ރާއްޖޭގެ ދެކުނުގައި އޮތް ލާމު އަތޮޅެވެ. ކުރީގެ ސައްޔާހުންގެ ފަތްފުތްތަކުން ބުނަނީ މެހެމާންދާރީގައި ފަހަތުގައި އޮތް ބައެއް ކަމަށެވެ. އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާގައި ދަށުގައި އޮތް ބައެއް ކަމަށެވެ. ވަރަށް ފަހަކާ ޖެހެންދެން ގިނަ ދިވެހިންވެސް ދެކެމުންއައީ މިފަދަ ގޮތަކަށެވެ. ލާމު އަތޮޅަށް ދާން އޭރު ގިނަ ބަޔަކު ޖެހިލުންވެއެވެ. މާރާމާރީއާއި ވައްކަން އާންމު ތަނެއް ކަމުގައި އޭރު ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް މިއަދު ލާމު އަތޮޅާ މެދު މިދައްކަނީ ތަފާތު ވާހަކައެކެވެ.

މިކަންތައް ފެށިގެން އައީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ފޭސްބުކް ޕޭޖެއް ހަދާ ލާމުގެ ފޮޓޯ އަޅަން ފެށީ ލާމު އަތޮޅު ޕްރަމޯޓް ކުރުމުގެ މަޤްސަދުގައެވެ. ލާމު އަތޮޅުގެ އަސްލު ވާހަކަ، އަސްލު ލާމު އަތޮޅުގެ ވާހަކަ ގިނަ ބަޔަކަށް ދައްކާލުމަށް ފެށި މަސައްކަތަށެވެ. "ވިޒިޓް ލާމު އެޓޯލް" ގެ މަސައްކަތެވެ.

ވިސިޓް ލާމު އެޓޯލް ގެ މަސައްކަތް މީގެ ކުރިންވެސް ވަރަށް ގިނައިން ފޭސްބުކް އަދި އިންސްޓަގްރާމް އިން ފެނެއެވެ. ނަމަވެސް މި ޓީމާ ބެހޭ ގޮތުން ބޮޑަށް ޝައުޤުވެރިކަން އުފެދުނީ އިއްޔެ އެ ޓީމުން ކުރި ޕޯސްޓަކާ ގުޅިގެނެއެވެ. އެ ޕޯސްޓްގައި ވިޒިޓް ލާމު އެޓޯލްގެ ފަހަތުގައި ތިބި ޓީމް މެންބަރުން އެމަސައްކަތް ފެށީ ކީތްވެގެންކަން ލިޔެފައިވެއެވެ. މި ޕޯސްޓް ތިރީގައި އެވަނީއެވެ.

ފެށިގެން އައީ ކިހިނެތް؟

"އަސްލު އޭ ލެވެލް ކިޔަވަން މާލެ އައިސް، ސްކޫލުގެ ފުރަތަމަ ދުވަހު ކޮން ރަށެއްހޭ އެހީމަ އަހަރެން ބުނީ ލާމު އޭ. ދެން ރަށް ބުނާށޭ ބުނީމަ ބުނީ ފޮނަދޫ އޭ. ފޮނަދޫ ބުނީމަވެސް ނޭނގިގެން ބުނީ ގަމޭ. އެވަރުންވެސް ނޭނގުނު" ވިސިޓް ލާމުގެ ފައުންޑަރ އަދި ސީއީއޯ މުޙައްމަދު އަރީޙް ބުނީ ވިޒިޓް ލާމު ފެށުނު ގޮތް ކިޔާދެމުން ބުންޏެވެ. ލާމު އަތޮޅުގެ ވާހަކަ ގިނަ ބަޔަކަށް ނޭނގޭތީ މިކަން ބަދަލު ކުރަން އޭރުއްސުރެ އަރީހު ބޭނުންވިއެވެ. "ބައެއް މީހުންނަށް ހީވެފައި އޮންނަނީ ގަން އެއީ އައްޑޫ ގަމޭ. އަދި ލާމު އެއީ ފުވައްމުލަކުހޭވެސް ބައެއް މީހުން އަހާ." އަރީހު ބުންޏެވެ.

"ވަގުތު" އަށް އިންޓަރވިއު ދެނީ ވަގުތު އިމޭޖްސް: މުޙައްމަދު އަފްޒަލް

އަރީޙް ބުނީ މިމަސައްކަތް ފުރަތަމަ ފެށީ ފޭސްބުކް ޕޭޖަކުން ކަމަށެވެ. އަދި އެއަށްފަހު އިންސްޓަގްރާމް ހޭންޑަލް އަދި ޓްވިޓަރ އެކައުންޓެއް ހެދި ކަމަށްވެސް އަރީހް ބުންޏެވެ.

