އުސްތާޛުލް ޖީލު ވިދާޅުވި ފަދައިން "ބަހަކީ ސަވާރީއެކެވެ." ކުޑަވެސް ޝައްކެއްނެތެވެ. ސަވާރީއެއް ގެންގުޅޭ މީހާ އެ ނުބަލަހައްޓާނަމަ، ވަރަށް ވެސް އަވަހަށް އޭގައި މައްސަލަތައްޖެހެން ފަށައިފާނެއެވެ. ދަތުރުކުރަމުންދާ ސަވާރީ ހުއްޓި މަންޒިލަށްނުދެވޭ ފަހަރު ވެސް އަތުވެދާނެއެވެ. މަރާމާތު ނުކުރެވޭވަރަށް ހަލާކުވެ ކުނިގޮނޑަށް އެއްލައިލަންޖެހޭ ފަހަރު ވެސް އަތުވެދާނެއެވެ.

އޭގެ ބަދަލުގައި އެ ސަވާރީއެއް ރަނގަޅަށް ބަލަހައްޓާކަމުގައިވާނަމަ، ގިނަ ދުވަހަށް ދެމިއޮންނާނެކަން ގައިމެވެ. އެއަށް ތެޔޮޖަހައި ހަދާނަމަ، ހަލުވިކަމާއެކު ދަތުރުކުރެވި މަންޒިލަށް ދެވޭނެކަން ޔަޤީނެވެ. ދޮވެ ސާފުކުރާނަމަ އިތުރު ޗާލުކަމެއް އަންނާނެކަން ކަށަވަރެވެ.

ހަމަ އެހެންމެ ގުލްޒާރެއް ބެލެހެއްޓޭނީ، ވަރަށް ވެސް ހިތްވަރުގަދަ ޑަރޯގާއަކަށެވެ. ވަރަށް ވެސް ކެތްތެރި މީހަކަށެވެ. ވަރަށް ވެސް ފަރުވާތެރި މީހަކަށެވެ.

އާދޭހެވެ. ފެންދީ ނުބެލެހެއްޓޭނަމަ ގަހެއް ރޯވެ ހެދޭނީ ކޮންފަދައަކުންތޯއެވެ؟ ގަހަށް ޖެހޭ ބަލިތައް ދެނެގަނެތުމުގެ ކުޅަދާނަކަން ލިބިފައިނުވާނަމަ އެކަށީގެންވާ ފަރުވާއެއް ކުރާނީ ކިހިނަކުންތޯއެވެ؟ އެ ގުލްޒާރަކަށް ކަމޭނުހިތާނަމަ، ޅަނދޮޅު ގަސްތަކެއް ފެންނާނެތޯއެވެ؟ ވަސްމީރު މާމެލާމެލި ފޮޅޭނެގޮތެއް އޮންނާނެތޯއެވެ؟

އާދޭހެވެ. ބަހަކީ ވެސް، އެ ފަދަ އެއްޗެކެވެ. އަޅުގަނޑުމެންގެ ބަހަށް އަހުމިއްޔަތުކަމެއް ނުދެވޭނަމަ، ބަސް ކުރިއަރާނެގޮތެއް އެބައޮތްތޯއެވެ؟ ބަހުގެ ތަރައްޤީގެ ދުވެލީގައި ހަލުވިކަމާއެކު ދަތުރުކުރާނީ ކިހިނެއްތޯއެވެ؟ ބަހުގެ ގަވާއިދުތަކަށް ބުރަމުންދާހައި ހިރަފުސްތައް ފޮޅައި ސާފުނުކުރެވޭނަމަ، ބަހުގެ ރީތިކަން ދެމިއޮންނާނެތޯއެވެ؟ ބަހަށް ބޭނުންވާ ކާނާ ނުލިބޭނަމަ، ދުޅަހެޔޮ ސިއްޙަތެއްގައި ބަސް ދެމިއޮންނާނީ ކިހިނެއްތޯއެވެ؟ ބަސް ކުރިއަރުވަން އެކަށީގެންވާ ޚިދުމަތްތަކެއް ނުކުރެވޭނަމަ، އަދަބުގެ ގުލްޝަނުން ފަރިމާތައް ފޮޅޭނީ ކިހިނެއްތޯއެވެ؟ ބަހުގެ ގުލިސްތާނަށް ފަރުވާލެއް ނުބަހައްޓާނަމަ ފަރިވެ ފޮޅެމުންދާ މާތަކުގެ ޝަޛާ، އަންނަން އޮތް ޖީލުތަކަށް ފޯރާނީ ކޮންފަދައަކުންތޯއެވެ؟

