(ތައިލެންޑް، ބެންކޮކް) ތައިލޭންޑުގެ މަޝްހޫރު "ޓައިގާ ކިންގްޑޮމް" އަކީ މިނިކާވަގުންނާއި އެކު އެއް ކޮއްޓެއްގެ ތެރޭގައި ވަގުތު ހޭދަކޮށްލުމަށް ރަނުގެ ފުރުސަތެއް ހޯދައިދޭނެ ތަނެކެވެ. މިއީ އެ ގައުމަށް ޒިޔާރަތް ކުރާ ކޮންމެ ފަތުރުވެރިޔަކުވެސް ދާން ބޭނުންވާ ތަނެއް ކަމުގައި ވާއިރު މިތަން މަޤުބޫލު މަންޒިލަކަށްވީވެސް ފަތުރުވެރިއެއްގެ ސަބަބުންނެވެ.

އޮސްޓްރޭލިއާގެ ފަތުރުވެރިޔަކު އެ ގައުމުގެ ޒުލަކަށް ޒިޔާރަތް ކުރުމަށް ފަހު ވަނީ އެތަނުގައި ތިބި މިނިކާވަގުންނާއި ކައިރިވެ، ފޮޓޯ އެއް ނަގަން ބޭނުންވާ ކަމަށް ބުނެފައެވެ. އައި އެތަނުގައި ތިބި މުވައްޒަފުންނަށް އެކަން ކޮށްދިނުމަށް އެދި ފައިސާވެސް ދިނެވެ. މިއާއި އެކު މިނިކާވަގުގެ ވިޔަފާރި ތައިލެންޑުގައި ފެށުނެވެ.

ޕްކެޓުގެ "ޓައިގާ ކިންގްޑަމް" / ވަގުތު އިމޭޖަސް : ސައިފުﷲ އަހްމަދު

2008ގެ މާޗު 24ގައި "ޓައިގާ ކިންގްޑޮމް" ނުވަތަ މިނިކާވަގުންގެ ސަހަރުގެ ނަމުގައި ތައިލޭންޑުގައި ވަނީ ފުރަތަމަ ފަހަރަށް ތަނެއް ހުޅުވާފައެވެ. އެތަނުން އާއްމުންނަށް ފައިސާ ދެއްކުމަށް ފަހު މިނިކާވަގު ގައިގައި އަތްލައި އޭއްޗާއި އެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް އޮވެއެވެ. އޭގެ 5 އަހަރު ފަހުން ޕްކެޓުގައިވެސް ވަނީ އޭގެ އައު ބްރާންޗެއް ހުޅުވާފައެވެ. އަޅުގަނޑު ޒިޔާރަތް ކުރީ އެތަނަށެވެ.

ޓައިގާ ޝަހަރަށް ވަދެ އެންމެ ފުރަތަމަވެސް ދިޔައީ މިނިކާވަގުތައް ފެނޭތޯ ބަލާށެވެ. ނަމަވެސް އެކަން ކުރުމުގެ ކުރިން ޓިކެޓެއް ނަގަން ޖެހުނެވެ. ކުޑަ މިނިކާވަގެއް ކައިރިއަށް ގޮސް އެއަށް ކާންދީ، އުރައި ހެދުމަށް 2500 ބާތު ނުވަތަ 1250 ދިވެހި ރުފިޔާ ދައްކަން ޖެހެއެވެ. މެދު މިނުގެ އަދި ބޮޑު މިނިކާވަގެއް ކައިރިއަށް ވަދެ ފޮޓޯ ނެގުމަށް 1000 ބާތު ނުވަތަ 500 ދިވެހި ރުފިޔާ ދައްކާފައި ޓިކެޓު ނަގަން ޖެހެއެވެ.

ޕްކެޓުގެ "ޓައިގާ ކިންގްޑަމް" / ވަގުތު އިމޭޖަސް : ސައިފުﷲ އަހްމަދު

އަޅުގަނޑު ވަންނަން ބޭނުންވީ އެންމެ ބޮޑު މިނިކާވަގު ކައިރިއަށް ކަމުން އެއަށް ޓިކެޓަށް ނަގައި ވަނީމެވެ. ކޮއްޓަށް ވަނުމުގެ ކުރިން އެތަނުގެ މުވައްޒަފަކު ވަނީ އެ ޖަނަވާރުގައި އަތްލަން ވީ ތަންތަނާއި އަތް ނުލާންވީ ތަންތަން ކިޔައިދީފައެވެ. މިގޮތުން އޭތީގެ ބޮލުގަ އާއި ހަށިގަނޑުގެ މަތީ ބައިގައި އަތްލުން މަނާކަމަށް ބުނި އިރު، ނިގުލާއި ދަށް ބަނޑާއި ހަށިގަޑުގެ ތިރީ ބައިތަކުގައި އަތްލުން ވަނީ ހުއްދަ ކޮށްފައެވެ. މިހެން ކަންތައް ކުރަނީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. އެއީ މީގެ ކުރިން މި ސަހަރު ތެރެއަށް ވަން ފަތުރުވެރިން މިނިކާވަގުގެ މަތީ ބަޔާއި ބޮލުގައި އަތް ލުމުގެ ސަބަބުން އެ އެއްޗެހި ހަމަލާ ދީ، އެމީހުންގެ ފުރާނަ އާއި ހަނގުރާމަ ކުރަން ޖެހިފައި ވާތީއެވެ.

