ހިޖުރައިން 965 ވަނަ އަހަރެވެ. ރަޖަބު މަހުގެ އެންމެ ފަހު ދުވަހަށް އިރު، އަލްވަދާއު ކިޔަމުން އައީ އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ދުނިޔެމައްޗަށް ގަދަ ރަތް ދޯދިތަކެއް ފާޅުކުރަމުންނެވެ. ބަބުޅަމުންދިޔަ މި ދޯދިތަކުގެ އުޖާލާކަން ގެއްލި އަލްވަދާޢު ކިޔަދިޔައީ މާލޭގެ މަގުތަކަށް އަނދިރިކަމާއި ފަޅުކަން ވެރިކުރުވަމުންނެވެ. ރޭގަނޑުގެ އަނދިރިކަމާއި މެންދަމުގެ ހަމަހިމޭންކަން މާލޭގެ މަގުތަކަށް ވެރިވެފައިވިއެވެ. އަދި އައު ދުވަހެއްގެ ފަތިހުގެ އަލިކަމަށް ދުނިޔެ އަލުން މަރުޙަބާ ކިޔަމުންދިޔަ އިރު، އެހެން ދުވަސްތަކާއި ޚިލާފަށް ކަންތައްތައް ބަދަލުވެގެން ގޮސްދާނޭ ކަމަކަށް އެއްވެސް ދިވެއްސަކު ހިތަކަށް ނާރާނައެވެ.

ދުނިޔެވީ ގާނޫނާއި އެއްގޮތަށް އެ ކަޅު އަނދިރި ރޭ ފަތިހުގެ އަލިކަމަށް ބަދަލުވެގެން ދިޔައެވެ. އެހެނަސް އެ ފަތިހަކީ ދިވެހިން ހީކުރިހައި އަމާން ފަތިހަކަށް ވެގެން ނުދިޔެވެ. އައު ދުވަހަކާއި ދިވެހިން ކުރިމަތިލީ ނާމާން ކަމާއި ބިރުވެރިކަމުން ފުރިގެންވާ ޙާލުގައެވެ. މާލޭގެ ހުޅަނގު ފަރާތަށް ވަނީ ހަނގުރާމަވެރި ލަޝްކަރެއް ޖަމާވެފައެވެ. ރާއްޖޭގެ ޗާލުކަމަށް ދަހިވެތިވެ ދީވާނާވެފައި ތިބި ބައެކެވެ. ރާއްޖޭގެ ވެރިކަމަށް ފެންބޮވައިގަތްފައި ތިބި ނުލަފާވި ޕޯޗުގީޒު ހަނގުރާމަވެރީންތަކެކެވެ.

އޭރު ނާޒުކު މި ރާއްޖޭގެ ވެރިކަމުގައި ހުންނެވީ އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާސަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އަޅުގަނޑުމެން އެންމެން ދަންނަ ނަމުން ނަމަ ހިއްވަރުގަދަ އަލިރަސްގެފާނެވެ.

ރާއްޖޭގެ ދީނާއި މިނިވަންކަމުގެ ދިފާއުގައި ޕޯޗުގީޒުންގެ މި ލަޝްކަރާއި ހަނގުރާމަ ކުރައްވާން ނިންމަވައި ވަޒީރުންނާއި އަރިސް ބޭބޭފުޅުން އެއްކުރައްވައި މަޝްވަރާ ކުރެއްވިއެވެ. އަދި ހަނގުރާމައަށް ނިކުމެވަޑައިގަތުމުގެ ކުރީން އާއިލާގެ އެންމެ ގާތް ބޭފުޅުންކަމަށްވާ ސިއްތި މާވާ ރަނިކިލެގެފާނު، ކުޑަކަމަނާފާނު އަދި ކުޑަކަލާފާނާއި ބައްދަލުކުރައްވައި ހަނގުރާމައަށް ނިކުމެވަޑައިގަންނަވާ ޚަބަރު ދެއްވިއެވެ. އެހިނދު އެބޭކަނބަލުންގެ ލޯފުޅުން ކަރުނަފޮދު އޮހޮރިގަތެވެ. އަދި ނަޞްރަށް އެދި މާތްﷲ ހަޟްރަތުގައި ދުޢާ ދަންނަވައި އެ ކަނބަލުންނާއި ސަލާމް ކުރެއްވުމަށްފަހު ހަނގުރާމައަށް ރަސްގެފާނާއި ރަސްގެފާނުގެ ލަޝްކަރު ނުކުމެވަޑައިގަތީއެވެ.

އެއީ ޝައުބާން މަހެއްގެ ފުރަތަމަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. ގަދަ ހިތްވަރާއިއެކު އަލިރަސްގެފާނުންގެ ލަޝްކަރު ހަނގުރާމައަށް ނުކުމެވަޑައިގަތީ ދިވެހި ގައުމާއި، ދިވެހިންގެ ދީނާއި މިނިވަންކަމާއި އިސްތިޤްލާލާއި ހަމަޖެހުމުގެ ދިފާއުގައި ދުޝްމަނުންނާއި ކުރިމަތިލައި ބަލިކުރާށެވެ. ނުގުޑާފަދަ އަޒުމްފުޅަކާއިގެން ނުކުމެވަޑައިގެން ޕޯޗުގީޒުންގެ އެ ބިޔަ ލަޝްކަރާއި ދެކޮޅަށް ކުރެވޭ ހަނގުރާމަ ފެއްޓެވީ މި އަޒުމަށް އެއްވެސް ލޮޅުމެއް ގެނައުމެއް ނެތިއެވެ.