ތެދެކެވެ. ވޭތުވެދިޔަ ޒަމާންތަކުގައި ދިވެހިބަހުގެ އަދަބީ ގުލްޝަނުން ނުހަނު ފަރި މާތަކެއް ފޮޅުނެވެ. ދިވެހިބަހުގެ ދަނޑު އާރޯކުރަން މިންނެތް މަސަތްކަތްޕުޅުތަކެއް ކުރައްވައިފައިވާ އެތައް ބޭފުޅުންނެއް އުޅުއްވިއެވެ. ދިވެހިބަހުގެ ގަވާއިދުތައް، ދިވެހި ދަރިންނަށް ފޯރުކޮށްދެއްވެވި އެތަކެއް އެދުރުންނެއް އުޅުއްވިއެވެ. ދިވެހިބަހަކީ އެހެނިހެން ބަސްތަކާ އެއްސަފެއްގައި "ފައިތިލަ" ސާބިތުކުރެވޭނެ ފެންވަރުހުރި ބަހެއްކަން އަންގަވައިދެއްވެވި އަދީބުން އުޅުއްވިއެވެ. އެ ބޭފުޅުން އިންދެވި ދިވެހިބަހުގެ ގަސްތައް އަދިއަދަށްދާންދެން ވެސް މިލައިގެންނުދާކަމީ މީގެ ހެއްކެކެވެ.

މި ގޮތުން ބަލާއިރު، އެދުރު ޢުމަރު މާފަތްކަލޭފާނުގެ "ބޮޑު ތާހީދު" ހިމެނެއެވެ. ބަނޑޭރި ޙަސަން މަނިކުފާނުގެ "ދިޔޯގެ ރައިވަރު" ހިމެނެއެވެ. ހަމަ އެހެންމެ އެ ބޭފުޅުން އިންދެވި ގަސްގަހުން ފައިދާ ހާސިލުކުރެއްވެވި ފަޟީލަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން ނުވަތަ ނައިބުތުއްތު ލިޔުއްވައިފައިވާ ތާނަލިއުމުގެ ގަވާއިދު ހިމެނެއެވެ. ހަމަ މި މޭރުމުން ބަލާއިރު، ނައިބުތުއްތުގެ އަގުހުރި ދަރިވަރު ފަޟީލަތުއްޝައިޚު ޙުސެއިން ޞަލާޙުއްދީން ލިޔުއްވައިފައިވާ ކީރިތި ރަސޫލާގެ ސިޔަރަތު ހިމެނެއެވެ.

ހަމަ މި ބީދައިން ބަލާއިރު، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ އަގުހުރި ޅެންތަކާއި، ފަޟީލަތުއްޝައިޚު އިބްރާހިމް ރުޝްދީ އަލްއަޒްހަރީގެ "ސުއްލަމުލް އަރީބު" މި ނަންކިޔާ ފޮތަކީ ދިވެހިދަރީންނަށް ލިބިފައިވާ އަގުބޮޑު ޚަޒާނާތަކެއްކަމާމެދަކު ޝައްކެއްނެތެވެ.

އަދި ކީއްތޯއެވެ. ދިވެހި އަދަބީ ގުލްޝަނުން ފޮޅުނު ފިނިފެންމަލުގެ ވަސް، އެތައް މޭލެއްގެ ދުރަށް ފެތުރިފައިވާކަމީ ވަސްވާހެއް އޮތްކަމެއްނޫނެވެ. އެ މަނިކުފާނުގެ ފޮތް "ދިވެހި ބަސް، ދަރިވަރުންގެ އެހީތެރިޔާ" އަކީ، ދިވެހިބަހުގެ ގަވާއިދުތައް ހޯދައި ބަލަންއުޅެފި ކަތަކަށް ލިބޭނެ އަގުބޮޑު ތަރިކައެއްކަމާމެދަކު އަޅުގަނޑު ދެބަހެއްނުވަމެވެ.

ދިވެހި އަދަބީ އުދަރެހުން އެރި "އުޖާލާވި ރަންތަރި" ގެ ބެބުޅުން އަދިވެސް ފިލައިނުދާކަމުގައި އަޅުގަނޑު އެއްބަސްވަމެވެ. ދިވެހިބަހަށް ޚިދުމަތްކުރައްވަމުން، ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅުއްވަމުން، ދެން އެޅުއްވި "ފިޔަވަޅު 1"، "ފިޔަވަޅު 2"، "ފިޔަވަޅު 3" އޭތޯއެވެ! އާދޭހެވެ. އެ ފިޔަވަޅުތަކަކީ، ދިވެހިބަހުގެ ގަވާއިދުގެ މައިދާނުގައި ފިޔަވަޅު އަޅަންވީގޮތް ދެނެގަނެވޭނެ ނަމޫނާ ފިޔަވަޅުތަކެއްކަމާމެދަކު އަޅުގަނޑު އިންކާރެއް ނުކުރަމެވެ.

