ތުއްތު ކުދިންނަކީ މާތްﷲ ދެއްވާ އަމާނާތެކެވެ. ނިއުމަތެކެވެ. އެ ކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ލިބިގެންވާ ކުދިންތަކެކެވެ. ކަން މިހެން އޮތްއިރު ކޮންމެ މީހަކުވެސް އެމީހެއްގެ ދަރި ބަލާ ބޮޑު ކުރަނީ އެހާމެ ލޯބިންނެވެ. ނުސީދާ ގޮތަކަށް މީހަކު ބަލާލަންވެސް ބޭނުން ނުވެއެވެ. ސަބަބަކީ އެކުއްޖާއަށް އެހެން މީހެއްގެ އެސްފީނާއެއް ޖެހިދާނެތީއެވެ. ތުއްތު ކުދިންނަކީ ކޮންމެ މީހަކުވެސް ލޯބިވާނެ އެތައް ހާސް ސިފަތަކެއް ލިބިގެންވާ ކުދިންތަކެކެވެ. އެކުދިންގެ ވާހަކަ ދެއްކުމާއި އެކުދިންގެ އުޅުމަކީ ކޮންމެ މީހަކުވެސް ލޯބިން މޮޔާވަރު ކަމެކެވެ.

އެހެންނަމަވެސް ދިވެހި މުޖުތަމައުއިން މިއަދު މި ފެންނަމުން ދަނީ ކުޑަކުދިންގެ މައުސޫމުކަން އެހެން ގޮތަކަށް ބޭނުން ކުރަމުންދާ ތަނެވެ. އެކުދިންނަށް ޖިންސާ ގޯނާއާ އަނިޔާ ކުރަމުންދާ ތަނެވެ. އެކުދިން ލައްވާ ފާހިޝް އަމަލުތަކަށް އަރައިގަތުމަށް ހިތްވަރުދީ އެކުދިން މަގު ފުރައްދާ ތަނެވެ. ރާއްޖޭގައި ކުޑަކުދިންނާއި ބެހި އެކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލައަކީ އާއްމުވެފައިވާ "ގައުމީ ބޮޑު" މައްސަލައަކަށް މިވަނީ ވެފައެވެ.

އެފަދަ ކުދިންނާއި ބެހެމުން ދަނީ ބޭރު މީހުން {ނުދަންނަ ބައެއް} އެކަންޏެއް ނޫނެވެ. ހުދު ކުއްޖާގެ އާއިލާ މީހުންވެސް އަންނަނީ އެކުއްޖާއަށް ޖިންސީ އަނިޔާތައް ކުރަމުންނެވެ. އެފަދަ އަނިޔާތައް ދަރިންނަށް ދެނީ ބައްޕަ އާއި ދޮންބައްޕަ އާއި ބޭބެ އާއި އާއިލާގެ އެހެން މެމްބަރެއް ނުވަތަ އާއިލީ ރަހްމަތްތެރި ނުވަތަ ގެއަށް ވަދެ އުޅޭ ކޮންމެވެސް ދަންނަ މީހެކެވެ. މިފަދަ މައްސަލަތައް ގޭތެރެއިން ފެންމަތިވާއިރު ބައެއް މީހުން އަނގައިން ބަހެއް ބުނަން ނުކެރިފައި ހުރުމުގެ ނަތީޖާއަކަށް ވެގެން ދަނީ ތިމާގެ ދަރިފުޅުގެ މުޅި ޒިންދަގީ ވެއްޔާ މޮޑެވިގެން ދިއުމެވެ.

"މިއީ އަސްލު ހަގީގަތުގައި ވަރަށް ދެރަ ކަމެއް. ހީވެސް ނުކުރާ ޒާތުގެ ކަންކަން މި ގައުމުގައި އެބަ ހިނގާ. މީޑިއާތަކަށް ފެންމަތި މިވަނީ ކުޑަ ކަމެއް. އެކަމަކު އަޅުގަނޑުމެން މައްސަލަތައް ބަލާއިރު ފާހަގަ މިވަނީ އަސްލު މިފަދަ އަމަލުތައް މި ހިންގަނީ ގޭތެރެއިންކަން. އެންމެ ފުރަތަމަ މިބެހެނީ ކުއްޖާއަށް ގޭތެރެއިން. އެއަށްފަހު ދެން މި އަންނަނީ ގެއިން ބޭރުން މީހުން. ދެން ކުދިންގެ މަންމަ ހުންނަ ފަހަރާ ނުހުންނަ ފަހަރުވެސް ދޭ. ގިނައީ ކުއްޖާގެ ދޮން ބައްޕަ ނުވަތަ ބޮޑުބޭބެއެއް މިކަމުގައި އުޅޭތަން،" ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ބަލާ ޑިޕާޓުމަންޓުގެ ފުލުހުންގެ އިސް އޮފިސަރަކު "ވަގުތު"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވާ ގޮތުގައި ބައެއް ހާލަތްތަކުގައި ކުއްޖާއާ އެކުއްޖާގެ އާއިލީ މީހުން ބެހެމުން އަންނަނީ މައިންބަފައިންގެ ފުރިހަމަ ހުއްދައާވެސް އެކުގައެވެ. ރާއްޖޭގައި ކުޑަކުދިން ބޮޑެތި މީހުންގެ އުމުރަށް ނާޅަނީސް ބޮޑެތި މީހުން ލައްވާ އެއްޗެހި ލައްވާ އެކުދިންނަކީ ފުރާ ފުރިހަމަ ވެފައިވާ ކުދިންނަށް ހެދުމަށް ބައެއް މައިންބަފައިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޮފިސަރު ވިދާޅުވިއެވެ.

