ދިމިގްރާތީ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ވެރިކަން ހިންގަން ފެށި ހިސާބުން އަބަދުވެސް އަޑު އިވޭ ވާހަކައަކީ ދިވެހި ފުލުހުންނަކީ އެއިރެއްގެ ވެރިން ބުނާހާ ގޮތެއް ހަދަމުން އަންނަ ބައެއް ކަމެވެ. ދިވެހި ފުލުހުންނާއި ގުޅުވައިގެން ތަފާތު ވާހަކަތަކެއް އޭރުވެސް މިހާރުވެސް މި މޭރުމުން އަންނަނީ ދެކެވެމުންނެެވެ. ފުލުހުންނަކީ ވަކި ގައުމުގެ އަމާންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް މާތްﷲ ގަންދީ ހުވައެއް ކޮށްގެން ތިބި ބަޔަކަށް ވާއިރު އެމީހުންނަށް ދިވެހި ރައްޔިތުންގެ އިތުބާރެއް އޭރުވެސް މިހާރުވެސް ނެތެވެ.

ދެހާސް އަށްވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން މުޅި ރާއްޖޭގެ ސިޔާސީ މަޝްރަހު ކުޑަ ދުވަސްކޮޅަކަށް ހިމޭނުން އޮތުމަށްފަހު ފެނިގެން ދިޔައީ މިހާތަނަށްވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނުހިނގާވަރުގެ ބޮޑެތި ކަންތައްތަކެއް ހިނގަމުން ދިޔަ މަންޒަރެވެ. އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކުން ދިވެހި ފުލުހުންނަށް ރައްޔިތުން ކުރަމުން ދިޔަ އިތުބާރާއި ލޯބި ކުޑަވެގެން ދިޔައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގާފައިވާ ކަންކަން ބެލުމަށް ރިޔާސީ ކޮމިޝަނެއް ހަދުވައި އެވަރުން ނުވެ އެމަނިކުފާނު ފުލުހުންގެ އިދާރާއަށް "ދެމި" ހަނދާން ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންކަން ކިރިޔާވެސް އޮޅުން ފިލާފައި ހުރި މީހަކަށް ނޭނގި ނުދާނެއެވެ.

އެއަށްފަހު ދެން ފެނިގެން ދިޔައީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު ހިނގައިގެން ދިޔަ އެތައް ކަންތައްތަކެއްގެ ސަބަބުން ދިވެހިން ކޮންމެ ރެއަކު މުޒާހަރާތައް ކުރަމުން ދިޔައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އާއްމުންނާއި ފުލުހުންނާއި ދެމެދު އެތަކެއް ކުރިމަތިލުންތަކެއް ހިނގައިގެން ދިއުމެވެ. އަދި "ޓޯކީން ގޮވާލުމަށްފަހު ވަކި މީހަކު އުފުރާލައިގެން ގެނައުމަށް" ބުނުމުން ހަމަ ސީދާ އެމީހަކަށް ޓާގެޓު ކޮށްގެން ފުލުހުން މީހުން ހައްޔަރު ކުރަމުން ގެންދިއުމެވެ. އޭރު އިދިކޮޅުގައި ތިބި މީހުންނަށް އެކަންކަން ވެގެން ދިޔައީ ގައިރު ގާނޫނީ އަމުރަށް ފުލުހުން ތަބާވުމަށެވެ.

ރައީސް ނަޝީދުގެ ވެރިކަން ވެއްޓިގެން ދިޔައީވެސް މި މުޒާހަރާތަކުން އަރައި ނުގަނެވިގެން އުޅެނިކޮށެވެ. އަދި އޭރު އޮތް އިދިކޮޅު ބޮޑު ބިޔަ ކޯލިޝަނުން އެއްބައިވަންތަ ސަރުކާރެއްގެ ނަމުގައި ސަރުކާރެއް ހެދިއެވެ. ފެނިގެން ދިޔައީ ރައީސް ނަޝީދުގެ ސަރުކާރުގައި ކަންކަން ހިނގި ގޮތަށްވުރެވެސް ގޯސްކޮށް ފުލުހުން ލައްވާ ތަފާތު އެކި ކަންތައް ކުރަމުން ގެންދިޔަ މަންޒަރެވެ.

