ކ. ވިލިވަރުގައި 10 ދުވަސް ތެރޭގައި 2.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަރަންޓީނު ފެސިލިޓީ ހެދިއިރު، އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެއް ބޭފުޅަކީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ބައެއް ރޭތަކުގައި ވަރަށް ލަސްވަންދެން ރަށުގައި އުޅުއްވިއެވެ. މަސައްކަތުގައި އުޅުނު އެހެން ބައިވެރިންނާ އެކު، އެއް ރޭ ރަށުގައި އަވަހާރަފުޅުލެއްޕެވިއެވެ. އެއީ ނަމޫނާ ވަޒީރެއްކަން ދައްކަވާލެއްވިއެވެ. ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ 30 ކޮޓަރި ރަނގަޅު ފެންވަރެއްގައި ހެއްދެވުމުގައި އަލީ ވަހީދުގެ ދައުރު ވެސް ބޮޑެވެ.

ނޮވެލްކޮރޯނާ ވައިރަހުގެ ހިޔަނި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެޅި، އިގުތިސާދަށް ލޮޅުން އައި ކަމުގައި ވިޔަސް، އެކަމާ ކުރިމަތިލެއްވުމަށް އަލީ ވަހީދު ތައްޔާރެވެ. އެ ގޮންޖެހުމުން އަރައިގަތުމަށް އަލީ ވަހީދުގެ ވިސްނުން ތޫނެވެ. ރާއްޖެ އަށް އެރި މި ބޮޑު "ރާޅު" މަތަކޮށް، އިގްތިސާދަށް ދުޅަހެޔޮކަން ގެނައުމަށް އޭނާގެ އަޒުމް ވަރުގަދައެވެ. އިގްތިސާދަށް އަލުން އަނބުރާ އާރޯކަން ގެނެސް ދެއްވުމަށް އަލީ ވަހީދު ހުންނެވީ ކެތްމަދުވެފައެވެ.

ވިލިވަރަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެ ހަވާލުގައި އޮތް ފަޅު ރަށެކެވެ. އެރަށުގައި ކަރަންޓީނު ފެސިލިޓީއެއް ހެދީ ތިން މަސް ދުވަހަށް އެ ރަށް ދައުލަތަށް ނެގުމަށް ފަހުއެވެ. ވިލިވަރުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމު ކުރީ ޓޫރިޒަމް އިންޑަސްޓްރީ ފުލުހުންނާއި އެމްޑަބްލިއުއެސްސީ، ފެނަކަ އަދި އެސްޓީއޯ ފަދަ ތަންތަނުގެ އެހީތެރިކަމާއެކުގައެވެ. ހަފްތާއެއްހާ ދުވަހުގެ އެ މަސައްކަތް ކުރިއަށްދިޔަ އިރު، އަލީ ވަހީދު ވަޑައިގެން އެ ރަށުގެ ކަންކަން ވަރަށް ގާތުން ބެއްލެވިއެވެ. އެއްވެސް ވަރުބަލިކަމެއް މާޔޫސްކަމެއް ނެތިއެވެ. އެއީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ވިލިވަރުގައި ހެދި ދުނިޔޭގެ ފެންވަރުގެ ކަރަންޓީނު ފެސިލިޓީއެކެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު. ވިލިވަރު ކަރަންޓީން ފެސިލިޓީ ބައްލަވައިލައްވަނީ

https://www.facebook.com/HabeySmith/videos/3058429104189034/

އެއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ނަގާ ކޮޅަށް ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އިސް ނެންގެވުމަށް އެޅި އެއް ފިޔަވަޅެވެ. ކޮވިޑް-19 ގެ ވަބާ އިން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރުން ހަރުދަނާ ކަމާ އެކީގައި ނިންމި އެއް ނިންމުމެވެ. ކަރަންޓީނު ފެސިލިޓީ ހަދާފައި ވަނީ ކަރަންޓީނުކުރެވޭ މީހުންނަށް ވީހާ ވެސް ފަސޭހަވާނެ ގޮތަކަށް ޓީވީ އާއި އިންޓަނެޓު ލިބޭ ފެންވަރަށެވެ. މިކަހަލަ އެންމެ ކަމެއް ނޫނެވެ؛

