ޒަމާނެކެވެ. އަމާން ބިމެކެވެ. ހިމޭން ޖައްވެކެވެ. އޮމާން ކަނޑެކެވެ. ނަޔާ ރޯޅިތަކެވެ. އާދެ! ހަޔާތުން ދުވަހެކެވެ. އިރުގެ ދޯދިތަކުން ކައުނު ހޫނުވަމުންދެއެވެ. ހުންއައިސްފައި ހުރުމުގެ ސަބަބުން، ހަށިގަނޑު ހޫނުވަމުންދެއެވެ.

ފެންޑާގައި ހުރި ޖޯލިފަތީގައި އެ އިންނެވީ އަޅުގަނޑުގެ ލޮބުވެތި މާމައެވެ. ދެން އެ އިނީ އަޅުގަނޑުގެ ފަހަރިއެވެ. އެކިއެކި ވާހަކަތަކުގައެވެ. އަޅުގަނޑު ގޮސް ޖޯލީގައި އިށީނދެލީމެވެ. އޭރު ގަޑީން ނުވަގަޑި ބައިވަނީ ތޯއްޗެކެވެ!

ކުއްލިއަކަށް ބާރު އަޑެއް އިވުނެވެ. ބޫން އަޑެކެވެ. އެއީ ކޮންއަޑެއްތޯ މާމަ އެއްސެވެ. މަތިންދާބޯޓެއްގެ އަޑުހެން ހީވާކަމުގައި އަޅުގަނޑު ބުނީމެވެ. އަނެއްކާ ވެސް އަޑެއް އިވުނެވެ. ކަނބަލެއްގެ ވޭނީ ރުއިމުގެ އަޑެވެ. އެ އަޑު އިވުމާއެކު އަޅުގަނޑަށް ކުރެވުނު އިޙުސާސް ބަޔާންކުރަން ޢާޖިޒުވެގެންވަމެވެ. އެ އަވަށްޓެރިޔާ ރޮމުންރޮމުން އެ ކިޔާ އެއްޗަކީތޯއެވެ! ރާޅެކެވެ! ރާޅެކެވެ! އަހަރެންގެ އެއްމާބަނޑު ދެ ދަރިން ކޮބައިހެއްޔެވެ. މިހެން ކިޔަމުން ދުވަމުން ތެޅިފޮޅެމުން އާދެއެވެ.

މި އަޑު އިވުމާއެކުހެން އިށީނދެގެން އިން ޖޯލިން ތެދުވެވުނު ގޮތެއް ވެސް ނޭނގުނެވެ. ޖޯލިން ތެދުވެ އަޑު އަންނަ ދިމާއަށް ނަޒަރު ހިންގައިލީމެވެ. ލިބުނު ސިހުމެއްގެ ބޮޑުކަމާއެވެ. ސިކުނޑީގައި ރިހުނުލެއް ބޮޑުކަމާއެވެ! ހިލަމެއްނުވެ ޖެހުނު ގިލަނެއްގެ ބޮޑުކަމާއެވެ! އާހް! ފިލަންދާނެ ތަނެއް އޮންނާނެތޯއެވެ. ނޫނެކެވެ. ޤުދުރަތުގެ ނިޔާ ކަނޑައެޅުމުން ވަންނާނެ ހިޔާވައްސެއް ނޯންނާނެއެވެ.

