* މިއީ ސްކައި ނިއުސްގެ ނިއުސް ޓީމުން އިޓަލީގެ ހޮސްޕިޓަލަކަށް ގޮސް އެތަނުގެ ކަންކަން ހުރި ގޮތް ގެނެސްދިނުމުގެ ގޮތުން ކުރި ދަތުރުގައި ފެނުނު މަންޒަރުތައް ނޫސްވެރިޔާ، ސްޓުއަޓް ރެމްސޭ ސިފަކޮށްފައިވާ ގޮތެވެ.*

ޑޮކްޓަރުންނާއި ނަރުހުން މުޅިތާ އެނބުރެނީއެވެ. ބަލި މީހުން ގިނަ ކަމުން ފުރަތަމަ ފަރުވާދޭނީ ކާކަށް ކަމެއް ނޭނގޭ ހާލު އެ މީހުން މަސައްކަތް ކުރަމުން އެދަނީ ވީހާވެސް އަވަހަށް ވީވަރަކުން އެންމެނަށް ފަރުވާ ދެވޭތޯ އެވެ. މެޝިންތަކުން ލައްވާލާ އަޑުތައް މުޅި ތަނުގައި ދަނީ ގުގުމަމުންނެވެ. ތަންމަތި ކުރެވިފައި ތިބި ބަލި މީހުންނަށް ކިރިޔާ ނޭވާއެއްވެސް ލެވެނީ ގުޅާފައިހުރި މެޝިންތަކުގެ އެހީގައެވެ. މެޝިނާ ނުލައި ނޭވާ ނުލެވޭހާ ހާލު ދެރައެވެ.

ބަލާ ބެލުމަށް ފެންނަ މަންޒަރުތަކުން ހީވަނީ މިއީ ހޮސްޕިޓަލެއްގެ އައިސީޔޫ ހެންނެވެ. ނަމަވެސް މިއީ އެމެޖެންސީ ފަރުވާ ދޭ ވޯޑެވެ. މިތަނުގައި މިހާ މީހުން ގިނަވެފައިި މިއޮތީ ކޮރޯނާ ވައިރަސް ޖެހުމުގެ ސަބަބުން އައިސީޔޫގައި ފަރުވާ ދޭން ޖެހޭ މީހުން ގިނަވެ، އެތަނުގައި އެ އެންމެނަށް ފަރުވާ ނުދެވޭނެތީ އެވެ.

އަހަރެންގެ ވަށައިގެން ފެންނަނީ އެނދުމަތި ކުރެވިފައި ތިބި ގިނަ އަދަދެއްގެ ބަލި މީހުންނެވެ. ބައެއް މީހުން ތިބީ ޓްރޯލީތަކެއްގެ މަތީގައެވެ. ކޮންމެ މީހެއްގެ ބޮލުގައި ދެފުށް ފެންނަ ޕްލާސްޓިކް ބޯޅައެއް އަޅުވާފައި ހުރެއެވެ. އެއީ ފުއްޕާމޭގެ އެއާ ޕްރެޝަރ އެއް ވަރެއްގައި ހިފެހެއްޓުމަށްޓަކައި އަޅުވާފައި އޮތް އެއްޗެކެވެ. މެޝިންތައް ގުޅާފައި އެވަނީ އެމީހުންގެ ދިރި ބޭތިއްބުމަށެވެ.

މުވައްޒަފުން ބަލި މީހުންނާ ވާހަކަ ދައްކަން މަސައްކަތް ކުރާ މަންޒަރުވެސް ފެނެއެވެ. ނޭވާލާން އުނދަގޫވާ ބައެއް މީހުންނަށް އަޑު ނެރެލެވެނީވެސް ކިރިޔާއެވެ. ވާހަކަ ދެކެވޭ މީހުންނަށް ވާހަކަ ދެކެވުނަސް ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކުގެ އަޑުތައް ގަދަކަމުން ގިނަ ފަހަރު އެ ބުނަނީ ކީކޭ ކަމެއް ސާފު ނުވެއެވެ.

އެހާ އަވަހަށް އެހާ ގިނަ މީހުންނަށް އެއް ފަހަރާ ފަރުވާ ދޭން ޖެހިދާނެ ކަމަށް ސިއްހީ ފަރުވާ ދިނުމުގައި ހަރަކާތްތެރިވަމުން އެދާ އެއްވެސް މީހަކު މީގެ ކުރިން ހީވެސް ނުކުރެއެވެ.

