ގެއްލި ދިއުމުންނެވެ. އުމުރުން 46 އަހަރުގެ އައިމިނަތު ޝައުނާއަކީ ރޭގެ އަލިފާނުން ސަލާމަތްވުމުގެ ނަސީބު ނުލިބުނު ހަމަ އެކަނި ފަރާތެވެ. ސަލާމަތްވެވެން އޮތް ހުރިހައި މަގެއް ބަންދުވެ، އެހީތެރިކަމުގެ އަތެއް ފޯރުމުގެ ކުރިން އޭނާ ނިޔާވީ އަނދައަނދައި ހުރި ގެއެއްގެ ތެރޭގައި ހުއްޓައެވެ. ޝައުނާގެ ހަށިގަނޑު ސިފައިންނަށް ފެނުނީ ހާދިސާ ހިނގިތާ ދެގަޑިއެއްހާއިރު ފަހުން އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި، ސިފަ ވަކިނުވާވަރަށް ފިހިފައި ވަނިކޮށެވެ.

މި ހާދިސާގައި ދިވެހިންނާއި ވެކިވެދިޔަ ޝައުނާއަކީ ދިވެހިން ފަޚުރުވެރިވާ ފަދަ ދިވެހި ދަރިއެކެވެ. ކީރިތި ޤުރުއާން ކިޔަވައިދިނުމުގެ ރޮނގުން ޑީގްރީ ޙާސިލްކޮށްފައިވާ ޝައުނާ ދިރިއުޅުމަށް ކުރަމުން އައި މަސައްކަތަކީ، ކުދިންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދީ އުނގަންނައިދިނުމެވެ. އޭނާގެ ޖަނާޒާ އަކީ ތާރީޚުގައިވެސް މިހާތަނަށް އެންމެ ގިނަ ދިވެހިން ބައިވެރިވި އެންމެ އަސަރުގަދަ އެއް ޖަނާޒާއެވެ.

އަލިފާނުގެ ހާދިސާގައި ނިޔާވި ޝައުނާގެ ޖަނާޒާގެ ތެރެއިން - ވަގުތު އިމޭޖަސް: މުޙައްމަދު ހައްޔާން

ދިވެހިންނާއި ދިވެހި މުޅި ޤައުމު ރޮއްވާލި މި ހިތްދަތި ހާދިސާ ދުވަހަކުވެސް ދިވެހިންގެ ހަނދާންތަކުން ފިލައި ނުދާނެއެވެ. ހިތްތަކުން ފޮހެނުލެވޭނެ ކިތަންމެ ހަނދާނެއް މިއަދު އަޅިޔަށް ވެގެން ގޮސްފައިވިޔަސް ވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަނީ

    ހަގީގަތަކީ ކޮމްޕީޓެންޓު ސަބްސްޓެންސް ހުރި އެއްވެސް ސަރުކާރެއް ދިވެހީންނައް ނުލިބޭކަން. އަދި މިހާރު މިތިބަ ފެންނަ އެއްވެސް ސިޔާސީ ބައިގަނޑަކީ ނުވަތަ ސިޔާސީ ފަރުދަކީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮއްދެވޭނެ ވިސްނުމުގެ ގާބިލުކަމެއް ނެތްތާގައި އިޚުލާސްތެރިކަމެއް ތިބި ބަޔެއް ނޫނެވެ. ހަތަރުކޮޚުގަވެސް ތިބީ ހަމަ އެއްކަހަލަ ޖަރަޕްޓު މީހުންނެވެ. ޝޭހުންތައްވެސް ތިބީ ހަލާކުވެ ނިމިފައެވެ. މިއީ ދިވެހީބް ދިރިއުޅެމުންއައި ނުބައި ގޮތުގެ ސަބަބުން ލައްވާފައިފާ ކޯފާއެކެވެ

    24
    4