ރާއްޖެ އަށް ކޮވިޑް-19 އަންނާނެ ކަން އެނގި ތިބެ، ޓޫރިޒަމް މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހު މިކަމަށް ތައްޔާރުވާން ފަށައިފިއެވެ. އެންމެ ފަހުން މި ބަލި ރާއްޖެ އަށް އައުމާ ގުޅިގެން މިކަމާ ކުރިމަތިލާން ކެރިވަޑައިގެން ނުކުންނެވި އެއް ވަޒީރަކީ ވެސް އަލީ ވަހީދެވެ. ރާއްޖޭގެ ރީތިކަން ދެކިލަން ބޭނުންވެފައި ތިބި އެތައް މިލިއަން ބަޔަކަށް އެ ފުރުސަތުތައް ހޯދައި ދެއްވުމަށް އަލީ ވަހީދު އަދިވެސް ހުންނެވީ ތައްޔާރަށެވެ. ގޮންޖެހުމާ ކުރިމަތިލައި ސެޕްޓެމްބަރު-އޮކްޓޯބަރުގައި ޓޫރިޒަމްގެ ސީޒަން އަންނައިރަށް އުފާވެރި މަންޒަރުތަކަކަށް ބަދަލު ކުރެއްވޭނެ ކަމަށް އަލީ ވަހީދު ގަބޫލުކުރައްވައެވެ.

ވިލިވަރުގައި ހަދާފައި ހުރި ކޮޓަރިއެއް. --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ޗައިނާގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން އިނގިރޭސި ވިލާތާއި ނެދަލެންޑްސް އާއި އެމެރިކާ އިން ޓީމުތައް ރާއްޖެ ގެނެސް ދުނިޔޭގެ އެންމެ ވަރުގަދަ އެއާޕޯޓުތަކުގައި ހުންނަވަރުގެ ސްކްރީނިން ނިޒާމެއް ރާއްޖޭގެ އެއާޕޯޓުތަކުގައި ގާއިމު ކުރިއެވެ. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސްޓޮކްގެ އިތުރަށް ޓޫރިޒަމް މިނިސްޓްރީން ބައި މިލިއަން މާސްކް ހޯދައި ރައްކާ ކުރިއެވެ.

މި ބަލީގައި އެންމެ ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ އައިސީޔޫ އޮތީ ތައްޔާރަށެވެ. ފަރުކޮޅުފުށި އޮތީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދައިފައެވެ. އާރަށް އޮތީ މިކަމަށް ހާއްސަކޮށްފައެވެ. 100 މީހުންނަށް ހިދުމަތްދެވޭ ވަރުގެ އިތުރު ރަށެއް ތައްޔާރު ކުރަން ޓޫރިޒަމް އިންޑަސްޓްރީ އޮތީ އަތުކުރި އޮޅާލައިގެންނެވެ.

މިދިޔަ ހޯމަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި އިންނަވައި "ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުގައި އަލީ ވަހީދު ވިދާޅުވީ ސަރުކާރުން މިހާ ގިނަ ފިޔަވަޅުތަކެއް އެޅީ ދިވެއްސަކަށްވިޔަސް، ނުވަތަ ފަތުރުވެރިޔަކަށް ވިޔަސް ބަލި ޖެހިފައިވާ ހާލަތަށް ދާން ޖެހިއްޖެ ނަމަ، އެމީހަކު "ދުނިޔެއާ ވަކިނުވެ އުޅެން" ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިކަމުގެ ބޭނުމަކީ އިންޑަސްޓްރީން ފަތުރުވެރިންނަށް އެންމެ ރަނގަޅު ހިދުމަތް ދިނުން ކަމަށް ވިދާޅުވިއެވެ.

