ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންނަކީ ހީވާގި، ނަމޫނާ ބައެކެވެ. މާލެއާއި ރަށްރަށުގެ މަގުތައް ސާފުތާހިރުކޮށް ބެލެހެއްޓެނީ އެބޭފުޅުންގެ މިންނެތް ބުރަ މަސައްކަތުން ކަމީ އެއްވެސް ބަޔަކަށް އޮޅޭނެ ކަމެއް ނޫނެވެ. ވެމްކޯ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ސަތޭކަ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދީފައިވާ ދިވެހިން އާއިލާތައް ފަޚުރުވެރިވާން ޖެހޭ ކުންފުންޏެކެވެ.

ކުނި އުކުމަކީ ނުވަތަ ތަންތަން ސާފުކުރުމަކީ އެއީ ހަޑި މަސައްކަތެއް ނޫނެވެ. ހަގީގަތަކީ އެއީ ވަރަށް ހިތްވަރެއް ނެތް ބަޔަކަށް ކުރެވޭނެ މަސައްކަތެއް ވެސް ނޫނެވެ. މީހާގެ ހުންނަ ކަންނެތް ކަމުން ދެ ފޫޓު ދުރުގައި ހުންނަ ޑަސްބިނަކަށް ތިމާ ބޯލާ ކޮފީ ދަޅު އަޅާނެހާ ހިތްވަރުވެސް ބައެއް މީހުންގެ ކިބައިގައި ނުހުންނަކަމީ ފެންނަމުންދާ ހަޤީޤަތެވެ. ޖެހުނުހާ ތަނަކަށް ކުނި އުކައި، މުޅި ރަށުތެރޭގައި ކުނި ގިނަ ކުރުމަކީ އަމިއްލަ ވަތަން ދެކެ ލޯބިވާ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.

ގޭގައި އުކާލަން ޖެހޭ ކުނި ކޮތަޅު މިހާރު ވެމްކޯގެ މުވައްޒަފު އައިސް ގޭގެ ދޮރުގައި ޓަކި ޖަހާލީމަ، އެ މުވައްޒަފަކާ ހަވާލުކޮށްލީމަ، ކުނި އުކާލުމުގައި ތިމާގެ މަސްޢޫލިއްޔަތު ނިމުނީއެވެ. އެ ކުނި ކޮތަޅު ނައްތާލެވިގެން ދާނީ އެންމެ ރައްކާތެރި ކަމާއެކު ވެމްކޯގެ މުވައްޒަފުންގެ ބެލުމުގެ ދަށުންކަން ވެސް ދަންނަނީ މަދު ބައެކެވެ.

ރޭގަނޑުގެ ދަންވަރު ގަޑީގައި ވެމްކޯގެ ހީވާގި، ފިސާރި އަންހެން ކަނބަލުން މަގުމަތީގައި ހުންނަ ހުރިހާ ކުންޏެއް ކަހަލަ ގޮތަކަށް ނަގައި ސާފުކުރެއެވެ. ގޭތެރޭގައި ފިހިގަނޑުން ސާފުކޮށް، މޮއްޕު ޖަހާ އުސޫލުން މަގުމަތިވެސް މުޅިން ސާފުކޮށްލައެވެ.

އަނެއްކާވެސް، އާ ދުވަހެކެވެ. މިއީ ވެމްކޯގެ މުވައްޒަފުންގެ ކޮންމެ ދުވަހުގެ މަސައްކަތެވެ. ވަރަށް ބުރަކޮށް އެމީހުން އެކުރަނީ ޤައުމީ މަސައްކަތެކެވެ.

ހިތާމަޔަކީ، މަދުން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މަދުން ނަމަވެސް، "ހައިބަތު" ބޮޑުވެގެން ގޮސް، ފެންވަރު އޮޅޭ ހިސާބުގައި ތިބޭ ޖާހިލު ބަޔަކު އުޅޭ ކަމެވެ. ދަންނަވަން މިއުޅެނީ ވެމްކޯގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސް އަޅައި، އެމީހުންނަށް ޖިސްމާނީ ގޮތުން އަނިޔާ ކުރާ މައްސަލަތަކުގެ ވާހަކައެވެ. އަމިއްލަ ފަސްގަނޑު ސާފުތާހިރުކޮށް ބޭއްވުމަކީ އެމީހުންގެ ވާޖިބެއް ކަމަށް ދެކިގެން ވެމްކޯގެ މުވައްޒަފުން ކުރާ މަސައްކަަތުގައި، އެމީހުން ދަށު ދަރަޖައިގެ ބައެއްގެ ގޮތަށް ހަދައި، އެމީހުންނާ ދިމާލަށް ބޭނުން އެއްޗެއް ގޮވައި، އެމީހުންނަށް ހަމަލާވެސް ދީފައި އެބަހުއްޓެވެ.