ކޮންމެއަކަސް ދެ ވެރިކަމެއް ނިމި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވުމުން ގިނަ ބަޔަކު ހީކޮށްގެން ތިބީ ފުލުހުންގެ މުއައްސަސާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. ވެރިކަމުގެ ފުރަތަމަ އަހަރެއް ދެ އަހަރެއް ދިޔައީ އެހެނެވެ. ސިޔާސީ ކަންކަމުން ފުލުހުން ވަރަށް ބޮޑަށް އެކަހެރި ކުރުމަށް އޭރުގެ ހޯމް މިނިސްޓަރު މަސައްކަތް ކުރެއްވިއެވެ. އަދި ފުލުހުންނަށް ގާނޫނުން ދީފައިވާ ބާރުތަކާއި ގާނޫނުން ފުލުހުން ކުރަން ލާޒިމް ކޮށްފައިވާ ކަންކަން ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދިއުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފިޔަ ކޮށާލުމެވެ. އެހާ ހިސާބުން އަޑިއަޑިން ސިޔާސީ ނުފޫޒު ވަދެފައި އޮތް ފުލުހުންގެ މުއައްސަސާއަށް ފާޅުގައި ސިޔާސީ ނުފޫޒު ވަދެ މުޅި މުއައްސަސާ ހަރާބު ކޮށްލިއެވެ.

މާލޭގައި އިންދާފައި ހުރި ފެންފޯއް ރުއްތައް އުފުރުމާއި ސިޔާސީ އެކި ފަރާތްތައް ދެއިރު ދެ ދަޅައަށް ހައްޔަރުކޮށްގެން ފުލުހުންގެ މުއައްސަސާއަށް "ދެމި" މަންޒަރެވެ. އޭރު ސަރުކާރުގައި ތިބި ފަރާތްތަކުން ކުރިން ބުނަމުން ދިޔައީ ފުލުހުން ގައިރު ގާނޫނީ އަމުރަށް ތަބާވެ ފުލުހުން ސިޔާސީ ކުރުވަނީ ކަމަށެވެ. ނަމަވެސް މިވެރިން އެއްބައިވަންތަ ސަރުކާރެއް އުފައްދައިގެން ކަމަށްބުނެ ސިޔާސީ އެކި ފަރާތްތައް ހައްޔަރުކޮށްގެން އުޅުނުއިރު އެއީ ގައިރު ގާނޫނީ އަމުރަކަށް ނުވިއެވެ.

ދިވެހި ރައްޔިތުން ދެން ދުވަހަކުވެސް މައާފު ނުކުރާނެ ވަރަށް އެތައް އަނިޔާއެއް ފުލުހުންގެ ފަރާތުން ދިވެހިންނަށް ލިބި އެތައް ބޭއިންސާފު ދައުވާތަކެއް ފުލުހުންގެ ސަބަބުން ސިޔާސީ އެތައް ބަޔަކަށް ކުރިއެވެ. ރައީސް ޔާމީނަށް މި ހުރިހާ ކަމެއްގެ ރޭކާ ވެސް ލީ ފުލުހުންގެ މުއައްސަސާއާވެސް ގުޅިގެން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އެކުގައެވެ.

