ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ހުންނެވި އިރު، އެމަނިކުފާނާ އެކީގައި މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އުމަރު ޒާހިރު ދެއްކެވި ނަމޫނާއަކީ މުއިއްޒަށް ލިބިވަޑައިގެންނެވި ހިތްވަރެވެ. އެ ހިތްވަރު ލިބިގަނެ، މާލެ އަށް އާދަޔާ ޚިލާފު އިންގިލާބީ ބަދަލުތަކެއް ގެނައި އެއް ބޭފުޅަކީ މުއިއްޒު ކަމަށް ގިނަ ބަޔަކު މިއަދުވެސް ގަބޫލު ކުރެއެވެ. ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރައްވަން މުއިއްޒަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އެއީ ނަތީޖާ ނެރެދެއްވި "ލީޑަރެއް" ކަން ގިނަ ބަޔަކު އެއްބަސްވެއެވެ.

ހައުސިން މިނިސްޓްރީގައި ގާތްގަނޑަކަށް ހޭދަކުރެއްވި ހަތް އަހަރު ދުވަހުގެ ތަޖުރިބާ އަށްފަހު، މުއިއްޒު އެ ނުކުންނަވަނީ މާލޭގެ ރައްޔިތުންގެ ހައްގުގައެވެ. އެ ރައްޔިތުންގެ ހިތުގެ އެދުންތައް ފުރިހަމަކޮށްދީ އެމީހުން އުފުލަމުން އަންނަ ވޭނާއި ކެކުޅުމަށް ނިމުމެއް ގެނައުމުގެ ނުގުޑާ ފަދަ މަތިވެރި އަޒުމެއްގައެވެ. މާލެ ސިޓީގެ ރައްޔިތުން ހިތްއެދޭ ފަދަ ހައިރާން ކުރުވަނިވި ބަދަލުތަކެއް ކުރިއަށް އޮތް ފަސް އަހަރު ގެނެސްދޭށެވެ. ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ ރައްޔިތުންގެ މަންދޫބަކަށް މުއިއްޒު ކުރިމަތިލެއްވީ ތަސައްވުރަކާއި ލަނޑުދަނޑިތަކަކާ ވެސް އެކުގައެވެ. މާލޭގެ ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތައް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައެވެ. ވޭތުވެދިޔަ ތަނުގައި ލިބިވަޑައިގަތް ތަޖުރިބާއާ ވެސް އެކުގައެވެ.

މުއިއްޒު މީގެކުރިން ހުންނެވީ ވަރުބަލިކަމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަަށް ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުޅި ދިވެހިރާއްޖޭގެ މޭޔަރަކަށެވެ. މިފަހަރު މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށެވެ.

މާލޭގެ މޭޔަރު ކަމުގެ ރޭހަށް މުއިއްޒު ނުކުންނެވުމަކީ ވާދަވެރިން ވަރަށް ބޮޑަށް ޖެހިލުންވި ކަމަކަށްވިއެވެ. މުއިއްޒަށް އަމާޒު ކުރައްވައި ބަހުގެ ހޫނު ހަމަލަތަކެއް ވާދަވެރިން އަބަދުވެސް ރައްދު ކުރައްވައެވެ. އެކަމަކު، އެ ހުރިހާ ކަމަކާ އެކު ވެސް މުއިއްޒު އިސް ކުރެއްވީ މަޑުމައިތިރި ކަމުގެ ސިފައެވެ. މީހަކަށް ރައްދު ދެއްވުމުގެ ބަދަލުގައި މުއިއްޒު ގެންގުޅުއްވަނީ ފާޑު ކިޔުންތަކާ އެކުގައި ވެސް ކުރިއަށް ވަޑައިގަތުމުގެ ވިސްނުމާއި ރޫހެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މުއިއްޒު. ދުވަސްވީ މީހަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ހައުސިން މިނިސްޓްރީ

"އުމަރު ޒާހިރު ވަރަށް ހިތްވަރު ދެއްވާ، އެއީ ކަމުދާ ބޭފުޅެއް"

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގެވި އިރު، މާލެ އަށް ބަދަލުތަކެއް ގެނައުމުގައި އެންމެ ބޮޑު އެއް މޭސްތިރިއަކަށް ވާނެ އެއް ބޭފުޅަކީ އުމަރު ޒާހިރެވެ. އުމަރު ޒާހިރާ އެކީގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި މަދު ބޭފުޅުންގެ ތެރޭގައި މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. އެ ދުވަސްވަރު ވެސް މުއިއްޒު ހޯއްދެވީ އުމަރު ޒާހިރުގެ ލަފައެވެ.

އޭލެވެލް ނިންމެވުމަށް ފަހު، މުއިއްޒު ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިވަޑައިގެން ދުވަސްކޮޅަކު އުޅުއްވުމަށް ފަހު، ސަރުކާރުގެ ސްކޮލަޝިޕެއްގެ ދަށުން ތައުލީމް ހާސިލް ކުރެއްވުމަށް ވަޑައިގެންނެވީ އިނގިރޭސި ވިލާތަށެވެ. އިންޖިނިއަރިން ދާއިރާ އިން އޭރުގައި ޑިގްރީ އަދި މާސްޓާސް ޑިގްރީ ނިންމަވާފައި ރާއްޖެ ވަޑައިގެން މުއިއްޒު ގުޅިވަޑައިގެންނެވީ މޯލްޑިވްސް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ބޯޑާއެވެ. އެ ބޯޑުގައި ސިވިލް އިންޖީނިއަރަކަށް މަސައްކަތް ކުރެއްވުމަށް ފަހު، މުއިއްޒު ބަދަލުވީ ހައުސިން މިނިސްޓްރީއަށެވެ. ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ފަހު، ލިބިވަޑައިގެން ފުރުސަތެއްގައި އިންޖިނިއަރިން ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރެއްވުމަށް އަނެއްކާ ވެސް އިނގިރޭސި ވިލާތަށް ވަޑައިގެންނެވިއެވެ. ޕީއެޗްޑީ ހާސިލް ކުރެއްވުމަށް ފަހު، ރާއްޖެ ވަޑައިގެން ވިލާގެ ޕްރޮޖެކްޓްސްތައް ބަލަހައްޓަވަން ދުވަސްކޮޅަކު އުޅުއްވިއެވެ.

