ޒަމާނާއި މީހުން ބަދަލުވެ ކުރިއަރަމުން މިދާ ދުނިޔޭގައި އެއްބަޔަކަށް ނުކުރެވޭ ކަންތައްތައް އަނެއް ބަޔަކު ކުރަން މަސައްކަތް ކުރުމަކީ އާންމު ކަމެކެވެ. މީގެ ތެރޭގައި ތަހުޒީބާއި ނާތަހުޒީބު ކަންތައްތައް ހިމެނެއެވެ. ރަނގަޅު ކަންތައްތަކާއި ނުބައި ކަންތައްތައް ވެސް ހިމެނެއެވެ.

ލާމެހިފައި މިވާ ދުނިޔޭގައި އެތެރެއިން ނާއި ބޭރުން ކުރިމަތިވަމުން އަންނަ ނުރައްކާތަކުގެ ސަބަބުން ގައުމުގެ ގައުމީ ވަންތަކަމަށް އަރަމުންއަންނަ ލޮޅުން ބޮޑުވެ ބާރުވަމުން އަންނަ މިފަދަ ދުވަސް ވަރެއްގައި އަޅުގަނޑުމެން އަނެއްކާވެސް ފާހަގަކުރަމުން މިދަނީ މީގެ 31 އަހަރު ކުރިން ދިވެހިންގެ ތެރެއިން ބަޔަކު އަޑީގައި ތިބެގެން ދިވެހި ގައުމު އެމީހުންގެ އަޅުވެތި ކަމުގެ ދަށަށް ގެންދަން މަސައްކަތް ކުރި ދުވަހުގެ ހަނދާންތަކެވެ.

މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅާއި ދިވެހި އެތައް ދަރިންނެއްގެ ބުރަ މަސައްކަތްތަކާއި އެތައް ގުރުބާނީއެއްގެ ސަބަބުން ބާޣީންގެ އަތްދަށަށް ގައުމު ނުގޮސް އެދުވަހު ސަލާމަތްވި ނަމަވެސް އަދިވެސް އެބާޣީންގެ ވިސްނުމާއި ފިކުރު ހުރި މީހުން ދިވެހި ގައުމީ ފޭރާން ވީދާ އޮށްއޮށް ކޮށްލުމަށް ކެނޑެނޭޅި މަސައްކަތްކުރާ ކަން މިއަދު އަޅުގަނޑުމެން ހަނދާންކުރަން އެބަޖެހެއެވެ.

މިއަދު އަޅުގަނޑުމެން ނަޞްރުގެ ދުވަސް ފާހަގަކުރަމުން ދާއިރު މީގެ 31 އަހަރު ކުރިން ދިވެހި ގައުމާއި ކުރިމަތިވި ހަމަލާއަކީ ދިވެހިރާއްޖޭގެ ވަޠަނީ ޙަޔާތުގައި ދިވެހިން ދުށް އެންމެ ބިރުވެރި އެއް ހަމަލާއެވެ.

1988 ނޮވެމްބަރ 3 ވަނަ ދުވަހަކީ މުޙަންމަދު ޝަމްސުއްދީނު ފަނޑިޔާރު މަނިކުފާނާއި އޭނާގެ ކޮއްކޮ އަލްޚަތީބު އަޙްމަދު މުޙިއްދީނާއި ދެބެން ފަދަ އެތައް ބައެއް މިގައުމުގައި މިއަދުވެސް އުފެދިދާނެ ކަމާއި އެފަދަ މީހުން އަބަދުވެސް ފުރުސަތަކަށް ބަލަބަލާ ތިބޭނެ ކަން ހާމަވެގެން ދިޔަ ދުވެހެކެވެ.

1988 ނޮވެމްބަރ 3 ވަނަ ދުވަހަކީ މުހައްމަދު ތަކުރުފާނު ފަދަ ފަހުލަވާނުން މިގައުމުގައި އަދިވެސް އެބަތިބިކަމުގެ ފުރިހަމަ ހެކި އަޅުގަނޑުމެންގެ ކުރިމަތީގައި ފެނިގެން ދިއަ ދުވަހެކެވެ.

1988 ނޮވެމްބަރ 3 ވަނަ ދުވަހަކީ ދިވެހި ޙާއިނުންގެ ބަޔަކު އެންމެ މިޒަމާނުގެ ހަތިޔާރާއި އެކު އެމީހުންގެ އުފަން ބިމަށް އައިސް ވެރިކަމުގެ ދަހިވެތި ކަމުގައި ކުށެއް ނެއް އެތައް ދިވެހިންގެ ލޭ މިބިމަށް އޮހޮރާލި ދުވަހެވެ.

