ދިވެހިރާއްޖޭގައި މިހާރު ހުރި ތާރީޚީ ތަރިކަތަކަށް ބަލާއިރު، އެންމެ އިތުބާރުކުރެވޭ ލިޔުންތައް، އެ އެއްޗެއްގައި ބަޔާންވެފައިވާ އެއްޗަކީ ލޯމާފާނުތަކެވެ. ދިވެހި ބަސް ފޮތުގައިވާ ގޮތުން ލޯމާފާނު ނުވަތަ މާލޯފާނަކީ، ރަދުންގެ އަމުރުފުޅުތަކާއި، ތާރީޚީ ވާހަކަތައް ލިޔުމަށް ލޮއިން ނުވަތަ އެނޫންވެސް ވިރިކެކޭ މަޢުދަނަކުން ހަދައިފައި ހުންނަ ހަނިދިގު ފޮތިތަކަކަށް ކިޔާ ނަމެކެވެ. ދިވެހިރާއްޖެ މިއަދާ ހަމައަށް އައިއިރު ފެންނަން އޮތީ، ހަތަރު ލޯމާފާނެވެ. އެއީ، އިސްދޫ ލޯމާފާނާއި، ދަނބިދޫ ލޯމާފާނާއި، ގަމު ލޯމާފާނާއި، ހައްދުންމަތީ ލޯމާފާނެވެ.

މީގެ އިތުރަށް، ބޮޑުގަލު މިސްކިތު ލޯމާފާނު ވެސް، ކުރިން އޮތްކަމަށް ބުނެވެއެވެ. އަޅުގަނޑުގެ މި ލިޔުމުގައި އަލިއަޅުވައިލާނީ، މީލާދީ ސަނަތުން އެގާރަ ސަތޭކަ ސަޔާނަވައިވަނަ އަހަރާއި، އެގާރަ ސަތޭކަ ސަތާނަވައިވަނަ އަހަރާއި ދެމެދު، އެވޭލާ އަކުރުން ލިޔެފައިވާ "ދަނބިދޫ ލޯމާފާނު" ގައި ހިމެނޭ ބައެއް ލަފުޒުތަކަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށެވެ. އަދި ހަމަ އެހެންމެ ބަސްފޮތުގައި ހިމެނޭ އިހުގެ ބައެއް ލަފުޒުކަށް، އައިސްފައިވާ ބަދަލުތަކުގެ މައްޗަށެވެ.

މި ގޮތުން، އަޅުގަނޑު ބަލައިލާނީ، "ޝ" އާއި، "ސ"، މި ދެ އަކުރުން ފެށޭ ބައެއް ލަފުޒުތަކުގެ މައްޗަށެވެ. އާދެ! އިހުގައި ބޭނުންކުރަމުންއައި "ޝ" އާއި، "ސ"، މި ދެ އަކުރުން ފެށޭ ގިނަ ލަފުޒުތައް، މިހާރު ފަށައިފައި ހުންނަނީ "ހ" އިންނެވެ.

"ދަނބިދޫ ލޯމާފާނު" މި މައުޟޫޢުގެ ދަށުން، އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭފާނު ލިޔުއްވައިފައިވާ ލިޔުއްވުމުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި، "ސ" ގެ އަޑަށް ނިސްބަތްވާ އަކުރުހުރި ވަރަށް ގިނަ ތަންތަނުގައި، ޢަލީ ނަޖީބު އެ ލަފުޒު ކިޔާގޮތް ލިޔުއްވައިފައިވާއިރު، "ހ" ބޭނުންފުޅު ކުރައްވައިފައި އެބަހުއްޓެވެ.

ދިވެހި ތާރީޚީ ޢިލްމުވެރިޔާ، އަލްމަރުޙޫމުލް އުސްތާޒު މުޙައްމަދު އިބްރާހިމް ލުޠުފީ ބަޔާން ކުރައްވައިފައިވެއެވެ. "އެވޭލާ އަކުރުން ހުރި ލޯމާފާނުގައި ތިން ގޮތަކަށް އޮންނަ ތިން ސީނު ވެއެވެ. މީގެތެރެއިން އެއް ސީނަކީ ސީނަކަށް ނުވާ ހާ (ހ) އަކަށް ކިއިދާނެ ސީނެކެވެ. އަނެއް ދެ ސީނުގެ ތެރެއިން އެއް ސީނަކީ ލުއިކޮށް ކިޔޭ ސީނެކެވެ. ދިވެހިންގެ ސީނާ ގުޅެނީ މި ލުއި ސީނެވެ. ތިންވަނަ ސީނަކީ ބަރުކޮށް ކިޔޭ ސީނެކެވެ.