ހައުސިން މިނިސްޓަރު ކަމަށް މުއިއްޒު ވަޑައިގެންނެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައެވެ. މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރު ދުވަހުގެ ވެރިކަމުގައި ގިނަ މަޝްރޫއުތަކެއް ހިންގަވާ ނިންމަވާފައިވެއެވެ.

މާލޭގައި ޕާކެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ކުޑަ ކުއްޖަކު އުރާލައިގެން. --- ފޮޓޯ: ހައުސިން މިނިސްޓްރީ

މުއިއްޒު "ވަގުތަށް" ވިދާޅުވި ގޮތުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގައި ހިނގި ކަންކަން ވަރަށް ގާތުން ބެއްލެވި އެއް ބޭފުޅަކީ އުމަރު ޒާހިރެވެ. އެގޮތުން މަސައްކަތްތައް ހިނގާ ސައިޓުތަކަށް ވެސް އެމަނިކުފާނު ވަޑައިގެންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އުމަރު ޒާހިރުގެ ފަރާތުން ވަރަށް ގިނަ ލަފާ ފުޅާއި ހިތްވަރު ވެސް ލިބިވަޑައިގެންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑަށް އެމަނިކުފާނުގެ (އުމަރު ޒާހިރު) ފަރާތުން ވަރަށް ހިތްވަރު ލިބިގެން ދިޔަ. މޭޔަރު ކަމަށް ކުރިމަތިލުމުގައި ވެސް އެމަނިކުފާނުގެ ލަފާ ހޯދައި ހިޔާލު ވެސް ހޯދިން، ދެން ވަރަށް ކަމުދާ ބޭފުޅެއް އެއީ،" އުމަރު ޒާހިރަށް ތައުރީފް ކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒަށް މާލޭގެ ރައްޔިތުންގެ އިހްސާސް އެނގޭ، ތަޖުރިބާ އެބަހުރި

ހައުސިން މިނިސްޓަރު ކަމަށް މުއިއްޒު ވަޑައިގެންނެވުމުގެ ކުރިން މާލެ އޮތީ ގޮނޑެއްހެނެވެ. ހިތްފަސޭހަ މައިޒާންތަކެއް ނެތެވެ. ހިތްހަމަޖައްސާލާނެ ޕާކެއް ނެތެވެ. އެކުވެރިންނާއި އާއިލާގެ މެމްބަރުން އެކުގައި އާންމުކޮށް ގޮސް ތިބޭ ހާބަރު ކަޑަތައް ހުރީ ވީރާނާވެ، ވެއްޓޭ ހިސާބުގައެވެ. ދަތުރުވެރިންގެ މާރުކޭޓު އޮތީ ބާވެފައެވެ. މާލޭގެ މަގުތައް އޮތީ ހަލާކުވެ، ބޮއްސުންލައިފައެވެ. މާލެ ސަރަހައްދުގައި އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ނެތެވެ.

އެކަމަކު، މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރު މުއްދަތެއްގެ ތެރޭގައި މާލެ ބަދަލުކޮށް ހިތްފަސޭހަ ތަނަކަށް ހަދައިފިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ މޭޔަރު ކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރަނީ މާލޭގެ ކަންކަން ވަރަށް ގާތުން ވޭތުވެދިޔަ ދުވަސްތަކުގައި ފެނިފައިވާތީ އާއި ވަރަށް ގިނަ މަސައްކަތްތަކެއް މާލޭގެ ރައްޔިތުންގެ ތަރައްގީ އަށް ކުރެއްވިފައިވާތީއެވެ. އޭގެތެރެއިން ގިނަ ކަންކަން މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި "ބޮއްސުންލައިގެން" ގޮސްފައިވާތީ އެކަންކަން ރަނގަޅު ކުރަން ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައި ތިބީ. އުންމީދެއް ކުރާނެ ބަޔަކު ނެތް. އެހެންވީމަ މާލޭގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ދިނުމުގެ ޔަގީންކަން އަޅުގަނޑަށް އޮތީމަ، އެކަން ކޮށް ދިނުމުގެ ނިޔަތުގައި އަޅުގަނޑު ކުރިމަތިލަނީ. ތަޖުރިބާ އާއި ކަން ކުރާނެ ގޮތް އަޅުގަނޑަށް އެނގޭ ކަމަށް ގަބޫލު ކުރެވޭ،" ސިނަމާލެ ބްރިޖުން ފެށިގެން ކުދިކުދި މަޝްރޫއުތައް ކުރިއަށް ގެންދެވުމުގައި އެންމެ އިސްކޮށް އުޅުއްވި މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި، އާ ވެރިކަމެއް އައި އިރު ވެސް ކުރީގެ ސަރުކާރުން ހިންގި ބޮޑެތި މަޝްރޫއުތައް ނިންމާލެވިފައެއް ނުވެއެވެ. މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި އިންޑަސްޓްރިއަލް ޒޯން ތަރައްގީ ކުރުމާއި ކިންގް ސަލްމާން މިސްކިތާއި މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަޝްރޫއު ދިޔައީ ކުރިއަށެވެ. މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި ޕީޕީއެމްގެ ސަރުކާރު އޮތް ނަމަ، މި މަޝްރޫއުތައް މިހާރު އޮތީ ނިމިފައެވެ.

