ކޮލަމްބޯ އިން ސައިފުﷲ އަހުމަދު

ކޮވިޑް-19 އާ ގުޅިގެން ސްރީ ލަންކާގައި ތިން ދުވަހުގެ މުއްދަތަށް އެންމެ ފުރަތަމަ ކާފިއު އިއުލާން ކުރުމާ އެކު، ގިނަ ބަޔަކު ދުއްވައިގަތީ ފިހާރަތަކާ ދިމާލަށެވެ. ގިނަ ބައެއްގެ ވިސްނުން ހުރީ ތިން ދުވަހަށް ބޭނުންވާ ވަރަށް ކާބޯތަކެތި ގެއަށް ގެނެސް ޖަމާ ކުރުމަށެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު ލަންކާގައި ކާފިއު އިއުލާން ކުރުމާ ގުޅިގެން އެ ގައުމުގެ ހުރިހާ ސަރަހައްދަކުން ހެން ފެނުނީ މި މަންޒަރެވެ. އެމީހަކާ އެމީހެކެވެ. ފިހާރަތައް ކައިރީގައި ދިގު ސަފެއް ދަމާލާފައި އޮތެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު، ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުންދާތީ ގިނަ ގައުމުތަކެއްގައި ވަނީ ފުރަބަންދު (ލޮކްޑައުން) އިއުލާންކޮށްފައެވެ. ކޮވިޑް-19 އާ ގުޅިގެން އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި އެއް ގައުމުގެ ގޮތުގައި ލަންކާ ހިމެނެއެވެ. ލަންކާއަކީ ވައިރަސް ފެތުރެން ފެށުމުން އެކަން ހުއްޓުވަން އެންމެ އަވަސް ފިޔަވަޅުތަކެއް އެޅި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެހެން ގައުމުތަކަށް އެތައް ނަމޫނާއެއް ވެސް ދެއްކި ބައެކެވެ.

އޭގެ ނަތީޖާ ވެސް ފެންނަން އެބައޮތެވެ؛ ލަންކާގައި މިހާތަނަށް ބަލި ޖެހުނީ 159 މީހުންނަށެވެ. އެ ގައުމުގައި ބަލި ޖެހިގެން މަރުވީ ފަސް މީހެކެވެ.

ލަންކާގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން އެ ގައުމުގައި ތިން ދުވަހު ކާފިއު އިއުލާން ކުރުމަށް ފަހު، އަނެއްކާވެސް ކާފިއުގެ މުއްދަތު އިތުރު ކުރިއެވެ. އަދި ކާބޯތަކެއްޗާއި ޒަރުރީ ބޭނުންތައް ފުއްދުމަށް މާޗު 24 ވަނަ ދުވަހު ލަންކާ ސަރުކާރުން ވަނީ އަށް ގަޑިއިރުގެ މުހުލަތެއް ދީފައެވެ. ސަރުކާރުން އަށް ގަޑިއިރުގެ މުހުލަތެއް ދިނުމާ ގުޅިގެން ވެސް ފެނުނީ ރައްޔިތުންގެ ފަރާތުން ކެތްތެރިކަން ކޮޅުންލައިގެން ދިޔަ ތަނެވެ. އެމީހެއްގެ ގެއާ އެންމެ ކައިރި ފިހާރަތަކަށް ގޮސް ކިއު ހަދާލިއެވެ.

ހެނދުނު 6:00 އިން ފެށިގެން މެންދުރުފަހު، 2:00 އާ ހަމައަށް ދިން އެ ވަގުތުކޮޅުގެ ތެރޭގައި ލަންކާގެ ސުޕަމާކެޓުތައް އޮތީ މީހުންނާއިގެން ތޮއްޖެހިފައެވެ. ސުޕަމާކެޓުތައް ހުޅުވުމުގެ އެތައް އިރެއް ކުރިން މީހުން ކިއޫ ހަދާފައި އޮތް އިރު، އެތައް ގަޑިއިރުތަކެއް ވަންދެން ކިޔޫގައި މީހުން ތިއްބެވެ.

"އަހަރުމެން ކީލްސް ސުޕަމާކެޓަށް ގޮސް ކިޔޫ އަށް އަރައިފިން ހެނދުނު އަށެއް ޖެހި އިރު، އޭރު ވެސް ކިޔޫގަ ތިބި ވަރަށް ގިނަ މީހުން. ކީލްސް ތެރެއަށް އަހަރެމެންނަށް ވަދެ، ވިޔަފާރި ކޮށް ނިމުނު އިރު ހުރީ ދޭއް ޖަހާފައި. އެ ތަނުން ތަރުކާރީ އެއްހައި ހިސާބުވެސް ނުލިބުނު،" ލަންކާގައި ކިޔަވަން ގޮސް ތިބި ދަރިވަރުންތަކެއް ބުންޏެވެ.

