ދިވެހިން ވިޔަފާރިކޮށްލަން ދާން އެންމެ ރަނގަޅު ގައުމެއްގެ ގޮތުގައި ތައިލެންޑް އޮންނަނީ ވެފައެވެ. ތައިލެންޑްގެ ވެރިރަަށް ބެންކޮކުން ދިވެހިން "ހުސްނުވާ" ސަބަބަކީ ވެސް އެއީ އެވެ. ބައެއް ދިވެހިން ބުނާގޮތުގައި، މިހާރު ބެންކޮކަކީ ދިވެހިންގެ ސިޓީއެކެވެ. ބެންކޮކުން ދިވެހިންނަށް ޚާއްސަ ރަނގަޅު ހިދުމަތްތައް ދޭއިރު، އެތަނުގެ ހޮޓެލް ތަކުގެ އަގުވެސް ހުންނަނީ އަތްފޯރާ ފަށުގައެވެ. މިފަދަ އެތައް ސަބަބުތަކަށްޓަކައި ޗުއްޓީ ހޭދަކޮށްލަންދާ ދިވެހިންނަށް ވެސް ބެންގްކޮކް ވަރެއް ނޯވެއެވެ.

2018 ވަނަ އަހަރު ރޯދަ މަހާއި ކައިރިކޮށް އަހަންނަށް ތައިލެންޑަށް ދާން ފުރުސަތު ލިބުނީ އޮފީސް ދަތުރެއްގައެވެ. އެ ދަތުރުގައި ބެންކޮކްގެ ބަލާލުމުގެ ފުރުސަތު ނުލިބި، ދާން ޖެހުނީ އެ ގައުމުގެ ރިސޯޓް ސިޓީއެއް ކަމަށްވާ ޕުކެޓަށެވެ. އޭގެ ފަހުން އަހަންނަށް އަނެއްކާވެސް ތައިލެންޑަށް ދާން ފުރުސަތު ލިބުނީ، އޮފީހުން ދިން ހަނީމޫން ދަތުރުގައެވެ.

އެފަހަރުވެސް ސީދާ ބެންގކޮކްގައި ތިބެފައި ކުއްލި ދަތުރެއް ހަދާލައިގެން ފުކެޓަށް ދިޔައީއެވެ. އެފަހަރުގެ ދަތުރުގައި ބެންގކޮކްގެ މަގުމަތީގައި ހުންނަ ވިޔަފާރި ކުރާ ތަންތަނުން ފޮށި ފުރާ އެއްޗެހި ގަތީމެވެ. އެފަހަރުގެ ދަތުރުގައި، އެންމެންގެވެސް ލޮލުގެ އަޅައިގަތް އެއް ތަނަކީ ދުނިޔޭގެ ނުވަ ވަނައަށް އެންމެ އުސް އިމާރާތް ކަމަށްވާ ބަޔޯކާ ޓަވަރު 2 އެވެ. އެ ޓަވަރު އެ ފަހަރު ފެނިގެން ފޮޓޯ ނެގީމެވެ. އަރާލަން ފުރުސަތު ނުލިބުމުން، އެއިރު އެ ޓަވަރާއި ބެހޭ މައުލޫމާތު ނުލިބުނީއެވެ.

ބަޔޯކޭ މަތިން ބެންކޮކް ފެންނަ ގޮތް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ބަޔޯކޭ މަތިން ބެންކޮކް ފެންނަ ގޮތް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ނަމަވެސް، ތައިލެންޑަށް ކުރި ތިން ވަނަ ދަތުރުގައި އެތަނަށް އަރާލަން ފުރުސަތު ލިބުނެވެ. ރޭގަނޑު ވަގުތެއްގައި އެތަނަށް ދިޔައީ އޮފީސް އެންމެން އެކީ ކެއުމަކަށެވެ. ދިޔައިރު ކޮންމެވެސް ވަރަކަށް އެތަނުގެ މައުލޫމާތު އެއްކޮށްލައިގެން ދިޔަ ނަމަވެސް، އެތަނަށް ގޮސް ފުރަތަމަ އެރީ ލިފްޓަކަށެވެ. ހީކުރި ވަރަށްވުރެ ހަލުވި ލިފްޓެެކެވެ. އެ ލިފްޓަށް އެރުމުން ފެންނަނީ ބައެއް ނަމްބަރުތަކެވެ. ފުރަތަމަ ގޮސް އެރީ 19 ވަނަ ފަންގިފިލާއަށެވެ. ދެން އަނެއްކާވެސް ގޮސް އެރީ އެހެން ލިފްޓަކަށެވެ. އެ ލިފްޓުން ގޮސް އެރީ 77 ވަނަ ފަންގިފިލާއަށެވެ. އެ ފަންގިފިލާއިން ސިޑިއެއްގައި 78 ވަނަ ފަންގިފިލާއަށް އަރައިފީމެވެ.