މުއިއްޒު ވަގުތަށް އިންޓަވިއު ދެއްވަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެކަމަކު، މުއިއްޒުގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. މޭޔަރު ކަމަށް ވަޑައިގެންފި ނަމަ، މާ ގިނަ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

"އަޅުގަނޑަށް ޔަގީން އެއަށް ވުރެ ގިނަ ކަންތައް ރައްޔިތުންނާ ގުޅިގެން ކުރުމުގެ ފުރުސަތު ލިބޭނެ ކައުންސިލްގެ މޭޔަރު ކަމަށް އައިސްގެން. އެއީ ދެން އަޅުގަނޑުގެ ފޯކަސް ހުންނާނީ މާލެ ސަރަޙައްދަށް އެކަނި. ރައްޔިތުންގެ ވޯޓަކުން އަންނަ މީހެއް ނަމަ، ރައްޔިތުންނަށް ކަންކަން ކުރަން ލިބޭ ބާރު ބޮޑުވާނެ. ރައްޔިތުންނާ އެކީގައި މަސައްކަތް ކުރެވޭނެ. އެހެންވީމަ، ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެވޭނެ ކަމުގެ. ރައްޔިތުން ގަބޫލު ކުރާނެ، އަޅުގަނޑު ކަމެއް ކޮށްދޭނަމޭ، ބުނެފިއްޔާ އެކަމެއް ހާސިލް ކުރާނެ ކަން. އެ ގެރެންޓީ އަޅުގަނޑާ ދޭތެރޭގައި އޮންނާނެތީ މި ކުރިމަތިލަނީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒަށް ހަމަ ނަންބަރު އެކަކީ ސިނަމާލެ ބްރިޖު!

މީގެ އަހަރެއް ކުރިން، ސެޕްޓެމްބަރު 7، 2018 ގައި ސިނަމާލެ ބްރިޖު އާންމުންނަށް ހުޅުވާލި އިރު، އެއީ ތިން އަހަރު ދުވަހުގެ މަސައްކަތެވެ. ރާއްޖޭގެ އެންމެ ކާރޫބާރޫ ބޮޑު އަދި އާބާދީ ވެސް ބޮޑު މާލެ ސަރަހައްދަށް ގެނެސް ދިން ބިޔަ މަޝްރޫއެކެވެ. މިއީ ރައީސް ޔާމީނާއި މުއިއްޒު ފަދަ ބޭފުޅުންގެ ހަނދާންތައް ދުވަހަކު ވެސް ރާއްޖޭގެ ތާރީޚުން ފޮހެވިގެން ނުދާނެ ފަދަ ކުރިއެރުމެއް ކަން، އޭރުގެ އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރިއެވެ.

ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ސީސީސީސީން އޮއި ގަދަ، ރާޅާއި ބާނި ވެސް ބޮޑު ކަނޑުއޮޅިއެއް ހުރަސްކޮށް ހެދި ބްރިޖަށް ބޭނުންވާ ބޮޑެތި ތަނބުތައް ހަދައި، ޗައިނާ އިން ތައްޔާރުކޮށްގެން ގެނައި ބްރިޖްގެ މައިގަނޑު، އޭގެ މަތީގައި އަތުރާލައި، މަޝްރޫއު ނިންމާލީ، ދިވެހިން ހައިރާންކޮށްލައިފައެވެ. އެވަރުގެ މަސައްކަތެއް އޭގެ ކުރިން ހަމަ ލޮލުން ދިވެހިންނަކަށް ނުފެނެއެވެ. އޭރުގެ ސަރުކާރުގެ އިސް ބޭފުޅުން އެންމެ އިސްކަން ދެއްވި މަޝްރޫއަކީ ވެސް ސިނަމާލެ ބްރިޖެވެ. ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުވިއެވެ.

ސިނަމާލެ ބްރިޖު މަޝްރޫއު ކުރިއަށް ދިޔަ އިރު، އެކަން ހިނގަމުންދާ ގޮތް މުއިއްޒު ބައްލަވާލައްވަނީ. --- ފޮޓޯ: ހައުސިން މިނިސްޓްރީ

މުއިއްޒު ވެސް ގަބޫލު ކުރައްވާ ގޮތުގައި މާލެ އާއި ހުޅުލެ ގުޅުވާލި ބްރިޖަކީ ކުރީ ސަރުކާރުން ހިންގި އެންމެ ބޮޑު މަޝްރޫއުއެވެ. އެއީ ވަރަށް ގިނަ ވެރިން ކުރައްވަން އުޅުއްވި، އެކަމަކު ހާސިލް ނުވި ކަމެއް ކަމަށާއި ރައްޔިތުން ދެކުނު ހުވަފެންތަކުގައި ކުލަ ޖައްސައިދެވުނީ ރައީސް ޔާމީނަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ބްރިޖު މަޝްރޫއު އޭނާއާ ހަވާލު ކުރެއްވީ ރައީސް ޔާމިން ކުރެއްވި އިތުބާރުގެ ސަބަބުންނެވެ.

