މީލާދީ އާއަހަރު ފެށުމާއި ދިމާކޮށް މިވަނީ ބޮޑު ޗުއްޓީއެއް ލިބިފައެވެ. ރަސްމީ މަސައްކަތްތައް ދެން ފަށާނީ ޖަނަވަރީ މަހުގެ 05 ވަނަ ދުވަހުއެވެ. ޗުއްޓީ އާއި އެކު މާލެ އިން ވެސް ކޮންމެވެސް ވަރަކަށް މީހުން މަދުވެ "ފެން މައްޗަށް މާލެ ހިއްލިލައިފި" ހެން ވެސް އެބަ ހީވެއެވެ. އެތައް ބަޔަކު ފުރަފުރައިގެން ރާއްޖެއިން ބޭރަށާއި އަތޮޅުތެރޭގެ ރަށްރަށަށާއި ރިސޯޓްތަކަށް ހިނގައްޖެއެވެ. އުފާވެރި އާއަހަރެއްގެ ފެށުން ފާހަގަ ކުރުމަށްފަހު އަދި މިއަދު އަރާމު ތަންމަތިތަކުގައި ގިނަ ބަޔަކު ތިބީ މަސައްކަތުގެ ބުރަކަމުންނާއި، ކޮންކްރީޓް ޖަންގަލީގެ ނުސާފު ވައިން ސަލާމަތް ވުމުން ލިބިފައިވާ ހިތްހަމަޖެހުމާއި ވެސް އެކުގައެވެ.

ނަމަވެސް މި ޗުއްޓީ ފާހަގަ ކުރަމުން ގެންދާއިރު ޗުއްޓީ، ޗުއްޓީއެއްގެ ގޮތުގައި ހޭދަކުރުމުގެ ފުރުސަތު ފަހި ވެގެން ދިއުމުގައި ޗުއްޓީއެއް ނެތި ހުރިހާ ވަގުތެއް މަސައްކަތުގައި ހޭދަކުރަމުން ގެންދާ މީހުންނާއި، އެމީހުންގެ އާއިލާތަކުގެ މަތިން ހަނދާން ކުރަން ޖެހެއެވެ.

ދަތުރުތައް ފުރިހަމަ ކޮށްދޭ ފްލައިޓްގެ ކްރޫންނާއި، އެއާޕޯޓްތަކުގެ މުވައްޒަފުންނާއި، ލޯންޗް ކްރޫންނާއި، އެއާޕޯޓްތަކުގެ މުވައްޒަފުންނާއި ފެރީ ގިމަތަތަކުގެ މުވައްޒަފުންނާއި ޓެކްސީ ޑްރައިވަރުން ވަމުން އެގެންދަނީ ވަރަށް ބޮޑު ގުރުބާނީއެކެވެ. އޭގެ އިތުރުން އަހަރެމެންނަށް ކޮންމެ ރެޔަކު އަރާމުކޮށް ނިދައި މިލެވެނީ އަހަރެމެންގެ ސަލާމަތީ ކަންތައްތައް ފުލުހުންނާއި ސިފައިންގެ އަތްމައްޗަށް ދޫކޮށްލާފައެވެ. މިފަދަ ކޮންމެ ޗުއްޓީއެއްގައި ވެސް އެބޭފުޅުން އެއްވެސް ވަރުބަލިކަމެއް ނެތި، ރަސްމީ މަސައްކަތް ކުރިއަށްވުރެ އަދި ވަރުގަދަކޮށް ކުރިއަށް ގެންދާ ގެންދިއުމަކީ ޗުއްޓީ އެންމެ ފުރިހަމައަށް އަދާކުރެވޭ އެއް ސަބަބަބެވެ.