އެގޮތުން، ދާދިފަހުން ވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި ވެމްކޯ މުވައްޒަފަށް ހަމަލާ ދިން މީހާ ވަނީ ކުނި ކޮތަޅުން އޭނާގެ ބޮލުގައި ޖެހުމަށްފަހު އޭނާގެ ގައިގައިވެސް ޖަހާފައެވެ. މައްސަލައަކަށްވީ، ރަޖިސްޓްރީނުކޮށް ހުރި ގޭބިސީއެއްގެ މީހަކު ކުނިކޮތަޅެއް އުކައި ދިނުމަށް އެދުމުން އެކަމަށް ވެމްކޯގެ މުވައްޒަފު އިންކާރު ކުރުމެވެ. މުވައްޒަފުންނަށް އޮންނަ އިޚްތިޔާރުގެ ދަށުން އެއީ ކުރެވޭނެ ކަމެއް ނޫންކަން ވިސްނައިދޭން އުޅުމުން ވެސް ކުރީ އަނިޔާއެވެ.

އެ ހާދިސާ އާއި ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވަނީ ވެމްކޯގެ މުވައްޒަފާއި ބައްދަލުކޮށް، އޭނާ ކުރަމުންދާ މަސައްކަތަށް ހިތްވަރު ދީފައެވެ. ވެމްކޯގެ އެމްޑީ ވިދާޅުވީ މުވައްޒަފު ކަންތައް ކޮށްފައި ވަނީ އެންމެ ރަނގަޅު ގޮތަށް ކަމަށާއި، ރަޖިސްޓްރީ ނުކުރާ އެއްވެސް ގޭބިސީ އަކުން ކުނި އުކުމަކީ އެކޯޕަރޭޝަނުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

މީގެ ދެ މަސްކުރިންވެސް ވަނީ ވެމްކޯގެ މުވައްޒަފަކަށް ހަމަލާދިން ވީޑިއޯއެއް އާއްމުވެފައެވެ. މީސް މީޑީއާގައި ދައުރުވި ވީޑިއޯ އަކުން ފެންނަ ގޮތުގައި އާއްމުންގެ މީހަކު ވަނީ މާލޭގެ މަގެއްގައި މަސައްކަތް ކުރަން ހުރި ވެމްކޯގެ މުވައްޒަފަކަށް ހަމަލާ ދީފައެވެ. އެސްލޯން ހޮޅިއެއް ބޭނުން ކޮށްގެން އެ މުވައްޒަފު ގައިގައި ތެޅި މީހާ ވަނީ ހަޑިހުތުރު ބަހުން އޭނާ އާއި ދިމާލަށް މުހާތަބުކޮށް، އޭނާއަށް އިންޒާރުވެސް ދީފައެވެ.

ނާތަހުޒީބު ބައެއް ދިވެހިންގެ ކުރިމަތީގައި ވެމްކޯ މުވައްޒަފުންނަށް ޤާނޫނެއްވެސް ނެތެވެ. ޤާނޫނަކީވެސް ތިމާ މީހާއެވެ. އެހެންވެގެން ނުވާނެއެވެ. ކުރަންވީ ޝުކުރެވެ. އެމީހުން ކުރާ މަސައްކަތަށް ދޭންވީ ހިތްވަރެވެ. ވެމްކޯގެ މުވައްޒަފުންނަކީ މިހާރުވެސް ކޮންމެ ދުވަހަކު 27000 އަށްވުރެ ގިނަ ގޭބީސީ އަށް ޙިދުމަތް ދެމުންދާ ބައެކެވެ. ތިމާ މީހާއަށް އެކަންކަން ކުރުމުގެ ޤާބިލުކަން ނެތް ކަންތައްތައް ކޮށްދޭތީ އެމީހުންނަށް ޝުކުރު އަދާކުރަން ޖެހެއެވެ. ވެމްކޯގެ މުވައްޒަފުންނަކީ މި ޤައުމުން ފެންނަން ހުރި ނަމޫނާ، ހިތްވަރުގަދަ ބައެކެވެ. އެމީހުންނަށްޓަކައި ޝުކުރުވެރިވާ ބައެއް ކަމުގައި ވަމާތޯއެވެ!