"އެމަނިކުފާނު (ޔާމީން) އަބަދުވެސް ވަރަށް ގާތުން ބައްލަވާ. ރައީސް އޮފީހުގައި ކަމާ ބެހޭ ކޮމިޓީއެއް އުފައްދަވާފައި އޮވޭ. އެ ކޮމިޓީގެ ޗެއާއަކަށް އަޅުގަނޑު ލައިގެން ކުރިއަށް ގެންދެވީ. އަޅުގަނޑަށް ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބޭ މަޝްރޫއެއް ބްރިޖު މަޝްރޫއަކީ،" މުއިއްޒު ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖުގެ އިތުރުން މުއިއްޒު ފާހަގަ ކުރައްވާ އެހެން މަޝްރޫއުތަކުގެ ތެރޭގައި މާލެ އާއި ރަށްރަށުގައި ހިންގި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެއެވެ. މާލޭގެ ރިންގްރޯޑާއި ޕާކްތަކާއި ހިތްފަސޭހަ މައިޒާންތަކާއި ހުޅުލެ އާއި މާލެ ގުޅުވައިދޭ ލިންކް ރޯޑުން މިސާލު ދެއްކެވިއެވެ. ކިންގް ސަލްމާން މިސްކިތާއި ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތްތައް ރައްޔިތުންނަށް ހަނދާންކޮށް ދެއްވިއެވެ.

"އަޅުގަނޑު މަސައްކަތް ކުރީ، އަޅުގަނޑަށް ކުރެވޭނެ މެކްސިމަމް ކެޕޭސިޓީގައި. އެހެންވީމަ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހައުސިން މިނިސްޓްރީގެ މަޝްރުއެއް ނުހިނގާ ރަށެއް އޭރަކު ނޯންނާނެއޭ ބުންޏަސް ކުށަކަށް ނުވާނެ. އެހާ ގިނަ މަސައްކަތް ކުރެވުނު. އެހެންވީމަ އަޅުގަނޑަށް ޔަގީންކަން އެބައޮތް މާލޭގެ ކުރިއެރުމަށް ރައްޔިތުން ބޭނުންވާ ކަންކަން އަޅުގަނޑަށް ފާހަގަވޭ،" މުއިއްޒު ވިދާޅުވިއެވެ.

މާލެ ރައްޔިތުން ބޭނުންވަނީ ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތު!

މާލޭގެ ރައްޔިތުންނަށް މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލަ ކަމަށް ގިނަ ބަޔަކަށް އެއްބަސްވެވޭނެއެވެ. ގިނަ ފަހަރު އިޖުތިމާއީ ބޮޑެތި މައްސަލަތައް ވެސް ދިމާވަނީ އުޅޭނެ ތަނެއް، ވަންނާނެ ގެދޮރެއް ނެތުމުންނެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބުނީމަ، ދެން ހުންނަ މައްސަލަތައް ވެސް ހައްލުވާނެ ކަމަށް ގަބޫލު ކުރާ އެތައް ބަޔަކު ރާއްޖޭގައި އެބަތިއްބެވެ.

މުއިއްޒުގެ ވެސް އެންމެ ބޮޑު މަގްސަދަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މަޝްރޫއު ހައްލު ކުރުމެވެ. މުއިއްޒުގެ ބެލުމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން އަޅާފައި ހުރި 7000 ފްލެޓު އެކަމުގެ ހެއްކަކަށް ފުދެއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނެ ވަރުގެ ތަޖުރިބާ ހުރި ބޭފުޅަކީ މުއިއްޒު ކަމަށް ގަބޫލު ކުރާ ގިނަ ބަޔަކު އެބަތިއްބެވެ. އެކަން މުއިއްޒަށް ކުރެވޭނެ ކަމާ މެދު ޝައްކެއް ނުކުރެއެވެ.

ހާބަރު ކަޑަތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް މުއިއްޒު ބައްލަވާލައްވަނީ. --- ފޮޓޯ: ހައުސިން މިނިސްޓްރީ

މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ އިތުރުން މާލޭގައި އުޅޭ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ގިނަ ޒުވާނުން ތިބެނީ މަގުމަތިވެފައި ނޫނީ ގޮތް ހުސްވެފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންވެ، ސިޓީ ކައުންސިލް މެދުވެރިކޮށް ޒުވާނުންނަށް ފުރުސަތުތައް ހޯދައިދޭން ގިނަ ކަންކަން ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މުއިއްޒުގެ ބައެއް ވައުދުތަކުގެ ތެރޭގައި މާލެއަކީ ހިތްފަސޭހަ، ސާފު ތަނަކަށް ހެދުމާއި އިސްލާމް ދީނަށް ލޯބި ކުރާ، ދީނުގެ ދިފާއު ކުރާ ރައްޔިތުން ދިރިއުޅޭ ތަނަކަށް މާލެ ހެދުން ހިމެނެއެވެ.

"މި ސަރުކާރުން ގިނަ ތަންތަން ވީރާނާވާން ދޫކޮށްލަނީ"

ކުރީގެ ސަރުކާރުން މާލެ އަށް ގެނައި ތަރައްގީތަކަށް ފާޑު ކިޔާ މީހުން ސިފަ ކުރާ ގޮތުގައި މާލެ އަށް ގެނައީ ދެމެހެއްޓެނިވި ތަރައްގީތަކެއް ނޫނެވެ. އެއީ ނަމަކަށް ގެނައި ތަރައްގީތަކެއް ގޮތުގައި ވާދަވެރިން އަބަދުވެސް ދިޔައީ ސިފަ ކުރަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ އިސްކަމެއް ދިން އެއް ކަމަކީ މާލެއަކީ ހިތްފަސޭހަ ސާފު ތަނަކަށް ހެދުމެވެ. އެ މަޝްރޫއުގެ ދަށުން ހަމައެކަނި މާލޭގައި ގާތްގަނޑަކަށް 12 ޕާކެއް ހެދިއެވެ. އެކަމަކު، މުއިއްޒު ވިދާޅުވީ މި ސަރުކާރު އައި ފަހުން އެ ތަންތަން ވީރާނާވާން ދޫކޮށްލާފައި އޮތް ކަމަށެވެ. އެކަން ނިމުމަކަށް ގެނެސް، އެތަނުގެ އާބާތުރަ ފިލުވަން މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިސާލަކަށް ރަސްރަނި ބަގީޗާ ވެސް ހަލާކު ވަނީ. އާއިލާތައް މި ތިބެން ޖެހެނީ އެޕާޓްމަންޓްތަކުގައި ބަންދުވެފައި. ދާނެ ތަނެއް ނޯވޭ. ސިއްހީ މައްސަލަތަކާއި އިޖުތިމާއީ މައްސަލަތައް އުފެދޭ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަ އާއި ވަޒީފާގެ މައްސަލަތައް ހައްލުވީމަ، މަގުމައްޗަށް ނިކުމެލާފައި ހިތްފަސޭހަކަމާ އެކީގައި އުޅެލޭވެނެއެވެ. އޭރުން މަގުމަތި ވެސް ވަރަށް ބޮޑަށް އަމާން ވާނެ ކަމަށް މުއިއްޒު ގަބޫލުކުރައްވައެވެ.