ވިލިވަރުގައި ހަދާފައި ހުރި ކޮޓަރިތައް

"މިކަންކަން ތައްޔާރުވެފައި އޮތީމަ، އަޅުގަނޑު މި ދަންނަވަނީ ހާސްކަމެއް ނެތޭ. ކަންބޮޑުވުމެއް ވެސް ނެތް. މިއީ އަންނާނެ ކަމެއް ކަން އެނގޭ. އަންނާނެ ދުވަހެއް ނޭނގި އޮތީ. ޑިސެމްބަރު 31 އިން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ،" އަލީ ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތައްޔާރުވެފައި ނެތް ނަމަ، މި އިންޓަވިއު ދޭއިރުގައި ތިބޭނީ ޕެނިކްވެފައި. ހާސްވެފައި، ކަންބޮޑުވެފައި،"

އަލީ ވަހީދު ވިދާޅުވި ގޮތުގައި ރާއްޖެ އޮތީ ހުރިހާ ކޭސް ސިނާރިއޯއަކަށް ތައްޔާރުވެގެންނެވެ. ގޮތް ހުސްވެ، ކުރާނެ ކަމެއް ނޭނގިގެން އުޅޭ ހާލަތަކަށް ރާއްޖެ ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަލީގައި ބަޔަކު މަރުވެއްޖެ ނަމަ، އަޅާނެ ފިޔަވަޅުތަކަށް ވެސް ރާއްޖެ އޮތީ ތައްޔާރުވެފައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އެހެންވެ، ދިވެހި އެއްވެސް ރައްޔިތަކު ކަންބޮޑުނުވުމަށް އޭނާ އިރުޝާދު ދެއްވިއެވެ.

އަލީ ވަހީދާއި ޓޫރިޒަމް މިނިސްޓްރީގެ ބައެއް ބޭފުޅުން ވިލިވަރުގައި.

"ކާޑު ސްޓޮކަށް ބެލިޔަސް، ރޯދައިގެ ފަހަށްވާ ވަރަށް ސްޓޮކް ހުންނާނެ. އެހެންވެ، މި ދަންނަވަނީ ހުރިހާ އެންމެން ނުކުމެ ކާޑު ހަ މަސް ދުވަހަށް ގެންދިއުމުގެ މާނައެއް ނެތޭ. އެހެންވެއްޖެ ނަމަ، ގޮންޖެހުންތައް އަންނާނެ. އެ ހާލަތަށް ގޮސްފި ނަމަ، އަވަށްޓެރި ގައުމުތަކާ އެކީގައި ކޮންޓެންޖެންސީ އަށް ތައްޔާރުވެގެން މިތިބީ،" ރައްޔިތުންނަށް އުންމީދުތައް ދެއްވަމުން އަލީ ވަހީދު ވިދާޅުވިއެވެ.

"މެޑިކަލް ސެޓްފިކެޓާއެކު އަންނަން ބޭނުން ފަތުރުވެރިން އެބަތިބި"

ރާއްޖޭގެ އިގުތިސާދުގެ 75 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމް އިންޑަސްޓްރީ އަށް އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވާނީ ޗައިނާ އާއި އިޓަލީން މީހުން ރާއްޖެ އަށް އައުން މަނާ ކުރުމުންނެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއަށް ރާއްޖޭގެ ދޮރު ބަންދުކުރީ މިދިޔަ ޖެނުއަރީ 31 ގައެވެ. ސަރުކާރުން އެގޮތަށް ނިންމި އިރު، އެ މަހު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ ވެސް ޗައިނާއިންނެވެ.