އެތާ އެތެރަށް ވަތްތަނާ އަޅުގަނޑު ފުރަގަހުން ކޮށީގެ ދޮރު ލައްޕައިލެވުނެވެ. ކޮށި ތެރޭގައި ފުރާ ފުރިހަމަވެފައި އޮތް 3 މިނިކާވަގު އޮތެވެ. ނަމަވެސް އެ އެއްޗެއްސައް އުނދަގުލެއް ނުކުރާހާ ހިނދެއްގައި ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން އޮތުމުން އެތަނުގެ މުވައްޒަފުގެ އިރުޝާދާއި އެކު މިނިކާވަގުގައި އަތް ލާން ތައްޔާރު ވެއްޖައީމެވެ. އޭތީގެ ފުރަގަހުން ގޮސް ތިރިވެލާފައި ނިގޫ ކައިރީގައި އަތް ޖައްސައިލުމުން ކުރެވުނީ ވަރަށްވެސް ތަފާތު އިހުސާސެކެވެ. ވާނީވެސް އެހެންތާއެވެ. އަތް ލެވުނީ ދުނިޔެ މަތީގައިވާ އެންމެ ނުރައްކާތެރި އެއް ޖަނަވާރުގެ ގައިގައެވެ. މިއީ ކޮންމެ ދުވަހަކު ވާނޭ ފަދަ ކަމެއް ނޫނެވެ.

ޕްކެޓުގެ "ޓައިގާ ކިންގްޑަމް" / ވަގުތު އިމޭޖަސް : ސައިފުﷲ އަހްމަދު

އޭތީގެ ގައި ވަރަށްވެސް ހަރުވެފައި ވަރުގަދައެވެ. ދޭތެރެ ދޭތެރެއިން ކުއްލިއަކަށް ނޭވާލާ އިރުގައި ހީވަނީ ދެންމެ ދެންމެ ހަމަލާ ދީފާނެ ހެންނެވެ. ނަމަވެސް އެފަދަ ކަމެއް ނުވެއެވެ. އެތަނުގައި އޮތް 2 މިނިކާވަގަކާއި އެކު 10 ވަރަކަށް މިނެޓު ހޭދަކޮށްފައި އެ ކޮށިން ނިކުތީ އެ ޖަނަވާރުގެ ނިގުލުގައި ހިފައިގެން އޮވެ ފޮޓޯވެސް ނަގާފައެވެ. އޭތީގެ ގައިގައި ބައްދައިގެން އޮވެ ފޮޓޯ ނަގަން ތައްޔާރުވި ތަނާ މޫސުން ގޯސްވެ، ވިއްސާރަ އޮއްސައިލުމުގެ ސަބަބުން އެތަނުން ނިކުންކަން ޖެހުނީއެވެ.

ސަލާމަތުން އެތަނުން ނިކުމެވުނީތީ މާތްﷲ ހަޟްރަތަށް ޝުކުރު ކުރީމެވެ. އެއީ އެ ކޮށިތައް ތެރޭގައި އެތައް ބަޔަކަށް އެ ޖަނަވާރުތައް ހަމަލާ ދިނުމުގެ ސަބަބުން ބައެއް މީހުން މަރުވެސް ވެފައި ވާތީއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ޖަންގަލީގެ ވެރިކަން ސިންގާ ކުރި ނަމަވެސް، ސިންގާ އަކާއި މިނިކާވަގެއް ކުރިމަތިލާ ކޮންމެ ފަހަރެއްގައިހެން ކާމިޔާބު ހޯދަނީ މިނިކާވަގުންނެވެ. އެހެންކަމުން މި ޖަނަވާރުގެ ނުރައްކާތެރިކަން މިކަމުން އެނގި ހާމަވެއެވެ.

ކޮންމެއަކަސް، މިއީ ވަރަށްވެސް ތަފާތު ކަމެކެވެ. ތައިލޭންޑަށް ގޮސްފިނަމަ މިނިކާވަގު ޝަހަރަށް ވަދެ މިކަން ތަޖުރިބާ ކޮށްލާށެވެ. އަނގައިން ބުނާ ބަސްކޮޅަކުން އެ އިހްސާސް ކުރެވުމަކީ ވާނޭ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަތުރުވެރިޔާ

    ނު ރައްކާ ނު ރައްކާ ވަ ރަށް ނު ރައްކާ ކަމެއް!!!!

    40
    2
  2. ފަރޭ

    ތިކަން ކޮއްފިން ލައްކަ ފަހަރު. އަހަންނައް އާ ކަމެއް ނޫން ތި އެއްޗެހިންނާއި އެކު ފޮޓޯ ނެގުމަކީ.

    8
    4
  3. ޖާޒީރާ ބޯއީ

    ފަހަރުގައި ކަލެޔަށް އާކަމަކަށްވެދާނެ އަހަރެން މިއުޅެނީ އަބަދުވެސް ތިޔަކަހަލަގެ ޖަނަވާރަށް ވުރެވެސް ނުރަށްކާ ބަޔަކާއެކު އެބައިމީހުންގެ ތެރޭގައި އެއީ އެމްޑީޕީ މީހުން.

    9
    1