އާދޭހެވެ. އެ އަވަށްޓެރިޔާގެ ފަހަތުން، ބަސްތީއާއި ދިމާއަށް އެހެރަ އަންނަނީ ކިލަންވެފައިވާ މާސިންގާ ރާޅެކެވެ. ބަސްހުއްޓި ދުލުގައި ކަސްތޮޅު އެޅުވުނެވެ. ހަވާސްގެ މަސައްކަތްތައް ހުއްޓުނު ކަހަލައެވެ. ހުވާސް ހުއްޓުނު ކަހަލައެވެ. ޖިސްމު ފިސްފިސްވެ ފަސްގަނޑާއެކުވާނެ ވަގުތު ޖެހުނީކަމުގައި ހީވިއެވެ. ހަސްތީގެ ފަހު ވަގުތު ކަޝްފުވީކަމުގައި ހީވިއެވެ. ހަށީގައި ހުރި ބާރެއްލައިފައި ދުއްވައިގަތީމެވެ. މާމައާއެކުގައެވެ. ސަލާމަތުގެ އައްސޭރިއެއް ފެނޭތޯއެވެ. މާދުރަކަށް ނުދެވުނެވެ. ފާޅުވެގެންވާ ރާޅުއައިސް އަޅުގަނޑުމެންނާއި ހަމަކޮށްފިއެވެ.

ޤުދުރަތުގެ އަޖާއިބުކަމާއެވެ. ރައްބުގެ އޯގާވަންތަކަމާއެވެ. އަޅުގަނޑުމެންނަށް އެހީތެރިކަމެއްދިނީ އުސްމިނުގައި ތިންފޫޓުހުރި ފާރެކެވެ. އެ ފާރުގައި ހުރި ތަނބެއްގެ އެހީގައި ކޮޅަށްހުރުމުގެ ނަސީބު ލިބުނެވެ. އެހެންހުރުމުގެތެރޭގައި ހަކިބައަށް ނަޒަރު ހިންގަންފެށީމެވެ. ތިރިއަށް ބަލައިލުމުން ފެނުނީ ކިލަނބުވެފައިވާ ލޮނުގަނޑެވެ. އެ ލޮނުގަނޑުގެ ތެރޭގައި ގެތެމުންދާ ކުނިބުނީގެ ހާލިތަކެވެ. އެ ކުނިގަނޑުގެތަކުގެ ތެރޭގައި ފިތެމުންދާ މީހުންނެވެ. އެ ލޮނުގަނޑުގެ ތެރޭގައި ފަތަމުންދާ މީހުންނެވެ. އެ ލޮނުގަނޑުގެ ތެރެއަށް ފެތެމުންދާ މީހުންނެވެ. ކުރިމައްޗަށް ބަލައިލުމުން... އާދެ! ރަފަރަފައަޅައިފައި ވެއްޓުނު ގެއެއް ބިމުގެ ސަޠުޙާއި އެއްވަރުވިތަން ފެނުނެވެ. އަރިމައްޗަށް ބަލައިލުމުން... އާދެ! ލޮނުގަނޑުގެތެރޭގައިވާ ބާލީސްތަކެއް އެއްތަންކުރުމަށް އަތްފުނާއަޅަމުންދާ މީހަކު ފެނުނެވެ.

މުޅި ހިސާބަށްވަނީ ބިރުވެރިކަން ވެރިވެފައެވެ. އަޑުބަޑުތަކުން ގުގުމައިލައިފައެވެ. ރަފަރަފައަޅައިފައި ބިމާ ހަމަވާ ޢިމާރާތްތަކުގެ އަޑެވެ. ރަނގަރަނގަ އަޅައިފައި ފައިބައިގަންނަ ޓިނުތަކުގެ އަޑެވެ. ޑަނގަޑަނގަލައިފައި ތަންތަނުން ފައިބައިގަންނަ ލަކުޑިތަކުގެ އަޑެވެ. ބޮގޮބޮގޮލައިފައި އޭތިމީއްޗަށް ލޮނު ވަންނަ އަޑެވެ. ހޯސްލައިފައި ތަންތަނުން ލޮނުގަނޑު އޮހިގަންނަ އަޑެވެ. ރާސްލައިފައި ގަސްގަހާގެހީގެ އޮފިގަނޑުތައް އިރައިގެންދާ އަޑެވެ. މީސްތަކުންގެ ރުއިމުގެ އަޑެވެ. ގޮވެލިފަތި އަމުނާ އަޑުމެއެވެ.