ގަދަފަދަ ހަނގުރާމައެކެވެ. ދިވެހީންގެ އަދަދު މަދެވެ. ނަމަވެސް އަޒުމެއް ނުގުޑައެވެ. އެކަމަކު ހަނގުރާމައިގެ މައިދާނަށް، އާދެ، އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑަށް ހިތާމަވެރިކަމާއިއެކު އޮހެމުން ދިޔައީ ދިވެހި ލެޔެވެ. ގައުމަށް ޣައްދާރުވެ އެއްބަޔަކު ހަނގުރާމައިގެ މައިދާން ދޫކޮށް ފިލަންވެސް ފެށިއެވެ. އެއާއިއެކު ހަނގުރާމައިގެ މައިދާން ބަލަހައްޓަވާން ހުންނެވި ރަސްކަލުންނަށް މަޖުބޫރުވެވަޑައިގަތީ މައިދާނުގެ ކުރީ ސަފަށް ނުކުމެ ހަނގުރާމަ ކުރާށެވެ.

އެންމެ ފަހުން ހަނގުރާމާގައި ބާކީ ތިއްބެވީ ރަދުންނާއި ވިލިގިލީ ރާވެރިބެއާއި ދެބޭކަލުން އެކަންޏެވެ. މި ދެބޭކަލުންނަށް ވީ އިރުކޮޅެކެވެ. ޢަދުއްވުންގެ ލަޝްކަރުގެ ލޯ އަވަރު މީހަކު ފޮނުވާލި ތީރެއް އެރީ އަލިރަސްގެފާނުންގެ މޭކޮޅަށެވެ. ދިވެހީންގެ އެތައް ބައެއްގެ ލޮލުން ކަރުނަ އޮހޮރުވައިލި އެ ވަގުތުކޮޅު ހިތާމައިން ފުރިގެންވިއެވެ. ހިތްވަރުފުޅާއި އަޒުމްފުޅު ވަރުގަދަ އަލިރަސްގެފާނު ޝަހީދުވެގެން ވެއްޓިވަޑައިގެން މަންޒަރުވީ ދިވެހީންގެ ތެރެއިން އެންމެ ފަރުދަކަށްވެސް ބަލާން ކެތްވި މަންޒަރަކަށް ނޫނެވެ. ރާވެރިބޭވެސް ޝަހީދުވެ، ދިވެހީންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ހިނގައްޖެއެވެ.

އެދުވަހު ޕޯޗުގީޒުންގެ ދިދަ މި ދިވެހި ފަސްގަނޑުގައި އުފުލާލައިފިއެވެ. މަޝްހޫރު އަނދިރި އަނދިރިން ދިވެހިރާއްޖޭގެ ވެރިކަމަށް އަރައިގަތެވެ. އެއީ ދިވެހި ރާއްޖެއަސް އުފަން މީހެކެވެ. ދިވެހިންގެ ތެރޭގައި އުޅެ ބޮޑުވި މީހެކެވެ. އެންޑްރިއެސް އެންޑްރޭއެވެ.

މިއަދު އަޅުގަނޑުމެން ދިވެހިން މި އައު ކުރަމުން މިދަނީ މި މާޒީގެ ހިތި ހަނދާންތަކެވެ. ޝަހީދުންގެ ދުވަސް އެބޭކަލަކަށް ނިސްބަތްވާ އަލިރަސްގެފާނާއި ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް އެ އަބްޠާލުންގެ ޒިކުރާތަކުގެ ހަނދާނެވެ.

މިއަދު އަޅުގަނޑުމެންވީ އެބޭކަލުން އެދުވަހު އެ ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ހަނދާންތަކުން އިބުރަތް ލިބިގަންނާށެވެ. ގައުމަށް ޣައްދާރުވުމަށް ފުރުސަތު ނުދޭށެވެ. ގައުމުގެ ހަމަޖެހުމާއި މިނިވަންކަން ނަގާލުމަށް ބަޔަކު އަބަދުވެސް މަސައްކަތް ކުރާނެކަން ހަނދާންނައްތައި ނުލައްޗެވެ. އެފަދަ ކަންނަމަށް އަބަދުވެސް ހޭލާ ތިބޭށެވެ.

ހަނދާން އައު ކުރަމުން މިދަނީ ގައުމު ދެކެ ލޯބިވި ގައުމަށް ވަފާތެރި ދިވެހި ދަރިއެއް ޝަހީދުވި ދުވަހުގެ ހަނދާނެވެ. މިއަދަކީ ފުރާނަފުޅުދާންދެން ދިވެހި ޤައުމަށް ވަފާތެރިވި އަލިރަސްގެފާނު ޝަހީދުވި ދުވަހެވެ.

 

ކިޔުންތެރިންގެ ހިޔާލު