ފުލުހުންގެ މުއައްސަސާއަށް 85 އަހަރު ފުރުމުގެ ގޮތުން އޭޕްރީލް މަހުގެ 18ވަނަ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައި އޭރު ވެރިކަމުގައި ހުންނެވި އަބްދުﷲ ޔާމީން ވިދާޅުވިއެވެ. "ފެބްރުއަަރީ 1 ގެ އަމުރާ އެއްގޮތަކަށް ކަންތައްތަކެއް ނުކުރެވުނީސް އެ އަމުރު ތަންފީޒު ކުރާނެ ކަމަށް ދުރާލާ އެ ސިގްނަލް ދެވިފައި ނެތް ނަމައެއް، އޭގެ ކުރީގައި ހިނގާފައި ހުރި ހާދިސާތަކުގެ ތެރޭގައި ވެސް އެބަހުރި ފުލުހުންގެ އިންވޯލްމަންޓު ހުރި ކަންކަން، އަޅުގަނޑު މި ވާހަކަ މި ދައްކަނީ މުޅި މުއައްސަސާއަށް ކުރާ އިހްތިރާމުން މުޅި މުއައްސަސާދެކެވާ ލޯބިން، ރައީސުލްޖުމްހޫރިއްޔާއަށް ވުރެ ބޮޑަށް މުއައްސަސާގެ އަގާއި ކަރާމަތް ދަމަހައްޓަން ބޭނުންވާ މީހަކު ނުހުންނާނެ، އެހެންވެ މިދެނެންވި ފަދަ ކަންކަމާ ވާހަކަދައްކާ އެއިން ފިލާވަޅާއި އިބްރަތް ހޯދަން ޖެހެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ. "ކިތަންމެ މަތިވެރި ކިތަންމެ އަދި ކިތަންމެ ރައްޔިތުން ބަލައިގަންނަ ހިދުމަތެއް ފުލުހުންގެ ފަރާތުން ލިބިގެން ދަޔަ ނަމަވެސް މަދުމަދުން މި ދަންނަވާ މިސްރާބުން ކައްސާލައިގެން ދިޔަ ކަންމުގެ ތެރޭގައި މިއަދު މިވަނީ ފުލުހުންގެ ތެރޭގައި ރައްޔިތުންގެ އިތުބާރު އިތުރަށް އާލާ ކުރަން ޖެހިފައި، އެއަށް ރީޒަން ދިނީ ފުލުހުން، އެއަށް ރީޒަން ދިނީކީ ރައްޔިތުންނެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނަށް މިކަން ވިސްނިވަޑައިގެންނެވިއިރު ވަގުތު ފާއިތުވެއްޖެއެވެ. ސިޔާސީ އެތައް ލީޑަރުންނެއް ހައްޔަރުކޮށް ނުހައްގު ދައުވާތަކެއް ކުރީ ހަމަ އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނަށްވެސް އެނގިވަޑައިގެން ކަމަށް އެތައް ބަޔަކު މިހާރުވެސް ދަނީ ބުނަމުންނެވެ. އެ ހުރިހާ ކަމެއްވެސް ކުރުވީ ނޫ ކުލައިގެން ޔުނީފޯމުގައި ތިބި ހަމަ މި ދިވެހި ފަސްގަނޑަށް އުފަން ދިވެހި ފުލުހުން ލައްވާއެވެ.

ގައިރު ގާނޫނީ އަމުރެއް ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އޭރުގެ ސަރުކާރަށްވެސް ގޯސްކޮށް އެތައް ކަންތައްތަކެއް ފުލުހުންގެ ތެރެއިން ކުރަމުން ދިއުމުގެ އަސަރު މިއަދުވެސް ދިވެހި ފުލުހުންގެ މުއައްސަސާއަށް ވަނީ ކޮށްފައެވެ.

ވެރިކަން ބަދަލުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ މި ހުރިހާ ކަމެއް ހައްލު ކުރުމަށެވެ. ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް އެމަނިކުފާނަށް ވޯޓު ދެއްވީވެސް މިފަދަ ކަންކަން ރަނގަޅު ކުރުމަށެވެ.

ފުލުހުންގެ މުއައްސަސާއިން މިއަދުވެސް ކުރަމުން އަންނަ ކަންކަމުން ދޭހަވެގެން ދަނީ އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް މިންވަރެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިނާއި ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލަގަނޑު ހިލުވާލިއެވެ. ދެއިރު ދެ ދަޅައަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އެތައް ގަޑިއިރެއް ވަންދެން ފުލުހުންގެ އިދާރާގައި އެމަނިކުފާނު ބައިންދައެވެ. މަޖިލިސް އިންތިހާބަށް ދިމާކޮށް އެކައުންޓުގައި ހުރި ފައިސާތައް ފްރީޒުކޮށް ކެމްޕެއިނަށް އެއްވެސް ހަރަދެއް ނުކުރެވޭ ގޮތް ކޯޓު މެދުވެރިކޮށް ހެދިއެވެ.

ވެރިކަމަށް ވަޑައިގެންނެވިތާ ދެ މަހެއްހާ ދުވަސް ތެރޭގައި ޔާމީންގެ މައްސަލަ ފުލުހުންނަށް ހުށަހަޅާ އެމަނިކުފާނު ފުލުހުންގެ އިދާރާއަށް "ނުދެމީ" ކީއްވެގެން ހެއްޔެވެ. އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ގެންދަން ފުލުހުންނަށްވެސް އެނގުނީ މަޖިލިސް އިންތިހާބު ކައިރިވެ ކެމްޕެއިންގެ މަސައްކަތްތައް ފެއްޓުމުން ހެއްޔެވެ. އެ ދުވަސްވެސް މާޒީވެއްޖެއެވެ. ރައީސް ޔާމީނަށް ހުކުމް ވެސް މިހާރު އިއްވައިފިއެވެ.