އާދެ! މިއީ، ޝީނުގެ މަޤާމު ފުރައިދޭ އަކުރެވެ. މިހެން ކަންއޮތުމާއެކު އެވޭލާ އަކުރުގައި ހާ ( ހ ) ސީނަކަށް ބަދަލެއް ނުވާނެއެވެ. ނަމަވެސް ކޮންމެ ސީނެއް ހާ އަކަށް ( ހ ) ބަދަލުވެދާނެއެވެ. މިސާލަކަށް: ސިދެ (ހިނދެ)، ސޯމަ ( ހޯމަ ) އެވެ." (މުޙައްމަދު އިބްރާހިމް ލުޠުފީ، ފަތްތޫރަ، ލޯމާފާނު- 14)

މިހާ ހިސާބުން، މި ބަލައިލަނީ ދަނބިދޫ ލޯމާފާނުގައި ހުރި، ސީނުން ފެށޭ ލަފުޒުތަކެއްގެ މައްޗަށެވެ. ދަނބިދޫ ލޯމާފާނުގެ އެގާރަ ވަނަ ލޯފޮތީގެ ދެވަނަ ފުށުގައި "...ދަބުދުވުސުޅިއަބުދުވާއި.." (އަލްމަރުޙޫމު ޢަލީ ނަޖީބުގެ ތަރުޖަމާއިން ނަގައިފައި ) މި ގޮތަށް ބަޔާންވެފައިވެއެވެ. އޭގެ މާނައަކީ، "...ދަނބިދޫ ހުޅިޔަންދޫ އާއި.." (އަލްމަރުޙޫމު ޢަލީ ނަޖީބުގެ ތަރުޖަމާއިން ނަގައިފައި ) އެވެ. އާދެ! އިސްވެ ބަޔާންކުރި ފަދައިން، އިހުގައި ބޭނުންކޮށް އުޅުނު "ސުޅިއަބުދުވަ"، މިހާރު މިވަނީ "ހުޅިޔަންދޫ" އަށް ބަދަލުވެފައެވެ. "ސ" ބަދަލުވެފައި މިވަނީ "ހ" އަކަށެވެ. "ސެނެވިރަސް" އަކީ، ދަނބިދޫ ލޯމާފާނުގެ ސޯޅަވަނަ ލޯފޮތީގެ ފުރަތަމަ ފުށުގައި ބަޔާންވެފައިވާ ލަފުޒެކެވެ. އޭގައި ވަނީ، "ފެހެންދުވެންގެ ފެހިފުނަވަސް ބުދުހިރުނަމު ސެނެވިރަސީން މަންޝްރީ" މި ގޮތަށެވެ. މާނައަކީ، "ފެހެންދޫގެ ފެހިފުނަ އާޢިލާގެ ބުދުހިރު، އަސްކަރުގެ ވެރިޔާގެ ނަން ލިބިފައިވާ ވަޒީރެވެ." (އަލްމަރުޙޫމު ޢަލީ ނަޖީބުގެ ތަރުޖަމާއިން ނަގައިފައި)

އަލްފާޟިލާ ނަސީމާ މުޙައްމަދު ލިޔުއްވައިފައިވަނީ، އިސްވެ ދެންނެވި ފަދައިން، "ސެނެވިރަސް" މި ގޮތަށެވެ. މާނައެއްކަމުގައި ލިޔުއްވައިފައި އޮތީ، "ހެނެވިރަސް" ނުވަތަ އަސްކަރުގެ ވެރިޔާއެވެ. ދިވެހި ބަސްފޮތުގައި އޮތީ، "ސެނެވިރަސަ" އާއި، "ހެނެވިރަސަ" މި ގޮތަށެވެ.