އޭގެ ފަހުން ފެބްރުއަރީ މަހު ރާއްޖޭގެ ރިސޯޓުތަކުގެ ރީތިކަން ދެކިލަން އެންމެ ގިނަ ބަޔަކު އައީ އިޓަލީންނެވެ. ކޮރޯނާވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެމުން ދަނީ އިޓަލީގައި ކަމުން، އެ ގައުމުން ވެސް ރާއްޖެއަށް މީހުން ނާދެވޭ ގޮތަށް ސަރުކާރުން ހަމަޖެއްސިއެވެ. އެގޮތަށް ސަރުކާރުން ހަމަޖެއްސި އިރު، ފެބްރުއަރީ މަހު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ ވެސް އިޓަލީންނެވެ. އިޓަލީއަކީ ރާއްޖޭގެ ޓޫރިޒަމްގެ ފެށުމެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި އިޓަލީން މީހުން ރާއްޖެ އަށް އައުން މެދުކަނޑާލިތާ 48 ގަޑިއިރުގެ ތެރޭގައި އިޓަލީގެ އެކި މީހުންގެ ފަރާތުން އައި ހުށަހެޅުމަކީ މެޑިކަލް ސެޓްފިކެޓު ދައްކައިގެން ނަމަވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ވާހަކައެވެ. އެގޮތުން "ކޮވިޑް-19 ބަލި ނެތްކަން، ސެޓިފައިކޮށްގެން ޗާޓަރު ފްލައިޓުތަކުގައި އަންނަން" ބައެއް މީހުން ހުއްދައަށް އެދުނު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ވަރަށް ވިސްނުންފުޅު ތޫނު. ޗައިނާ އާއި އިޓަލީ މާކެޓު ހުއްޓާލެވޭ ވަރުގެ ނިންމުމެއް ނިންމުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ހިކުމަތްތެރި ނިންމުމެއް،" އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖެއަކީ އިޓަލީއާ މެދުގައި ފިޔަވަޅު އެޅި 10 ވަނަ ގައުމެވެ. އަދި އިޓަލީއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މުހިންމު އެއް ބައިވެރިޔާއެވެ.

މިދިޔަ ހޯމަ ދުވަހު އަލީ ވަހީދު "ވަގުތަށް" އިންޓަވިއު ދެއްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ޓޫރިޒަމް އިންޑަސްޓްރީން މިހާރު ކުރަމުން އަންނަ އެއް މަސައްކަތަކީ ކޮވިޑް-19 ފެތުރިފައި ނުވާ ގައުމުތަކުގައި ދިރިއުޅޭ ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. މިހާތަނަށް އައިއިރު، ކޮވިޑް-19 ފެނުނު ގައުމުތަކުގެ އަދަދު ވަނީ 100 އަށް ވުރެ މައްޗަށް އަރައިފައެވެ. ދުނިޔޭގެ އެކި ގައުމުތަކުން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ އެއް ލައްކައަށް ވުރެ މައްޗެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 3000 އަށް ވުރެ މަތީގައެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ޗައިނާއިން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ. ޗައިނާ އާއި އިޓަލީގެ ރެޑް އެލާޓްތައް ނިމުމަކަށް ގެނެސް، އެހެން ގައުމުތަކުން އަޅާ ފިޔަވަޅުތައް ބަލާފައި އެ ދެ ގައުމުން ފަތުރުވެރިން އަލުން ރާއްޖެއަށް އާދެވޭ ގޮތް ހަދާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"މި ދެ ގައުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު ދެ ޕާޓްނަރުން ޓޫރިޒަމްގައި. ޗައިނާއަކީ ނަންބަރު ވަން މާކެޓު. އެންމެ ޒަމާންވީ، އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު. އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުން. އެހެންވީމަ ސަރުކާރުން ފިޔަވަޅު އަޅައިފި. ސަރުކާރުން ފިޔަވަޅު ނާޅައި ފަހަތަށް ބުރައެއް ނުވޭ. އެ އެޅުމުގެ ނަތީޖާ އެއީ ލަސްވުން. (ކޮވިޑް-19 ރާއްޖެ އައުން ލަސްވުން) އަޅުގަނޑު ދެކޭ ގޮތުގައި ގަދަ އަޅާ މަސައްކަތް ކުރާ ބަޔަކަށް ކާމިޔާބު ލިބޭނީ. ސަރުކާރަށް ތައްޔާރުވެވުނީ ރައީސް ނިންމެވި ނިންމެވުންތަކުން،" އަލީ ވަހީދު ވިދާޅުވިއެވެ.

އަޑިގަނޑުން އަރައިގަތުމަށް އަލީ ވަހީދުގެ އުންމީދީ ވިސްނުން!