މިހާރުގެ ހާލަތަކީ ވަކި ކޮބައި ހެއްޔެވެ. ބަދަލެއް ނާދެއެވެ. މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނިކުންނަވާނެކަން އިއުލާން ކުރެއްވި ހިސާބުން "ބައެއްގެ މޭ ކަރައިގެން" ނުހުރެވިގެން ހަޅޭއް ފަޅޭއްލެވިތާ 24 ގަޑިއިރު ނުވަނީސް ރޭ މިވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.

އޭނާ މަޖިލީހަށް ދޮގު މައުލޫމާތު ދިންނަމަ ދިނީ އިއްޔެއަކު ނޫނެވެ. މިހާ ދުވަސް ވަންދެން އެ މައްސަލަ ނުބަލާ ފުލުހުން އޮތީ ކީއްވެގެން ހެއްޔެވެ. މިފަދަ ދުވަހެއްގެ އިންތިޒާރުގައި ތިބީތޯއެވެ. މިއަށް ކިޔަނީ ބަޔަކު ބިރުން ތެޅޭތީ އެމީހުން ބުނިހާ ގޮތެއް ހަދައިދީގެން އުޅުމެވެ. މި މައްސަލާގައިވެސް އަތް ޖަހާ ބަޔަކު ތިބެދާނެއެވެ. ނަމަވެސް ހަމަ ބުއްދިން ވިސްނާލުމުން އެނގޭ އެއް ކަމަކީ، ޑރ. މުއިއްޒުގެ މައްސަލަ މަޖިލީހުންނާއި އޭޖީ އޮފީހުން ފުލުހުންނަށް ފޮނުވިތާ އެތައް ދުވަހެއް ވެއްޖެ ކަމެވެ. ބަޔާން ގަނޑެއް ނަގާލަންވެސް ފުލުހުންނަށް މި މައްސަލާގައި އެނގުނީ މުއިއްޒު މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމުންނެވެ. މާލޭގެ މޭޔަރުކަން މުއިއްޒަށް ލިބުނަށް ނުލިބުނަސް ފުލުހުންނަށް އެކަމުން ލިބިގެން ދަނީ ކޮން ގެއްލުމެއް ހެއްޔެވެ. ނުވަތަ ފައިދާއެއް ހެއްޔެވެ.

މިއަށް ކިޔަނީ ފުލުހުން ސިޔާސީވުމެވެ. ފުލުހުންނަކީ ސިޔާސީ ބައެއް ނޫނެވެ. މަދަނީ ބައެކެވެ. ނަމަވެސް ފުލުހުންގެ އިސްވެރިންނަށް ތިއްބަވަނީ ސިޔާސި ބޭފުޅުންނެވެ. ކޮށްގެން ތިބޭ ހުވައާ އަމަލަކާއި ދިމަލެއް ނުވެއެވެ.

މިއަދު ކޮމިޝަނަރު އޮފް ޕޮލިސް އަކަށް ހުންނެވި މުހައްމަދު ހަމީދަކީ ތަފާތު އެކި ފަހަރު މަތިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވެ ހުންނެވި ބޭފުޅެކެވެ. އޭނާއާއި ގުޅުން އޮތް ބޭފުޅެއް ވެއްޖިއްޔާ އެކަން ވަނީ އެގޮތަށް ކުރައްވާފައެވެ. އަދި މިހާރުވެސް ދަނީ ކުރައްވަމުންނެވެ.

ފުލުހުންނަކީ ސިޔާސީ ފަރާތްތަކަށް އަބަދު ބޯލަނބަން ޖެހޭ ބައެއް ނޫނެވެ. ދެން ވެރިކަމަށް އަންނާނީ ކާކުތޯ ފުލުހުން ވިސްނާކަށް ނުޖެހެއެވެ. ފުލުހުންނަކީ ގާނޫން ތަންފީޒު ކުރަން ތިބޭ ބައެކެވެ. ހަމައެކަނި ވިސްނަން ޖެހޭނީ އަންނަ އަމުރަކީ ގާނުނާ ހިލާފު އަމުރެއްތޯ ނުވަތަ ނޫންތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ފުލުހުންގެ މަގާމުތަކަކީ ސިޔާސީ އެޕޮއިންޓީސްއަށް ނުވުން.
    ފުލުހުންނަށް އެއްވެސް އިންތިޚާބެއްގައި ވޯޓު ނުލެވުން.
    ސިޔާސީ ބާރުތަކުން ފުލުހުންނަށްދޭ އޯޑަރުތަކަށް ބޯލަނބަން ނުޖެހުން.
    މިފަދަ އެތަށް ކަމަކުން ސަލާމަތްވެގެން ސިޔާސީނުވެ ތިބެވޭނީ.