"ފުރަތަމަ ފޭސްބުކް ޕޭޖަކަށް ލާމުގެ ފޮޓޯތައް އަޅަން ފެށީ. ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ އެކަމަށް. ދެން ހިތަށް އެރީ ފޮޓޯ އަޅަން އިންސްޓަގްރާމް ހޭންޑަލްއެއް ހަދާނަމޭ." އަރީޙް ބުންޏެވެ.

އަރީހް އިތުރަށް ބުނި ގޮތުގައި އޭނާ މިމަސައްކަތް ފަށާފައިވަނީ އޭނާގެ ގާތް އެކުވެރިންތަކަކާއެކުގައި ކަމަށާއި އެމީހުންގެ އެހީއާ ނުލާ މިއަދު ވިޒިޓް ލާމު މިއޮތް ހިސާބަށް ނުދާނެ ކަމަށެވެ.

"ފުރަތަމަ ލާމު ޕްރަމޯޓް ކުރުމަށް ބޭނުންވާ ވާހަކަ ބުނީ، ސަނީޙް ކައިރީގައި. ބުނި ވަރަށް ސަޅި ކަމެކޭ. އޭނަވެސް އުންމީދެކޭ އެއީ. ދެން އަނަސް ކައިރީގަ ބުނީ. ސާމިހް، ނުޒުހާ، އިންވާޒާ ކައިރީ މިކަން ކުރަން އުޅޭ ވާހަކަ ބުނީމަ އެމީހުންވެސް އިން ވީ. ދެން މިމައްސަކަތް ފެށީ." އަރީހް ބުންޏެވެ.

އަރީހް ބުނީ މިމަސައްކަތުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށާއި އެމީހުންގެ ނަން ވަކި ވަކިން ހަދައިފިނަމަ ނަމެއް އުނިވެދާނެތީ ކުރަން ބޭނުން ނުވާ ކަމަށެވެ.

ކުރިޔަށް އޮތީ ކޮންކަމެއް؟

މިހާތަނަށް ވިޒިޓް ލާމު އިންވަނީ ލާމު އަތޮޅު ޕްރޮމޯޓް ކުރުމަށާއި އަތޮޅުގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. މިގޮތުން ލާމު އަތޮޅުގެ ބައެއް ރަށްރަށް ސާފު ކުރުމުގެ ހަރަކާތްތަކެއްވެސްވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ތިމާވެއްޓަށް ލިބެމުންދާ ގެެއްލުންތަކަށް ރައްޔިތުން އަހްލުވެރި ކުރުމުގެ މަސައްކަތެއްވެސް ކުރިޔަށްވަނީ ގެންގޮސްފައެވެ. ވިޒިޓް ލާމު އިން ބުނީ ކުރިޔަށް ތާންގައިވެސް ގިނަ މަސައްކަތަކެއް ފެނިގެންދާނެ ކަމަށެވެ.

މިގޮތުން ބިދަބިންއާއެކު ލާމު އަތޮޅު ޕްރަމޯޓް ކުރަން ލަވައެއް ވަރަށް ކައިރި މުސްތަޤްބަލެއްގައި ނެރޭނެ ކަމަށް ވިޒިޓް ލާމުން މަޢުލޫމާތުދެއެވެ. އަދި ލާމު އަތޮޅާ ބެހޭ މަޢުލޫމާތު ހިމެނޭ ފޮތެއް ނެރުމަށްވެސް ނިންމާފައިވާ ކަމަށާއި އިތުރު "ސަޕްރައިޒް" ހުރި ކަމަށްވެސް އެޓީމުން ބުނެއެވެ.

ކޮންމެޔަކަސް "ވިޒިޓް ލާމު އެޓޯލް" ގެ ޓީމަކީ ވަރުގަދަ ޓީމެކެވެ. ގިނަ ގޮންޖެހުންތަކާ ކުރިމަތިލާ، ގިނަ ބައެއްގެ މަލާމާތާއެކުވެސް އަޒުމެއް އޮތް ނަމަ ކާމިޔާބީއަށް ވާސިލްވާނެކަން އަންގައިދިން ޓީމެކެވެ. އަޅުގަނޑުމެން އެންމެން އެދެނީ ޓީމަށް ކާމިޔާބީއެވެ.