އުމުރުން 59 އަހަރުގެ ޓެކްސީ ޑްރައިވަރެއް ކަމަށްވާ ހުސައިން ގާސިމް ރޭ ވަރަށް އަނިޔާވެރިކޮށް "ގަތުލް ކޮށްލާފައި" އޮއްވާ ފެނުމާއި އެކު މުޅި ގައުމަށް މިވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ. އަދި އެތައް ސުވާލެއް އުފެދިފައެވެ. އުމުރު ދެބައިވެ، މުސްކުޅި ވެފައިވާ މީހަކަށް މިފަދަ އަނިޔާވެރި ހަމަލާއެއް ދިނީ ކާކު، ނުވަތަ ކޮން ބައެއް ހެއްޔެވެ؟ ހަމަލާ ދިން ސަބަބަކީ ކޮބައި ހެއްޔެވެ؟

ރާއްޖޭގައި ހިނގާފައި ހުރި މާރާމާރީތަކުގައި މީހުން މަރާލާ ވަރުގެ ހަމަލާތައް އާއްމުކޮށް ދީފައި ވަނީ ޒުވާނުންނަށާއި ފުރާވަރު އުމުރުގެ ކުދިންނަށެވެ. އުމުރުން ދުވަސްވީ މީހަކަށް މިފަދަ ހަމަލާއެއް ދީފައި ވަނީ ވަރަށް މަދު ފަހަރެއްގައެވެ. އެހެންކަމުން ގާސިމްގެ މަރާއި ގުޅިގެން އުފެދޭ ސުވާލުތައް ގިނައެވެ.

ގާސިމް މަސައްކަތް ކުރި ޓެކްސީ ސެންޓަރުން "ވަގުތު" އަށް މައުލޫމާތު ދީފައިވާ ގޮތުގައި ގާސިމް ފަހަކަށް އައިސް ދަތުރު ކުރަނީ އެއާޕޯޓަށާއި ހުޅުމާލެ އަށެވެ. މާލޭ މަގުތަކުގައި ބާރު ބޮޑުކަމުން މާލޭގައި ދަތުރުކުރަން އުނދަގޫ ކަމަށް އޭނާ ސެންޓަރާއި، އެކުގައި އުޅޭ ޑްރައިވަރުން ކައިރީ ވެސް ބުނެފައި ވެއެވެ. ގާސިމް ރޭ ވެސް 20:10 ކަން ހާއިރު އޭނާގެ އެކުވެރިންނާއި ވަކިވެގެން ދިޔައީ ހުޅުމާލެ އަށެވެ. އޭނާ އަށް ހަމަލާ ދީފައި ވަނީ މާލޭގައި އެކުވެރިންނާއި އެކު ކޮފީ އެއް ބޯން އިނދެފައި "ކޭމާޓް" ހޮޓަލުން ނިކުތްތާ ގަޑިއެއްގެ އިރުވެސް ނުވަނީސް އެވެ.

ގާސިމްގެ ރަހުމަތްތެރިއެއް ކަމަށްވާ އަބްދުﷲ ރަޝީދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ރޭ އޭނާ އާއި ވަކިވުމުގެ ކުރިން ގާސިމް ވަނީ 500 ރުފިޔާ ރޭ ބޭނުންވާ ކަމަށް ބުނެފައެވެ.

"މިރޭ ތަންކޮޅެއް އަވަހަށް އަރާލަން އެބަ ޖެހެއޭ ބުނީ، އަދި 500 ވަރު ޖައްސާލަން. ޓެކްސީ އަށް އެރުމުގެ ކުރިން ގެއަށް ވަދެލާނެ ވާހަކަވެސް ބުނި" އަބްދުﷲ ރަޝީދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

އާއްމުކޮށް ޓެކްސީ ޑްރައިވަރުން ދަތުރު ކުރަން ފަށަނީ ވަކި އަދަދެއްގެ ފައިސާ ހަމަކުރަން އަމާޒު ހިފައިގެންނެވެ. އެވަރަށް ފައިސާ ލިބުމުން ދަތުރު ކުރުން ހުއްޓާލައެވެ.