މިއީ އިޓަލީގައި ކޮރޯނާ ވައިރަސްގެ އެންމެ ގިނަ ކޭސްތައް ފެނިފައިވާ ލަމްބާޑީ ޕްރޮވިންސުގެ ބެރްގަމޯގެ މައި ހޮސްޕިޓަލުގެ ހާލަތެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ސިފަ ކުރީ "ބަލި މީހުންގެ ސުނާމީ" އެއް ހޮސްޕިޓަލަށް އަރާފައިވާ ފަދައިންނެވެ.

ހޮސްޕިޓަލުގެ އެމެޖެންސީ ކެއަރގެ ހެޑް، ޑރ. ރޮބާޓޯ ކޮސެންޓީނީ ބުނީ ތަނުގެ ސްޓާފުންނަށް އެފަދަ ކަމަކާ އަދި ލައިގަނެފައިނުވާ ކަމަށެވެ.

އަހަރުމެންނަށް މިތަނުގެ ވިޑިއޯއާއި ފޮޓޯ ނަގަން ހުއްދަ ދިނީ މި ވައިރަހުގެ ނުރައްކާ މިންވަރު އެހެން ގައުމުތަކާ ހަމައަށް ފޯރުކޮށްދިނުމަށެވެ. ޚާއްސަކޮށް އިނގިރޭސި ވިލާތަށެވެ. އެއީ ބަލި ޖެހޭ މީހުންގެ އަދަދު އެގައުމުގައި ގިނަވަމުން ދާތީ އެވެ.

ހޮސްޕިޓަލުގެ ތެރެއަށް ވަނުމަށްޓަކައި އަހަރުމެން ލާން ޖެހުނީ މުޅި ހަށިގަނޑު ފޮރުވޭ ކަހަލަ ބޮޑު ސޫޓެކެވެ. ބައެއް ކަހަލަ ފިލްމުތަކުން މިފަދަ ސޫޓުލައިގެން ބަލި މީހުން ގެންގުޅޭ މަންޒަރު ފެނެއެވެ.

ނުރައްކާތެރި ވައިރަހެއްގެ ސަބަބުން އެތައް ސަތޭކަ މީހުން މަރުވާ ސަރަހައްދަކަށް ވަންނަން މިދަނީ އަމިއްލަ ނަފްސަށް ވެދާނެ ގޮތެއް ނޭނގި އެވެ. އެފަދަ ތަނަކަށް ވަނުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އަޅާ ހެދުން އަޅަން ޖެހޭނެ ކަމަށް ބުނި ހިސާބުން ވައިރަހާ އަޅާބަލާއިރު އަމިއްލަ މީހާގެ އެއްވެސް ބާރެއް ނެތް ކަމުގެ އިހުސާސް ކުރެވުނެވެ.

އަހަންނާއި އަހަރެންގެ ކެމެރާމަން، އަދި ޕްރޮޑިއުސަރު ބިރެއް ނުގަނެވެ. ނަމަވެސް ވަރަށް ހާސް ވިއެވެ. އަހަރެންނާއެކު ހޮސްޕިޓަލަށް ވަތް ކެމެރާމަނަކީ އެފްރިކާގައި އެބޯލާ ފެތުރުނު އިރު އެބަލީގެ ކަވަރެޖުގައި އުޅެނިކޮށް ފަސް ފަހަރެއްގެ މަތިން ބަލި ޖެހި، ބަލިން ފަސޭހަވި މީހެކެވެ.

ރައްކާތެރިވުމަށްޓަކައި ހެދުން އެޅި އިރު، އެކަމުގެ ބިރުވެރިކަން އަދި މިހެން ބުނެލިޔަސް އިހުސާސެއް ނުވެދާނެއެވެ. ހަށިގަނޑުގެ އެއްވެސް ހިސާބެއް ނިވާ ވެފައި ނެތް ނަމަ ވައިރަސްގެ ޝިކާރައަކަށް ވެދާނެ އެވެ. ހިތުގެ ތެޅުން އިންތިހާއަށް އަވަހެވެ. މުޅި މީހާ ޕެނިކް ވެ ވެދާނެ ގޮތަކާ މެދު ވިސްނާ ވިސްނާ ހާސް ވަނީ އެވެ.

