އަލީ އަޝްފާޤް ނުވަތަ (ދަނގަޑޭ) އޭ ބުނުމުން ނޭގޭނެ ދިވެއްސެއް މިފަސްގަނޑުގައި ނުހުންނާއެވެ. ޤައުމަށްޓަކައި އޭނާ ވެފައިވާ ޤުރުބާނީއާއި، ޤައުމަށް ރީތިނަން ހޯދައި ދިނުމުުގައި އޭނާ ކުރި މަސައްކަތްތަކާއި، ހިތްވަރަކީ ދިވެހި ތާރީޚުން ޖާގަ ހޯދާފައިވާ މަސައްކަތްތަކެކެވެ. އޭނާގެ ފުޓުބޯޅައިގެ ހުނަރާއި، މޮޅުކުޅުމަށް ތައުރީފް ނުކުރާ ފުޓުބޯޅައަށް ލޯބިކުރާއެއްވެސް މީހެއް މި ދެކުނު އޭޝިއާ ސަރަހައްދުގައިވެސް މަދުވާނެއެވެ.

މިއަދު އޭނާއަކީ ފުޓުބޯޅަ ކުޅުމާއި ދުރަށް ދިއުމަށް ނުވަތަ ރިޓަޔާ ކުރާ އުމުރުގައި ހުރި ކުޅުންތެރިއެކެވެ. ޤައުމީ ޓީމަށް މެދުނުކުޑި 14 އަހަރު ކުޅެދީ އެތަކެެއް ކާމިޔާބް ތަކެއް ޤައުމަށް ހޯދާފައިވާ ޤައުމީ ބަތަލެކެވެ. އަޝްފާގު ފަދަ ޚިދުމަތްތެރި އަކާއި ގުޅޭގޮތުން ލިޔެވޭ މިފަދަ ލިޔުމެއްގައި ކޮށްދީފައިވާ ހުރިހާ ޚިދުމަތެއް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ސްކޫލުދައުރުގައި މަޖީދިއްޔާ ސްކޫލުގެ ކެޕްޓަން ބޭންޑު އަޅައިގެން އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގައި އަޝްފާޤު ދެއްކި މޮޅު ކުޅުމާއިއެކު އޭނާ ވަނީ އުމުރުން އެންމެ 16 އަހަރުގައި ރާއްޖޭގެ އެންމެ ވަރުގަދަ އެއްކުލަބު ކަމުގައިވާ ކުލަބު ވެލެންސިޔާ އިން ޖާގަހޯދާފައެވެ.

އޭއެފްސީ ކަޕް 2013 ގައި ދަގަނޑޭ ނިއުރޭޑިއަންޓަށް ކުޅެ، ގްރޫޕް ސްތޭޖް ނިމުނު އިރު، 3 ވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ލަގަބު ހޯދި -ފޮޓޯ: ފޭސްބުކް

އެޔަށްފަހު އޭނާ ވަނީ މިހާތަނަށް ރާއްޖޭގެ އެންމެ ބޮޑެތި ކުލަބުތަކަށް ކުޅެ މޮޅު ކުޅުމެއް ދައްކާފައެވެ. 2003 ވަނަ އަހަރު އުމުރުން އެންމެ 18 އަހަރުގައި ޤައުމީ ފުޓުބޯޅަ ޓީމާއިއެކު އަޝްފާޤު ފެއްޓި ޤައުމީ ޚިދުމަތުގައި އޭނާ ވަނީ ފުޓުބޯޅާގައި ރާއްޖޭގައި ހެދޭނެ ހުރިހާ ރެކޯޑެއް ހަދައި ސަރަހައްދީ ފެންވަރުގައާއި، ދުނިޔޭގެ ފެންވަރުގެ ރެކޯޑްތައްވެސް ހަދާފައެވެ. މި ހުރިހާ ސަބަބަކާއި ހެދި އަޝްފާޤަކީ އެންމެންގެ ލޯތްބާއި އިޚުތިރާމް ހޯދާފައިވާ ފަރާތެކެވެ.