އަލީ ވަހީދު ވަނީ ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށުގައި އެސްކާޝަންތައް މިވަގުތު ނުހިންގުމަށް އެދިވަޑައިގެންފައެވެ.

"ރައްޔިތުން ބަނޑަކަށް ނުޖެހޭނެ، ކާޑަކަށް ނުޖެހޭނެ"

ކޮވިޑް-19 އާ ގުޅިގެން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގައި ސަރުކާރު އޮތީ ތައްޔާރަށެވެ. އެހެންވެ، އަލީ ވަހީދު ވެސް ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުން ކުރަން ޖެހޭ ކަމަކީ ފަރުދީ ޒިންމާ އަދާކުރުމެވެ. މި ބައްޔަށް އާންމުން ވަރަށް ބޮޑަށް ހޭލުންތެރި ކުރެވިފައިވާ ކަމަށާއި ރައްޔިތުން މި ބައްޔާ މެދުގައި ބިރުގަނެ، ހާސްވެގެން އުޅޭ މަންޒަރު ނުފެންނަ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި، ދިވެހިން ބިރުން އުޅޭ ނަމަ، އެމީހުން މިހާރު ތިބޭނީ ފިހާރަތަކުގައި ކިއޫ ހަދައިގެންނެވެ.

"ރައްޔިތުން ފަރުދީ ޒިންމާ އަދާކުރަންވީ. މަގުމައްޗަށް ކުޅުނު ނުޖަހަންވީ. އަރިދަފުސް ފޮޅުމަށް ފަހު، އަތުން ގޮސް ސިޑީގައި އަތް ނުލާންވީ. ދޮރުގައި ނުހިފަންވީ. ކެއްސާއި ކިނބިހި އަޅާ ނަމަ، އޮފީހަށް ވެސް ނާންނަންވީ. އެމީހާ އަމިއްލައަށް ގުޅަންވާ ފޯނު ނަންބަރަށް ގުޅަންވީ. ސާފު ތާހިރު ވާންވީ. އަޅުގަނޑު ދެކޭ ގޮތުގައި މިކަހަލަ ކޮންމެ ކަމެއްގައި އޮންނާނީ ފަރުދީ ޒިންމާ އާއި އަގީދާގެ ވަރުގަދަކަން،" އަލީ ވަހީދު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ -- ވަގުތު އިމޭޖަސް

"މިހާރު ގައުމީ އެއްބައިވަންތަކަން އޮންނާނީ. މިހާރު މިކަމުން އަރައިގަނެވޭނީ އެންމެން އެއްކޮށް، މީގެ ނުރައްކާ އައިސްފި ނަމަ، ނުރައްކާ އަންނާނީ ވެސް އެންމެންނަށް. ވަކި މީހަކަށް ސަރުކާރަކަށް، ސަރުކާރާ އިދިކޮޅު މީހަކަށް، ވަކި ޕާޓީއަކަށް، ވަކި ނަސްލަކަށް، ޖިންސަކަށް އޮތް ކަމެއް ނޫން މިއީ. އެހެންވީމަ ސަރުކާރުން ތައްޔާރުވެފައި އޮތީ ދިވެހިންނަށް، ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް، އަދި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވެސް. އެއީ ރަޖިސްޓްރީކޮށްގެން ތިއްބަސް، ނުކޮށް ތިއްބަސް އިންސާނީ ކަރާމަތާއި ގަދަރު ހިފަހައްޓާނެ،"

އަލީ ވަހީދު ވިދާޅުވި ގޮތުގައި އެ ހުރިހާ އެންމެންނަށް ބޭނުންވާ ބޭހާއި ކާޑުގެ ސްޓޮކް އަދި ކަރަންޓީނު ކުރަން ޖެހިއްޖެ ނަމަ، ކަރަންޓީން ކުރަން ސަރުކާރު އޮތީ ތައްޔާރަށެވެ. މި ތައްޔާރީތަކާ ގުޅިގެން ގިނަ ފަތުރުވެރިން އަދިވެސް ރާއްޖެ އަންނަން ބޭނުންވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ދެމަފިރިން ފުރަތަމަ ރާއްޖެ ވަނަ ނުދިން، ފަހުން ދެއްކީ ދުނިޔެ މަތީގެ ސުވަރުގެ!

