ދުނިޔެމަތީގައި އިމްތިހާނުތަކާއި ކުރިމަތިވާނެ ކަމީ އެކަމުގައި ޝައްކެއް އޮތް ކަމެއް ނޫނެވެ. އިމްތިހާނުތައް ކުރިމަތިވާނެކަން އެނގި ހުރެ އެ ކަންކަމާއި ކުރިމަތިލާނެ ހިތްވަރު ހުރުމަކީ އެއީ މަދު މީހެއްގެ ގައިގައި ހުންނަ ސިފައެކެވެ. އެއީ ރިވެތި ސިފައެކެވެ. އެ ރިވެތި ސިފައިގެ މިސާލު ހުރިހާ ދިވެހިންނަށް މިއަދު ދައްކައިދެމުން ދާ އެކަކީ ކިޑްނީ ބަލީގެ ވޭން ތަހައްމަލު ކުރަމުންދާ މާލޭ، ބުރެހިމާގެއަށް އުފަން އުމުރުން 42 އަހަރުގެ މުހައްމަދު ޒުހޫރެވެ.

ޒުހޫރުގެ ކިޑްނީގައި މައްސަލަ ހުންނަކަން އެނގުނީ 2016 ވަނަ އަހަރު އޭނާގެ އަންހެނުން ގޮވައިގެން ހޮސްޕިޓަލަށް ގޮސް އުޅެނިކޮށް ބޯ އަނބުރައިގަނެގެން އިމަޖެންސީއަށް ގެންދިޔަ ހިސާބުންނެވެ. އެކަމާއި ގުޅިގެން ހެދި ޓެސްޓުތަކުން އެނގިގެން ދިޔައީ ޒުހޫރުގެ ލޭގެ ޕްރެޝަރު މަތި ކަމެެވެ. އަދި ފަހުން ހެދި ޓެސްޓުތަކުން އެނގިގެން ދިޔައީ ޒުހޫރުގެ ދެ ކިޑްނީވެސް ފެއިލް ވެފައިވާ ކަމެވެ. އެއާއެކު ޒުހޫރުގެ މުޅި ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނަން ފެށިއެވެ. ދުނިޔެމަތީގައި އޭނާގެ އިމްތިހާނު ފެށިގެން ދިޔައީއެވެ.

ކިޑްނީއަކީ އިންސާނާގެ ލޭ ސާފު ކުރާ ގުނަވަނެވެ. އެހެން ކަމުން ކިޑްނީ ފެއިލް ވެއްޖެ ނަމަ އިންސާނާގެ ލޭގައި ނުރައްކާތެރި ވިހަތައް ގިނަވެ އެކަމުގެ އަސަރު ސިއްހަތައް ކުރަން ފަށާނެއެވެ. އަދި އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވާނެއެވެ. ކިޑްނީ ފެއިލް ވުމާއެކު އާންމު ގޮތެއްގައި ދެވޭ ވަގުތީ ފަރުވާ އަކީ ޑައިލަސިސް ހެދުމެވެ. ޑައިލަސިސް އަކީ އިންސާނާގެ ހަށިގަނޑާއި މެޝިނެއް ގުޅުވައިގެން ލޭ ސާފު ކުރާ ފަރުވާއެކެވެ.

ޒުހޫރުގެ ދެ ކިޑްނީވެސް ފެެއިލްވެފައި ވުމާއެކު ޑޮކްޓަރުން ލަފާ ދިނީ ޑައިލަސިސް ހެދުމަށެވެ. އަދި ދާއިމީ ހައްލެއްގެ ގޮތުގައިި ހަމައެކަނި ކުރެވެން އޮތް ކަމަކީ ކިޑްނީ ޓްރާންސްޕްލާންޓު ހެދުން ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. އެއާއެކު ޑައިލަސިސް ހެދުމަށް ތައްޔާރީތައް ފެށިއެވެ. އެގޮތުން ޒުހޫރު ލަންކާއަށް ގެންގޮސް އޭނާގެ ކަރުގައި ފިސްޓިއުލާ ލެއްވިއެވެ. އަދި އަނބުރާ ރާއްޖެ ގެނެސް އޭނާއަށް ޑައިލަސިސް ދޭން ފެށިއެވެ.

އެފަހުންވެސް ޒުހޫރުގެ އިމްތިހާނު އިތުރަށް ދަތިވިއެވެ. އެއީ އޭނާގެ ފެއިލް ވެފައިވާ ކިޑްނީތަކުގެ ތެރެއިން އެއް ކިޑްނީ ދުޅަވާން ފެށުމުންނެވެ. އެ ކިޑްނީ އޮޕަރޭޝަން ކޮށްގެން ނަގަން ޑޮކްޓަރުން ލަފާ ދީފައިވީ ނަމަވެސް މިއަދާ ހަމައަށް ނަގާފައި ނުވެއެވެ. ޒުހޫރުގެ އާއިލާއިން ބޭނުންވަނީ ޓްރާންސްޕްލާންޓު އޮޕަރޭޝަން ހަދާ އިރުގައި ދުޅެވެފައި އޮތް ކިޑްނީ ނަގާށެވެ. މިހާރުވެސް ޒުހޫރުގެ ބަނޑުގެ، އެ ކިޑްނީ ހުންނަ ފަޅި ހުންނަނީ އާދައާއި ހިލާފަށް ދުޅަވެފައެވެ. އެތަނުގައި އަތް ލުމުން އޭނާ އަށް ތަދުވާ ކަމަށް ޒުހޫރު ބުންޏެވެ.