ޗުއްޓީއެއް ނެތި ރަސްމީ މަސައްކަތުގައި އުޅެމުންދާ ސިއްހީ އެހީތެރިންގެ ނަން ވެސް ފާހަގަ ކުރަން ޖެހެއެވެ. ޑޮކްޓަރުންނާއި ނަރުހުން، ހޮސްޕިޓަލްގެ އެހެނިހެން މުވައްޒަފުން ބަލި މީހުންގެ ޚިދުމަތުގައި އެމީހުންގެ ޗުއްޓީ ގުރުބާންކޮށް ދެމުން އެގެންދަނީ އަގުނުކުރެވޭނެ ފަދަ ޚިދުމަތެކެވެ.

ފިހާރަތަކާއި ޕެޓްރޯލްޝެޑްތަކާއި އަދިވެސް އާއްމު ޚިދުމަތްދޭ ތަންތަނުގައި ވަޒީފާ އަދާކުރަމުން ގެންދާ މުވައްޒަފުން ވެސް ވަމުން އެގެންދަނީ ކުޑަ ގުރުބާނީއެއް ނޫނެވެ. ނިސްބަތުން ވަރަށް ކުޑަ މުސާރައަކަށް ބައެއް ތަންތަނުގައި އާއްމުންނަށް ޚިދުމަތް ދިނުމުގައި އެމުވައްޒަފުން ތިބުން އެއީ މިއަދު އަޅުގަނޑުމެންގެ ޗުއްޓީ މިގޮތުގައި ހޭދަކުރެވެމުންދާ އެއް ސަބަބެވެ.

ރިސޯޓްތަކުގެ މުވައްޒަފުންނާއި ގެސްޓްހައުސްތަކުގެ މުވައްޒަފުން ވެސް ވަރުބަލިކަމެއް ނެތި ޚިދުމަތުގައި ދެމިތިބިއިރު އެމީހުންގެ ޝަކުވާތައް މަތިން މިއަދު އަދި އެއްފަހަރު ހަނދާން ކޮށްލުން އެއީ ކުރަން ޖެހޭނެ ކަމެކެވެ.

ރަސްމީ ބަންްދު ދުވަސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އުޖޫރަ ލިބޭނެ ގޮތްތައް ޤާނޫނުގައި ކަނޑައަޅާފައި އޮތް ނަމަވެސް މިފަދަ ޗުއްޓީ ދުވަސްތަކުގައި ހާއްސަކޮށް އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޤާނޫނުން ކަށަވަރު ކޮށްދޭ އުޖޫރަތައް ނުލިބުން އެއީ ބޮޑު މައްސަލައެކެވެ. ވަޒީފާ ގެއްލިދާނެތީ ޝަކުވާ ނުކޮށް ތިބި މުވައްޒަފުންގެ މައްސަލަތަކަށް ރަސްމީ އިދާރާތަކުން ހައްލު ހޯދައިދޭން އެބަޖެހެއެވެ.

މުވައްޒަފުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމުގެ އަޒުމު ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިއަދު އަލުން އާކުރަން ހިންގަވާށެވެ. މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އާއިލާ އާއި އެކު މިއަދު ޗުއްޓީ ކޮންމެވެސް ރިސޯޓެއްގައި ނުވަތަ އަގުބޮޑު ހޮޓަލެއްގައި ހޭދަކުރައްވަމުން ގެންދަވާއިރު ނިކަމެތި މަސައްކަތްތެރިޔާގެ މަތިން ހަނދާންކޮށް އެމަސައްކަތްތެރިޔާގެ ޙައްޤުތައް ހޯއްދަވައި ދެއްވަން އާއަހަރާއި އެކު އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ އަޒުމް އާކުރައްވާށެވެ.