ޝައްކަކަށް ޖާގައެއްނެތެވެ. އިސްވެ މި ދެންނެވި ހުރިހައި ބޭފުޅުން މަސައްކަތްޕުޅު ކުރައްވައިފައިވަނީ، ވަރަށް ވެސް އިޚުލާސްތެރިކަމާއެކުގައެވެ. އެ ހުރިހައި ބޭފުޅުންނަކީ ވެސް، ދުނިޔޭގެ ތަފާތު ބަސްތައް ދެނެވަޑައިގަންނަވާ ބޭފުޅުންނެވެ. "އަސަރަކާ އަދި ފޮނިކަމެއް އެކި ބަސްބަހުން ހަމަ ފެނުނަކަސް"، (އަލްއަމީރުލް މަރުޙޫމު މުޙައްމަދު އަމީން) އެ ބޭފުޅުންގެ އެންމެ ފަހުވަގުތާއި ހަމައަށް ވެސް ދިވެހިބަސް އިސްކުރެއްވިއެވެ. ބަހަށް އިޙުތިރާމު ކުރެއްވެވިއެވެ. އިންޤިލާބުތައް ގެނެސްދެއްވެވިއެވެ. ބަހުގެ ގަވާއިދާއި ހަމަތަކާއި އުޞޫލުތަކުގެމަތީގައި ދެމިތިއްބެވިއެވެ.

އެހެނަސްތޯއެވެ! މިއަދު މި ފެންނަނީ ތަފާތު މަންޒަރުތަކެކެވެ. އާދޭހެވެ! ތިމަތިމާމެންގެ ހިތަށްއެރިހައި ގޮތަކަށް ބަސްމޮށެމުންދާ މަންޒަރެވެ. ބަހުގެ ގަވާއިދުތަކަށް ބެލުމެއްނެތި ބަސް ބޭނުންކުރަމުންދާ މަންޒަރެވެ. އިހުގެ އަދީބުންގެ އިލްތިމާސްތަކަށް އިއުތިރާޒުކުރަމުންދާ މަންޒަރެވެ. އެ ބޭފުޅުންނަށް ބަދުބަސްތައް ރައްދުކޮށް، ތިމަތިމާމެންނަކީ އެންމެ މޮޅު، އެންމެ އެނގޭ މީހުންކަމުގައި ބުނަމުންދާ މަންޒަރެވެ. ހަމައެއް އުޞޫލެއްނެތި ލިޔުންތައް ލިޔަމުންދާއިރު، ގަލަމުގެ މަސްއޫލިޔަތަކީ ކޮބައިކަން ނޭނގޭ ދަރަޖައަށް ކަންކަން ގޮސްފައިވާ މަންޒަރެވެ.

ލިޔުންތެރިންނޭވެ! ލިޔުއްވާށެވެ! ލިޔުއްވާށެވެ! އެކަމަކު ވެސް ބަހުގެ ގަވާއިދާ ހަމަތަކާއި އުސޫލުތަކުގެތެރޭގައި އިނގޭތޯއެވެ! އިހުގެ އަދީބުން ދެއްކެވި ރިވެތި ގޮތްތަކުގެ މަތީގައި އިނގޭތޯއެވެ!

ޤަބޫލުކުރަމެވެ. ކޮންމެ މީހަކީ، އެންމެހައި އެއްޗެހި އެނގޭނެ މީހެއްނޫނެވެ. އެހެންނަމަވެސް ކޮންމެ މީހަކަށް ވެސް ދިރާސާކުރެވޭނެ ނޫންތޯއެވެ. ބަހުގެ ދިރާސާއެއްނުކުރާހައި ހިނދަކު، ލިޔުންތަކަށް އަލިހަވާސާކަމެއް ލިބިދާނެތޯއެވެ؟