ލޮލަށް ފެންނަ މަންޒަރުތަކޭތޯއެވެ. މަރިޔާދުކަން ގެއްލި އޮބައިލައިފިއެވެ. ބަރުދާސްތު ކުރާނީ ކިހިނަކުންތޯއެވެ. ބަރުބާދުވެފައިވާ ފަސްގަނޑެކެވެ. ކަރުނައިން ފުރިފައިވާ ލޯތަކެވެ. ހަރުއަޑުން ދަރިންނަށް ގޮވަމުންދާ މައިންގެ މޮޅިވެރި މޫނުތަކެވެ. އުރުތެރޭގައި ތިބި ތުއްތުތުއްތު ކުދިންގެ މައުސޫމު މޫނުތަކެވެ. ވަރުދެރަވެފައިވާ މުސްކުޅިންގެ ހިތާމަވެރި މޫނުތަކެވެ. ހަރުވަރު މީހުންގެ މޫނުތަކުން ފެންނަ ހާސްކަމުގެ ކުލަވަރުތަކެވެ. ވަރުހެސަ ފިރިހެނުންގެ ވަރުބަލިވެފައިވާ މޫނުތަކުން ފެންނަ އިޙުސާސްތަކެވެ. ނިރު (ދަރި) ވީތަނެއް ނޭނގޭ ބަފައިންގެ މޫނުތަކުން ފެންނަ އަސަރުތަކެވެ. ކަރުއެލިފައި ތިބި މީހުންގެ މޫނުތަކުން ފެންނަ ލިސާންތަކެވެ.

ކޮރު ޖަހަމުން ހިނގަމުންދާ ޒަޚަމުވެފައިވާ ފައިތަކެވެ. މަރުކަށިކަނޑައިގެން ގެދޮރު ޢިމާރާތްކުރި ފަރުދުންގެ ނުތަނަވަސްކަމެވެ. ބުރަކަށި ބިންދައިގެންދާވަރަށް މަސައްކަތް ކޮށްގެން ހޯދި މުދާތައް އަތުން ބީވެގެންދިޔަ ފަރުދުންގެ ހިތްދަތިކަމުގެ ނިޝާންތަކެވެ. ބުރުޖުގައި ބުރުޖަހަމުންދިޔަ ދޫނިސޫފާސޫފީގެ ހަށިތަކެވެ. ހޮރުތަކުގައި ތިބި ސޫފާސޫފީގެ ހަށިތަކެެވެ. ފަރުތަކުގައި ދުވެ އުޅުނު މަސްމަހާމެހީގެ މުޅަމަސްތަކެވެ. ބަރުޒަޚުގެ ޢާލަމަށް ދަތުރުފަށައިފައިވާ އިންސާނުންގެ ހަށިތަކެވެ.

އިސްވެ މި ބަޔާންކުރީ ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ސައްބީސްވަނަ ދުވަހު އެރި ސުނާމީގެ ވާހަކައެވެ. އަޅުގަނޑު މި ބަޔާންކުރީ ކުޑަ މިންވަރެކެވެ. އާދޭހެވެ. އަޅުގަނޑުގެ ލޮލަށް ފެނުނު ބައެއް މަންޒަރުތަކެވެ. ދެންނެވުމުގެ ބޭނުމެއްނެތް ފަދައިން، އެ ސުނާމީގެ އަސަރު މުޅި ރާއްޖެއަށް ކޮށްފައިވެއެވެ. އެކި ރަށްތަކަށް އެކި މިންވަރަށެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރާއްޖޭގެ ބޮޑު ބައެއް އިންދިރާސްކޮށްލިއެވެ. އެތައް ފުރާނައެއް އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔައިފައިވެއެވެ. އެތައް ބައެއްގެ ހަޔާތް، އޮޔާގެންދިޔަ ކުނިތަކެއްފަދައިން ވިއެވެ. އެތައް ބައެއްގެ ހަޔާތް، ވަޔާގެންދިޔަ ކުނޑިތަކެއްފަދައިން ވިއެވެ. އަނބިންގެ ހުވަފެންތައް ބިލާހަކަށްވެ ހުވަފަތްވެގެންދިޔައެވެ. މައިންގެ އުންމީދުތައް ވިއްސިވިހާލިވެ ބުރަބުރައިގެންދިޔައެވެ. ދަރިންގެ ފަރިޔާދުތައް އަޑުއަހާނެ މައެއްނެތި، އެ ދަރިންގެ މަރިޔާދުކަން ނެތިވެދިޔައެވެ.