އަހަންނާއި، އަހަރެންގެ ކެމެރާމަނަށް ވަނީ މީގެ ކުރިން އެމެރިކާ ސިފައިންގެ ފަރާތުން، ކެމިކަލް ހަމަލާއެއް ދީފި ނަމަ ކަންތައް ކުރަންވީ ގޮތުގެ ތަމްރީނުތައް ލިބިފައެވެ. ހޮސްޕިޓަލުގެ އޮޑިޓޯރިއަމުގައި ހެދުން އެޅުމަށްފަހު ހޮސްޕިޓަލުގެ އެތެރެއަށް ވަންނަން ހިނގައިގަތުމުން ތަމްރީނުތަކުގައި ހިނގައިދިޔަ ކަންކަން ހަނދާންވެ މުޅި ހަށިގަނޑުން ދާ އޮހޮރެން ފަށައިފިއެވެ.

ހޮސްޕިޓަލުގެ މެނޭޖްމަންޓުން އަހަރެމެން އެތެރެއަށް ވެއްދީ މި ވައިރަހުގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ދެއްކުމަށާއި ބަލިން ރައްކާތެރިވެ ތިބުމަށް ނަސޭހަތްތެރިވެދިނުމަށެވެ.

ހޮސްޕިޓަލުގެ މައި ދޮރާށިން އެތެރެއަށް ވަދެގެން ދިޔަ އިރު މުޅި ހޮސްޕިޓަލުން ފެނިގެންދިޔައީ ހަމަހިމޭން ކަމެވެ. ނަމަވެސް މީގެ ކުރިން ކޮންމެ ދުވަހަކު 13،000 މުވައްޒަފުން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ނުކުމެއެވެ. އެހާވެސް ބޮޑު ހޮސްޕިޓަލެކެވެ. ކެންޓީނުގައި ކޮފީއެއް ބޯލަންވެސް އޭރު މޭޒެއް ނުލިބޭނެ އެވެ. ނަމަވެސް މިއަދު މުޅިން ފަޅުވެއްޖެ ކަމަށް ހޮސްޕިޓަލިގެ ކޮމިއުނިކޭޝަންސް މެނޭޖަރު ކިޔައިދިނެވެ.

މިހެން ވާހަކައިގައި ތިއްބާ ގޮސް އެމެޖެންސީ ރޫމަށް ވަދެވިއްޖެ އެވެ. ކޮންމެ ދިމަލަކަށް ބަލާލިޔަސް ފެންނަނީ ބަލި މީހުންނެވެ. ކޮރިޑޯރތަކާއި މީޓިން ރޫމުތަކުގައިވެސް ބަލި މީހުންނެވެ. ކިރިޔާވެސް މީހަކު ބާއްވައިލެވޭ ފަދަ ޖާގައެއް ހުރިއްޔާ އެތަނެއްގައި ބަލިމީހަކަށް ފަރުވާދެމުން ދަނީ އެވެ.

ހިތާހިތާ ސުވާލުކޮށްލެވުނެވެ. މިއީ އަދި އެމެޖެންސީ ރޫމުގެ ހާލަތެވެ. އައިސީޔޫ ކިހާވަރެއް ވާނެބާއެވެ؟

ބައެއް މީހުން އަދިވެސް ބުނަމުން ދަނީ އެއީ އާދައިގެ ރޯގާއެއް ކަމަށެވެ. އެހެން ކަމުން އެ ސުވާލު އަހަރެން ކޮށްލީމެވެ. ސުވާލުގެ ޖަވާބުގައި ޑރ. ކޮންސެންޓިނީ ވިދާޅުވީ މި ބަލީގެ ސަބަބުން ވަރަށް ގަދައަށް ނިއުމޯނީއާ ޖެހޭ ކަމަށެވެ. އަދި އެ ބައްޔަކީ ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް ކުރިމަތިލާން އުނދަގޫވާނެ ބައްޔެއް ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ކިޔައިދިން ގޮތުގައި އެ ހޮސްޕިޓަލުގައި މިވަގުތު ތިބި އެންމެންގެ ހާލުވެސް ސީރިއަސް އެވެ. އަދި އެތަނުން އެކަކުވެސް ބަލިން އެއްކޮށް ފަސޭހަވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ.

