އަންގާރަ ދުވަހު އުރީދޫ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އަޅުގަނޑުވެސް ދިޔައީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހުނު ޒިންމާ އަދާކުރުމަށެވެ. އެހެން ދުވަހެކޭ އެއްގޮތަށް އުރީދޫ އޮފީހަށް ވަނުމާއި އެކު މަރުޚަބާކީ އުރީދޫގެ މުވައްޒަފުންނާއި، އެކުގައި މަސައްކަތް ކުރާ ނޫސްވެރިންގެ ހިނިތުންވުމެވެ. ކަން ދިމާކުރި ގޮތުން އެތެރެއަށް ވަދެ، އެތަނުގައި އޮތް ނޫސްވެރިންގެ ބައްދަލުން ފެށުމުގެ ކުރިން ބައެއް ރައްޓެހި ރަހުމަތްތެރިންނާއި ވާހަކަދައްކާލާނެ ފުރުސަތު ލިބުނެވެ.

ހުނުމާއި ސަމާސާގެ ތެރެއިން އެކަކު އަނެކަކުގެ ހާލުއަހުވާލު ބަލާ، ވާހަކަ ދައްކަމުން ދިޔައިރު ތަނުގެ ތެރެ އޮތީ ކޮންމެވެސް ވަރަކަށް އަޑު ގަދަވެފައެވެ. ކޮންމެއަކަސް ނޫސްވެރިންގެ ބައްދަލުވުމަށް އަންނަން ހަމަޖެހިފައިވާ މީޑިއާތައް، ހަމަވުމާއި އެކު އުރީދޫގެ ނޫސްވެރިންގެ ބައްދަލުވުން ފަށަން ތައްޔާރުވިއެވެ. ނޫސްވެރިންގެ ބައްދަލުވުން ދޭން ހަތަރު ބޭފުޅުން ތައްޔާރުވިއެވެ. ނޫސްވެރިންގެ ބައްދަލުވުން ފަށަން ވާއިރަށް، ނޫސްވެރިންގެ މައިކުތަކާއި، ރެކޯޑަރުތައް މޭޒުމަތީގައި އަތުރާލުމާއި އެކު ފަހުގެ ތައްޔާރީތައް ވެސް ވެ ނިމުނީއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުން ފެށީ އުރީދޫގެ އުރީދޫގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންްސް ނޫރާ އިބްރާހިމް ޒާހިރުއެވެ. ނޫރާގެ ވާހަކަތައް ކުރިއަށް ދިޔައިރު އަހަރެންގެވެސް ދިޔައީ ވާހަކަތައް ނޯޓުކުރަމުންނެވެ. ވަކި ހިސާބަކުން ނޫރާގެ ވާހަކަ މެދުކަނޑާލުމަށް ފަހު ޑެފް އެސޯސިއޭޝަންގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރ އަހްސަން އަބްދުއްރަހުމާންގެ ވާހަކަ އަށް ފުރުސަތު ދިނެވެ. އޭނާ އަށް ފުރުސަތު ދިން އިރު ނޫރާ އަތުގެ އިޝާރާތުން (ސައިން ލެންގުއެޖް) އިންވެސް ވާހަކަދެއްކިއެވެ. ނޫރާގެ ވާހަކަ ނިމުމުން އަހަރެން ހުރީ އިސް ދަށަށް ޖަހައިގެން ފޯނުގައި، އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެެހާހިސާބަށް މުހިއްމު ވާހަކަތައް ނޯޓު ކުރާށެވެ.

އިސް އުފުލާ ބަލާލަން މަޖުބޫރުވީ ތަނަށް ވެރިވި އާދަޔާ ޚިލާފް މަޑުމައިތިރިކަމުގެ ސަބަބުންނެވެ. އެ އޮފީސް ތެރެ އެއްކޮށް ހިމޭންވިއެވެ. އެއާއި އެކު އެ ބައްދަލުވުމަށް ހާޒިރުވެ ތިބި ނޫސްވެރިން ހައިރާން ކަމާއި އެކު އެކަކު އަނެކަކަށް ބަލަން ފެށިއެވެ. އަހުސަންގެ ވާހަކަ ކުރިއަށް ދިޔައިރު، އޭނާ ވާހަކަދައްކަމުން ދިޔައީ އިޝާރާތުންނެވެ. ސައިންލެންގުއެޖް ބޭނުންކޮށްގެންނެވެ.

އުރީދޫގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަހުސަން ވާހަކަދައްކަނީ: ފޮޓޯ ވަގުތު

އެހެން ނޫސްވެރިން އަހަންނާ ދިމާއަށް ބަލާލުމުން، އަހަންނަށް އެނގުނު ކަމަކީ ސައިން ލެންގުއެޖް ނޭނގެނީ އަހަންނަށް އެކަނި ނޫން ކަމެވެ. އަހުސަންގެ އަތުގެ އިޝާރާތްތަކާއި، މޫނު މަތީގެ ހަރަކާތްތަކުން އޭނާ ދައްކަނީ މުހިއްމު ވާހަކައެއްކަން ދޭހަވިއެވެ. އަދި "އަހަރުމެން"، "ޝުކުރިއްޔާ" ފަދަ މަދު ލަފްޒެއް ފިޔަވާ އޭނާ ދެއްކި އެއްވެސް ވާހަކައެއް އަހަންނަކަށް ފަހުމުވާގޮތެއް ނުވިއެވެ. އެވަގުތު ހިތަށް އެރީ އެންމެ ސުވާލެކެވެ. އެއީ އަހުސަންގެ ވާހަކަތައް އަހަރެންގެ ޚަބަރާއި ހަމައަށް ގެންނާނީ ކިހިނެއްތޯ ކުރެވުނު ސުވާލެވެ! އެ ވާހަކަތައް އަހަންނަށް ދޭހަ ނުވި އިރު، އެ ވާހަކަތައް އެހެން މީހަކަށް ބުނެދޭނީ ވަކި ކިހިނެއް ހެއްޔެވެ؟

އުރީދޫގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަހްފޫޒް ވާހަކަދައްކަނީ: ފޮޓޯ ވަގުތު

އަހުސަންގެ ވާހަކައަށް ފަހު ވާހަކަދައްކަން ފުރުސަތު ލިބުނީ، އުރީދޫގެ ކަސްޓަމާ ކެއާ ރިޕްރެޒެންޓޭޓީވް އިސްމާއިލް މަހްފޫޒް ހާޝިމްއަށެވެ. ފުރަތަމަ އަހަރެން ހީކުރީ، އަހުސަންގެ ވާހަކަތައް ހާޝިމް، އަހަރުމެންނަށް ދެހަވާނެ ގޮތަކަށް ކިޔާދެން އުޅެނީކަމަށެވެ. އެހެންނަމަވެސް ހާޝިމްގެ ވާހަކަވެސް ކުރިއަށް ގެންދިޔައީ ސައިން ލެންގުއެޖުންނެވެ. އެހާހިސާބުން އަހަރެންގެ ކަންބޮޑުވުންވީ އިތުރެވެ. އޮފީހަށް ގޮސް އަހަރެން މި ޚަބަރު ލިޔާނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. ޖެހިގެން ހުރި ނޫސްވެރިޔާ ކައިރިން އެކިޔަނީ ކީކޭތޯ އެނގޭހޭ އަހާފާނަމޭ ކިތަންމެ ފަހަރަކު އެރިއެވެ. އެކަން ކުރަން ނުކެރުނީ އެތަނަށް އޭރުވެސް ވެރިވެފައި އޮތް ހަމަހިމޭން ކަމުގެ ސަބަބުންނެވެ.

އެ ބޭފުޅުންގެ ވާހަކަ އެއްކޮށްލުމުން ވެސް 5 ވަރަކަށް މިނިޓްވެސް ނުވާނެކަން ޔަޤީނެވެ. އެކަމަކު އެއީ އަހަންނަށް ނޫސްވެރިންގެ ބައްދަލުވުމުގައި ތަޖުރިބާ ކުރަން ޖެހުނު އެންމެ ދިގު 5 މިނިޓެވެ. އެ 5 މިނިޓް ތެރޭގައި އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެދުނު 5 މިނިޓެވެ. އެ 5 މިނިޓްގެ ސަބަބުން ވިސްނަން މަޖުބޫރުވި 5 މިނިޓެވެ.

އުރީދޫގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނުރާ ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު

ހާޝިމް އާއި އަހުސަންގެ ވާހަކައަށް ފަހު ނޫރާގެ ވާހަކަ ފެށީ ނޫސްވެރިންނަށް ސުވާލަކުންނެވެ.

"ތިބޭފުޅުންގެ ތެރެއިން ކިތަށް ބޭފުޅުންނަށްތޯ މި ވާހަކަ ދޭހަވީ." ނޫރާ ސުވާލު ކުރިއެވެ.

އަތް މައްޗަށް ނަގާފައި އަހަރެންނަށް ވަރަށް ކުޑަކޮށް އެ މީހުން ދެއްކި ވާހަކަ އެނގޭކަމަށް ބުނީމެވެ. އެ އަށް ފަހު އުރީދޫއިން "ޑެފް އެސޯސީއޭޝަން" އާއި އެކު ކުރި މަސައްކަތްތަކާއި އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކާއި އިވުމުގައި އުނދަނގޫތައް ހުންނަ ފަރާތްތަކަށް އުރީދޫއިން ދޭ ޚިދުމަތުގެ ތަފްސީލް ނޫސްވެރިންނާއި ހިއްސާ ކުރިއެވެ.

އެ ބައްދަލުވުމުގައި ދެން ހުރިހާ ވާހަކަތަކެއް ކުރިއަށް ދިޔަ އިރުވެސް އަހަރެންނަށް ވިސްނުނީ، ނޫރާގެ ސުވާލާއި މެދުގައެވެ.

އަހަރުމެންނަށް އަހުސަންމެންގެ ވާހަކަ ދޭހަ ނުވާންވީ ކީއްވެހެއްޔެވެ؟ އެއްވެސް މީހަކު ބާކީ ނުކުރާ ހަމަހަމަ މުޖުތަމައުއެއްގެ ވާހަކަ ދައްކާ އިރު އަހަރެނަށް އަޑު އިވުމުން މަހުރޫމްވެފައިވާ ނުވަތަ އިވުމުގެ ދަތިކަން ހުރި މީހަކާއި ވާހަކަދައްކަން ނޭނގެނީ ކީއްވެހެއްޔެވެ؟ މިފަދަ ކަންކަމަށް މީހުން ހޭލުންތެރިކުރަން ހުރި މީހަކަށް އަަހަރެން ވާއިރު، މިވަރު އާދައިގެ ކަމެއް މިހާ އުނދަގޫ ވެގެން މިއުޅެނީ ކީއްވެބާއެވެ؟

އުރީދޫގެ ނޫސްވެރިންގެ ބައްދަލުވުމުގައި 5 މިނިޓްވަންދެން އަހަންނާއި އެހެން ނޫސްވެރިން ތަޖުރިބާ ކުރި ހަމަހިމޭންކަމަކީ އިވުމުގެ ދަތިކަން ހުންނަ ފަރާތްތަކުގެ ކޮންމެ ދުވަހެއްގެ އިހުސާސްތަކާއި އަޅާ ބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. އަހަރުމެންނަށް ދިމާވި މުއާމަލާތު ކުރުމުގެ ދަތިކަމަކީ އެ މީހުން ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހޭ ކަމެކެވެ. މިއަދުވެސް އެފަދަ މީހުންނަށް ތަކުލީފަކާއި ނުލާ ޚިދުމަތް ލިބެނީ އިނގިލިން ގުނާލެވޭހާ މަދު މުއައްސަސާއެއްގައެވެ. އުނގެނުމާއި، ސިއްހީ ޚިދުމަތްތައް ފަދަ ޒަރޫރީ ކަންކަމުގައިވެސް ހަމަހަމަ ޚިދުމަތެއް ފޯރުކޮށްދޭން އަދި ކަމާއި ބެހޭ ފަރާތްތަކުން ވަނީ ނުކުޅެދިފައެވެ.