ގިނަ ދިވެހިންތަކެއް އުޅޭ ކޮލަމްބޯ ސަރަހައްދުގައި މާޗް 24 އަށް ފަހު ކާބޯތަކެތި ގަންނަން އެކަށީގެންވާ ވަގުތެއް ލަންކާގެ ސަރުކާރުން ދީފައި ނުވާ އިރު މިހާރު ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ކާފިއުގެ ވަގުތު އިތުރުކޮށްފައެވެ. މިއާއެކު ބައެއް ދިވެހިންނަށް ވަނީ ކާބޯތަކެތި ހޯދަން ދަތިވެފައެވެ.

ނަމަވެސް، ލަންކާގެ ސަރުކާރުން ވަނީ ކާނާގެ އިތުރުން ބޭހާއި އެ ނޫން ވެސް ޒަރޫރީ ތަކެތި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އެފަދަ އެއްޗިއްސަށް އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އަދި ބައެއް ފިހާރަތަކުންނާއި ރެސްޓޯރެންޓުތަކުން ވެސް ޑެލިވެރީގެ ހިދުމަތްތައް މިހާރު ދެއެވެ.

ލަންކާގައި ކާފިއު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ޒަރޫރީ ބޭނުމެއް ނެތި ބޭރަށް ނިކުމެ އުޅޭ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ލަންކާގެ ސަރުކާރުން ވަނީ އެ ގައުމުގެ އަސްކަރިއްޔާ އާއި ފުލުހުންނަށް އަމުރު ކޮށްފައެވެ.

ކޮލަމްބޯގެ މައި މަގު ކަމުގައިވާ ގޯލް ރޯޑަށް ނުކުތް ތަނުން، އެންމެ ފުރަތަމަ ވެސް ހުރަސްކޮށް ދިޔައީ ހަ ސައިކަލެއްގައި ބަޑިތައް ހިފައިގެން ދިޔަ ސިފައިންގެ ބަޔަކާއެވެ. އެމީހުން ސައިކަލުގެ ދުވެލި މަޑުކޮށް އަނބުރާ އަހަންނާ ދިމާލަށް އައިސް ބޭރުގައި ކީއްކުރަނީތޯ ސުވާލު ކުރިއެވެ. އެެ ވަގުތު އަހަރެންގެ މީޑިއާ ފާސް އެފަރާތްތަކަށް ދެއްކުމުން އެމީހުން ވަނީ ދޫކޮށްލައިފައެވެ. އެއީ ކާފިއުގެ ވަގުތުގައިވެސް މީޑިއާގެ ފަރާތްތަކަށް ބޭރަށް ނިކުތުމުގެ ހުއްދަ ދީފައި އޮންނާތީއެވެ.

ދެން ހިނގައިގަތީ މަގުގެ އަނެއް ކޮޅުން ދެހިވަލާ ބީޗާ ވީ ފަޅިއަށެވެ.

އެތަނުން އަހަންނަށް ފާހަގަވީ ރޭލު ޓްރެކުތައް ކައިރީ ދިރިއުޅޭ މީހުން އެ ސަރަހައްދުގެ މަގުތަކަށް ނިކުމެ އުޅެމުންދާ މަންޒަރެވެ. މާ ގިނައިރުތަކެއް ނުވެ، ގޯލް ރޯޑުން އޭރު އަހަންނާ ދިމާވި ސިފައިންގެ މީހުން ސައިކަލުތަކުގައި އެ ސަރަހައްދަށަ ޖަމާވެ އެމީހުން ގެންގުޅުނު ޕްލާސްޓިކް ހޮޅިތަކުން ބޭރުގައި ތިބި މީހުން ގައިގައި ތަޅައި ވަނީ ގެތަކަށް ވައްދާފައެވެ. ސިފައިން މިކަން ކުރަމުން ދިޔަ ވަގުތު ފުލުހުންގެ ވެހިކަލެއް ވެސް ވަނީ އެ ސަރަހައްދަށް އައިސް އެމީހުން ގައިގައި ތަޅައި ގެތަކަށް ވައްދައިފައެވެ.