"އަޅުގަނޑު އިލްތިމާސް ކުރަނީ ކަންމަތީ ފިހާރައިގައި ހުރި ހުރިހާ ބަސްތާތަކެއް ގަނެގެން ގެއަށް ވައްދާނެ ކަމެއް ނެތް. ބަނޑަކަށް ނުޖެހޭނެ. ކާޑަކަށް ނުޖެހޭނެ. ދިވެހި ދައުލަތް އޮތީ އެ ހާލަތަށް ތައްޔާރުވެގެން. އަވަށްޓެރި ގައުމުތަކާ އެކީގައި ހުރިހާ ކޮންޓެންޖެންސީ ޕްލޭން ހުންނާނީ ހަދާފައި. މީހަކު ނުކުމެ، ހުރިހާ އެންމެންނަށް ބޭނުންވާ ކާޑު ގޭގެ ސިޓިން ރޫމަށް ޖަހަން ވެއްޖެއްޔާ އެއީ ނޯމަލް ސީއެއް ނޫން. އެހެން ނަހައްދަވާ. އެ ހާލަތަކަށް ނުދާނެ. އަޅުގަނޑުމެންނަަށް ތައްޔާރުވެވިފައި އޮތީމަ މިހެން މި ދަންނަވަނީ،" އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތާއި އެއިން ސަލާމަތްވާން ޖެހޭ ގޮތުގެ މިސާލެއްގެ ގޮތުގައި އަލީ ވަހީދު އަބަދުވެސް ދައްކަވަނީ ކޮވިޑް-19 އަކީ ބޮޑު ބިޔަ ރާޅެއް ގޮތުގައެވެ. ރާޅުގެ ތެރޭގައި ސާފް ކުރަން (ރާޅާ އެޅުން) ނޫން ހައްލެއް ނެތް ކަމަށް އަލީ ވަހީދު ގަބޫލުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކޮމެންޓު

    އަލީ ވަހީދު ދަތުރު ގޮސް މަޖާކުރަން އަތިރިމަތީ ގޮދަޑި އަޅައިގެން ނިދީމަ އަހަރަމެންވީ އޭނަ އަށް ސަނާ ކިއަންތަ. 30 މިނެޓުން ދެވޭ ހިސާބުގަ އޮތްރަށެއްގަ ކޮންމެހެން ނިދަން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ

    134
    25
    • Nan

      މީހަކު ރަނގަޅަށް ކަމެއް ކުރީމަ އެކަމެއް އެޕްރިޝިއޭޓް ކުރަން ދަސްކޮށްބަލަ.... ޢެތަނުގަ ކުރި މަސައްކަތާ އެތަނުގަ ވީގޮތް އިނގޭތީތަ ދަތުރު ގޮސް މަޖާ ނެގީ އޭ ތިބުނީ...؟ ގަޅި...

      23
      51
  2. ފައިސަލް

    މިހާރު އަލީ ވަހީދު ދެކެ ލޯބި ވެވިއްޖެ.
    ކުރިން ގަދަބަސް ބުނާތީ އަންނަނީ ރުޅި...
    ޖަސްޓް ފީލިން ބްރަދާލީ ލަވް....

    30
    127
  3. ބަކޭ

    އަލީ ވަހީދު ވަރުގެ ވިޝަނަރަރީ ލީޑަރެއް މިވަގުތު ސަރުކާރުގައި ނެތް.