"އެންމެ އަސަރު ކުރަނީ މަރުވާ މީހުން މަރު މަތީގައި ކުރާ އާދޭހުގެ ސަބަބުން. އާއިލާ މީހަކާ ބައްދަލުކޮށްދޭން އެދި އެ ކުރާ އާދޭހުން. އާއިލާ މީހުންވެސް ތިބީ އައިސޮލޭޝަންގަ. އަދި ބަލި ޖެހިފައިވާ މީހުންނާ ކޮންޓެކްޓު ކުރުވުމުން އަނެއްކާވެސް ފެތުރޭނީ. އަހަރުމެންނަށް ނޭނގޭ ހަދަން ވީ ގޮތެއް. ވަރަށް އަސަރު ގަދަ. ހޮސްޕިޓަލުގެ މުވައްޒަފުން ވަރަށް ހިތްވަރު ގަދަ. އެހެން ނަމަވެސް ނުރޮއެ މަަސައްކަތް ކުރާ ދުވަހެއް ނާދޭ،" އެ ޑރ. ކިޔައިދިނެވެ.

މިއީ ހޮސްޕިޓަލުގެ އެމެޖެންސީ ރޫމުގެ ހާލަތެވެ. އިޓަލީގެ އުތުރުން އޮންނަ ހިސާބުތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު އަހަރެން މިވަގުތު މި ހުރި ސިޓީ، ބަރްގަމޯ އަކީ އަހަންނަށް ފެނުނު މި ސަރަހައްދުގެ އެންމެ ރީތި ރަށެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ރަށުގައި ވައިރަސް ފެތުރިލީ ފަރުވާ ކުޑަވުމުންނެވެ.

މިހާރު މި ރަށުގެ މަގުތަކުން ފެންނަނީ އަމާން ކަމާއި ފަޅު ކަމެވެ. މިރަށުން ވާހަކަ ދެކެވުނު ކޮންމެ މީހަކަށްވެސް އެ ބަލީގައި މަރުވި ކޮންމެވެސް މީހަކު އެނގެއެވެ. އެހާވެސް ގިނަ މީހުން މަރުވެއްޖެ އެވެ. ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ގައުމަކަށް ވެފައިވަނީވެސް އިޓަލީ އެވެ. އެގޮތުން މިއަދުގެ މިހާތަނަށް އެގައުމުން ކޮރޯނާ ވައިރަސް ޖެހިގެން ޖުމްލަ 8،215 މީހުން މަރުވެފައިވާއިރު، އައިސީޔޫގައި ފަރުވާދެމުންދާ ޖުމްލަ 3،612 މީހުން އެބަ ތިއްބެވެ.

އެގައުުމުން ބައްޔަށް ފައްސިވެފައިވާ 80،589 މީހުންގެ ތެރެއިން 10،361 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަޝްރަފް

  ޔާﷲ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބޮޑު މުސީބާތުން އެންމެހާ މީސްތަކުން ރައްކާތެރި ކުރައްވާފާނދޭ.

  198
  1
  • މީ

   ޔާﷲ އާމީން

 2. އާދަނު

  ވަރައްއަސަރުގަދަ ލިޔުންކޮޅެއް ﷲއިރާދަކުރެއްވިއްޔާ މިފަދަކަންކަމުން އަޅަމެން ސަލާމަތް ކުރައްވާށި

  174
  1
 3. ސުމެއް

  އެހެން ޤއުމް ތަކުގެ ނޫސްވެރިން ލިއުންތައް އަސަރުގަދަވަނީ ހަގީގަތާ އެއްގޮތަށް ލިޔަން މަސައްކަތް ކުރާތީ .
  މިތާ އުޅޭނީ ސަރުކާރަށް ވޢިޖެހޭތޯ.

  39
 4. އާދޭސް

  އެެހެން ގައުމުތަކުގައި މަގު މަތީގެ މީހުންގެ ޑިސިޕްލިން އާއި ދުރު މިން ބެހެއްޓމުގައި އަމަލުކުރަމުންދާ ގޮޔްތައް އަދި ގަވާއިދަށް ނޫޅޭ މީހުންގެ މަންޒަރުތައް ދައްކާ. ރާއްޖޭގެ ނޫސްވެރިން ހަމަ އެކަނި ނިއުސް ކޮންފަރެންސައް ގޮއްސަ ކޯޓުލައިގެން ތިބެ އެހެން މީހުން ކުރާ ކަންތަކުގެ ވާހަކަ ދައްކަނީ. މިއައްވުރެ ރަނގަޅައް މައުލޫމާތު ފޯރު ކޮއްދޭން ޖެހޭ އެބަ

  20
  1
 5. އަލި ރަސްގެފާނު

  ޔާﷲ މިދުނިޔެ ފަސާދަ ކުރާނެ އެއްވެސް ކާފަރެއް މި ވައިރަހުން ސަލާމަތް ނުކުރައްވާންދޭ. އާމީން

  18