    11
    2
  2. ޙައްގުބަސް

    ރަގަނޅު އާޓިކަލްއެއް! ފުލުހުން ސިޔާސީވުން ހުއްޓާލާނީ ކޮންއިރަކު؟ ޖަވާބު ސިމްޕަލް! ވެރިކަމުގެ ބާރުން އެކަން ކުރުން ހުއްޓާލި ދުވަހަކުން! އަދި ރައީސަކަށް ހުންނަ މީހަކު ފުލުހުންގެ އެންމެ އިސް ދެމަގާމަށް މީހުން އައްޔަން ކުރުމާ ވަކިކުރެވޭގޮތަށް އޮތް އޮތުން ބަދަލުކޮށްގެން! މިކަން ބަދަލުނުކޮށް އަދިވެސް ފުލުހުންގެ މުއައްސަސާތެރެއަށް ސިޔާސީ ނުފޫޒު ވައްދާގޮތަށް މިސަރުކާރުން ފުލުހުންގެ ގާނޫނަށް ބޮޑެތި ބަދަލުތައް ގެނައުމަށްޓަކައި ބިލެއް ފަރުމާކޮށް ވަނީ މަޖްލީހަށް ވައްދާފަ! އެބިލުގެ ޑްރާފްޓު ކިޔާލި މީހަކަށް ވަރަށް ރަގަނޅަށް އެގޭނެ ސިޔާސީ ޕާޓީއެއް ހިންގަން އުޅޭގޮތަށް ފުލުހުންގެ މުއައްސަސާ ހިންގަން ބައްޓަންކޮށްފައިވާ ބިލެއްކަން! މިއަދު މިގެންދަނީ ފުލުހުން އިތުރަށް ސިޔާސީކުރަން މަސައްކަތްކުރަމުން!! ވެދާނެ މިހާރު ޖުޑިޝަރީ އިސްލާހުކޮށްފައިވާގޮތަށް އިސްލާހުކުރަން އުޅެނީކަމަށްވެސް! ނިކަން ބަލާލަބަލަ ޖުޑިޝަލް ސަރވިސްކޮމިޝަން އެކުލަވާލާފައިވާގޮތް! އެތާ އެތިބީ މީގެކުރިން ކޮންކަމެއްކުރި ބައެއްކަމާ ކިހިނެތް އުޅުނު ބައެއްކަން ނޭނގޭ މީހަކު މިރާއްޖޭގައި ނުހުންނާނެ! މިކަހަލަ އިސްލާހެއްނޫން ދިވެހި ރައްޔިތުން ބޭނުންވަނީ! މިރާއްޖޭގެ ހުރިހާ ވެރިކަމެއްގައިވެސް ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވައްދައިގެން ބޭނުންވާ ކަންކަން ހާސިލްކުރަމުންދާ ދިއުމަކީ ދެރަވަރު ކަމެއް!! ބޭނުން ބަޔަކަށް ބިރު ދެއްކުމާ ފްރޭމްކުރުމާ އުސޫލުން ބޭރުންކުރާ ކަންކަން ހުއްޓުވަންޖެހޭ!! ހަމަހަމަކާ އިންސާފުގެ މަގު ފުލުހުން ޚިޔާރުކުރަންޖެހޭ! އެގޮތަށް ފުލުހުންގެ މުއައްސަސާ ބައްޓަންކުރެވޭނީ ކުރިން މިދެންނެވި ދޮތުތައް ނިކަން ރަގަނޅަށް ބަންދުކުރެވޭނެގޮތް ހެދުނު ދުވަހަކުން!