    34
    121
  4. ހިލާލީގެ ގޭޓް

    މިގައުމުގަ އުޅޭ ބޮންދުންތައް ގެ ބަލިތައް، ހެޕަޓައިޓުސް 'ބީ' ،ހެޕަތައިޓުސް 'އޭ' ފަދަބަލިތަކަކީ ވަތައް ނުރައްކަ ތެރި ބަލިތަކަކެވެ. ރާއްޖެ މިއެތެރެވަނީ މެޑިކަލް ރިޕޯޓް އޮޅުވާއިލައިގެންނެވެ.އަދި ވެކްސިން ވެސް ނުޖަހައެވެ. މިކަމުގެ ހައްލަކީ ވެކްސިން ނުޖަހާމީހުން ރާއްޖެ އެތެރެވިޔަ ނުދިނުމެވެ، މިއީ އިގްތިސާދައް އޮއި ގެއްލުމެއް ނޫނެވެ. މިއީ އާމުރައްޔިތުންނަން އޮއި ރައްކާތެރިކަމަކެވެ. ވަރައްސަލާން

    79
    1
  5. ސަޅި

    މިއީ ނަމޫނާ ވަޒީރެއް. އަޅުގަނޑު މަނިކުފާނަށް ސެލިއުޓް ކުރަން. ސާބަސް ދިވެހި ގައުމުގެ ހައްގުގައި ތިކުރާ މަސައްކަތަށް.

    27
    122
  6. Anonymous

    އަލީ ވަހީދުއަށް ކެރިދާނެތަ އެކަނި ތިކަހަލަ ތަނެއްގަ ނިދަން؟

    54
    6
    • ާއަމާ

      ކަލެއަށް ވަކި ކެ ރޭނެ?

      7
      15
    • ފާއިޒު

      ޙެހެ އެއީ އަހުރެމެން ގެ ޢާއްމު ކަމެއް. ޢެކަނި ކިތައްފަހަރު ނިދަނީ. މައްސަލައަކަށް ވަނީ އޭސީ ނެތަސް ފަންކާ ނުޖެހިޔަސް މެންދަމުފަހަތު ފިނިބާރުވާތީ. ޢެހެން އެއްވެސް ކަމެއް ނެތް.

  7. ސޯލިހު

    ޢަލީ ވަހީދު ވަގުތަށް ކިހާވަރެއް ދީގެންބާ މިހާވަރަކަށް ޕްރޮމޯޓް ކުރަނީ
    ޥަގުތަށް ސަލާން

    95
    12
  8. ސަވީ

    ހެހެހެ... ރައްޔިތުން ބަލައިގަންނަ މަސައްކަތެއް އަލީ ވަހީދު ކުރައްވަނީ.

    15
    69
  9. ސަންފަ

    ވިލިވަރު ތައްޔާރު ކޮއްފާ ތިއޮތީ ދައުލަތުގެ ވަޒީރުން ނައް ކްރޯނާ ވައިރަސް ޖެހުމުން ވަޒީރުން ބައިތިއްބަން ނިކަމެތި ރައްޔިތަކައް ކްރޯނާ ވައިރަސް ޖެހުނަސް ވިލިވަރަކުން ޖާގަ ނުދޭނޭ ކަން ޔަގީން މިހާރުވެސް އަންނި އަޑައް ބާރުލާ ގޮވަމުން ދަނީ ރާއްޖެ ތެރޭ ނިކަމެތި ރައްޔަތު މީހާ އައް ކްރޯނާ ވައިރަސް ޖެހިއްޖެ ނަމަ އެރަށެއްގެ ހެލްތް ޕޯސްޓްގައި ބާއްވައިގެން ފަރުވާ ދިނުމަށް

    84
    8
  10. ސަރޭ

    އަލީ ވަހީދު ވަރުގެ މީހެއް ނެތް.

    14
    79
  11. ބޮލި މުލައް

    ކޮބާހޭ ތިތަން ދަރުމަންތަ ތަ ތިތަނަކީ؟

    33
    1
  12. ޝާން

    ކީއްވެ ބަޔަކަށްދީފަ އޮތް ރަށެއްގަ 2.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެންމެ 3 މަސް ދުވަހަށް ތިތަންހެދީ؟ އާރަށުގަ ނުވަތަ އެހެންވެސް ތަނެއްގަ ހެދިނަމަ އުމުރު ދުވަހު ސަރުކާރުގެ ބޭނުމަށް ތިތަން ހުންނާނެ. މިހާރު ތިއީ ޖަނާގެ ސްޓާފުން ބައިތިއްބަން ޖަނާއާއި ޑީލެއްގެ ދަށުން ކުރިކަމެއްކަަށް ޝައްކުކުރެވޭ.