"ހުދު އަޅުގަނޑުމެންވެސް ދެރަވޭ އިނގޭތޯ. މިއީ ވަރަށް ނާތަހުޒީބު ކަންކަން. މިބުނީ ކުދިން ބޮޑު ނުވަނީސް އެއީ ބޮޑެތި ކުދިންކަން ދެއްކުމަށް ބައެއް މައިންބަފައިން އަންނަނީ މަސައްކަތް ކުރަމުން. އަދި ބައެއް މީހުންނަށް އެކުދިން ދައްކުވާ އެކުދިންގެ ފަރާތުން ފައިދާ ނަގައިގެން ބައެއް މައިންބަފައިން އަންނަނީ އާމްދަނީ ހޯދަމުން. މި ލެވަލްއަށް ކަންކަން އެބަހުރި ރާއްޖޭގައި ހިނގާފައި. އެކުދިންގެ މައުސޫމް ކަމުގެ ފައިދާ މިގޮތަށް ނަގަމުން އެބަ އާދޭ،" އޮފިސަރު ވިދާޅުވިއެވެ.

މިފަދަ ކަންކަމުގެ ޝިކާރައަކަށް ވާ ބައެއް ކުދިންގެ މުޅި އާއިލާއަކީ ކުށުގެ ވެށީގައި އުޅެމުން އަންނަ މީހުންނަށްވާ ފަހަރުވެސް އާދެއެވެ. އޮފިސަރު ވިދާޅުވި ގޮތުގައި ބައެއް ކުދިންގެ މަންމައާ ބައްޕަ އަދި މުޅި އާއިލާގެ ބެކްރައުންޑަށް ބަލާއިރު ކުށުގެ ވެށީގައި އުޅޭތާ އެތައް އަހަރުތަކެއްވެފައިވާ މީހުންވެސް އެބަ ތިއްބެވެ. އަދި އެކަމުގެ ސަބަބުން ކުއްޖާވެސް ކުށުގެ ވެއްޓަށް ހުށަހެޅޭ ފަހަރުތައް އަންނައިރު ކުއްޖާގެ ނުރުހުމުގައި އެކުއްޖާއަށް ޖިންސީ ހާނިއްކަ ކުރަމުން އަންނަ ކަމަށްވެސްވެއެވެ.

ކޮންމެއަކަސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މީޑިއާތަކުގައި ޖެހި ޚަބަރަކީ ވެސް މިފަދަ ޚަބަރެކެވެ. ތުއްތު ތުއްތު ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެކެވެ. އެ ކުއްޖާގެ ފޮޓޯއެއް "ވަގުތު" އަށް ވަނީ ލިބިފައެވެ. ލޯބިލޯބި އެ ކުއްޖާއަށް ކިރިޔަ ކިރިޔާ ހިނގެނީއެވެ. އެހެންނަމަވެސް އިންސާނުންގެ ސިފަގައި ތިބި ޖަނަވާރުންތަކެއްގެ ޝިކާރައަކަށްވެ އެކުއްޖާގެ މައުސޫމުކަން ފޭރިގަތީ އެއްވެސް ލަދެއް ހަޔާތެއްވެސް ނެތިއެވެ.

އޮފިސަރު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އާ ގާނޫނުގެ ސަބަބުން ކުޑަކުދިންނަށް މިފަދަ މައްސަލަތަކުގައި ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ ގާނޫނުގައި ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް ކުއްޖާ ގްރޫމް ކުރުމަކީ ވެސް ކުށެއް ކަމަށް ވަނީ ހިމަނައިފައެވެ. އަދި ކުޑަކުދިންނާ މެދު އިހުމާލުވުމާއި، އަނިޔާގެ އަމަލަކުން ކުޑަކުއްޖަކު ސަލާމަތް ކުރުމަށް އިހުމާލުވުމާއި، ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓުނުކުރުމަކީ ވެސް ކުށެއް ކަމަށް ގާނޫނުގައިވެއެވެ.