އަލީ އަޝްފާގް، ކްލަބް ވެލެންސިއާއަށް ކުޅުނު ދުވަސްވަރުގެ ތެރެއިން: ފޮޓޯ - އަލީ އަޝްފާގް ފޭސްބުކް ޕޭޖް

ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑެތި ބާރުތަކުން ވޯލްޑުކަޕް ތަށި އެޤައުމެއްގައި ބަހައްޓަން ކުރާ އުންމީދުތަކެކޭ އެއްފަދައިން ދިވެހި ރައްޔިތުންވެސް އެންމެ ކުރިންފެށިގެން ސަރަހައްދުގެ އެންމެބޮޑު ފުޓުބޯޅަ މުބާރާތް "ސާފް ޗެންޕިއަންޝިޕް" ތަށި ރާއްޖެ ހޯދާނެ ދުވަހަކަށް ދިޔައީ އިންތިޒާރު ކުރަމުންނެވެ. މި އުންމީދަށް 2008 ވަނަ އަހަރު ނިމުން ގެނައުމުގައިވެސް ދިވެހިން ފަޚުރުވެރިވާ ޤައުމީ ކެޕްޓަން އަޝްފާޤުވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ޤައުމީ ޓީމަށް މިދިޔަ 14 އަހަރުގައި ކުޅެދިން 78 މެޗުގައި 52 ލަޑު ޖަހާދީފައެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށްޓާއި އެކު ދަގަނޑޭ އާއި އޮއްޕޮ -- ފޮޓޯ: އިމޭޖަސް.އެމްވީ

އަޝްފާގުގެ ފުޓުބޯޅައިގެ ހުނަރަކީ ދުނިޔޭގެ އެތައް ޤައުމަކުން އަދި އެތައް ޓީމަކުން ސަމާލުކަން ހޯދި ހުނަރުތަކެކެވެ. އޭނާ ހޯދުމަށް ސްޕެއިންއާއި، ޕޯޗުގަލް އަދި ސަރަހައްދީ ބޮޑެތި ޓީމުތަކުން މަސައްކަތް ކުރިކަމީ މިކަމުގެ އެންމެބޮޑު ހެއްކެވެ. އޭނާ ވަނީ މީގެ ތެރެއިން ބައެއް ފުރުސަތުތަކުގެ ބޭނުން ހިފައި ޤައުމަށް ރީތިނަން ހޯދައި، ރާއްޖޭގެ ނަން އެޤައުމުތަކުގައިވެސް ފަވާލާފައެވެ. އެގޮތުން މެލޭޝިއާގެ ފުރަތަމަ ޑިވިޝަންއާއި، ސުޕްލީގުގައި އަޝްފާޤު ވަނީ ކުޅެ އެޤައުމުގައި ކުޅޭ ޤައުމުން ބޭރު އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފް އެއްފަހަރަށްވުރެ ގިނަފަހަރު ހޯދާފައެވެ. އަދި އެޤައުމުގެ ޤައުމީ ޓީމު ކުޅޭ ބައެއް މެޗުތަކުގައިވެސް ޤައުމުން ބޭރު ކުޅުންތެރިން ތަކުގެ ތެރެއިން ޖާގަދޭ ފުރަތަމަ ކުޅުންތެރިއަކަށް ވެފައިވަނީވެސް އަޝްފާޤެވެ. މިއީ މިހާތަނަށް ދިވެހި އެއްވެސް ކުޅުންތެރިޔަކަށް އެތުލީޓަކަށް ހާސިލް ކުރެވިފައިވާ ކަންކަމެއް ނޫނެވެ. މިއީ އާދައިގެ މީހަކަށް އާދައިގެ ކުޅުންތެރިޔަކަށް ކުރެވޭ ވަރަށްވުރެއް މާބޮޑު މާ އުދަގޫ ކަންކަމެވެ.