 

މިއަދު ރާއްޖޭއާއި ދުނިޔޭގެ ހާލަތު އޮތް ގޮތުން ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކަށް ފައިސާ ދީގެން ރާއްޖެ އައިސް ރާއްޖޭގެ ވެރިކަން ފުރޮޅާ ނުލެވޭނެކަން އެނގޭތީ މިއަދު މިގައުމުގެ އަދާވާތްތެރިން ކުރަމުންދާ މަސައްކަތަކީ ދިވެހިންގެ ސިކުނޑިތަކުގެ ތެރެއަށް ހުނޅަގުގެ ލާދީނީ ފިކުރު ވައްދާ ދިވެހި ދަރިންގެ ގައުމީ ލޭ ބޯލުމުގެ މަސައްކަތެވެ.

މިމަސައްކަތް މިގައުމުގެ ދުޝްމަނުންނަށް ކާމިޔާބު ވަމުންދާކަމުގެ ކޮޅުމަތި އަޅުގަނޑުމެންނަށް މިދަނީ ފެންނަމުންނެވެ. އެކާމިޔާބަކީ ގައުމުގެ އެއްބައިވަންތަކަން ގެއްލިގެންދާ ދިއުމެވެ. ބޭރުގެ ބާރުގަދަ ގައުމު ތަކުގެ ނުފޫޒު ރާއްޖޭގެ ދާހިލީ ކަންތައްތަކަށް ފޯރަމުންދާ ފޯރުމެވެ.

ނަތީޖާއަކަށް ވެގެންދާނީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ދީނާއި ގައުމީ ވަންތަކަން މާދަމާ މިގައުމާއި ހަވާލުވާ މީހުން ފޭރިގަތުމެވެ. އަޅުގަނޑުމެންނަކީ ދިވެހިން ކަމުގައި ނަން އޮވެ ސަގާފީ ގޮތުން އަމިއްލަ ކަންތައްތައް ފޭރިގެންފައިވާ ރެފިއުޖީންނަށް ވެގެން ދިއުމެވެ.

މިއަދު އަޅުގަނޑުމެންތެރެއިން ބަޔަކު ނިކުމެ "ފްރީޑަމް" އާއި "ހިއުމަން ރައިޓްސް" ގެ ނަމުގައި އަޅުގަނޑުމެންނަށް ވިސްނައިދެމުންދާ ތަކެތީގެ ސަބަބުން އެކަމުގެ އަސަރު ކުރަމުން މިދަނީ އަޅުގަނޑުމެންގެ ގައުމީ ރޫހަށާއި ގައުމީ ލޯއްބަށެވެ.

މިއަދު އަޅުގަނޑުމެން މިތިބީ ވަރަށް ބުރަ ވަރަށް ހައްސާސް މަސްއޫލިއްޔަތު ތަކެއް ކޮނޑުގައި އަޅައިގެންނެވެ. އެމަސްއޫލިއްޔަތަކީ އަޅުގަނޑުމެންނާއި ހަމައަށް މިގައުމު އައިއިރު މިގައުމުގައި އޮތް ގައުމީ ރުކުންތައް އަންނަން އޮތް ޖީލަށް މިގައުމު އެގޮތުގައި ރައްދުކޮށްދިނުމުގެ މަސްއޫލިއްޔަތެވެ.

އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ވާންޖެހެނީ މަހާތުމާ ގާންދީ ހިންދުސްތާނަށް ޓަކައި ވެވަޑައިގެންނެވި ފަދަ ގުރުބާނީއެއް އަޅުގަނޑުމެންގެ ގައުމަށް ވާންކެރޭ ފަދަ މީހަކަށެވެ. މުޙައްމަދު އަޅީ ޖިނާޙް ޕާކިސްތާނުގައި ވަތަނީ ލޯބި އުފެއްދުމަށް ކުރެއްވި މަސައްކަތް ކުރާ މީހަކަށެވެ. ބަންގާޅުގެ މާދަރީ ބަހަށްޓަކައި އެގައުމުގެ ރައްޔިތުންވީ ގުރުބާނީ އަޅުގަނޑުމެންގެ ގައުމަށްވާ ބަޔަކަށެވެ. އަދި ޝަހީދު ކޯޕްރަލް ހުސައިން އާދަމް ގައުމަށްޓަކައި ވެވަޑައިގެންނެވި ފަދަ ޤުރުބާނީއެއް ވާން ފަސް ނުޖެހޭނެ ފަދަ މީހަކަށެވެ.