މާނަތަކަށް ބަލާއިރު، ހެނެވި ރަސްގެ، ރަސްކިލަގެ، ބަދަލުގައި ރަސްކަން ހިންގާ ވަޒީރު، ރަނިކަނބަލުންގެ ފިރިންނަށް ދެވޭ މަޤާމެއް، މި މާނަތައް ހިމެނެއެވެ. އާދެ! "ސެނެވިރަސް"، ބަދަލުވެފައި މިވަނީ "ހެނެވިރަސް" އަށެވެ. "ޝަދިއާ" އަކީ، ވެސް، ދަނބިދޫ ލޯމާފާނުގައި ބަޔާންވެފައިވާ ލަފުޒެކެވެ.

ތިންވަނަ ލޯފޮތީގެ ދެވަނަ ފުށުގައި ބަޔާންވެފައިވަނީ "ޝަދިއާ ދެނީކޮށު" މި ފަދައިންނެވެ. މާނައަކީ، "ހަދިޔާ ދިނެވެ." (އަލްމަރުޙޫމު ޢަލީ ނަޖީބުގެ ތަރުޖަމާއިން ނަގައިފައި ) އަލްމަރުޙޫމުލް އުސްތާޒު މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވައިފައިވެއެވެ.

"އެވޭލާ އަކުރުގައި ދެގޮތަކަށް ލިޔެވޭ އަލިފު (އ) އޮވެއެވެ. މިއިން ކޮންމެ އަކުރެއް ޔާ (ޔ) އެއްގެ ބަދަލުގައި ޔާ ތަމްސީލުކޮށްދިނުމަށް ލިޔެވެއެވެ. މިކަމުން ވިސްނެނީ އެވޭލާ އަކުރުން ލިޔުނު ޒަމާނުގައި ޔާ އަށް ކަނޑައެޅިފައި އޮންނަ ވަކި އަކުރެއް ނެތްކަމެވެ. ދިވެސް އަކުރުގެ ޒަމާނުން ފެށިގެން ދިވެހިބަހުގެ ތެރެއަށް ޔާ އިތުރުކުރެވުނީ ފާރިސީބަހާއި ޢަރަބިބަހުގެ ނުފޫޒު ދިވެހިބަހަށް ފޯރުމުންނެވެ."(ފަތްތޫރަ، ލޯމާފާނު 14)

އާދެ! އިސްވެ ދިޔަ ވާހަކަތަކަށް ބަލާއިރު، "ޝަދިއާ" މި ލަފުޒުގައި އޮތް "އ"، ޔާ(ޔ) އަކަށް ބަދަލުވުމުން ކިޔޭނީ "ޝަދިޔާ" މި ގޮތަށެވެ. "ޝަދިޔާ" ގެ "ޝ"، ހާ(ހ) އަކަށް ބަދަލުވުމުން ކިޔޭނީ "ހަދިޔާ" އެވެ. ދިވެހި ބަސްފޮތުގައި، "ޝަދިޔާ" މި ލަފުޒު ބަޔާންވެފައިވަނީ، (ސަދިޔާ) މި ފަދައިންނެވެ.

"ސެތަރުވަނަ" ވެސް، ލޯމާފާނުގައި ބަޔާންވެފައިވެއެވެ. ދެވަނަ ލޯފޮތީގެ ފުރަތަމަ ފުށުގައި "އެކަ ރާއްދަ ވުނަދަ ސެތަރުވަނަ އަވްރޮދުން" މި ގޮތަށް ބަޔާންވެފައިވެއެވެ. މާނައަކީ، "މުޅި ރާއްޖޭގެ ރަސްކަލަކަށްވީ ދުވަހުން ފެށިގެން ހަތަރުވަނަ އަހަރު ތެރޭގައި" މިއެވެ. (އަލްމަރުޙޫމު ޢަލީ ނަޖީބުގެ ތަރުޖަމާއިން ނަގައިފައި) "ސެތަރުވަނަ" އަކީ، ހަތަރުވަނައެވެ.

ދަނބިދޫ ލޯމާފާނުގައި "ޝަތަރު" މި ގޮތަށް ވެސް ބަޔާންވެފައިވެއެވެ. "ޝަތަރު" ގައިވާ "ޝ"، ހާ(ހ) އަކަށް ބަދަލުވުމުން ކިޔޭނީ، "ހަތަރު" މި ގޮތަށެވެ. ދިވެހި ބަސްފޮތުގައި "ޝަތަރު"، މި ލަފުޒު އޮތީ "ސަތަރު"(ހަތަރު) މި ގޮތަށެވެ.