ނޫނެކެވެ. ނުލިބޭނެއެވެ. މިހާ ހިސާބުން، އަލްއުސްތާޛުލް މަރުޙޫމު މުޙައްމަދު ޖަމީލުދީދީ ވިދާޅުވެފައިވާ ބަސްފުޅެއް ހަނދުމަކޮށްލެއްވުން ކީއްތޯއެވެ! އާދެ! "ބަހުގެ ހަމަތަކާމެދު ވިސްނާންވެއްޖެ" މި މަޢުޟޫޢުގެ ދަށުން، އޮނަވިހި ސަތޭކަ ސައުރަޔާހިވަނަ އަހަރުގެ މާޗްމަހުގެ "ފަތްތޫރަ" އަށް، އެ މަނިކުފާނު ލިޔުއްވައިފައިވާ ލިޔުމުގައިވެއެވެ. "ފޮތާއި ގަލަމާއި އަތުގައި ހަރުލާ ކޮންމެ މީހަކަށް ގޮތެއް ހަދަމުން ގެންދާންވެއްޖެނަމަ، ވަލަކަށް ވަދެވިދާނެއެވެ. އެހެންކަމާއެކު، ބަހުގެ ހަމަތަކަކީ ކުޅޭންއޮތް ބޯޅައެއްނޫންކަން ހަނދުމަފުޅުކުރައްވާން ދަންނަވަމެވެ."

އާދޭހެވެ! އިހުގެ އަދީބުން އަޅުގަނޑުމެންނާއި ހަމައަށް އަމާނާތްތެރިކަމާއެކު ބަސް ފޯރުކޮށްދެއްވެވިއެވެ. ކަން މިހެން ހުރިއިރު، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ބަސް ފޯރުކޮށްދޭންތިބީ އަޅުގަނޑުމެންނޫންތޯއެވެ!

އަޅުގަނޑުގެ ގަލަން ބާއްވަނީ ދެތިން ބަހެއް ދަންނަވައިލުމަށް ފަހުގައެވެ. އާދެ! ބަހުގެ ގަވާއިދާއި ހަމަތަކަށް ތަބާވުމަށް އިލްތިމާސްކުރަމެވެ. ދިވެހިބަހާއި އެހެނިހެން ބަސްބަހުގެ ލަފުޒުތައް މަސްހުނިކުރުމާމެދު އިއުތިރާޒުކުރަމެވެ. އަޅުގަނޑު އެދެނީ ދިވެހިބަހަށް ކުރިއެރުމެވެ! ދިވެހިބަހަށް ފާގަތި މުސްތަޤުބަލެކެވެ!

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާހިރާ

    ދިވެހިބަސް މިހާރު އޮތްވަރަށްވުރެ ކުރިޔަށް ގެންދެވޭނީ، މި މަޒްމޫނުގައި ބަޔާން ކުރެވިފައިވާ ދިވެހިބަހުގެ ޤަވާޢިދު ފޮތްތަކުން ސްކޫލް ތަކުގެ ކުދިންނަށް ދިވެހި މާއްދާ ކިޔަވައިދީގެން.

  2. އާރު

    ޥަރަށް ރަގަޅު ލިއުމެއް. ޢެންމެ ދެރްވަނީ ޓީވީ ތަކަށް އަރައި އެކިއެކި ބޭފުޅުންގެ ބަސް މޮށުމުގައި ގެންގުޅެންވީ އަދަބުތައް ދަސްވެފައި ނުހުމއނާތީ. މިސާލަކަށް ވާހަކަ ދައްކާމީހާ ބުނަނީ "ޢަޅުގަނޑު މިދެންނެވީ" މިބަސް އަނބުރާ ބަސްބުނި މީހާ ޢައި މުޚާތަބު ކުރާއިރު ބުނަންވާ ރަނގަޅު އަދަބީ ގޮތް "ދެންމެ ތިޔަ ވިދާޅުވީ" ބުނާތީއެއް ނުފެނޭ. ބުނާތީ ފެންނަނީ " ދެންމެ ތިޔަ ދެންނެވީ" މިކުށް ގޮތަށްުޚާތަބު ކުރާތަން. ވީމާ ޓީވީ ތަކަށް އަރާތިބޭ މުވައްޒަފުން އެންމެފުރަތަމަ ބަސްމަގު ރަނގަޅުކޮށް ހަމަކުރަން ވެއްޖެ.

  3. ބެއްޔާ

    ވޭޗަމަން ބަހުގެ ފަރިކޮށްލި އޭރުގެ ހަނދާން
    ކީޅެމުން ދިވެހި ގުލްޝަން ޖަރީ ކުރި ޒަމާން
    އައިހެމުން އޭރު ބުލްބުލް ގޮވާލާ އަމާން
    އާދެ ނަންފުޅު ފަޚުރުވެރި މުހަންމަދު އަމީން.