މުއިއްޒު ވިދާޅުވީ މިސްކިތްތަކުން ބަންގީގެ އަޑު ނީވޭ ވާހަކަ އާއި ކަރަންޓުގެ ވާހަކަ އާއި ކުލަ ނުލާ ވާހަކައަކީ މިހާރު އާންމުކޮށް އިވޭ އަޑެއް ކަމަށެވެ. މިއީ އުޒުރު ދެއްކޭނެ ކަންކަން ނޫން ކަމަށާއި ސިޓީ ކައުންސިލުން މިފަދަ މައްސަލަތައް ހައްލު ކުރަން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒުގެ އަމާޒަކީ މިސްކިތްތައް ރަނގަޅަށް ބަލަހައްޓައި މާލޭގެ ރައްޔިތުންނަކީ އިސްލާމް ދީނަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ސިޓީއަކަށް ހެދުމެވެ.

ބްރިޖު މަޝްރޫއު ކުރިއަށްދާ ގޮތް ރައީސް ޔާމީން އާއި މުއިއްޒު ބައްލަވާލައްވަނީ. --- ފޮޓޯ: ހައުސިން މިނިސްޓްރީ

"ބްރިޖު ނުބެލެހެއްޓޭ ނަމަ، މިހާރު އޮންނާނީ ހަލާކުވެފައި"

މާލެ އާއި ހުޅުލެ ގުޅުވާލަ ދިން ބްރިޖު މިހާރު ބަލަހައްޓަނީ ޗައިނާ ސަރުކާރުންނެވެ. ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ހަދާފައި އޮތް އެއްބަސްވުމުގެ ދަށުން ޗައިނާ އިން ބްރިޖު ބަލަހައްޓަނީ ތިން އަހަރު ދުވަހަށެވެ. މުއިއްޒު ވިދާޅުވީ އެ ތަން އަޅާނުލާ ދޫކޮށްލާފައި އޮވެއްޖެ ނަމަ، އެ ތަނަކީ ވެސް މާލެ އަށް ވި ގެއްލުމެއްގެ ގޮތުގައި ސިފަ ކުރެވިދާނެ ކަމަށެވެ.

"ބްރިޖު ވެސް މި ދެންނެވި ގޮތަށް ދޫކޮށްލާފައި އޮތް ނަމަ، މިހާރު އޮންނާނީ ހަލާކުވެފައި. އެހެންވީމަ ރައްޔިތުންނަށް ކަންކަން ކޮށްދޭން އަންނަ މީހުން އެބަޖެހޭ އިހްލާސްތެރިވާން ދެކޮޅު ނުޖެހޭ ވާހަކަ ދެއްކީމަ އަމިއްލަ އަށް ފަޟީހަތް އެ ވަނީ،" މުއިއްޒު ވިދާޅުވިއެވެ.

"ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ހުރި މައިގަނޑު ތަފާތަކީ ތަރައްގީވެފައިވާ ގައުމުތަކަށް ގެނެސްފައި ހުންނަ ތަރައްގީތައް ދަމަހައްޓަން މަސައްކަތް ކުރާނެ. ބްރިޖެއް ހެދިޔަސް، މަގެއް ހެދިޔަސް ޕާކެއް ހެދިޔަސް އެއްވަނަ ދުނިޔޭގެ ގައުމުތަކުން ބަލަހައްޓާނެ، ސާފުކޮށް ރީތިކޮށް. އަބަދުވެސް މެއިންޓެއިން ކުރާނެ. އެހެނެއް ނުވާނެ ފަގީރު ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި. އެހެން ހަދާ ތަންތަން ވީރާނާވާން ދޫކޮށްލަނީ ނޫނީ ރަނގަޅަށް ނުބެލެހެއްޓޭ. އެހެންވީމަ ކިތަންމެ އަގުބޮޑުކޮށް ހަދާ އެއްޗެއް ވެސް ޖެހޭނެ ބަލަހައްޓަން.

"އަޅުގަނޑުމެން ތިބި އިރު ރަސްފަންނަކީ ސާފު ތާހިރު ތަނެއް. އަބަދުވެސް ކުނި ކަހާނެ. ރަސްރަނި ބަގީޗާ ވެސް އަބަދުވެސް ރީތިކޮށް އޮންނާނީ. މިހެން ގޮސް ހުރިހާ ޕާކްތަކެއް ދިޔައީ ބަލަހައްޓަމުން. ނަމަވެސް މިހާރު ހަލާކުވާން ދޫކޮށްލަނީ. އެހެންވީމަ ބުނެވިދާނެ އެ ތަންތަނަކީ ދެމެހެއްޓެނިވި ތަންތަނެއް ނޫނޭ. އެހެންވީމަ ކީ ދާނެ ކިތަންމެ އެއްޗެއް ވެސް."