    18
    1
    • ސަލާމްބެ

      ވެރީ ގުޑް ކޮމެ ންޓް

      9
      1
  3. އ. ޖ. އ

    ހަޅޭއް ފަޅޭއް ލެވި ވަރަކަށް ހަނދާނަށް އަންނާނި

    4
    1
  4. ދިރާސާ

    ފުލުހުންގެ މުއައްސަސާ އުވާލި ދުވަހަކުން

    7
    3
  5. Anonymous

    މިއަދު ދިވެހިރާއްޖޭގަ އޮތްމިނިވަން މުއައްސަސާ ތަކުގެ ތެރެއިން ރައްޔިތުންނައް އެންމެ އިތުބާރެއް ނެތް މުއައްސަސާއިކީ ޝައްކެއްވެސް ނެތް ދިވެހިފުލުހުންގެ މުއައްސަސާ. ސިޔާސީވެ އެނުފޫޒުއެންމެބޮ ޑައް ވަދެފަވާ މުއައްސަސާއަކީވެސް އެއީ.

    17
    2
  6. މާކަނާ

    ގަލޮޅު ޕޮލިސްގައި މަސައްކަތްކުރި ރިޔާ މެންވެސް، މިހާރު ޕޮލިސް ވަޒީފާގައި. އެމީހުން ކުރީގެ ސަރުކާރުގައި ޕީޕީއެމް އާއި ދެކޮޅަށް ނިކުތީމަ ވަކިކުރީ، ނަމަވެސް މިހާރު ޕޮލިސް ޖޮބުގައި.
    އަހަރެމެން ޕޮލިސް ޓްރެއިނިންގ ސިކުންތް ކޮޅަކުން ޓްރެއިނިންގ އިން ފެއިލްކޮށްލީ.
    ވަރަށް ތާހިރެއްނުން.
    ފޯން ކޯލް އަޑުއެހުން ކަމެއް ކުރޭ

    4
    2
  7. ބަޒުރާ

    ޤައުމުގެ ކަންކަމުގައި ބަސްބުނުމަކީ ސިޔާސީ ވުމެއްނޫން. ފުލުހަކަށް ވުމުގެ ކުރިންވެސް އެއީ ދިވެހި ރައްޔިތެއް. ޤައުމުގެ މުހިންމު ކަންކަމުގައި ބަސްކިޔާއުޅުމުގެ ޙައްގު ކޮންމެ ރައްޔިތަކަށްވެސް އޮންނަންވާނެ.

  8. Anonymous

    ފުލުހުން ވަނީ ހަމަ ހަޤީޤަތުގައިވެސް ގޭންގަކަށް ވެފަ. ޤާނޫނު ނަގަހައްޓާ ތަންފީޒުކުރުމުގެ ބަދަލުގައި ފުލުހުން އުޅެނީ ސިޔާސީ މީހުންގެ އަމުރު ތަންފީޒުކޮށް ޣައިރު ޤާނޫނީގޮތުން މީހުން ހައްޔަރުކުރަން.

    5
    3
  9. ކިބޯލިހު

    އެއީފުލުހުންނެއްނޫން އެއީ އަންނިމާރީ ގެންގުޅޭ މަގުމަތީ ކުދިން ކޮޅެއް އެމީހު ން މިވަގުސަރުކާރު ދެމިއޮތްހާހިދަކު އެކަމެ އްނުހުއްޓާނެ ރައްޔަތުން ނިކުމެހުއް ޓުވަންޖެހޭނީ އެނޫން ގޮތެއްނެތެއްނޫންތޯ!

    1
    2
  10. ދެލި

    ސިޔާސީވެރިން ތިބެންޔާ ވާނީ ތިހެން

  11. ޕީޖޭ

    ޑިމޮކްރެޓިކް ޤަވްމު ތަކުގައި ފުލުހުންނޭ މިކިޔާ ބަޔަކު އުފެދުނީސުރެން ސިޔާސީ މީހުންގެ ނުފޫޒު ފޯރުވާ ނަމަވެސް ސިޔާސީ ނުފޫޒު ފުލުހުންގެ މުއައްސަސާއަށް އެންމެ ކުޑަކޮށް ކުރީ ޑރ ވަހީދުގެ ވެރިކަމުގައި...އެދުވަސް ވަރަކީ މުޅި ރާއްޖޭ ރީނދޫ ކުދިން ކުށްތައް މެކުހަށްޖެހި ދުވަސްވަރު..ސިޔާސީ މީހުންގެ އެވަރުގެ ގަޓެއް ނެތް ފުލުހުންގެ މުއައްސަސާ ނުފޫޒުން އެއްކިބާކޮށް ގަވްމު ހިންގުމުގެ...ނުކިޔަވާ ތިބި މެމްބަރުންނަށް ބޮޑު މުސާރަދީ ހަދާ ހޮޅި ޤާނޫނު ތަންފީޒު ކުރަން މިތިބީ ކިޔައިވައިގެން ތިބި ފުލުހުންނާއިި ކޯޓުތަކުން...މަޖިލިސް މެމްބަރުން މުސާރަ ބޮޑުތަނުން ކުޑަކޮށް ކިޔަވައިގެން ތިބި މީހުންނަށް އެގޮނޑީ ތިބެވޭގޮތް ހެދުމުން ނޫނީ މިގަވްމު ސަލާމަތެއް ނެތް އެކަކަށްވެސް..