ރޭ ހުޅުމަލޭ ގައި ޓެކްސީ ޑްރައިވަރަކު މަރާލުން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ގާސިމަށް ހަމަލާދިނުމުން އޭނާ މަގުމައްޗަށް ވެއްޓިފައި އޮތް ސަރަހައްދާއި ދުރުނޫން ހިސާބެއްގައި އޭނާގެ ކާރު އޮތެވެ. ކާރު އޮތީ ސްޓާޓް ކޮށްފައެވެ. ޓެކްސީއެއްގައި ކަން އަންގައިދޭ ބޯޑު ވެސް ހުރީ ރަތް ކުލައިން ދިއްލިފައެވެ. ކާރުގައި ވެސް ލޭ ހުރި ކަމަށް ބައެއް މީހުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. އެހެންކަމުން އޭނާ އަށް ހަމަލާ ދީފައި ވަނީ ދަތުރެއް ކުރުމަށް ކާރަށް އެރި މީހަކު ނުވަތަ ބަޔަކު ކަމަށް ލަފާކުރެވެއެވެ.

ރޭ ހުޅުމަލޭ ގައި ޓެކްސީ ޑްރައިވަރަކު މަރާލުން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހަމަލާގެ ފަހަތުގައި ވަނީ ކޮންކަމެއް؟

ގާސިމްގެ މަރާއި ގުޅިގެން އަދި ފުލުހުން އެއްވެސް މައުލޫމާތެއް ނުދެއެވެ. ނަމަވެސް "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ގާސިމްގެ އަތުން ފައިސާ ފޭރެން އުޅުނު ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

"ފައިސާ ފޭރެން ވެގެން ހަމަލާ ދިން ކަމަށް ވެސް މައުލޫމާތު ލިބޭ. ނަމަވެސް އަދި އެކަން މުޅިން ކަށަވަރު ވާނީ ފުލުހުންނަށް ވެސް އިތުރު މައުލޫމާތު ލިބިގެން." ނަން ހާމަކުރަން ބޭނުން ނުވާ ގާސިމްގެ އާއިލާ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ނަމަވެސް ގާސިމްގެ އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުރެދާނެ ކަމަކަށް އޭނާގެ ގާތް މީހުން ލަފައެއް ނުކުރެއެވެ.

ގާސިމް އަކީ ކޮން ކަހަލަ މީހެއް؟

ގާސިމްގެ ގާތް މީހުން ބުނާ ގޮތުގައި އެއީ ބަސް މަދު، މަސައްކަތައް ފަރުވާތެރި، ދީނީ ކަންކަމަށް އިސްކަންދިން ހުލްގު ހެޔޮ މީހެކެވެ.

އޭނާ އަށް މިފަދަ ނުރައްކާތެރި ހަމަލާއެއް ދޭން ޖެހޭ ވަރުގެ ކަމެއް އޭނާ ކޮށްފާނެ ކަމަށް އޭނާ ދަންނަ އެއްވެސް މީހަކު ލަފައެއް ނުކުރެއެވެ.

ގާސިމްގެ މަރުގެ ތަޙްޤީޤާއި ގުޅޭ މައުލޫމާތު އަދި ފުލުހުން ހާމަކޮށްފައި ނުވާއިރު ފުލުހުން ވަނީ ގާސިމްގެ މަރާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ފުލުހުންނަށް އަންގަން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. Anonymous

  ތިކަންވެސް ޖަމްޢިއްޔަތު ސަލަފާއި ޑރ. ޝަހީމްގެ ބޮލުގައި އަޅުވާ.
  ލަދު ޙަޔާތް ނެތީއްޔާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ.
  އެފަދަ ބައެއްގެ ކިބައިން ލިބޭނެ އިންޞާފެއް އޮންނާނެތޯ. ކިތަންމެ މަތީ ފަޑިޔަކަށް އެރިޔަސް އަދި ދުވަހެއް އެބައޮތް. އެދުވަހުން ސަލާމަތެއް ނުވެވޭނެ.
  ޔާﷲ އިސްލާމް ދީނުގެ ޢަދުއްވުންގެ ކިބައިން މިޤައުމު ސަލާމަތްކޮށްދެއްވާނދޭވެ. އާމީން.

  226
  15
 2. އައްޑޫ މީހާ

  ތި ކާރުގަ އި ހިނގާދިޔަ ކޮންމެވެސް އެހެން ޖަރީމާ އެ އް ފޮރުވުމުގެ ބޭނުމުގަވެސް ތިކަން ކުރުން އެކަށީގެންވޭ

  92
  5
 3. ާައަސްލަމް

  ތިކަން ތިދިޔަ އީ ހުރިހާ އެންމެންވެސް ގާސިމް ސުވަރުގެ ލެ އްވުމަށް އެދި ދުޢާ ކޮ އްދީ މި އަނިޔާވެރި ވެރިކަކުން މިގަ އުމް ސަލާމަތް ކޮ އްދެށްވާންދޭވެ އާމީން

  160
  7
 4. ވެރިން

  މަރްހޫމްގެ ފުރާނަޔަށް ސުވަރުގެ މިނަވަރުކުރަށްވާ އާއިލާއަށް ކެތްތެރިކަން ދެއްވާ ދެއެވެ.