މިކަމުގެ ސީރިއަސް ކަން އެނގުނީ އެ ހިސާބުންނެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާގައި ކާފިއު އިއުލާން ކޮށްފައި ވަނިކޮށް ފުލުހުންގެ ޗެކް ޕޯސްޓަކަށް މަޑުނުކޮށް ދިޔަ ކާރަކަށް ފުލުހުން ބަޑި ޖަހައި، އޭގައި ތިބި އެންމެން ޒަހަމްވެސްކޮށްލިއެވެ.

ދިވެހިން ވެސް ގަބޫލު ކުރާ ގޮތުގައި ލަންކާ ސަރުކާރުން އަޅާފައި ވަނީ ރައްޔިތުންގެ ސަލާމަތަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެކެވެ. މިވަގުތު އެ ފިޔަވަޅުތަކަށް ބޯލެނބުން ނޫން ގޮތެއް ނެތެވެ.

އެހެންވެ، ދިވެހިންނަށް މި ދަނޑިވަޅުގައި ދޭން އޮތް ނަސޭހަތަކީ މަޖުބޫރުވެގެން މެނުވީ ބޭރަށް ނުނިކުތުމެވެ. ގިނަ ދިވެހިންތަކެއް މާލެ ދާން ބޭނުންވެފައި ތިބި ނަމަވެސް މި މަހުގެ ކުރީކޮޅު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުތައް ބަންދުކޮށް، ކޮމާޝަލް ދަތުރުފަތުރުގެ ހިދުމަތްތައް ވަނީ މެދުކަނޑާލައިފައެވެ.

ލަންކާގައި ތިބި ދިވެހިން ރާއްޖެ ގެންދަން ފްލައިޓެއް ހަމަޖެއްސުމުގެ ވިސްނުމެއް ހުރިތޯ ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ސުވާލު ކުރުމުން ވިދާޅުވީ ރާއްޖޭގެ ސަރުކާރުން ދަނީ ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް އެހީވެވޭނެ ހުރިހާ ގޮތްތަކެއް ބަލަމުން ކަމަށެވެ. އެކަމަކު، މިހާތަނަށް އައިއިރު، އެފަދަ ފްލައިޓެއް ހަމަޖެހިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އެ މިނިސްޓްރީ އިން އިތުރަށް ބުނީ މި ދަނޑިވަޅުގައި ހުރިހާ ދިވެހިންވެސް ރާއްޖެ އާއި ލަންކާގެ ސަރުކާރުން ދެމުން އަންނަ އިރުޝާދުތަކާއި އެންގުންތަކަށް ބޯލެނބުން ވަރަށް މުހިއްމު ކަމަށެވެ.

ކާފިއުގެ ވަގުތުގައި ގަވާއިދާ ޙިލާފަށް ބޭރަށް ނިކުމެ އުޅުނު 10،039 މީހަކު މިއަދާއި ހަމައަށް ހައްޔަރުކޮށްފައިވާއިރު 2،489 ވެހިކަލެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކ

    އޯކޭ

    18
    2
  2. ޙަލީމަ

    ޜައްޔިތުން ނެތަސް ސިޔާސީމީހުނާއި ޕާޓީ އޮތީމަ އޯކޭ!

    19
    6
  3. Anonymous

    ދިވެހިންގެ ވަރަށް ތަފާތު. އޮތީ ފިނިފިޔަވަޅު ތަކެއް. ބޯނުލެނބިޔަސް އެއްވެސް ކަމެއް ނުކުރޭ. މިތަނުގައި އޮތީ ރައިޓްސްތައް ގިނަވެގެން ބަންޑުންލާފަ. އެހެންވެ ގައުމު އެއްކޮށް މަރުވިޔަސް ކުރާނެ ކަމެއްނެތް.