ވަރަށް ހާއްސަ، ބޮޑު ކެއުމެއް

އެކި ފާޑު ފަޑުގެ ކެއުންތައް އޭރު އޮތީ ތައްޔާރަށެވެ. ނެތީ ނެތް ބާވަތެކެވެ. ކައިފައި ނުކާންވީ އެއްޗެއްކަންވެސް ނޭނގުނެވެ. އެހެން ނަމަވެސް ކޮންމެ ކޮންމެ އެއްޗަކީ ކެވޭނެ އެއްޗަކަށް ނުވާތީ، ކާން ފެށުމުގެ ކުރިން އެތަނުގައި ތިބި ވެއިޓަރުން ކައިރިން އަހާލަން ޖެހުނެވެ. ތައިލެންޑް ކަހަލަ ތަންތަނަކީ ސީފުޑަށް ލޯބިކުރާ މީހުންނަށް ހާއްސަ ތަނަކަށްވާއިރު، އަހަރުމެންނާއެކު ދިޔަ ގިނަ މީހުންނަކީ ސީފުޑަށް ލޯބި ކުރާ މީހުންނެެވެ.

ބަޔޯކޭ ގައި ލިބެން ހުރި ކެއުމެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ބަޔޯކޭ ގައި ލިބެން ހުރި ކެއުމެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެހެންވެ އޯޑަރު ކޮށްލުމުން ވަގުތުން އިހި ފަދަ ތަކެތި ތައްޔާރުކުރާ މަންޒަރު ފެނެއެވެ. މީގެ އިތުރުން، ސްޕެގެޓީ އާއި ނޫޑްލްސް އަދި އެކި ވައްތަރުގެ ބަތާއި، ކުކުޅުވެސް ތެލުލާފައި ހުއްޓެވެ. ޕިއްޒާ އާއި ސޫޝީގެ އިތުރުން، ތަފާތު ވައްތަރުގެ ސަޓަންޏާއި ކެއުމުގެ އެތައް ބާވަތެއް ހުއްޓެވެ. އަދި ތަފާތު އެކި ވައްތަރުގެ ބުއިންތައް ހުއްޓެވެ.

އަދި ކައި ނިންމާފައި ކާން ޑެޒާޓްވެސް އެހާގިނައިން ހުއްޓެވެ. އެތަނުގައި 50 އަށްވުރެ ގިނަ ބާވަތުގެ ކެއުންތައް ހުންނާނެ ހެން ހީވެއެވެ. އެހާވެސް އެތަނުގައި ހުރި ކެއުންތަކުގެ ވައްތަރުތައް ގިނައެވެ.

ބަޔޯކޭ ގައި ލިބެން ހުރި ކެއުމެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ބަޔޯކޭ ގައި ލިބެން ހުރި ކެއުމެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެ ހޮޓަލުގެ ހާދަ ގަވާއިދު ބޮޑޭ ހިތައް އެރީ ކޮންމެ ކާ މޭޒެއްގައި ބަހައްޓަފައި ހުރި ބޯޑެއް ފެނިފައެވެ. އެ ބޯޑުގައި ބޮޑު އަކުރުން ލިޔެފައި އޮންނަނީ "ތައްޓައް އަޅާ ކާ އެއްޗެހި ހުސްކުރަން ޖެހޭނެ" ކަމެވެ. އާނއެކެވެ. ގަވާއިދު ބޮޑީއެއް ނޫނެވެ. އެ މީހުންވެސް އިސްރާފު ކުރަން ބޭނުން ނުވަނީއެވެ. އެމީހުން ދީފައިވާ އިންޒާރުގައި ބުނެފައި ވަނީ، ކާ އެއްޗެހި އިސްރާފު ކުރާ ނަމަ ޖޫރިމަނާ ވެސް ކުރާނެ ކަމެވެ. މިއީ ވަރަށް ރަނގަޅު ގޮތެއް ކަމަށް އަހަރެން ވެސް ދެކެމެވެ. ކެއުމަކަށް އަގެއް ނުނަގައެވެ. ނަމަވެސް ކާން އަޅާ އެއްޗެހި ހުސްނުކޮށްފިނަމަ 500 ބާތު އިން ޖޫރިމަނާ ކުރެއެވެ.

ބަޔޯކޭ ގައި ލިބެން ހުރި ކެއުންތަކެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ބަޔޯކޭ ގައި ލިބެން ހުރި ކެއުންތަކެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ދެން އެރީ 83 ވަނަ ފަންގިފިލާއަށް

83 އަށްވަނަ ފަންގިފިލާއަށް އެރީ އަނެއްކާވެސް ސިޑިންނެވެ. ސިޑިއަށް އަރާއިރު، ތަފާތު ކާޓުން ކެރެޓްޓަތައް ކުރަހާފައި ހުރެއެވެ. އެ ތަނަށް އެރުމުން މުޅި، ބެންކޮކް އެއްކޮށް ފެންނަ ކަހަަލައެވެ. އެންމެން ކަހަލަ ގޮތަކަށް ފޯނުން ފޮޓޯ އާއި ވީޑިއޯ ނަގަން ފެށިއެވެ. މުޅި ބެންކޮކް އެ އޮތީ ދިއްލާފައެވެ. ވަރަށް ރީއްޗަށް މަގުމަތީގައި ދުއްވާ އެއްޗެހި ފެނެެއެވެ. ބޮޑެތި އިމާރާތްތަކާއި އެއްޗެހިވެސް ފެންނަން އެ ހުރީ ހައިރާންވާހާ ރީތިކަމާއި އެކުގައެވެ.