މެލޭޝިއާގެ ޕީއާރުޑީއެމް އެފްއޭގައި އަޝްފާގް ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ: އޭޝިއާނާ.އެމްވައި

އަޝްފާޤަކީ ކޮއްޓުމާއި، ނެއްޓުމާއި، ގޯލް ޖެހުމުގައި އެތަކެއް ޖަދުވީ ކުޅަދާނަކަން ދަނޑުމަތީގައި ދައްކާފައިވާ ހުނަރުވެރިއެކެވެ. އަޝްފާޤުގެ މި ޚިދުމަތުގައި މެދު ނުކެޑި 14 އަހަރު އޭނާ ހޭދަކުރިއިރު ކިތަންމެ ބޮޑު އަނިޔާއެއްގައި ހުއްޓަސް ކިރިޔާވެސް ކުޅެވޭ ކަމަށްވާނަމަ ޤައުމީ ޓީމުކުޅޭ މެޗެއްގައި އޭނާ ނުފެނި ނުދެއެވެ. ޤައުމީ ޓީމު ކުޅޭ މެޗުތަކަށާއި، މުބާރާތްތަކަށް ދުރާލައި ތައްޔާރުވެ ޤައުމަށް %100 ދީފައިވާ ކުޅުންތެރިންގެ ތެރޭގައި އަޝްފާޤު ހިމެނޭނެއެވެ. ޤައުމަށް ޚިދުުމަތް ކުރަންލިބޭ މިފަދަ ފުރުސަތުތަކަށް އޭނާ އާއެކޭބުނެ އެކަން ދައްކާފައިވާކަން މިވީ 14 އަހަރުގެ ޤައުމީޓީމު ހޯދާފައިވާ ކާމިޔާބާއި ކުޅެފައިވާ މެޗުތަކުގެ ތަފާސް ހިސާބުތަކަށް ބަލާލުމުން ފެންނާނޭ ކަމުގައި ފުޓުބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ.

މިއަދު އޭނާ އަށްވަނީ 32 އަހަރު ވެފައެވެ. ޤައުމަށް ކޮށްދިން ޚިދުމަތާއިއެކީ އެންމެ ޝަރަފްވެރި ކަމާއިއެކު ކުޅުން ހުއްޓާލާނެކަމަށް މުޅި ޤައުމު ދެކޭ އެއް ކުޅުންތެރިޔަކީވެސް އަޝްފާޤެވެ. ނަމަވެސް އޭނާއަށް ކުރަންޖެހޭ އިޚުތިރާމް ޤައުމީ ޓީމުން ވަކިން ޚާއްސަކޮށް ޤައުމީ ކޯޗު ކުރާ ކަމާއިމެދު މިއަދު ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ ފަރާތަކުންވެސް އުފައްދައެވެ. އަޝްފާޤަކީ ޤައުމަށް ލޯބިހުރި ކުޅުންތެރި އެއްކަމާއި، އޭނާގެ ވިސްނުމުގައި މައްސަލަ ހުއްނަކަމަށް ޤައުމީ ކޯޗު ބުނުމަކީ މުޅި ފުޓުބޯޅަ އާއިލާ އެއްއަޑަކުން ޤައުމީ ކޯޗަށް ފާޑުކިޔައި އޭނާގެ ވިސްނުން ހުންނަ ގޮތާއިމެދު ސުވާލު އުފެއްދި ކަމެކެވެ.

އަޝްފާގް ގައުމީ ޓީމަށް ކުޅުނު މެޗެއްގެ ތެރެއިން --ފޮޓޯ: އަލީ އަޝްފާގް ފޭސްބުކް ޕޭޖް

އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖެއާއި ބޫޓާންއާއި ކުޅުނު މެޗަށް ނެގި ސްކޮޑުން އަޝްފާގު ބޭރުކޮށްފައިވަނީ ޓީމުގެ ކެޕްޓަނަށްވެހުރެ ޕްރެސް ކޮންފަރެންސަށް ނުދިއުމުންނެވެ. ކެޕްޓަން ޕްރެސް އަށް ނުދިއުމަކީވެސް މައްސަލައެކެވެ. ނަމަވެސް އެއީ ޓީމުން ބޭރުކޮށް އެފަދަ ބޮޑު އަދަބެެއް ދޭންޖެހޭ ވަރުގެ ކަމެއް ކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ފުޓުބޯޅަ ދަންނަ ދިވެއްސެއްވެސް އަދި ބޭރުގެ މީހަކުވެސް ޤަބޫލެއް ނުކުރެއެވެ. މިކަމުގެ ސަބަބުން ޤައުމީ ކޯޗަށް ދިޔައީ ނުހަނު ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި އޭނާ އަށްރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރާއި، އަޝްފާޤު ފަދަ ކުޅުންތެރިއަކު ޤައުމަށް ކޮށްދީފައިވާ ޚިދުމަތް އެގޭ މިންވަރާއިމެދު ސުވާލު އުފެދޭ ފަދަ ފަރާތެއް ކަމުގައި ގިނަބަޔަކު ދެކެވެއެވެ.

ބައެއް ފަރާތްތަކުން ކިޔާފައިވާ ފާޑުކިޔުންތަކުގައި ވަނީ ރާއްޖޭގެ ޤައުމީ ކޯޗާއި ހަވާލުކުރީ ރާއްޖޭގެ ރަސްކަން ކަމަށް ނޫންކަމަށްވެސް ބުނެފައެވެ. އަދި ބައެއް ބޭފުޅުން ވަނީ ރާއްޖޭގެ ޤައުމީ ޚިދުމަތްތެރިންގެ ލިސްޓުން 5 ނަން ނަގާނަމަ އޭގެ ތެރޭގައި އަލީ އަޝްފާޤުގެ ނަން ހިމެނޭނެ ކަމާއިމެދު އެއްވެސް ދިވެއްސަކު ޝައްކު ނުކުރާނެ ކަމަށް ބުނެފައެވެ. އަޝްފާޤަކީ މިފަދަ އެއްވެސް ކަމަކާއިމެދު ސުވާލު އުފެއްދޭނެ ކުޅުންެތެރިއަކަށް ނުވާއިރު އެފަދަ ސުވާލެެއްގެ ޖަވާބު އަޝްފާގާއިމެދު ހޯދަން ބޭނުންނަމަ ރާއްޖޭގެ ފާއިތުވެދިޔަ 14 އަހަރުގެ ޤައުމީ ޓީމުގެ ތަފާސް ހިސާބުތައް ބަލައިލުމުން ފެންނާނޭ ކަމަށް ފުޓުބޯޅައިގެ ތަޖުރިބާ ކަރުން ބުނެއެވެ.

އަޝްފާޤު ޤައުމީ ޓީމުން ރިޓަޔާ ކުރުމަކީ އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ކަމެއް ނޫނެވެ. އަދި އޭނާ ކުޅުން ހުއްޓާލުމަކީވެސް އެއްވެސް ރައްޔިތަކު އެދޭނެ ކަމެެއް ވެސް ނޫނެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ކުރިއަށް ދެވޭނީ ވަކި އުމުރެއްގައިކަން ކޮންމެ މީހަކުވެސް ޤަބޫލުކުރަން ވާނެއެވެ. އަޝްފާޤުގެ ޤައުމީ ޚިދުމަތް ނިމޭނެ ދުވަހަކީ މިޤައުމުގެ އެތައްރައްޔިތަކު ނުހަނު ދެރަވާނެ ދުވަހަކެވެ. އެތައް ބަޔަކު ރޮއްވާލާނެ ދުވަހެކެވެ. ނަމަވެސް އެދުވަހަކީ އޭނައަށް އުފާވެރި އަދި ޚާއްސަ ދުވަހަކަށް ހެދުމަށް އެފްއޭއެމް އޮތީ ތައްޔާރަށެވެ. އެގޮތުން ޤައުމީ ޓީމުން ރިޓަޔާކުރުމަށްޓަކައި އޭނާ ބޭނުންވާ ގޮތަށް ހާއްސަ މެޗެއް ކުޅެވޭނެ އިންތިޒާމު ހަމަޖެސުމުގެ މަސައްކަތް ކުރަމުންދާ ކަަމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ. މި މެޗަކީ ޤައުމީ ފުޓުބޯޅަ ދަނޑު ދިވެހި ރައްޔިތުން ފުރާލާނެ ދުވަހަކަށް ވެގެންދާނެ ކަމާއިމެދު ޝައްކެއްވެސް ނެތެވެ. އަޝްފާޤު ޤައުމީ ޓީމުން ރިޓަޔާކުރި ކަމުގައިވިޔަސް އޭނާގެ ޚިދުމަތަކީ ރާއްޖޭގެ ތާރީހުން ރަން އަކުރުން ޖާގަ ހޯދާފައިވާ ޚިދުމަތްތަކެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ވަރަށްވެސް ފުރިހަމަ ލިޔުމެއް!