މުއިއްޒު ވަގުތަށް އިންޓަވިއު ދެއްވަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މުއިއްޒު ރައްޔިތުންނަށް ދެއްވަނީ އުންމީދާއި ޔަގީންކަން

މުއިއްޒު މިހާރު ވެސް ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ މިއީ އެވެ؛ ކައުންސިލްގެ ބަޖެޓު ނެތޭ ކިއާފައި އެއްވެސް ކަމެއް ނުކުރައްވައި "އަތް އުރާލައިގެން" ނުހުންނާވާނެ ކަމުގެ ޔަގީން ކަމެވެ. ސަރުކާރުން ދޭ އެއްޗެއްގެ ބޭނުން ހިފައިގެން ގޮތްތައް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ. ކަންކަން ކުރުމުގެ އަޒުމް ހުރިއްޔާ އެކަމެއް ކުރާނެ ގޮތް ވެސް ހޯއްދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭގެ ފަހުގައި އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ ސަލްޓަން ޕާކް ނުވަތަ ކުރީގެ ނަމުން ނަމަ، ރަސްރަނި ބަގީޗާއިންނެވެ. އެއީ ވަރަށް ބޮޑު ހަރަދެއް ހިނގި އެތައް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެކަމަކު އެ ތަން ތަރައްގީ ކުރީ ހަމައެކަނި ސަރުކާރުގެ ބަޖެޓު ބޭނުންކޮށްގެން ނޫނެވެ. އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ކުންފުނިތަކާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީ ވެސް އެ މަޝްރޫއަށް ލިބިގެންދިޔައެވެ.

"ފައިސާ ހޯދާނެ ގޮތްތަކެއް ހުންނާނެ. ރައްޔިތުން މާޔޫސްވާކަށް ނުޖެހޭނެ. ރައްޔިތުން އުފާ ކުރާ ކަހަލަ ހަމަ ޔަގީނުން ވެސް ތިމަންނަމެންނަށް ނިންމުނީ ރަނގަޅު ނިންމުމެއް ކަމަށް އެންމެ އިއްތިފާގުވާ ވަރުގެ މަސައްކަތްތަކެއް ކޮށްދޭނަން. ރައްޔިތުން ގަބޫލު ކުރައްވާނެ އަޅުގަނޑުގެ ސްޕީޑު. ގިނަ ދުވަސްތަކެއް ނަގައިގެން ލަސްވެގެން ނުދާނެ އަޅުގަނޑާ ހަވާލުވާ ކަންކަން. ވަރަށް ބާރު މިނެއްގައި ދާނީ،" މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބުކޮށްގެން ނޫނީ އެމްޑީޕީ އަށް ވެސް ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވާ ސަބަބަކީ މިއީ އެވެ؛

ރަސްރަނި ބަގީޗާގެ މަސައްކަތްތައް މުއިއްޒު އޭރު ބައްލަވާލައްވަނީ. --- ފޮޓޯ: ހައުސިން މިނިސްޓްރީ

މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ދައުރުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ކައުންސިލްތަކުން ކުރާ މަސައްކަތުގެ ސަބަބުން ހަގީގަތުގައި ރީތި ނަން ލިބޭނީ ސަރުކާރަށް ކަމަށެވެ. ސަރުކާރުން ކައުންސިލްތަކަށް ފުރުސަތު ނުދޭ ނަމަ، ކައުންސިލަކުން ބޭނުންވާހާ ހުރިހާ ކަމެއް ފުރިހަމަކޮށް ދެވިދާނެ ކަމަކަށް މުއިއްޒު ގަބޫލެއް ނުކުރައްވައެވެ. މާލެ އަށް ކުރިއެރުން ލިބިއްޖެ ނަމަ، އޭގެ ރީތި ނަން ލިބޭނީ ސަރުކާރަށް ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު މަސައްކަތް ކުރާނީ ރައްޔިތުންނަށް ހިދުމަތް ކުރަން. ރައްޔިތުން އަޅުގަނޑު ހޮވާފައި ފުރުސަތު ދީފި ނަމަ، ރައްޔިތުންގެ އުންމީދުތައް، ރައްޔިތުން އަޅުގަނޑާ ހަވާލު ކުރި އަމާނާތް އަދާކުރާނަން. އަޅުގަނޑުގެ ފުލް ކެޕޭސިޓީ ލިބޭނެ. ސަރުކާރާ އެކީގައި ކުރަން ޖެހޭ މަޝްވަރާ އާއި ސަރުކާރާ އެކީގައި ބާއްވަން ޖެހޭ ގުޅުމެއް ބާއްވައިގެން ރައްޔިތުންނަށް އާމާންތެރިކަމާ އެކީގައި މަސައްކަތްކޮށްދޭނަން. މާލެ އަށް އަންނަ ކޮންމެ ކުރިއެރުމެއް އެއީ މި ސަރުކާރަށް ލިބޭ ކުރިއެރުމަކަށް ވާނީ، ޕީޕީއެމަށް ވެސް ފައިދާވާ ގޮތަށް،" މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ކަމަށް ކުރިމަތިލެއްވީ މާލޭގެ ރައްޔިތުންނަށް ކަންކަން ކުރަން ބޭނުންވެގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކޮންމެ ގޮތެއް ހަދާފައި ވިޔަސް "ދޮރު ހުޅުވޭނެ ގޮތެއް ހޯދައި، އެ ދޮރުން ރައްޔިތުންނަށް ހިދުމަތް ކުރަން" ހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރު އޮތް އިރު، ސިޓީ ކައުންސިލުން މަސައްކަތް ކުރީ ރައްޔިތުންނަށް އެއްވެސް ކަމެއް ފުރިހަމަކޮށް ނުދިނުމަށެވެ. އެކަމަކު، މުއިއްޒުގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ނުފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ޓީމާ އެކު މަސައްކަތް ކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.