އަދި ކީއްތޯއެވެ. އަޅުގަނޑުމެންގެ ލޯމަތިން ގެއްލި ދިޔައީ ކިތައް މީހުންތޯއެވެ. އާހް! އަދިއަދަށްދާންދެން ވެސް ވީގޮތެއް ނޭނގެއެވެ.

އިންސާނާއެވެ! ދުނިޔެއެވެ. ދުނިޔެއެވެ. ދުނިޔޭގެ ޤާނޫނެވެ. ދުނިޔެ ހިނގަމުންދާހައި ހިނދަކު މި ޤާނޫނުތައް ތަންފީޒުވެގެންދާނޭމެއެވެ. މި ފަދަ އެތައް އިމްތިޙާނެއް ކުރިމަތިވާނެއެވެ. އިންޤިލާބަކަށް އެދޭނަމަ އިންތިހާއަށް މަސައްކަތްކުރާށެވެ. ހިންދެމިނުލައި ހިންމަތްކުރާށެވެ. މިންޖުވާނޭހެން މިންނަތްކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެންޓި ލާދީނީ

    ވީގޮތް ނޭނގޭ؟ ކްރިސްމަސްގެ ބޮޑު ޝިރުކު ފާހަގަ ކޮށް އެސަކަރާތަށްފަހު ނިދާ ހޭ ނުލަނީސް ﷲ ގެ ޢަޒާބު އައީ.

    44
    1
  2. ނައުބެ

    މިލިޔުން ކިޔަންފެށީ ވަރަށް ޝައުގުވެރިކަން ހުންނާނެކަމުގެ އުންމީދުގަ، ނަމަވެސް ހިމަނާފަ ހުރި ބަސްތަކުން ވަކި ހިސާބަކުން ލިޔުން ކިޔަން ހުރި ޝައުގުވެރިކަމެއް ނެތް... މާމޮޅުވާން ވެގެން މޮޅެތި ބަސްތައް ބޭނުންކޮށްފަ...

    61
    8
  3. ....

    ބިރެއް ކަމެއް ނެތޭ މިހާރު މިއުޅޭ މީހުންގނޑު... ޒިނޭ ކުރަމުން ވައްކަން ކުރަމުން ރައްމެދައް ވިހަމުން މީހުން މަރަމުން ކުޑަކުދިންނާބެހެމުންް އަންހެނުންގެ އިތްފަތް ފޭރެމުން ރާބޮމުން މަސްތުވަމުން ކުށެއްނެތް މީހުންމަރަމުން ...ދުނިޔޭގަ ލެއްވިހާނުބައި ކަމެއްް ކުރަމުން މިދުވަނީ... ހިތަކައް ކުޑވެސް ބިރުވެރި ކަމެއްނެތި... ސުނާމީ ގެ ކަަމަކީ ސިކުންތު ކޮޅެއްގެ ކަމެއް އެކަމް ކިތައް ފުރާނަތޯ ގެންދެވީ . ކިތައް ގެ ދޮރު ތޯ ބިމާހަމަވީ ... އަދިވެސް މިއުޅެނީ އެކަންތަކުން މިންޖު ނުވެވި... ﷲ ގެ ކޯފާ އައްނާނީ ކޮންވަގުތަކު ކޮންއަރަކު ކަމެއް ނޭންގޭނެ ... ﷲ ވާށޭ ވަޙީކުރައްވާއިރު ވަގުތުން އެކަމެއްވެނިމޭނެ... ސުކުރުކޮއްބަލަ އެ ދުވަހު އެރި ރާޅަކީ އިންޑިޔާ އިންޑޮނޭސިޔާއައް އެރި ވަރު ރާޅަކައް ނުވިކަމުން... އެހެން ނޫންނަމަ މިއަދު މި ރާއްޖޭގެ ވަސްވެސް ނޯއްނާނެ ... މާދަން އެކަހަލަ ކަމެއް ވިޔަސްވާނީ ހަމަ އެހެން .... ފުރުސަތެއްނުގެއްލެ ކުރެވުނު ފާފަތަކައް ތައުބާވެ ... އާހިރަތުގެ ހަޔާތް ބާއްޖަވެރި ކުރެވޭތޯ ގަދަ އަޅާ މަސައްކަތް ކުރޭ މިއަދުވެސް މާދަމާވެސް މަރުވެދާނެ...