  2. މަރީ

    ވަރަށްވެސް ފުރިހަމަ ލިޔުމެއް!

  3. ދިއްފުށީ އާދަމް މިސްބާހު

    2019 ގައި މަޖިލީހަށް

  4. ހިތްވަރު

    މިއޮއްހުރިހާ ދުވަހު މިދައްކަނީ ތިވާހަކަ. އަޑުއެހިމީހަކު ނެތް. މިހާރު ތިއުޅެނީ ބައްޝާމް ބޭނުންވާގޮތަށް ކަންތައް ކުރަން ސަޕޯރޓް ހޯދަން ވެގެން. މީ ވަރަށް ވާހަކަ....

    3
    1
  5. ފަސްފާގު

    އޭނަ އަބަދުވެއްޓިފަ އޮންނަނީ ޕެނެލްޓީ ހޯދަންވެގެން ،، ޕެނެލްޓީ ޖެހޭނެ މަށައްވެސް .....

    • އަލި ދީދީ

      ހެހެހެހެ.. ތެދުވާހަކަ އެއް...

  6. މަހަށް

    ތަމެންގެ ނަން ރަން އަކުރުން ލިޔުނަސް ތަމެންގެ ޑިސިޕްލިން ސުމެއް ހަމަ ދޯ. ތަމެން ގެ ގެ ހަދައިގެން ކޮންޓްރެކްޓަރ އަށް ދޭން ޖެހޭ ފައިސާ ނުދީގެން ކޯޓް ހުކުމް އެބައޮތް ދޮ އައިސްފައި. ދެން ތަމެން ކޯޗްގެ އިންސްޓްރަކްޝަން އަށް ތަބާނުވޭ ދޯ ތަމެން މަބޮޑޭ ވެގެން ހުންނަނީ ދޯ. ރޫލް ބްރޭކް ކުރުމުގަިއ އެއްވަނަ ދޯ. ޓިޕިކަލް މޯލްޑިވިއާނޯސް ދޯ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ.

  7. ކީއްވެތޭ

    މީހާ މޮޅުވުން އެކަނި ނޫން ކަމުދާން ޖެހޭނީ މީހާގެ ޑިސިޕްލިން އަދި ރޫލްސް ތަކަށް ހުރުމަތް ތެރިކޮށް ހިތުން އެއީ ވަރަށް މުހިއްމު ކަމެެއް. މަމެން ސުވާލަކީ ތިޔާ ފުޓް ބޯޅަ ކުޅުން ތެރިޔާ ނޭޝަނަލަ ޓީމްގެ ކޯޗްގެ އިންސްޓްރަކްޝަން އަށް ތަބާނުވީ ކީއްވެތޭ. އެއްވެސް ގޮތަކު ން މަމެން އެކަން ގަބޫލުނުކުރާނަމޭ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މިކަމުގެ ތެރެއަށް ނުބޭނޭތި މަމެން މިހެން ބުނުމުން ބީތާ ދަ ގަމާރާ އިނގޭތޭ. މަހަށް ދޭބަަލަ ދެން ރަންރީނދޫ ޓްވިޓަރޭ މެން.