    82
    3
  13. ސަންފަ

    މާޗް 11, 2020 10:15
    ދައުލަތުގެ ވަޒީރުންނަށް މެޑަލް އަރުވަންވީ މިހާރުވެސް

    5
    30
  14. ރައްޔިތު މީހާ

    ވަރަށް ފައްކާ.. މިކަމުން ވެސް ހާމަވަނީ މި ސަރުކާރުން ވުޒާރާތަކަށް ވަޒީރުން އައްޔަން ކުރި އިރު އެ ވުޒާރާއަކާއި ގުޅޭ ޤާބިލު މީހުން ވަޒީރުކަމަށް އައްޔަން ކުރާން ނޭނގުނުކަން.. އަސްލު ހެލްތު މިނިސްޓަރު ކަމަށް ޢަލީ ވަޙީދު ހަމަޖެއްސި ނަމަ މިއަދު ސިއްޙީ ދާއިރާ މިހާރު މި އޮތް ޙާލަތަކަށް ނުދިޔައިސް ތޯއްޗެ..

    11
    18
    • އ. ޖ. އ

      ކަމުދާ އެއްގޮތެއް ނޯންނާނެ.. ޢަލީ ވަހީދު ހަވާލުވެ ހުރި ވަޒީފާގެ ގޮތުން މިކަމުގައި އުޅެން ޖެހޭ.. އެއީ ރިސޯޓު ތަކުން މި ބައްޔަށް ބޮޑަށް ފުރުސަތު ލިބޭތީ

      9
      14
  15. ހަަމަބުނެލީ

    ހަމަ ހަގީގަތުގަވެސް އަލީ ވަހީދު އާ، އަމީން އާ، އެޗްޕީއޭ އާ ސަރުކާރުން އެޅި އަވަސް ފިޔަވަޅު ތަކަށް ތައުރީފު ހައްގު. މީ އާދައިގެ ވައިރަސް އެއްނޫން ފެތުރުމުގެ ސްޕީޑް ގަ. އަދިވެސް އިތުރަށް ފިޔަވަޅު ތަށް ހަރުދަނާ ކުރާނެ ކަމަށް ޔަގީން ކުރަން. 4 މަސް ތެރޭ 8 ކޭސް ވީމަ ކާމިޔާބެއް އެއީ. ބަލާބަލަ އެންމެ ކުރިއަރާފަ ވާ އެމެރިކާ ގެ ހާލަތު. އަލްހަމްދުލިﷲ.

    3
    18
  16. މުހައްމަދު

    މީހާ ކިތައްމެހާވެސް ރަނގަޅު. އެކަމަކު މީހާގެ އަނގަމާބޮޑީ. ބަސްމަދު ކޮށްގެން ހުންނަނަމަ ހާދަހާ ރަނގަޅުވީސް. މޮޅު ދޫހެލޭމީހެއް. އެކަމުގެ ނާޖާއިޒު ފައިދާ ނަގަނީ.

    9
    8
  17. މުގައްދަރު

    ތިޔައީ ނާސިރު ދުވަސްވަރުގަވެސް ބަލިމީހުން އެކަހެރިކޮއް ބޭތިއްބިރަށެއް ކަމައް ގިނަ ބަޔަކު ބުނާތީ އަޑުއަހަން ވީމާރަނގަޅު ތާރީޙް އިއާދުވަނީ

    4
    2
  18. ޔޫތްމޯލްޑީވްސް

    ސަރުކާރުގެ ބައިވަރު ރަށްްތައް ހުއްޓާ، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މީހަކަށް ރިސޯޓް ހެދުމަށް ކުއްޔަށް ދީފައިވާ ރަށެއްގަ ވަގުތީބޭނުމަށް ސަރުކާރުން ،2.1 މިލިއަން ރުފިޔާގެ ހަރަދުކޮށްގެން 30 ކޮޓަރީގެ އިމާރާތެއް!!! ރަނގަޅެއްނޫން. ވއކމއ

    6
    1