  12. މޯރީ

    ސީޕީ ގެ މަގާމަށް ތަންތަނުން ހޮވައިގެން މީހުން ލުން ހުޓާލާ ދުވަހަކުން

  13. އަލި ރަސްގެފާނު

    ތަޙްޤީޤީ ނަޒަރަކުން ނޫސްލިޔަން އެނގޭކަމަށް ހެދިގެން އުޅޭ ނޫސްވެރިންނަށް ނޭގޭތަ ކަމިޝަނަރ އޮފް ޕޮލިސް އަކީ އޭރަކު އިންތިހާބުކުރެވޭ ރައީސަކު ސެލެކްޓް ކުރާމީހެއްކަމެއް؟ މިކަން މިހެން އޮތްހާދުވަހަކު ކަންތަށް ބޮޑުވެގްނ ތިއުޅޭ ކަމަކަށް ހައްލެއްނާއްނާނެ. ރައީސް މީހާއަކީ ސިޔާސީ ޕާޓީއަކުން އައިސްހުރިމީހެއް އެމީހާ ފުލުހުންގެ ތެރޭން ކަމިޝަނަރ އަކަށް މީހަކު އައްޔަން ކުރީމައި އެހިސާބުން އެ ޗެއިންއޮފް ކޮމާންޑް އިންނަ ގޮތަކީ ރައީސްމީހާ>ކަމިޝަނަރ>ދަށުން ތިބި ފުލުހން...، ނަތީޖާއަކީ ރައީސްމިހާ ދުއްވާ މިސްރާބައް ސިޔާސީ ވިސްނުމުގަ މުޅި މުއައްސަސާ ދުވަންފެށުން.. މިކަމަށް ހައްލެްއލިބޭނެ ގޮތަކީ ކަމިޝަނަރ އޮފް ޕޮލިސް އަކީ ސެކިއުރިޓި ކައުންސިލް އެއް އުފެއްދުމަށްފަހު އެކައުންސިލުން ވަކި ޝަރުތުތަކެއް ހަމަވުމުން ހޮވާ މީހަކަށް ހެދުން

  14. އަހަރެން ރާއްޖެތެރެ

    އެމްޑީޕީ ވެރިކަމުގަ އޮއްވަ ޕީޕީއެމްގެ މެނިފެސްޓޯ ސަރުކާރުން ތަންފީޒު ކުރުމަށް ބާރުއެޅުން ކަހަލަ ކަމެއްގެ ވާހަކަ މިތާގަ މިދައްކަނީ (މާނައަކީ މުސްތަހިއްލު ކަމެކޭ) ސަބަބަކީ ރައީސް އަކަށް ހުންނަމީހަކަށް ފުލުހުންގެ އެންމެ އިސް ދެމަގާމަށް ބޭނުން ގޮތެއް ހެދެން އޮންނަ އޮތުން....

  15. މުސާރަ

    އަބަދުވެސް އެއީ ސިޔާސީ ޕާޓީއެއް! ކެކެ ފުލުހުން ބޭނުންކުރަނީ އިސްޓިކާޖަހަން! ޤިޔާމަތްދުވަހުން ތިޔަ ފުލުހުންނަށް ކިހިނެތްވާނެބާ! ގައިމު ލޯ ކުރިމަތީގަ ޤާނޫނާ ޤަވައިދާ ޙިލާފަށް މީހުން އުޅޭތަން ފެންނާނެތާ! އަޑު ބާރު ސައިކަލުތައް ބާރު ދުވެލީގައި ދާއިރު ހިތަށްއަރާ ފުލުހުން އަންނާނެނަމައޭ! ތިޔަތަން ރަނގަޅުވާނީ ތުޔަތަނުގައި އުޅޭމީހުންވެސް ރަނގަޅުވެގެން!

    1
    1