2016 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޒުހޫރުއަށް ދެމުން އަންނަނީ ޑައިލަސިސް ފަރުވާއެވެ. ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާގައި އޭނާ އަށް ޑައިލަސިސް ދެއެވެ. ނަމަވެސް ޒުހޫރުގެ ގުޑުމެއް ނެތް ހިތްވަރާއެކު އޭނާ ދަނީ އެހެން މީހުންނެކޭވެސް އެއްގޮތައް ދިރިއުޅުމާއިގެން ކުރިއަށެވެ. އޭނާ ވަޒީފާ ވެސް އަދާ ކުރެއެވެ. އާންމުދަނީ ހޯދައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ދިމާވި ގޮންޖެހުމަކީ އޭނާގެ ނިމުން ކަމުގައި އޭނާ ނުދެކެއެވެ.

މިއަދުވެސް ޒުހޫރު ހުރީ ހިތްވަރާއެކުއެވެ. އޭނާ އަށް ކިޑްނީއެއް ހަދިޔާ ކުރާނެ ފަރާތެއް މިހާރު ވަނީ ލިިބިފައެވެ. އެހެން ކަމުން އޮޕްރޭޝަން ކުރަން މިހާރު ދަނީ ތައްޔާރީތައް ވަމުންނެވެ. މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ޒުހޫރުގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސާފައި ވަނީ އާސަންދައިގެ އެހީތެރިކަމާއެކުއެވެ. އޭނާގެ އޮޕަރޭޝަނާއި ބޭސް ފަރުވާގެ ހުރިހާ ހަރަދެއް އާސަންދައިން ބަލަހައްޓާނެއެވެ.

ނަމަވެސް އޮޕަރޭޝަން ކުރަން އިންޑިއާއަށް ގޮސް އެގައުމުގައި ހައެއްކަ މަސްދުވަހު މަޑު ކުރަން ޖެހެއެވެ. މިފަދަ ދަތުރެއް ކުރުމަކީ މާލީ ގޮތުން އޭނާގެ އާއިލާއަށް ވަރަށް އުނދަގޫ ކަމެކެވެ. އެހެން ކަމުން ޒުހޫރު އެދިފައި ވަނީ ދަތުރުުގައި ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމަށް ދިވެހި ރައްޔިތުންގެ ދީލަތި އެހީއަށެވެ.

ޒުހޫރު ބުނީ އޭނާ އަށް ގިނަ ބައެއްގެ ފަރާތުން މިހާރުވެސް އެހީތެރިކަމާއި ހިތްވަރުގެ ބަސްތައް ލިިބެމުންދާ ކަމަށެވެ. އެގޮތުން އޭނާ އެންމެ ބޮޑަށް ފާހަގަ ކުރީ އޭނާ ވަޒީފާ އަދާ ކުރާ ތަނުގެ ހެޑް އޮފް ޑިޕާޓްމެންޓެވެ. ޒުހޫރު ވަނީ އޭނާގެ ހެޑް އޮފް ޑިޕާޓްމެންޓަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.

ޒުހޫރުގެ ބައްޔާއި ބެހޭ އިތުރު މައުލޫމާތު އޮޅުންފިލުވައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އޭނާގެ ފޯން ނަމްބަރު 7933534 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކޮށްދިނުން އެދެމެވެ. އަދި ފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންވާ ފަރާތްތަކުން އޭނާގެ ބީއެމްއެލް ރުފިޔާ އެކައުންޓް 7701126425101 ނުވަތަ އޭނާގެ ބީއެމްއެލް ޑޮލަރު އެކައުންޓް 7730000194830 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ.

މާތް ﷲ ޒުހޫރުއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން!

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙަސަން

    ޒުހޫރު އަށް އަވަސް ޝިފާއަކަށް އެދެން.

  2. ޝިޔާޒް

    ޒުހޫރުގެ ބައްޔައް އަވަސް ޝިފާއެއް މާތްﷲ މިންވަރު ކުރައްވާށި އަދި ޒުހޫރުގެ ގެ އަންހެނުން ހައްޖަގެ ހިއްވަރައްވެސް އައްސަރި ބަހާއި ސާބަސްދެން. މާތްﷲ މިދިވެހި މުޖުތަމަޢު ބަލިމަޑު ކަމުން ސަލާމަތް ކުރައްވާށި އާމަީން.

  3. ޢަމަލުކުރަމާ

    ކޮންމެ ބޭފުޅަކު 100 ރުފިޔާ ދިނަސް ނުހަނު ބޮޑު އެހީއަކަށް ވާނެ. ކޮންމެހެން އެތައް ހާސް ދިނުމެއް ނޫން މުހިންމީ.

  4. ޱަބަލްއޭ

    ޒުހޫރުގެ ބައްޔަށް އަވަސް ޝިފާއަކަށް އެދެން.

  5. ނީސަން

    ޒުހޫރު އަށް އަވަސް ޝިފާއަކަށް އެދެން.

  6. ކުޑާ

    ޒުހޫރުގެ ބައްޔަށް އަވަސް ޝިފާއަކަށް އެދެން.

  7. ޙަސަން

    ﷲ ޒުހޫރު އަށް އަވަސް ޝިފާއަކަށް އެދެން

  8. ހިމް

    ޒުވާން ދޯ ވަރަށް

    3
    2
  9. Anonymous

    ޒުހޫރުގެ ބައްޔަށް އަވަސްޝިފާއަކަށްއެދެން