"އެހެން ކައުންސިލަރުން ވެސް ބޭނުމެއް ނުވާނެ ފެއިލިއާއަކަށް ދާން. އެހެންވީމަ އަޅުގަނޑާ އެކީގައި މަސައްކަތް ކުރެވޭނެ. އަޅުގަނޑު އެބޭފުޅުންނަށް ހިތްވަރު ވެސް ދޭނަން. ފުރުސަތު ވެސް ދޭނަން. ވަރުގަދަ ޓީމެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑާ އެކީގައި ކުރިން މަސައްކަތް ކުރި މީހުންނަށް އެނގޭނެ. އެހެންވީމަ ސަރުކާރުން ސިޓީ ކައުންސިލްގެ މަސައްކަތްތައް ހުއްޓުވާނެ ކަމަކަށް ގަބޫލެއް ނުކުރަން. ހުއްޓުވަންވީ ސަބަބެއް ވެސް ނެތް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ފަހު ބަހަކަށް ވެސް ވީ އިހްލާސްތެރިކަމާ އެކީގައި މަސައްކަތް ކުރައްވާނެ ކަމުގެ ވައުދެވެ. މާލޭގެ މޭޔަރު ކަމަށް ހޮއްވަވައިފި ނަމަ، ރައްޔިތުން އޭނާ އަށް ކުރާ އިތުބާރު ފުރިހަމަ އަށް އަދާކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އިހްލާސްތެރިކަމާ އެކީގައި އޭނާ އަށް ކުރެވޭ އެންމެ ބޮޑަށް، ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި އެންމެ މައްޗަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދޭނެ ކަމުގެ ޔަގީންކަން ރައްޔިތުން ހިތްތަކުގައި ބާއްވަވާ. އެކަން ކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އިބްރާހީމް ދީދީ

  ޑރ.މުއިއްޒު އަށް ކާމިޔާބީއަށް އެދެން إن شاء الله

  89
  7
 2. ޔސރ

  މުއިއްޒު ގަދަ މީހެއް. ދެން ނެތް ކަމުދާ މީހަކު

  45
  6
 3. މަޖުބޫރީހާލަތް

  ‏‎‎އެޖެންޑާ 19 އިގެ ބަލިން ދިވެހިރާއްޖެ ސަލާމަތްކުރައްވާށި މިނުލަފާ ލާދީނިއްޔަތުގެ ކިބައިން މިރާއްޖޭގެ ކަނބަލުން ސަލާމަތްކޮއް ގޭތެރޭ ދަރިން ތަރުބިއްޔަތު ކުރާ ބަޔަކު ކަމުގާ ލައްވާށި އިންޑިޔާގެ ގެރިމޯދީގެ ވަކިތަކުން އިންޑިޔާ މުސްލިމުންނާ މިސްކިތްތަކާ މުސްހަފްތައް ރައްކާތެރި ކުރައްވާށި

  80
  7
  • ނުބައި

   އަނިޔާވެރިއެއްގެ އަތަށް ވެރިކަން ދެއްވުންއެދި ތިޔަ ދުޢާދަންނަވަނީ ކޮންފަދަ މަންފާ އެއްގެ ދަހިވެތިކަމުގައިތޯ ؟ މުސްލިމުންނާ މިސްކިތްތަކާއި މުސްހަފުތަށް އޭގެ ވެރިފަރާތުން ސަލާމަތްކުރައްވާނެ! އެކަމަށް އެކަލާންގެ ކުޅަދުންވަންތަ! ސުބްޙާނަﷲ ހުރިނުބައިކަމެއްގެ ބޮޑުކަމާ! ތިބާއަށް މީނާގެ އަނިޔާވެރިކަން ހަަމަ ނުފެންނަނީތަ ؟؟

   7
   56
 4. ސާބަހޭ

  ތަޢުލީމީ ތަޖުރިބާހުރި ގާބިލު ބޭފުޅެއް

  74
  9
 5. ބުއްޅާބެ

  1 ވީމާ ލިބޭނީ ޔޫ ރިޕޯޓެއް..

  10
  61
 6. އާދަނު

  ﷲއިިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިފަހަރު މާލެސިޓީގެ މޭޔަރަކައްހޮވާނީ ޑރ މުޢިއްޒު

  75
  7
 7. އެކްޓަރ

  މުއިޒްގެ ހިތްވަރކީ ރ.ޔާމިން ބުންވަރަކީ އެކީގައި މަސައްކަތްކުރި ސިޔާސީ މީހުން، ފަންވަރަކީ އޭނާގެ ހިތްވަރާއި، އިލްމާއި ތަޖްރިބާ... ވީކްނެސްއަކީ ސިވިލް ސަރވިސް ހެޑުންގޮތުގައި ތިބި މީހުންގެ މަކަރާއި ހީލަތް ފަސޭހައިން ޤަބޫލްވެވުން... މުއިޒްއަކީ ވަރަށްކެރޭ ވަތަނީ ބޭފުޅެއް، އަދި މާލެއާއި އަތޮޅު ތެރޭގައި ކުރި މަސައްކަތްތަކުގައި ވަރަށް މުރާލިކަމާއެކު ރ.ޔާމިންގެ ލަފާފުޅާއެއްގޮތަށް މަސައްކަތް ތަރުތީބު ކުރެއްވި. ރާއްޖެއަށް 5 އަހަރު ތެރޭ ހޯދި ކާމިޔާބުގެ އެންމެބޮޑް މޭސްތިރިޔަކީ ރ ޔާމިން އަދި ކެބިނެޓްގެ ބައެއް ވަޒީރުންނާއި ސިޔާސީ މީހުންނާއި ސިވިލް މުވައްޒަފުންނާއި ކުންފުނިތަކުގެ ބޭފުޅުން
  އަދި ދިވެހި ލޮބްވެތި އިއްޒައްތެތި ރައްޔިތުންގެ އިތުބާރު.... ﷲ ސބވތ މުއިޒުގެ މަސައްކަތުގައި ބަރަކާތް ލައްވާށި.. އާމީން....