އެންމެ 5 މިނިޓްގެ ހަމަހިމޭންކަމުން ނޫސްވެރިންނަށް ލިބުނީ ވަރުގަދަ މެސެޖެކެވެ.

އެއީ މިއަދުވެސް އަޑު އިވުމުން މަހުރޫމްވެފައިވާ މީހުންނާއި އަޑު އިވުމުގެ ދަތިކަން ހުންނަ މީހުންނަށް ތަސައްވުރު ކުރަން ޖެހޭ ހިތި ތަޖުރިބާގެ ހިތި ރަހަ އަމިއްލަ ކަރު ބުޑުގައި ހިނދުކޮޅަކަށް ނަމަވެސް ލުމެވެ.

ޔަޤީންވާކަމަކީ، އެ ފަދަ ފަރާތްތައް ޚުދުމަތްދީ މުޖުތަމައުގައި އެކަށީގެންވާ ފުރުސަތު ހޯދަދޭން ކުރަން ޖެހޭ މަސައްކަތްތައް އަދި ވަރަށް ބައިވަރު އެބައޮތްކަމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުސް

    އަހަރުމެންވެސް އަމިއްލައަށް އިސްނަގައިން ސައިން ލެންގުއޭޖް ދަސްކުރަންވީ. އޭރުން އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުރި ބޭފުޅުންނާއި މުއާމަލާތު ކުރެވި، އެބޭފުޅުންނަށްވެސް މުޖުތަމައުގައި އުޅެން ފަސޭހަވާނެ.

    88
  2. އައިޓީ

    ލިޔުންތެރިޔާ ޖަޒުބާތުގަ ޖެހިގެން ތިޔަ ލިޔުއްވުނީ ޚަބަރެއްތޯ ނޫނީ މަޒުމޫނެއްތޯ؟ ޓުވިޓަރ ގެ ޒަމާނުގަ ތިއަށްވުރެކުރުކޮށް ލިޔުއްވުން ރަނގަޅުވާނެ.

    11
    42
  3. 72 ބިލިއަން

    މީ ހަމަ ހަޤީޤަތުގަވެސް ވަރަށްބޮޑު މައްސަލައެއް ލިއުންތެރިޔާ ގެމި ލިއުމުން މަށަށްވެސް ހޭލެވިއްޖެ.

    34
    1
  4. :

    ?:އަބަސަ ވަތަވައްލާ: އެ ސޫރަތް ބާވާލެއްވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޯގާތެރިވުމަށް އަމުރު ކުރަށްވާ އިސްލާމް ދީނަކީ އިންސާނީ ހައްގުތައް ދިފާއުކުރުމަށް ގޮވާލާ ހަމައެކަނި ދީން

    30
    1
  5. ބަދީއު

    ނޫސްވެރިޔާ އެ ލިޔުނީ ކޮންކަހަލަ ލިޔުމެއްތޯ ބަލާކަށް އަޅުގަނޑަކަށް އެހާ މުހިންމެއްނޫން. އަދި ލިޔުމުގައި އިމްލާ ކުށްތައް ހުރީ ކިހާވަރަކަށްތޯވެސް އެހާ މުހިންމެއްނޫން. އެކަމަކު ވަރަށް މުހިންމު މައުލޫމާތެއް ނުވަތަ މެސެޖެއް ލިބިއްޖެ.

    44
  6. ާައަަާނީ

    އެންމެންވެސް ސައިން ލޭންގުއޭޖް ދަސްކުރަންވީ

    16
    1
  7. ދޮގެއް؟

    ކަލެއަކީ ކަންކަން އޮޅުންފިލުވައިދޭން އުޅުނު މީހެއްނޫން. ޒާތެއްގެ ޓީވީ ޗެނަލެއްގަ އިނދެގެން އޮޅުވާލުނާއި ދޮގާއި ޖުހުތާން ފެރުމުގެ.މަސައްކަތް ކުރި މީހެއްތީ. ވަގުތުފަ އުޅެންފެށީ ދާދި އިހަށްދުވަހު. އަދި ކުރީގެ ނުބައި ޚަސީލަތް ފިލައި ވަގުތުގެ އުސޫލަށް އަހުލުގެރިއެއް ނުވެވޭނެ.