މިއަދު ޗުއްޓީ ހޭދަކުރަމުންދާއިރު މި ޗުއްޓީ އެންމެ ފުރިހަމަ ގޮތުގައި އަދާމިކުރެވެނީ އެތައް މަސައްކަތްތެރިންނެއްގެ ގުރުބާނީގެ ސަބަބުންނެވެ. ހަމައެކަނި ޝުކުރުގެ ބަހަކުން އެމީހުންގެ މަސައްކަތުގެ އަގުވަޒަނެއް ނުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޝަރީފު

  ކޮބައިތޯ މިސކިތްތަކުގެ އި މާމމމ މުންގެ ވާހަކަ.. އަހަރުތެރޭ އެއްވެސް ޗުއްޓީއެއް ނެތި މަސަތްކަތް ކުރަނީި. ޥވވ ކުޑަ މުސާރަ އެެއް ލިބެނީ

  27
  3
 2. އަތަރޭ

  އެއީ އިހްސާންތރި ކަ މާއެކު އެބަޔަކު ކުރާ މިންނަތް މަސައްކަތުގެ އަގުވަޒަންކުރުންކަ މުގަ މެނުވީނުވާނެ. އެހެންނަ މަވެސް އެފަދަ އެއްވެސް ވެރިއެއް މިގައު މުގަ އެއްވެސް މުއައްސަސާއެއްގަ އަދި އެއްވެސް ކުންފުންޏެއްގަވެސް ނެތޭ ދެންނެވު މަކީ އެފަދަ އިހްސާންތެރި މަދު ވެރިއަކާ މެދު ވެވޭ ބޭއިންސާފެއްކަ މުގަވެދާނެ. ނަ މަވެސް އެއީކުށެއްނޫން. މިރާއްޖޭގެ ސަރުކާރު ހިއްސާ އޮންނަކުންފުންޏެއްގަ 30 އަހަރު ޚިދްމަތްކުރު މުގަ މިއަދުވެސް ދެ މިހުރިއިރު ފެންނަ މުންދަނީ ދެކެ މުން މިދަނީ ގަބޫލްވެސް ކުރަންދަތި ދުވަސްތަކެއް. ވަޒީފާގައިދެ މިތިބެ އު މުރުން ދަުވަސްވެ އެމުއައްޒަފުން ބަލިވެ އުޅެމުންދާއިރުވެސް އެއްވެސްކަހަލަ އަޅާލުމެއް ބަލާލުމެއްނެތި މަސައްކަތްތައް ހަވާލުކޮށް ޅަޒުވާން އުމުރުގެ ކުއްޖެކޭ ވެސް އެއްފަދައިން މަސައްކަތްތައްކުރުވާ މުއައްޒަފުގެ ދިޔަފެލާގެން ނަަ މަވެސް މަގާ މް ދިފާއު ކަުރުމަުގަ އަވަދި ނެތިއުޅެ މުން ދާމަންޒަރު. މިއީވަރަށް ހިތްދަތި ހިތާ މަހުރި ކަ މެއް.

  19
  2
 3. ޔާ

  ޗުއްޓީ ލިބުނީމަ ނިދީމަ ނިމުނީ. ތަންތަނަށް ދާ އެއްޗެއް ނޫން.

  17
  1
 4. ދިވެހިން ކިޔާ ބޮޑު ސޭޓު

  ފާރމަސިސްޓުން ނަކީ ސިއްހީ ހިދުމަތް ދޭ ބައެއް ނޫނީ ބާ

  13
  1
 5. ޙަބަރު

  ތިޔަ ޙަބަރު ލިޔުނު ފަރާތައް ޝުކުރިއްޔާ ނަން ހާމަ ކުރިޔަސް އަދި ނުކުރިޔަސް ޗުއްޓީ ނުނަގާ މަސައްކަތް ކުރި ކޮންމެ ފަރާތަކައް ވަރައް ޝުކުރުވެރިވަން ހިތުގެ ފުން މިނުން

 6. މުޅިމަންޒަރު

  އެމީހުން ޗުއްޓީ ނުނެގީތީ ޝުކުރުއަދާކުރަންވާނެ. އެކަމު އެމީހުންވެސް އެހެން އިރަކުން ޗުއްޓީ ނަގާނެ. އެންމެން އެއްފަހަރާ ޗުއްޓީ ހެދޭނެ ގޮތެއް އެއްވެސް ތަނެއްގައި ނޯންނާނެ.