    37
  4. ލަންކާ

    ބައެއް ދިވެހީންގެ ވާހަކަ ހުންނާނީ ތިގޮތަށް. އެއްވެސް ސަރުކާރަކުން ތިބުނާ ފެންވަރަށް ރައްޔިތުންނާ މެދު ނުވިސްނާނެ. ކޮންމެ އިންސާނަކަށްވެސް ﷲ ސިކުޑިއެއްދެއްވާފަ ވޭ. އެއިން ރަގަޅަށް ވިސްނާ. އޭރުން ތިކަހަލަ ބޮޑު ދަތިތަކެއް ނުހުންނާނެ.
    ރަގަޅަށް ވިސްނާލި ކޮންމެ މީހަކަށް އެނގޭނެ ތިން ދުވަހުގެ ކާބޯތަކެތި ގަނެގެން ގޮސް ގެއަށް ވަންނާކަށް ނުޖެހޭކަން. ދުނިޔޭގެ މަސްރަހު އޮތީ ކިހާ ނާމާންކޮށްކަންވެސް އެގޭ. ތިބުނާގޮތަށް ލަންކާއިންވެސް ރައްޔިތުން ނުރައްކަލަކަށް ހުށައެއްނޭޅޭނެ.
    މީ ކިހާ ނުރައްކާތެރި ބައްޔެއްކަން ނޭގޭ ދިވެއްސަކު ނުހުންނާނެ. ތަންދޮރު ނުދަންނަ މީހުންގެ ވާހަކަތަށް ހުންނަގޮތަށް ބައެއް ނޫސްވެރިންނާއި ބައެއް ދިވެހި ރައްޔޮތުންގެ ވާކަތަށް ހުންނަނީ.
    އެނގޭ ކިތަންމެ ގިނަ ކާ އެއްޗިހި ގަނެގެން ގެއަށް ވަނަސް ހުންނާނެ ދަތި ގިނަ ކަންކަން.

    18
    2
    • ޝަރީފާ

      އަހަރެން ވެސް މިއުޅެނީ ތިބުނާ ލަންކާގެ ކޮލޮމްބޯ އޭރިއާ އެއްގަ. އާއްމު ދުވަސްތައް ހެނެއް ނޫން އެކަމަކު ވެސް ކޮންމެ ދުވަހަކު ހެން ތަރުކަރީ، މަސް، ކުކުޅު، ކިރުގެ ބާވަތްތައް، ޕާން ވިއްކަަ ލޮރީ ތައް އާދޭ. އަދި ކާރީ ފުޑް ސިޓީ އަށް ގުޅައިގެންނާ ކީލްސް އިން އޮންލައިން ޑެލިވަރީ ހަމަ ޖެހޭ. އުނދަގޫ އެކަމަކު ކެއްތެރިކަމާއެކު މީން ކޮންމެ ކަމަކަށް ވެސް ސަމާލު ކަން ދީގެން ހޯދަން އުޅެގެން ﷲ އިރާދަފުޅުން އަދި ހަމަ ޖެހޭ އެބަ. ރިޒްޤަކީ ދެއަތް އުރައިގެން ތިއްބާ އައިސް އަތަށް. ވެއްޓޭ އެއްޗެއް ނޫން. ހޯދަން ކެއްތެރިކަމާއެކު މަސައްކަތް ކުރަންވީ. މި ދަތި ވަގުތު ޝުކުރުވެރިވެ ޤަވާއިދުތަކަށް ބޯލަނބަންވީ.

  5. ނޫސްކިޔާމީހާ

    ކޮންމެ ތަނެއްގަ ތިބިކަމުގަވިޔަސް އެތަނެއްގަ ހެދިފައިވާ ޤަވާއިދުތަކަށް ބޯލަބަން ޖެހޭނެ ވީމާ ކެއްތެރިކަމާއެކު ތިބުމަކީ އެންމެ ބުއްދިވެރި ގޮތަކީ

    35
  6. ކަޅުބެ

    ދިވެހި ސަރު ކާރު ވަގުތުން އިސްތިއުފާދިނުމަށް ގޮވާލަން އަވަސް ކުރޭ މިވަގުތަށް އެންމެ އައުލާ ކަން ބޮޑީ މިގޮތް.

    14
    23
  7. ޙދ

    ހަރު ކަށި ފި ކުރުގެ މީހުން އެއީ..ދޯ އައްނީ

    12
    4
  8. މޯދީ

    ފޮ ރިން މިނިސްޓް ރީން ރާއްހެއިން ބޭ ރުގައި ތިބި ދިވެހިންނަށް ވެދޭ އެހީއެއް ސާފުކޮށްދޭން އެބަޖެހޭ، އަހަރުމެންނަށް ކާއެއްޗެއްވެސް މިލިބެނީ 62 ގެ ބަދަލުގަ 74 ހަރަދު ކޮށްގެން އިންސައްތައިން އެއީ ގާތްގަނޑަކަށް 16.25 ކުޑަމިނު ވެސްޓަން ޔުނިއަން މެދުވެރިކޮށް ރާއްހެއިން ފައިސާ ގެނެވޭގޮތް ހަދައި ދިނަސް ކޮންމެ 100 ޑޮލަރަކުން 1200 ރުޕީސް ސަލާމަތް ކުރެވޭނެ، ވިޔާފާރި ކުރިޔަސް ތިވަރު ފުކެއް ބޮޑު.