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައި ސީ!

    ވެމްކޯގެ މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް. އެންމެންގެ އިޙްތިރާމް ބޭނުންވާ ބައެއް. އެ ބޭފުޅުން އެކަން ނުކުރައްވާނަމަ މުޅި މާލެ ކުނިވާނެ. ޔަޤީން. ކުރިންވެސް އެކަން ތަޖުރިބާ ކުރެވިފައިވޭ.

    42
    1
  2. ދިހާސް

    ވެމްކޯ މީހުންއެކަނިތަ ރައްޔިތުންނައް ހިދްމަތް ދެނީ

    5
    22
  3. ވެމް

    ވެމްކޯ މުވައްޒަފުންނަށް ފަށްފަށުން ސާބަސް
    އެކަމަކު މާލޭގެ މަގުތަށް ސާފުކުރިއަކަސް ރާއްޖެތެރޭ ރަށްރަށުގެ މަގުތަކެއް ވެމްކޯއިން ސާފެއް ނުކުރައޭ އެނގޭތޯ
    މިލިޔުމުގަ މާލެއާ ރަށްރަށު މަގުތައް ވެމްކޯއިން ސާފުކުރައޭ ލިޔުނީ ކީއްވޯ ވަރަށްބޮޑަށް ސުވާލުއުފެދޭ

    12
    2
  4. ބުރޯ

    ވެމްކޯއަކީ ތަރައްގީގެ ނަމޫނާ ކުންފުންޏެއް .2008 ގެ ކުރިން ގޮނޑަށް އަޅަމުންގެންދިޔަ ކުނި ހުސްކުރުމަށް ޕަބްލިކް ވޯކްސް ގެ ވޭސްޓް މެނޭޖްމަންޓް އިން ކުރަމުނއައިސް 2008 ގަ އައި ސަރުކާރުން ވޭސްޓް މެނޭޖްމަންޓް އުވާލާ ފަހެދި ކުންފުނި ނަމުގަ އިންޑިޔާ ކަމުގަ ކަރުދާހު ކުންފުނި މަސައްކަތް ނުކޮށް މާލެ ކުނިގޮނަޑަކަށް ވިހަނދާން ހުރީ ކިތައްމީހުންބާ؟ސްކޫލްތަކުގާ ކިޔަވާނުދެވިގެން ކިތައްދުވަހު ސްކޫލް ބަންދުކުރަންޖެހުނު ހަނދާންހުރީ ކިތައްމީހުންބާ ؟މިއަދު މިއޮތް ވެމްކޯ އައިފަހުން ކުނި މެނޭޖް ކުރުމުގެ ހުރިހާކަމެއް އަވަސް ސްޕީޑް ގާކުރިޔަށް ދިއުމުން ދޭހަކޮށްދެނީ ވޭތިވެދިޔަ 5 އަހަރުގެ ސަރުކާރުގެ ގާބިލްކަން. ވެމްކޯ އަކީ ގައުމު ފަހުރުވެރިވާފަދަ ކުންފުންނެއް .

    14
    1
  5. ވަރަށް ވާހަކަ

    ވެމްކޯ ގިނަ މުވައްޒަފުންނަކީ ވަރަށް ކަމަށް ކަމޭ ހިތައިގެނަ ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ބައެއް ޙިދުމަތް ދިނުން ވަރަށް ރަނގަޅު. އެކަމު ބައެއް މީހުން ހީވާނީ ބޮޑުވެފަ ތިބޭހެން... ވަރަށް ހުތުރުކޮށް މުހާތަބުކުރުމުގެ އިތުރަށް ގޯތި ގެދޮރަށާއި މުދަލަށް ވެސް ގެއްލުން ދޭ.. ???

    2
    7
  6. Anonymous

    ވެމްކޯ ގެ މުވައްޒަފުން ކޮށްދެއްވާ ހިދުމަތަށް ޝުކުރުވެރިވަން. ދިވެހިން ތެެރޭގައި މަދު ބަޔަކު ހިދުމަތުގެ އަގު ވަޒަން ނުކޮށް، ބަހުންނާއި އަމަލުން ފުރައްސާރަ ކުރަނީ އެމީހުންގެ ބޯދާ ވިސްނުމުގެ ސަބަބުން. އިރާދަ ކުރެއްވިއްޔާ، އަދި ކައިރި މުސްތަގުބަލެއްގައި އެމީހުންގެ ވެސް ވިސްނުން ބަދަލުވާނެ.