ދިވެހި ބަހުގެ މުޙާވިރާގެ ތެރޭގައި، "ރީތި ގަހަށް ބޮޑު ސަތަރު ވެއްޓުން" މި ފަދައިން އޮންނަ މިސާލު ބަހެއްވެއެވެ. ނަމަވެސް، މި މިސާލު ބަހުގައިވާ "ސަތަރު" އެއީ، އެހެން އެއްޗެކެވެ. ދިވެހި ބަސްފޮތް ބުނާގޮތުގައި އެއީ، ވަކި ގޮތަކަށް ހުންނަ ޚާއްސަ ކުރެހުމެއް އެޅީމާ ރާރާ ގުޑިއަށް ކިޔޭ ނަމެކެވެ. އާދެ! ސީނުން (ސ) ފެށޭ ގިނަ ލަފުޒުތައް، މިހާރު ކިޔައި އުޅެނީ، ހާ (ހ) ގެ އަޑުންނެވެ.

އަޅުގަނޑު އިސްވެ ބަޔާންކުރި ލަފުޒުތަކުގެ އިތުރަށް ވެސް، މި ފަދަ ކިތަންމެ ލަފުޒެއް ފެންނަން އެބަހުއްޓެވެ. މި ގޮތުން "ސަތާވީސް" ގެ ބަދަލުގައި، މިއަދު ބޭނުންކުރެވެނީ "ހަތާވީސް" މި ގޮތަށެވެ. "ސިންނަ" ނުވަތަ "ސިންޔަ" ގެ ބަދަލުގައި، "ހިންނަ"( މީހުން އުޅޭ ރަށްރަށުގައި ވަރުވާއަށް ލިޔެ ދެވޭ ގޮތަށް ޚާއްސަކޮށްފައިވާ ބިންބިން. މިސާލު: ލ.ގަމުގައި އޮންނަ ކުރުހިންނަ އާއި މާހިންނަ) މި ގޮތަށެވެ.

"ސަކުރު" ގެ ބަދަލުގައި، "ހަކުރު" މި ގޮތަށެވެ. "ސަނޑޫ" ގެ ބަދަލުގައި، "ހަނޑޫ" މި ގޮތަށެވެ. "ސިއަ"( ނުވަދިހަ ހަޔެއް، ސަތޭކަ ފަންސަވީސް ފުއް ބޮލި، ހިތް[ބޯދާ]، ހިތްހެޔޮ.) ގެ ބަދަލުގައި، "ހިއަ" ( "ހިއަ" ގެ އިތުރު ދެ މާނައެއް ވެސް އެބައޮތެވެ. އެއީ، "އުރަ" އާއި، "ހެއުގުނަ" އެވެ.) އެވެ. "ހިއަ" ގެ ބަދަލުގައި، "ހިޔަ" މި ގޮތަށެވެ.

"ސިދެ" ގެ ބަދަލުގައި، "ހިނދެ" ނުވަތަ "ހިނދު" މި ގޮތަށެވެ. އިހުގައި ދިވެހިރާއްޖެއަށް ކިޔައި އުޅުނު ނަންތަކުގެ ތެރޭގައި، "ސާސްތުރަވަތި" ނުވަތަ "ސާސްތުރަވަތް" ހިމެނެއެވެ. މާނައަކީ، އެއްހާސް ރަށުގެ މައްޗަށް އެކުލެވިގެންވާ ދިވެހިރާއްޖެއެވެ. "ސާސްތުރަވަތި" މި ލަފުޒުގައިވާ، "ސާސް" ބަދަލުވެފައިމިވަނީ، "ހާސް"[1000] އަށެވެ. ހަމަ އެހެންމެ "ސިޕުން" އަކީ ވެސް، އިހުގެ ބޯދާ ލަފުޒުތަކުގެ ތެރެއިން ލަފުޒެކެވެ. މި ލަފުޒުގައިވާ ސީނު( ސ )، މިހާރު ބަދަލުވެފައިވަނީ، ހާ(ހ) އަށެވެ. ޕަވިޔަނި ( ޕ ) ބަދަލުވެފައިވަނީ ފާފު ( ފ ) އަށެވެ.