ސަރުކާރުން އެ ގާނޫނު މަޖިލީހަށް ހުށަހަޅައިފައި ވަނީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަގުފަހިކޮށްދުނުމުގެ ގޮތުންނާއި، އެ މުއާހަދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ. މި ބިލުގައި ކުޑަކުދިންގެ ހައްގުތަކާއި، ކުޑަކުދިންގެ ޒިންމާތަކާއި، ބެލެނިވެރިންގެ ޒިންމާތަކާއި، ދައުލަތުގެ ޒިންމާތަކާއި އެހެނިހެން ފަރާތްތަކުގެ ޒިންމާތައް ވަނީ ބަޔާންކޮށްފައެވެ.

ގާނޫނުގައި ކަނޑައަޅައިފައިވާ ކުޑަކުދިންގެ ހައްގުތަކުގެ ތެރޭގައި ތަފާތު ނުކުރުމާއި، އުނގެނުމުގެ ހައްގާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގާއި، ރައުޔު ކާމަކުރުމުގެ ހައްގާއި އަޅާލުމާއި ހިމާޔަތް ލިބުމުގެ ހައްގާއި، ޖިންސީގޮތުން ނާޖާއިޒް ބޭނުންހިފުމާއި ގޯނާކުރުމުން ރައްކާތެރިވުމުގެ ހައްގާއި، އަނިޔާއާއި އާޅާނުލުމުން ރައްކާތެރިވުމުގެ ހައްގު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުދިންބެ

    ކުށުގެ ވެށީގައި ބޮޑުވާ ކިތަންމެ ކުދިންނެއް ތިބޭނެ ނުރައްކަލަށް ހުށައެޅިފައި އެކުދިން ސަލާމަތް ކުރެވިދާނެ ސަރުކާރުން މަސައްކަތް ކުރަނިކޮށް މައިން ބަފައިން ހަކުރު ބޮންޏާ ކުދިން ދައުލަތަށް ނަގާ.

  2. Anonymous

    ފިޔަވަޅު އެޅޭނެ ގޮތެއް ނޯންނާނެ. ސޯލިހު ވަެރިކަމާ ހަވާލުޗެފަ ފުރަތަމަ ހޯރަ އިއްބެ ދޫކޮށްލީ. މިމެސެޖަކީ ކުޑަކުދިންނަށް ހިމާޔަތެއްނެތޭ. އެކުދިންނަށް ޖިންސީ ފުރައްސާރަކުރުމަކީ ކުށެއް ނޫނޭ!!!

  3. ފެކްޓް

    ކަމުގެ އަޞްލަށް ރުޖޫޢަ ނުވެ އެންމެން ތެޅިފޮޅި ނޭވާ ނުލެވިގެން މި އުޅެނީ ކީއްވެތޯ؟
    ﷲ ތަޢާލާ ކަމެއް މަނާ ކުރައްވާނީ އެކަމުގެ ގެއްލުމާ ޙަލާކާ ފަސާދަ ބޮޑުވާނެތީ އެހެން ނޫންތޯ؟ އަންހެން ކުރު ސޯޓާ ބޮކްސާ ތުރުކުރައްވައިގެން ހުރިހާ އެއްޗެއް ސޭލް އަޅުވައިގެން ޓިކްޓޮކް ގޮއްވަމުން އުޅޭ މުޖުތަމަޢެއްގަ ފިރިހެންގެ ޖިންސީ އެދުންވެރިކަން ހުންނާނީ ކްރޭޒީވާ ދަރަޖައަށް އުތުރި އަރާފަ އެހެން ނޫންތޯ.. ދެން ކިހިނެއްތޯ މި މައްސަލަ ހައްލު ކުރާނީ. އިނގްލިޝް ބާބޫ ބުނިހެން ދުނިޔެ ފަސާދަކޮއްލެވޭނީ ރާ ތައްޓަކާ އޮރިޔާމުން ހުރި އަންހެނެކޭ. އެއީ ތެދުފުޅެއް ނޫންތޯ؟.

  4. ބަލާ

    ކރަފާނަޝީދު ދެކޭގޮ ތުގައި ބުރުގާ އަޅާމީހަކީ ހަރުކަށި ފިކުރުމީހެއް ކުއްވެރި ޔެއްހައްޔަރު ކޮށްފިޔާ އެކުށްވެރިޔަކީ ބުއްދި ގޯސްމީހެއް އަންނި ނުރުހޭ ކޮންމެކަމަކީ ހަރުކަށި ކަންތައް އެބަލާވެރިކަމުން ސަލާމަތް ވެގެންނޫނީ ދުވަހަކުވެސް މިދިވެހި ރާއްޖޭގެ އެއްވެސް ހަމައެއްވެސް ކަމެއް ހައްލެއްނުކުރެވޭނެ

  5. ބޯކިބާ

    ދެން ކޮންމެއަކަސް ރައީސް ޔާމީނު އޮންނަވާ ގޮޅިއަށް ތީގެން މީހަކު ނުލުމަށް އަހަރެމެން އެދެނީ.

    2
    1
  6. ހެވީ

    މޯލެސްޑިވްސް