  215
  1
 5. ވެރިން

  ވަގުތު ކިޔުން ތެރިއެއްގެ ހައިސިއްޔަތުން މިޖަރީމާ ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރަން. އަދި މިކަމުގާ ޝާމިލުވާ މީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރަން ކަމާ ގުޅުން ހުރި ހުރިހާ މުއައް ސަސާޔަކަށް ގޮވާލަން.

  155
  1
 6. ކާލާ

  ގާސިމު އަށް ﷲ ރަޙްމަތް ލައްވާ ފާފަ ފުއްސަވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން

  176
 7. ރައްޔިތު މީހެއް

  ކޮބާ މަރުކޮމިޝަނު އަވަހަށް ރިޕޯޓު ނެރޭ ރާ އްޖޭގަ އި ތިބި ދީނީ ޢިލްމުވެރިންގެ ބޮލަށް ކަނޑާލާފަ

  107
  6
 8. ފާއިޒް

  މިޤައުމުގައި އިސްލާމީ ޝަރީއަތް ގާއިމް ކުރަންވީ މާދަމާވެސް ތިބަޔަކު ހޯދާ ޖަލަށް ލާއިރަށް މިއުޅޭ ގަންޖާ މަނިކްފާނު ކަންތައްބޮޑު ކޮށް އެމީހުން ނެރެ މިނިވަމް ކުރަން ގޮވާނެެ..... އާއިލާ އަށް ކެތްތެރިކަން ދެއްވާ މަރުހޫމް ގެ ފުރާނައަށް ސުވަރުގެ މިންވަރުޗކުރއްވާށި...

  104
 9. އަބްރަހީމް

  ރާއްޖޭގަ އިންސާނުންނަށް އެއްވެސް ހިމާޔަތެއްނެތް..ވެލާ ކަހަބު ދޫނި ފަދަ އެއްޗިސްސައް ހިމާޔަތްދީފައޮވޭ.. އޭގެންއެއްޗެއް މީހަކު ލޯބިން ގެންގުޅުނަސް ޖަލައްލާ ހަސްނެތޭވަރައް ޖޫރިމަނާ ކޮއްލާނެ....

  104
  1
 10. ްްހ

  ޤަސިމަކީ އަފްރާޝިމް މަރުގެ ހަޤީޤަތް އެގޭ މީހަކަށް ވުންވެސް އެކަށީގެންވޭ. ޢެދުވަހު އެކަން ކުރިމީހުން ކާރަކަށް އެރި އަޑުވެސް ފެތުރުނު. ޢެހެން ކަމުން ތިމައްސަލަ ވަރަށް ރަނގަޅަށް ތަހުޤީޤު ކުރަން ޖެހެއެވެ.

  46
  5
 11. މުޙައްމަދު ނަޢީމް ޙުސައިން

  މަރުޙޫމަށް ސުވަރުގޭ ހެޔޮ ނިޢުމަތް ދެއްވާށި.

  63
 12. އާނމު

  ވޯނޓެޑުގަ އުޅެނީ ތިކަހަލަ ބޮލު ރޮދިން

  9
  2
 13. ސޭކްސްތާން

  މިފަދަ ހިތާމަވެރި ހާދިސާތައް މި ހިނގަނީ އެއްވެސް އިންތިޒާމެއް ނެތި މިދިޔަ މަހުން ފެށިގެން ޕެރޯލްގެ ދަށުން ވަރަށް ގިނަ ކުށްވެރިން ވަނީ ދޫކޮށްލާފަ. މާލޭގެ މަގުތަކުގައި މި މީހުން ގިނަވެއްޖެ މިކަން ފާހަގަވާނެ މާލެގެ މަގުތަކަށް ބަލާލީމަ. މީހުން ކައިރި ލާރިއަށް ސިނގިރޭޓަށް ކިޔަނީ. ފިހާރަތަކުން ވައްކަން ކުރަނީ. ފޭރެނީ. މީހުން މަރަނީ. ނޫސްވެރިން އެބަޖެހޭ މިކަމާ އެއްޗެއް ލިޔަން. އުޅެވޭކަށް ނެތް. ބިރުން އަވަދިވެފަ ތިބެން މި ޖެހެނީ.