އާދެ! މިހާ ހިސާބުން، އަލްމަރުޙޫމުލް އުސްތާޒު މުޙައްމަދު އިބްރާހިމް ލުތުފީގެ ލިޔުއްވުމަކަށް ނަޒަރެއް ދެއްވެވުން ކީއްތޯއެވެ. "ލޯމާފާނުގައި "ފ" ނުވަތަ "ޕ" ކަމުގައި ލިޔެފައި އޮންނަ އަކުރު އެއްބަޔަކު އެއީ "ފ" އެއްކަމަށް އަނެއްބަޔަކު އެއީ "ޕ" ކަމަށް ބަލައިގެން ލިޔެފައި ހުރެއެވެ. ލޯމާފާނުގައިވާ މިއަކުރު އާދެ! (ފ އާއި ޕ) ގައި ކުޑަވެސް ތަފާތެއްނެތެވެ. ވީމާ އެދެގޮތުން ކުރެ ކޮންމެ ގޮތަކަށްވެސް ކިއިދާނެއެވެ."

އަދިވެސް ލިޔުއްވައިފައިވެއެވެ. ".... ވީމާ އަޅުގަނޑު ދެކޭގޮތުގައި އަދި އަލްފާޟިލް ޢަލީ ނަޖީބުވެސް ބުރަވެ ވަޑައިގަންނަވާގޮތުގައި އެވޭލާ އަކުރުން ލިޔެފައިވާ އެއްވެސް ލިޔުމެއް މިޒަމާނުގެ ތާނައަށް ބަދަލުކުރާއިރު "ޕ" ބޭނުންކޮށްގެން ނުވާނެއެވެ. "ސުންނާޕަތި" މިގޮތަށް ލިޔުމުގެ ބަދަލުގައި ލިޔަންވާނީ "ސުންނާފަތި" މިގޮތަށެވެ."( ފަތްތޫރަ، ލޯމާފާނު-14) އާދެ!

އިސްވެ ބަޔާންކުރި، އަލްމަރުޙޫމުލް އުސްތާޒު މުޙައްމަދު އިބްރާހިމް ލުޠުފީގެ ބަސްފުޅުތަކުގައިވާ އުސޫލުތަކަށް ބަލާއިރު، "ސިޕުން" ގައި އޮތް ޕަވިޔަނި(ޕ)، ފާފު(އަށް) ބަދަލުވެފައިވެފައިވަނީއެވެ. "ސިޕުން" އަށް މިހާރު ކިޔައިއުޅެނީ "ހިފުން" މި ފަދައިންނެވެ.

އާދޭހެވެ. މިނޫނަސް ކިތަންމެ ލަފުޒަކަށް، މި ކަހަލަ ބަދަލުތައް އައިސްފައި އެބަހުއްޓެވެ. އަންނާނޭ ވެސް މެއެވެ. ޒަމާންތައް ދައުރުވަމުންދާހެން، މި ކަހަލަ ކަންތައްތަކަށް ބަދަލު އައުމަކީ ދުނިޔޭގެ ސުންނަތެވެ. އެހެންނަމަވެސް ފާހަގަކޮށްލަންޖެހޭ މުހިއްމު ނުކުތާއަކީ، އިސްވެ ބަޔާންކުރި ފަދަ ބަދަލުތައް އައިސްފައިވަނީ އެދެވޭ ގޮތެއްގައިކަމެވެ. ހަމަ ހުރެފައި، އެއްވެސް އުސޫލެއްނެތި ބަދަލުވީކީ ނޫންކަމެވެ. އެއްވެސް ޝައްކެއްނެތެވެ. އިސްވެ ބަޔާންކުރި ވާހަކަތަކުން ހާމަވެގެންދަނީ، ދިވެހިބަހަކީ ކޮންމެ ޒަމާނެއްގައި ވެސް، ބޭނުންކުރެވިދާނެ، ޝުޢޫރުތައް ފާޅުކުރެވިދާނެ، މުއްސަނދި ބަހެއްކަމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިޓް

    ނަސީބެއްނުން ބަދަލުވި ކަން

    • ސަލާމަތް

      ކިރިޔާ މި ސަލާމަތްވީ

  2. King

    ???