ބަޔޯކޭ މަތިން ބެންކޮކް ފެންނަ ގޮތް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ބަޔޯކޭ މަތިން ބެންކޮކް ފެންނަ ގޮތް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެ 83 ވަނަ ފަންގިފިލާއަށް އެރުމުން، އެ ބައި އޮޓޯއިން އެނބުރޭނެއެވެ. އެއީ ފޮޓޯ ނަގަން ބޭނުންވާ ފަރާތްތަަކަށް ފުރުސަތު ދިނުމަށެވެ. އެތަނަށް އަރާ މީހުން ހިފަހައްޓަން ޖެހޭ ގަވާއިދުތަކެއް އެބަހުއްޓެވެ. އެގޮތުން އެތަނަށް ކުނި އަޅައިފިނަމަ ޖޫރިމަނާ ކުރެއެވެ. ދުންފަތުގެ އިސްތިއުމާލު ކޮށްފިނަމަ ޖޫރިމަނާ ކުރެއެވެ.

ބަޔޯކޭ ޓަވަރު

1014 ފޫޓުގެ އުސް ޓަވަރަކީ ހަމަ އެކަނި ރީތި "ވިއު" އެއް ބަލާލަން ޚާއްސަ ތަނެއް ނޫނެވެ. ޗުއްޓީ ހޭދަކޮށްލުމަށް ދާ ފަރާތްތަކަށް ރަނގަޅު ރޭޓް ތަކެއްގައި މި ޓަވަރުގައި ޗުއްޓީ ހޭދަކޮށްލެވޭނެއެވެ. އެންމެ ޒަމާނީ ފެންވަރުގެ ހޮޓެލް ސާވިސްވެސް ހިމެނޭހެން ތަރައްޤިކޮށްފައިވާ މި ޓަވަރުން އެކި ފެންވަރުގެ ކޮޓަރިތައް ލިބެން ހުންނާނެއެވެ.

އަދި ފަސްތަރީގެ ހޮޓެލްތަކުން ލިބޭ އެނޫންވެސް ޚިދުމަތްތަކުގެ އިތުރުން ސްވިމިން ޕޫލާއި ރެސްޓޯރެންޓުތައް ވެސް، ހޮޓެލްގެ އިން ހައުސް ގެސްޓުންނަށް ޚާއްސަ ކުރެވިފައި ވެއެވެ. އެހެންކަމުން މިއީ ތައިލޭންޑަށް ކުރާ ދަތުރެއްގައި ނުގޮސް ވާތް އޮތް ތަނެއް ނޫނެވެ.

ބަޔޯކޭ ޓަވަރަށް ދެވޭނީ ކިހިނެއް؟

ބެންކޮކަށް ކުރާ ޗުއްޓީ ދަތުރެއް ފުރިހަމަ ވާނީ ބަޔޯކޭ މަތިން ބެންކޮކް ބަލާލެވިގެންނެވެ. ބަޔޯކޭ ބަލާލުމަށް ބޭނުންވާ ޓިކެޓް ބެންކޮކްގެ ޓްރެވަލް އެޖެންސީތަކުން ލިބެން ހުންނާނެއެވެ. އެންމެ ފަސޭހަ ގޮތަކީ ޓްރެވަލް އެޖެންސީ އަކުން ބަޔޯކޭގެ ޓްއާ ހަމަޖެއްސުމެވެ. އެކަމަށް އާއްމު ގޮތެއްގައި ޚަރަދު ކުރަން ޖެހޭނީ ކޮންމެ މީހަކު 40 އެމެރިކާ ޑޮލަރެވެ. ބައެއް ސީޒަންތަކުގައި އެއަށްވުރެ އަގުހެޔޮކޮށް ނުވަތަ އަގުބޮޑުކޮށް ވެސް ލިބިދާނެއެވެ.

އެހެންކަމުން ބެންކޮކަށް ޗުއްޓީ ދަތުރެއް ކުރަން ރާވާނަމަ ދާންޖެހޭ ތަންތަނުގެ ލިސްޓަށް ބަޔޯކޭ ޓަވަރު އިތުރު ކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކިޔުނަތެރިޔާ

  ވަގުތު ޓީމް ދާން ރަނގަޅުވާނެ

  14
  5
  • ޏަަމް މަސް

   ނަން ލިޔަން ފުރަތަމަ ދަސް ކުރޭ

   11
   2
  • ޖުލާ

   އެމީހުން ދިޔަ ވާހަކައެއްނު ބުނެފަ އެއޮތީ ??

   7
   1
 2. ވަގުތު

  ވަގުތުޓީމުގޮސްތަޖުރިބާކޮށްފައިއެކިޔައިދިނީ.ކިޔުންތެރިޔާަައަށްނުކިޔޭތިނޭނގުނީ.

  15
  6