  50
  5
 8. ޅިޔަނު

  ހިޔަޅަށް ވުރެނުލަފާ މިނިކާ ވަގުންގެ ދެވަގު މިހާރު މިރާއްޖޭގަ އެބައުޅޭ އެއީ އިބޫ އަދި އަންނި މިއިން މީހަކާ ގުޅުންހުރި އެއްވެސް މީހަކަށް ވޯޓް ދޭން ހެޔޮނުވާނެ އެވެރިން މިގައުމު ޖަހާލަތުގެތެރެއަށް ވައްޓާލާކަށް ލަހެއްނުކުރާނެ

  53
  5
 9. އާއިޝަތު

  ޑރ.މުއިއްޒު އަށް ކާމިޔާބީއަށް އެދެން إن شاء الله

  61
  4
 10. ފާތުމަ

  މިފަހަރު މުއިއްޒު އަށް ވޯޓް ދޭންވީގާބިލު އަޚްލާގު ރަގަޅުތައުލީމީ ބޭފުޅަކަށް ވީމަ. އެމް.ޑީ.ޕީ ގެވެރިކަމުގަވެސް އަހަރުދުވަހަށް ވުރެގިނަދުވަސް ވީ އިރު ކޮށްފަ ކުރެވިފަހުރިކަމެއް ނުފެނޭ.

  58
  6
 11. ޖަޒީރާ

  މިދާއިރާގެ ތަޖުރިބާހުރި ބޭފުޅެއް ތައުލީމުވެސް މޭޔަރުކަންކުރެވޭނެ ގާބިލްކަންހުރި ކުލައަކައްވުރެ މުހިއްމުވާނީ ނަތީޖޭނެރެވުނީމަ މަގޭވޯޓް އަހުލާގުހުރި ޖަމާއަތެއްގެއިމާމުވެ ނަމާދުކޮއް އަދިޖަނާޒާ އެއްކުރަންޖެހުނަސް ކުރެވޭނެ ވަރުގެ ގާބިލްބޭފުޅަކައް މީއީރައްޔިތަކައްކޮއްދެވޭނެ އެއްމެ މުހިއްމުކަމަކީ މުޢިއުޒް ރަނގަޅީ ނޫނީ އިންޑިއާ އައްކުރެއްވި ދަތުރުގެތެރެއިންގާނދީގެ މަގުބަރާއައް ދިޔަބައެއް އިއްޒައްތެރިންނައްދިމާވިހެންވާނީ ދެފާމައްޗައްނަގާނީ ދެންޖެހޭނީ ބޮލުގަ އަނދުންއަޅާގެންއުޅެން

  14
  1
 12. ހެެޔޮއެދޭ

  މާތްﷲގެ ހެޔޮ ރަޙުމަތާއެކު މާލޭގެ މޭޔަރުކަމަށް ޑރ. މުޢިއްޒު ހޮވިވަޑައިގަތުމަކީ ޢަޅުގަނޑުގެ އިޚްލާޞްތެރި ދުޢާ. ރައްޔިތުންގެ އިޙުސާސްތަށް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ހިތްތިރި ޚުލްޤުހެޔޮ އަދި އެންމެ ޤާބިލް ބޭފުޅަކީ ހަމަ މުޢިއްޒު. އެމަނިކުފާނަކީ އޮނަރަބްލް ޢުމަރު ޒާހިރުގެ އަރިހުން ތަޖުރިބާ ލިބިވަޑައިގެންހުރންްނެވި ބޭފުޅެއް.

  32
  1
 13. ވަރުވާ

  މާތް ﷲގެ އިރާދަފުޅުން ކާމިޔާބު ވާނެ.

  33
  2
 14. މޭޔަރު ލަތީފު----

  ރޭސް ނިމޭ އިރު ތަނުގައި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 4 ގަނޑު ބިތް

  4
  12
 15. ނޯ

  ނުދޭނަން ވޯޓެއް.

  1
  32
 16. ޒވނއ

  ކިހާ ދެރަކަމެއް! މި ވެރިކަމުގައި ޖެއްސުންކުރުމުގެ ބޭނުމުގައި ކޮންމެހެން އުޅޭނެކަމެއް ނެތް! އެންމެ ރަނގަޅު ގޮތަކީ ތި މަޤާމް މިސަރުކާރުގެ ފަރާތަކަށް ދިނުން.

  4
  9
 17. ޏ

  އެމްޑީޕީ ފިކުރަށްތާއިދުކުރާމީހުންވެސް ގައުމީ، ވަތަނީ ، ތަރައްގީ، މަސްލަހަތު ،ޚުލްޤު ހެއު ގާބިލް ،އިލްމީ ،މުރާލި، ހީވާގި ، ނަތީޖާނެރެދެވޭ މިހުރިހާފިކުރެއް ގަބޫލު ނުކުރެވުނަސް މިހުރިހާސިފަތަކެއްގެތެރެއިންއެއްސިފަ އަށް ލައިކްވިނަމަވެސް ޑރއިއްޒުއަށް ވޯޓް ދޭނެ.