ދަރުމަވަންތަ ރަސްގެފާނާއި، އުތީމު ރަދުންނެތް، ބޮޑު ރަސްގެފާނާއި، އައްސުލްތާން މުޙިއްދީނުލް ޢާދިލެއް، ކަލާފާނާއި އިސްކަންދަރު ރަސްގެފާނެއް، ދޮންބަންޑާރައިންނާއި، އަލި ރަސްގެފާނެއް އަދި ހުސެން އާދަމެއް މިއަދު އަޅުގަނޑުމެންގެ ތެރެއަކު ނެތެވެ.

މިފަނާވަނިވި ދުނިޔޭގެ ދަންފަޅި ހަމަކުރަށްވާ އެބޭފުޅުން އަބަދުގެ އަބަދަށް އަޅުގަނޑުމެންނާއި ވަކިވެގެން ދިޔައީ މާތްވެގެންވާ އިސްލާމް ދީނުގެ ބަރަކާތްތެރި ފޭރާން މުޅި ގައުމުގައި ލައްވާފައެވެ. އަޅުވެތި ކަމެއް ނެތި ދިރިއުޅެވޭނެހާ މަގުތައް ކޮއްޓަވާފައެވެ.

އެހެންކަމުން މިއަދު އަޅުގަނޑުމެން ފާގަކުރަމުންމިދާ ނަސްރުގެ ދުވަހު އަޅުގަނޑުމެން އާކުރަންވީ ހަނދާނަކީ ބާޣީންނާއި ބަޠަލުންނަކީ ކޮންބައެއް ކަމެވެ. އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެ ކަމެވެ. ނުބައެއްގެ ފަހަތުން ހެވެއް ނާންނާނެ ކަމެވެ. ކޮންމެ އެއްޗެއްގެވެސް މައިގަނޑު ބިނާވެގެންދާނީ އަޅާފައިވާ ބިންގާ މަތީގައި ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިވެއްސެއް

    ދިވެހިން މިކަންކަން ކިހާވަރަކަށް ހަނދާންހުރިކަން އެނގޭ އަންނި އައްޑުއަށް ދިޔައިމަ. 19 ދިވެހިން ޝަހީދުކޮށްލި ޓެރަރިސްޓުން ގޮވައިގެން އައި ލުތުފީ ފޮރުވައިގެން ގެންގުޅުނު ސަރުކާރަށް އަތްޖަހަން އައްޑޫއޮތީ. މާލޭގެ ވެސް ގިނަބަޔަކު ނުކުމެ މާއުކަމުން އަންނި އެރުވީ. ދެން ކޮން ވާހަކައެއް ދައްކާކަށް.

    42
    1
  2. ލައި

    އެކަހަލަ ދުވަހެއް އަދި އަންނަނަމާ.

    7
    27
  3. ޙަބަރުގެޔާ

    އަޅުގަނޑުމެން ކޮންކަމުތޯ ބާގީންގެ ހަނ ދާންތައް އާކުރަންވީ އެވެރިން ކުރީ މާމޮޅުކަމެއްވީމަތޯ

    8
    4
  4. ބަރުގޮނު

    ބަޠަލުން ގެ ހަދާން އާކޮށް ޝުކުރުވެތިވާން ޖެހޭ. އެކަމަކު ބާޣީން ގެ ހަދާން އާކުރާކަށް ނުޖެހޭ. އޭރުގެ ބާޣީންނަށްވެސް އަދި ކުރިޔަށް އޮތްތަނުގައި ދިވެހި ޤަވްމަށް ޣައްދާރުވެ ބޭރުމީހުން ޤަވްމަށް ފާކުރުވާ ބަލާވެރިކުރުވާން އުޅޭ މީހުންނަށް އަހަރެމެން އަންގަންވީ އެމީހުންނަށް އަހަރެމެން ހިތްހެޔޮނުވާނެކަން.

    24
    3
  5. ބުރޯ

    ބާގީންނާ ބަތަލުންގެ ހަނދާން އާކުރަންޖެހޭ އިރު ބާގީންގެ ކާޓޫނު މައްސަލަޔަކަށް ވާންވީ ކީއްވެ ؟ ބާގީންގެތެރޭ ފަޅާ އެރި ބާގީންނާ ފިލާތިބި ބާގީން ހިމެނުމަކީ މައްސަލައެއްތަ ؟ ބާގީވާނީ ފަޅާނޭރިޔަސް ބާގީއަކަށް.

    5
    2