    61
    2
    • ވިސްނިއްޖެ

      ވަރައް ބޮޑު ތެދެއް... އަހަރެން ތައުބާވާނަން... ބިރު ގަނެއްޖެ ?

      36
      1
  4. ސޮނިފުހެޭ

    ސޫރަތުލް ޒަލްޒަލާ ފަރުވާ ތެރި ކަމާއެކު ކިޔާލާ މާނަ ބަލާލަބަލަ ﷲއީ ފުދިވޮޑިގެންވާ ބާރުލިބިވޮޑިގެންވާ ފަރާތެއް އަހަރުން އިންސާނުންނަކީ ވަރަށް ބާރުނެތް ނިކަމެތި ބައެއް ﷲގެ އޯގާވަންތަ ކަމާ ރަހްމާންވަންތަ ކަމުން ސަލާމަތް ކުރަށްވަނީ ﷲ އިރާދަ ކުރައްވާ ކަމެއް ކުރައްވާ . އެކަލާންގެ ދެއްވާ ނިއުމަތްތަކަށް ޝުކުރުވެރިވޭ

    35
    2
  5. ދޮގެއް؟

    ތިދުވަސްމަތިން ދިރިތިބީން އެއްކޮށް ހަނދާން ނައްތާލައިފިކަމަށް މިއަހަރުގެ މިދުވަހު އެބަ އިހްސާސް ކުރެވޭ. އެބިރުވެރި ހާދިސާ ހިނގިއިރު ދުނިޔޭގަ އުޅުނު ބަޔަކު ގައުމުގެ މަސްއޫލުވެރިންގެ ތެރޭ ނެތްބާއޭވެސް ހިތަށް އަރާ.
    ފޭރިކެއުމުގަ އަވަދިނެތި ވާނުވާގަ.

    10
    1
  6. ހުސެއިން

    މާެތް ކަލާނގެއާ ވަކީލު! މިއީ މީހަކު ލިޔާނީ ރިޕޯޓެއްތޯ ބަންޖެއްތޯ ދެ ޚިޔާލުގައި ހުރެގެން ލިޔުނު އެއްޗެއްތަ؟

    12
    3
  7. މަ

    މާ ގިނައިން އެކަހަލަ ބަސްތައް ބޭނުން ކޮށްފައި ހުރީމަ ކިޔާމީހާ ވާނީ ފޫހި. ކިޔަންފެށީ ވަރަށް ޝައުގުވެރިކަމާއެކު، އެކަމު މާ ގިނައިރަކަށް ނޫން.

    8
    1
  8. މަރީނާތު

    ވަރަށް ކިޔާހިތުން ފެށީ އެކަމަކު މީ ކޮންކަހަލަ ބަސްތަކެއް ފަހުން ހީވީ މަޖަވާން އުޅެފައިއޮތްހެން!

    2
    1