  26
  2
 14. ޖިމް

  ޔާމީންގެ ވެރިކަމުގައި އަނގަޔަށް ބާރުލާފައި އޭރުގެ އިދިކޮޅުމީހުން އޭރުގަ ހުރިހާ މަރެއް އެޅުވީ ޔާމީންގެ ބޮލުގައިއެވެ. މުޖްތަމަޢުގައި ކަމެއް ހިނގައި ފިއްޔާ އެކަމަކީ ސަރުކާރުން ކުރުވާ ސަރުކާރުެ ނާޤާބިލް ކަމުން ވާކަންތައް ކަމަށް ރައްޔިތުންނަށް ދިޔައި ހާމަ ކޮށްދެމުންނެވެ.މިހާރު ދެން އަޅުވާނީ ކާކުގެ ބޮލުގައި ތޯއެވެ.މިސަރުކާރު އޯގާތރެިކަމުން ވާފާތެރިކަމުން ކަންކަން ބެލެހެއްޓޭ މޮޅުކަމަުން ސަރުކާރުގެ ޒިންމާތެރިކަމުން ސަރުކާރު ހިންގަން ހުރިމީހާ ގެ ޞޯލިޙުކަމުން ދަނި ހުރިހާކމެއް ރަނަގަޅަށް ބާއޭ ހިތަށް އަރާ.

  31
  2
 15. ޒީ

  ގާތިލުން ހޯދަބަލަ.... ކީއްވެތަ ކަމެއް ނުވަނީ މިޔޮއް ކުޑަ ކުޑަ ރާއްޖޭގަ..... ހެޔޮ ނުވާނެ މިހެން ތިބެން...... މާދަމާ އަހަރެން ނޫން ކަމެއްވެސް ނޭންގެ......

  31
  1
 16. ރައްޔިތުން

  ގާސިމު އަށް ﷲ ރަޙްމަތް ލައްވާ ފާފަ ފުއްސަވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން

  41
  1
 17. ސަޓޯ

  ކޮބާ ކޮބާ އެމްޑީގެ ސިޔާސީބޭނުމަށް ހަދާފައޮތް މަރުކޮމިޝަން.. ކޮބާ އެފް.ބީ.އައި އިން ޑިރެކްޓަރު މަރުމޮލު ހުސްނުއްސުއޫދު.. ގާތިލުން ހޯދާ ހަމަ މިހާރު !!! ރައްޔިތުންގެ ފައިސާތައް ކައިގެން ތިތިބެނީޔޯ

  27
  1
 18. جندالله

  އިސްލާމީ ޝަރީއަތުގަވާ ގޮތައް މަރަށް މަރު ހިފާ ގިޞާޞްގެ ޙުކުމް އަދުލުވެރިކަމާއެކު ތަންފީޒު ވާނަމަ މިފަދަ ކަންކަން ހިނގުމަކީ ވ ނާދިރު ކަމެއް. ﷲ ހުރިހާ ދިވެހިންނަށް ހެޔޮވިސްނުން ދެއްވާޝި.

  21
 19. އޮރި

  ޖިމްގެ ކޮމެންޓަކީ 100 ގެ ކޮމެންޓެއް.
  މިކަންވެސް ފަހު ގަޑީގައި ދާނީ ކުރީސަރުކާރަށް ކީކޭ ދެންބުނާނީވެސް. މަރްޙޫމަށް ދާއިމީ ސުވަރުގެ މިންވަރު ކުރައްވާށި. ޢާއިލާއަށް ކެތްތެރި ކަން މިންވަރު ކުރައްވާށި. އާމީން.

  12
  1
 20. ފިލާވަޅު

  ކޮބާ ފޮރެންސިކް ޓީމުތަކާ އެވަރެއްނެތިގެން އުޅޭމީހުން މިކަން ހައްލުކޮއްލަބަލަ ގަދަރާ އިއްޒަތަކީ އަމަލުން އަދި ނަތީޖާއިން ހޯދޭނެ އެއްޗެއް މިހާރު މިގަޢުމުގަ ތިބީ ފެއިލްވެފަ ހުރި މުއައްސަސާތައް އަމިލަ ދިފާޢުގަ ހަތިޔާރު ގެންގުޅުން ހުއްދަ އެބަޖެހޭކުރަން. ފިސްތޯލަ ގެންގުޅުމުގެ ހުއްދަ މަޖުލީހުން ފާސްކުރަންފެނޭ. މިކަމެއް ހަލެއް ނުކުރެވުން ވިއްޔާ ދައުލަތް ހިންގާފަރާތްތަކައް ދެން އހަރުމެންގެ ސަލާމަތް ހޯދަން މަޖުބޫރުވޭ އެބަމިގޮތައް

  1
  4
 21. ތަހުގީގު

  ހުޅުމާލެ ހުރިހާ މަގެއްގައި ސީސީޓީވީ ކެމެރާ ހަރުކުރަންވީ.